އަލާޔާ.
06 ޖުލައި 2021 - 07:33
މިދިޔަ އަހަރު ސައިފް އަލީ ޚާންގެ ފިލްމު "ޖަވާނި ޖާނެމަން" އިން ތައާރަފުވި ބަތަލާ އަލާޔާ ފަރްނީޗަރްވާލާ ކުޅޭ ދެވަނަ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
މި ފިލްމަކީ 2018 ގެ ތެލެގޫ/ތަމަޅަ މިސްޓްރީ ތުރިލާ "ޔޫ-ޓާން" ގެ ރިމެކޭވެ. އެ ފިލްމަކީ ޕަވަން ކުމާރު ޑައިރެކްޓްކޮށް، ސަމަންތާ އަކިނޭނީ މައިގަނޑު ރޯލު ކުޅުނު ފިލްމެކެވެ.
އަލާޔާގެ ފިލްމު ޕްރޮޑިއުސްކުރަނީ އެކްތާ ކަޕޫރެވެ. އަދި ފިލްމުގެ ޑައިރެކްޓަކަށް އާރިފު ޚާން ހަމަޖައްސާފައިވާ އިރު، މިއަދު މީގެ ޝޫޓިން ރަސްމީކޮށް ފަށާނެ އެވެ.
"ޖަވާނި ޖާނެމަން" އިން ބެލުންތެރިންގެ ލޯބި ހޯދި އަލާޔާ އަށް އެ ފިލްމުން އެންމެ މޮޅު އާ ބަތަލާގެ ފިލްމުފެއާ އެވޯޑް ވެސް ލިބުނެވެ. އޭނާ އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިއެކެވެ. އަދި އަލާޔާގެ ކާފަ އަކީ މަޝްހޫރު އެކްޓަރު ކަބީރު ބޭދީ އެވެ.
"ޔޫ-ޓާން" ގެ ވާހަކަ ހުނަރުވެރި ބަތަލާ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
މި އަހަރު ޑިިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމި ފިލްމުތަކުގެ ތެރެއިން ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭނެކަން ކަށަވަރުކޮށްދީފި އެވެ.
ނަމަވެސް ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރި ފިލްމު ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ "ބޫތު ޕޮލިސް" ގެ ތަރިންނަކީ ސައިފް އަލީ ޚާނާއި ޖެކްލީން ފެނަންޑޭޒާއި އަރުޖުން ކަޕޫރްގެ އިތުރުން ޔާމީ ގޯތަމެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ތައާރަފުކުރި އެކްޓަރު ސިދާތު މަލްއުތުރާ އަނެއްކާ ވެސް އެ ސްޓޫޑިއޯގެ އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ކަރަންގެ "ބްރަދާޒް" އާއި "ކަޕޫރް އެންޑް ސަންސް" އަދި "ހަސީ ތޯ ޕަސީ" ފަދަ ފިލްމުތައް ކުޅުނު ސިދާތު ސޮއިކުރި އާ ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުތް މީހަކާ އެކު ހަދާ ވަރުގަދަ އެކްޝަން ފިލްމެއް ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު އެއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެެއްނުކުރެ އެވެ.
ސިދާތު މިހާރު އަންނަނީ ޑައިރެކްޓަރު ޝަންތަނޫ ބަގްޗީގެ "މިޝަން މަޖުނޫ" ގެ މަސައްކަތް ނިންމާލައި އިންދަރު ކުމާރުގެ "ތޭންކް ގޯޑް" ގެ މަސައްކަތްކުރަމުންނެވެ.
ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ސިދާތުގެ "ޝޭރުޝާހް" އަކީ ވެސް ކަރަން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ދެ ބަޔަކަށް ގެނެސްދިން ކާމިޔާބު ފިލްމު "ބާހްބަލީ" ގައި ދައްކުވައިދިން ހާދިސާތަކުގެ ކުރިން ހިނގާފައިވާ ކަންތައްތަކަކަށް ބިނާކޮށް ހަދާ ނެޓްފްލިކްސްގެ ސީރީޒްގެ ޑައިރެކްޝަން އާ ބަޔަކާ ހަވާލުކޮށްފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކުރިން ދޭވަ ކައްޓާ އާއި ޕްރަވީން ސައްތަރޫ ޑައިރެކްޓްކުރަމުން ދިޔަ ސީރީޒް އަލުން އާ ކާސްޓަކާ އެކު، އަލުން ޝޫޓް ވެސް ކުރަން ނިންމާފައިވާ އިރު ޑައިރެކްޝަން މިހާރު ހަވާލުކޮށްފައި ވަނީ ރިބޫ ދާސްގުޕްތާ އާއި ކުނާލް ދޭޝްމުކާ އެވެ.
ރިބޫ އަކީ މި އަހަރުގެ ކުރީކޮޅު ޕަރިނީތީ ޗޯޕްޅާގެ "ދަ ގާލް އިން ދަ ޓްރެއިން" ގެނެސްދިން ޑައިރެކްޓަރެވެ. ކުނާލަކީ އިމްރާން ހާޝިމީގެ "ޖަންނަތު" އާއި "ތުމް މިލޭ" ގެނެސްދިން ޑައިރެކްޓަރެވެ.
ހަންގާމާ އިން ބުނި ގޮތުގައި އެ ދެ މީހުންނާ "ބާހްބަލީ" ސީރީޒް ހަވާލުކޮށް ބަޖެޓަކަށް މިހާރު ވަނީ 200 ކްރޯޑް ރުޕީސް ވެސް ހަމަޖައްސައިފަ އެވެ.
ނެޓްފްލިކްސް އަށް މި ސީރީޒް ހަދާ ވާހަކަ އިއުލާންކުރީ 2018 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy