ދުނިޔެ / އިގިރޭސިވިލާތް

އިނގިރޭސި ވިލާތުގައި މަޖުބޫރު ކައިވެނިތައް މަދުވެއްޖެ

06 ޖުލައި 2021 - 13:45

އިނގިރޭސި ވިލާތުގައި ޒުވާން ކުދިންނަށް މަޖުބޫރުކޮށް ގަދަކަމުން ކުރާ ކައިވެނިތައް، ކޮވިޑް-19 ބަލި ފެތުރެން ފެށި ފަހުން، ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އެ ގައުމުގެ ހޯމް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ އޮފީހުން ބުނި ގޮތުގައި ގަދަކަމުން ނުވަތަ މަޖުބޫރުކޮށްގެން ކައިވެނިކުރުމުގެ މައްސަލަތައް، 2019 ވަނަ އަހަރާ އަޅައި ބަލާއިރު، މިދިޔަ އަހަރު ހުށަހެޅުނު ނިސްބަތް ވަނީ ދެ ބައިކުޅަ އެއްބައި މަދުވެފަ އެވެ. އެ އޮފީހަށް، 2011 ވަނަ އަހަރުން ފެށިގެން އަހަރުން އަހަރަށް، އެފަދަ މައްސަލަތައް ހުށަހެޅޭ ނިސްބަތުން ބަލާއިރު، މިއީ ގާތްގަނޑަކަށް 44 ޕަސެންޓް މަދު އަދަދެކެވެ.

އެ އަދަދުތައް މަދުވީ، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ކައިވެނި ހަފްލާތައް ބޭއްވުމަށް ހުއްދަ ދޭ މިންގަނޑު ހަރުކަށި ކުރުމުގެ ސަބަބުންނާއި، ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އޭގެ އިތުރުން ގިނަ މީހުން އެއް ތަނަކަށް އެއްވެ އުޅުން މަނާކުރުމާއި، ގައިދުރުކަން ދަމަހައްޓަން ޖެހިފައިވުމުގެ ސަބަބުން، ކައިވެނި ހަފްލާތައް ބޭއްވުމަށް ހުރަސްއެޅިފައިވާތީ އެވެ.

"އިނގިރޭސި ވިލާތުގައި ފުރަތަމަ ފަހަރަށް ފުރަބަންދު އިއުލާން ކުރުމާ ގުޅިގެން، ފޯސް މެރިޖް ޔުނިޓަށް ހުށަހެޅުނު މައްސަލަތައް، ޖެނުއަރީ މަހުން ފެށިގެން އަންނަނީ ދަށް ވަމުން. ޖެނުއަރީން މާޗްގެ ނިޔަލަށް، މަހަކު އެވްރެޖްކޮށް 82 މައްސަލަ ހުށަހެޅިފައިވާ އިރު، އެޕްރީލް މަހުން ފެށިގެން ޖޫންގެ ނިޔަލަށް ހުށަހަޅާފައިވަނީ، މަހަކު އެވްރެޖްކޮށް 44 މައްސަލަ،" ހޯމް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ފުރަބަންދުގެ ދުވަސްވަރު ވެސް ފޯސް މެރިޖް ޔުނިޓް، އާދައިގެ މަތިން ހުޅުވައިގެން މަސައްކަތް ކޮށްފައިވާ އިރު، އެފަދަ މައްސަލަތައް ހުށަހެޅި އަދަދު ދަށްވީ، ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ބެލެވެ އެވެ.

އެ ޔުނިޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު މަދުވި ނަމަވެސް، ކޮވިޑް ތެރޭގައި ހުށަހެޅި މައްސަލަތަކުގެ ވެސް ހަތަރު ބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ، ކުޑަކުދިންނާ ގަދަކަމުން ކައިވެނި ކުރުމުގެ މައްސަލަތަކެވެ. ކޮވިޑް ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ 26 ޕަސެންޓަކީ 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭ މައްސަލަތައް ކަމަށް ވާއިރު، 15 ޕަސެންޓަކީ އުމުރުން 15 އަހަރުން ދަށުގެ ކުދިން ހިމެނޭ މައްސަލަތަކެވެ.

