30 އޯގަސްޓް 2021 - 06:15
ސްޓްރޯކާއި ހާޓްއެޓޭކް ފަދަ ހިތާ ގުޅުން ހުރި ބޮޑެތި ސިއްހީ މައްސަލަތަކަށް ކޮފީ އަކީ ވަރަށް ރަނގަޅު ބުއިކަމެއް އަނެއްކާ ވެސް ދިރާސާއެއްގައި ބުނެފި އެވެ.
މީގެ ހައެއްކަ މަސް ކުރިން ވެސް މިފަދަ ދިރާސާއެއް އާންމުކޮށްފައިވެ އެވެ. ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީން ހުކުރު ދުވަހު އާންމުކުރި ދިރާސާގައި ބުނެފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް މަދުވެގެން ތިން ތަށި ކޮފީ ބޯ ނަމަ އެއީ ސްޓްރޯކާއި ހާޓްއެޓޭކް ފަދަ މައްސަލަތަކުން ފުރާނަ ސަލާމަތްކުރަން އެހީއަކަށްވެ އެވެ.
ދިރާސާގައި ބުނީ ހިތުގެ އެއްވެސް ބައްޔެއް ނެތް މީހުން ދުވާލަކު 0.5 ނުވަތަ ތިން ތަށި ކޮފީ ބޯ ނަމަ އެ ނޫން މީހުންނާ އަޅާބަލާއިރު އެ މީހުންނަށް ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމާ އެކު ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮންޓްރޯލް މިންވަރެއްގެ ދަށުން ކޮންމެ ދުވަހަކު ވެސް ކޮފީ ބޯ ނަމަ ޓައިޕް 2 ޑައިބިޓީޒް އާއި ތުރުތުރު އަޅާބައްޔާއި ޕްރޮސްޓޭޓް ކެންސަރާއި ހަނދާންނެތޭ ބައްޔާއި ގޮހޮރުގެ ބަލިތަކުގެ އިތުރުން ބުރަކަށީގައި ރިއްސުން ފަދަ ކަންކަމުން ވެސް ރައްކާތެރިކޮށްދެ އެވެ.
ކޮފީ ތައްޓެއް.
ކޮފީއާ ގުޅޭ ގޮތުން ކުރިން ހަދާފައިވާ ގިނަ ދިރާސާތަކުގައި އިރުޝާދު ދީފައިވާ ގޮތުގައި ދުވާލަކު ހަ ތަށި ކޮފީ އަށް ވުރެ އިތުރު ނުކުރަން އެދިފައިވެ އެވެ. އަދި ދުވާލަކަށް ތިން ތަށި ކޮފީ އަކީ ޖުމްލަކޮށް މުޅި ސިއްހަތަށް ބަލާ އިރު، އެންމެ ރަނގަޅު މިންވަރު ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy