މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހުގެ 12 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭން ނިންމާފައިވާ ފިލްމު "ޝޭރުޝާހް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ވިޝްނޫ ވަރުދާން ހަދާފައިވާ މި ފިލްމަކީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު ކުރި ކަރުގިލް ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ހަނގުރާމަ ފިލްމެކެވެ. "ޝޭރުޝާހް" ގައި ވިކްރަމްގެ ރޯލު ކުޅެފައި ވަނީ ސިދާތު މަލްއުތުރާ އެވެ. އޭނާ ފިލްމުގައި ފެންނާނީ ޑަބަލް ރޯލަކުންނެވެ.

"ޝޭރުޝާހް" ގެ ބަތަލާ އަކީ ސިދާތާ އެކު އަލަށް ފިލްމެއްގައި މަސައްކަތްކުރި ކިއާރާ އަދުވާނީ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ނިތިކިން ދީރް، ޝިވް ޕަންޑިތު، ސާހިލް ވައިދު އަދި ޕަވަން ޗޯޕްޅާ ހިމެނެ އެވެ.

"ޝޭރުޝާހް" އަކީ އެމެޒޯންއާ ގުޅިގެން ދަރުމާ އިން ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"ޕިއްޕާ" ގެ ޝޫޓިން ސެޕްޓެމްބަރުގައި

ބޮލީވުޑްގެ ޒުވާން އެކްޓަރު އިޝާން ޚައްތަރު ކުޅޭ ވަތަނީ ފިލްމު "ޕިއްޕާ" ގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ފަށާ ގޮތަށް ނިންމައިފި އެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އަކްޝޭ ކުމާރުގެ 2016 ގެ "އެއާލިފްޓް" ގެނެސްދިން ރާޖާ ކްރިޝްނާ މެނަން ހަދާ ފިލްމެކެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ ސައިފް އަލީ ޚާންގެ 2017 ގެ "ޝެފް" އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާ އެ ހަނގުރާމައިގެ ތަޖުރިބާ ލިޔުނު ފޮތް "ދަ ބާނިން ޗަފީސް" އަށް ބިނާކޮށް ހަދާ "ޕިއްޕާ" ގެ ބަތަލާ އަކީ އިޝާންގެ ބޭބެ ޝާހިދު ކަޕޫރްގެ ކުރިއަށް އޮތް ފިލްމު "ޖާޒީ" ގެ ބަތަލާ މުރްނާލް ތާކޫރެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ ދާދި ފަހުން އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ފަރުހާން އަޚްތަރުގެ "ތުފާން" އެވެ.

އަންނަ އަހަރު ރިލީޒްކުރާނެ "ޕިއްޕާ" ގެ ކާސްޓްގައި ޕްރިޔަންޝޫ ޕައިނުޔޫލީ ވެސް ހިމެނެ އެވެ.

"ކަޕިލް ޝަރުމާ ޝޯ" ގެ އާ ޕްރޮމޯއެއް

ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" އަންނަ މަހުގެ ތެރޭގައި އަލުން ގެނެސްދޭން ތައްޔާރީތައް ވަމުން އަންނަ އިރު ސޮނިން ރަސްމީކޮށް ޝޯގެ އާ ޕްރޮމޯ ދައްކާލައިފި އެވެ.

އެ ޕްރޮމޯގައި ފެންނަނީ ޝޯގެ ހޯސްޓް ކަޕިލް ޝަރުމާ އާއި ބައިވެރިން ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒް ވެސް ފުރިހަމަކޮށް ކުރިއެކޭ އެއްގޮތަށް އަލުން ބެލުންތެރިންނާ ބައްދަލުކުރަން އަންނަ ވާހަކައާ އެކީގައި ފޯރި ނަގާ ތަނެވެ. އެކަމަކު އަދިވެސް ރަސްމީކޮށް ޝޯ ދައްކަން ފަށާނެ ތާރީހެއް އިއުލާނެ އެވެ.

ބެލެވޭ ގޮތުން މި އަހަރުގެ ފެބްރުއަރީގައި މެދުކަނޑާލި "ދަ ކަޕިލް ޝަރުމާ ޝޯ" އަލުން ދައްކަން ފަށާނީ މި މަހުގެ 21 އިން ފެށިގެންނެވެ.

ޝޯގެ ކުރީގެ ބައިވެރިން ކަމަށްވާ ބާރްތީ ސިންގް އާއި ކްރުޝްނާ އަބީޝެކާއި ކިކޫ ޝްރަދާ އާއި ޗަންދަން ޕްރަބާކަރާއި އަރްޗަނާ ޕުރާން ސިންގްގެ އިތުރުން ކުރިން ސޮނީގެ "ކޮމެޑީ ސާކަސް" ގައި މަސައްކަތްކުރި ސުދޭޝް ލެހެރީ ވެސް މި ފަހަރު ޝޯ އިން ފެންނާނެ އެވެ.

ޝެފާލީ ފީޗާ ޑައިރެކްޝަނަކަށް ތައްޔާރު ވަނީ

ކުރު ފިލްމުތަކަކުން ޑައިރެކްޝަނަށް ނުކުތް ބޮލީވުޑްގެ ބަތަލާ ޝެފާލީ ޝާހް، ފީޗާ ފިލްމެއް ޑައިރެކްޓްކުރަން ތައްޔާތާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި 52 އަހަރުގެ ބަތަލާ ބުނީ މިދިޔަ އަހަރުގެ ލޮކްޑައުންއާ އެކު ސްކްރިޕްޓް ލިޔަން ވަރަށް ގިނަ ވަގުތު ލިބުމުން އޭގެ ކްރިއޭޓިވިޓީ އަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ. އެެހެންވެ ކުރު ފިލްމުތަކެއް ހެދުމަށް ފަހު، މިހާރު ފީޗާ ފިލްމަކަށް ތައްޔާރުވާން ފަށާފައިވާ ކަމަށާއި އެކަން ކުރަން ބޭނުން ވަނީ ވަރަށް ފުރިހަމަކޮށް ބުންޏެވެ.

"ނަމަސްތޭ ލަންޑަން" އާއި "ވަގުތު: ރޭސް އެގެއިންސްޓް ޓައިމް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ވިޕުލް ޝާހްގެ އަންހެނުން ބުނީ ފީޗާ ފިލްމެއް ހެދުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެހެންވެ ފީޗާއެއް ޑައިރެޓްކުރާނެ ރަނގަޅު ދަނޑިވަޅަކަށް ބަލަމުން އަންނަ ކަމަށެވެ.

ދާދި ފަހުން ނެޓްފްލިކްސް އިން ގެނެސްދިން އެންތޮލޮޖީ ފިލްމު "އަޖީބު ދާސްތާންސް" ގެ ސެގްމަންޓެއް ކުޅުނު ޝެފާލީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަޔޫޝްމަން ކްރާނާގެ "ޑޮކްޓަރު ޖީ" އާއި އާލިއާ ބަޓްގެ "ޑާލިންސް" ހިމެނެ އެވެ.

ޝެފާލީ މިހާތަނަށް އެތައް ފިލްމަކާއި ސީރީޒެއްގައި މަސައްކަތްކޮށްފައިވެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454