އިނގިރޭސި ވިލާތުގައި މިފަދަ މައްސަލަތައް އެންމެ ގިނަ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ، ލަންޑަންގެ އިތުރުން ވެސްޓް މިޑްލޭންޑްސް އާއި ނޯތް ވެސްޓް އެވެ. ޖުމްލަ މައްސަލަތަކުގެ 48 ޕަސެންޓް ހިއްސާ ކުރަނީ އެ ސަރަހައްދުތަކެވެ.

ގަދަކަމުން ނުވަތަ މަޖުބޫރުން ކައިވެނިކުރާ މައްސަލަތަކުގެ ތެރޭގައި ގިނައިން ހިމެނެނީ، ޕާކިސްތާނު ދަރިކޮޅުގެ މީހުންނާއި އިންޑިޔާ ދަރިކޮޅުގެ މީހުންނާއި އަފްގާނިސްތާނު ދަރިކޮޅުގެ މީހުންނެވެ.

މީގެ ތެރެއިން އުމުރުން 16 އަހަރުން ދަށުގެ ކުދިންނާ ކައިވެނިކުރުމުގެ މައްސަލަތަކުގައި ޕާކިސްތާނު މީހުން ހިމެނޭ ނިސްބަތް 2019 ވަނަ އަހަރު 12 ޕަސެންޓްގައި ހުރުމަށް ފަހު، 2020 ވަނަ އަހަރު އެ ނިސްބަތް ވަނީ، 18 ޕަސެންޓަށް އިތުރުވެފަ އެވެ.

މިފަދަ 603 މައްސަލައެއް 2020 ވަނަ އަހަރު ހުށަހެޅިފައިވާ އިރު، އޭގެ ތެރެއިން 79 ޕަސެންޓަކީ އަންހެނުންނާއި އަންހެން ކުދިންނާ ގަދަކަމުން ކައިވެނި ކުރުމުގެ މައްސަލަތަކެވެ. އަދި 21 ޕަސެންޓަކީ ފިރިހެނުންނާއި ފިރިހެން ކުދިންނާ ގަދަކަމުން ކައިވެނި ކުރުމުގެ މައްސަލަތަކެވެ.

"މިއިން އެނގެނީ ގަދަކަމުން ކައިވެނިކުރުމުގެ ޖަރީމާތަކުގައި ވަރަށް ބޮޑު ނިސްބަތަކުން ޝިކާރައަކަށް ވަނީ އަންހެނުން ކަން. އެކަމަކު ފިރިހެނުން ވެސް މި ޖަރީމާގެ ޝިކާރައަކަށް އެބަވޭ."

މިފަދަ މައްސަލަތަކުގެ ގާތްގަނޑަކަށް 62 ޕަސެންޓަކީ، އިޖްތިމާއީ ޚިދުމަތްތަކުންނާއި ފުލުހުންނާއި ބޯޑަރު ބަލަހައްޓާ އިދާރާގެ މުވައްޒަފުންނާއި އިމިގްރޭޝަން އޮފިސަރުން ހުށަހަޅާ މައްސަލަތަކެވެ. އޭގެ އިތުރުން 21 ޕަސެންޓް މައްސަލައަކީ، އެފަދަ ޖަރީމާތަކުގެ ޝިކާރައަކަށްވާ މީހުންގެ ފަރާތުން ހުށަހެޅޭ މައްސަލަތަކެވެ. އޭގެ އިތުރުން އާއިލާތަކުންނާއި، ރަހްމަތްތެރިންގެ ފަރާތުން ވެސް އެފަދަ މައްސަލަތައް ހުށަހަޅަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454