ލާމު ލިންކް ރޯޑްގެ މަންޒަރެއް: އެ އަތޮޅު ގަމުގައި ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރަނީ އިންޑިއާގެ އެކްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން.--- ފޮޓޯ: ރިވަރީސް ޑައިވިން ވިލެޖް
05 ސެޕްޓެމްބަރ 2021 - 23:18
އިންޑިއާ އިން ދޭ ލޯނުގެ ދަށުން ލ. ގަމުގައި އިމާރާތްކުރަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް ފެށުމަށް އެ ގައުމުން ފޮނުވި ޓީމު ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ މި ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް އެ ގައުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ކެންސަރުގެ ފަރުވާ ދެމުން އަންނަ މުމްބާއިގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުންގެ ޓީމެއް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައިސްފައިވާ ކަމަށެވެ.
ޓީއެމްސީ އަކީ އިންޑިޔާގައި ކެންސަރު ބަލި ހުއްޓުވަން ގައުމީ ފެންވަރެއްގައި މަސައްކަތް ކުރަމުން އަންނަ އަދި ފަރުވާ ދިނުމުގެ އިތުރުން ތަމްރީނު ޕްރޮގްރާމްތައް ހިންގައި ކެންސަރާ ގުޅޭ ދިރާސާތައް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރު ކަމަށް ހައި ކޮމިޝަނުން ނެރު ނޫސްބަޔާނުގައި ވެ އެވެ.
"އޭޝިޔާގައި އެންމެ ކުރި ހޯދާފައިވާ މި ސެންޓަރާ ގުޅިގެން ރާއްޖޭގައި ކެންސަރު ހޮސްޕިޓަލް ގާއިމު ކުރެވަކީ އިންޑިއާ އަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ،" އެ ބަޔާނުގައިވެ އެވެ.
ދެ އޮންކޮލޮޖިސްޓުން ވެސް ހިމެނޭ، އިންޑިއާގެ ޓީމުން ވަނީ ލ. ގަމަށް ޒިޔާރަތްކޮށް، ކެންސަރު ހޮސްޕިޓަލް ހެދުމުގެ ޕްރިލިމިނަރީ ސާވޭ ހަދައި، ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ވެސް ބަލައިފަ އެވެ.
ހައި ކޮމިޝަނުން ބުނިގޮތުގައި، ކެންސަރު ހޮސްޕިޓަލް ގާއިމު ކުރަނީ އިންޑިއާގެ އެކްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިނގާ އެހެނިހެން ބޮޑެތި މަޝްރޫއުތަކެކޭ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް ގާއިމުކުރުމުގައި ވެސް 1.75 އިންޓަރެސްޓް ރޭޓުން 20 އަހަރުގެ ތެރޭގައި ފައިސާ އަނބުރާ ދައްކަން ޖެހެ އެވެ. އަދި މި ލޯނު އަނބުރާ ދައްކަން ފަށަން ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ފަސް އަހަރު ދުވަހުގެ މުއްދަތެއް ދޭން ނިންމާފައިވާ ކަމަށެވެ.
ގަމުގައި ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމާފައިވާއިރު، އެ ހޮސްޕިޓަލުން ކެންސަރު ބަލީގެ ތަހުލީލުތައް ކުރެވޭނެ އިންތިޒާމާއި ފަރުވާގެ އިތުރުން އެ ބަލީގެ މީހުންނަށް ބޭނުންވާ ރީހެބިލިޓޭޝަން ހިދުމަތް ވެސް ދޭނެ އެވެ. އަދި މި ހޮސްޕިޓަލް ހުޅުވުމުން މެޑިކަލް ޓުއަރިޒަމް ތައާރަފުކޮށް، ރާއްޖޭގެ ހުރިހާ ކެންސަރު ބަލި މީހުން އެކުލެވޭ ރަޖިސްޓަރީއެއް އެކުލަވައިލަން ވެސް ވަނީ ނިންމައިފަ އެެވެ.
މި މަޝްރޫއުގެ ދަށުން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ މީހުން ތަމްރީނުކުރަން ޕްރޮގްރާމެއް ކުރިއަށް ގެންދަން ރާވާއިރު، 250 ދިވެހި މުވައްޒަފުންނާއި ނަރުހުންނާއި ޑޮކްޓަރުން އަދި ޓެކްނީޝަނުން ތަމްރީނުކުރާނެ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ. މި ތަމްރީނުތައް ދިނުމުގައި ދިވެހިންނަށް އިސްކަންދޭނެ ކަމަށް ވެސް ބުންޏެވެ.
ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރަން ފުރަތަމަ ނިންމީ ހުޅުމާލޭގަ އެވެ. ނަމަވެސް، ރާއްޖޭގެ ސިއްހީ ހިދުމަތްތައް ލާމަރުކަޒީ ކުރުމަށް ސަރުކާރުން ވިސްނާފައި ވާތީ މި ހޮސްޕިޓަލު ގަމަށް ބަދަލުކުރަން އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށް، އެ ގޮތަށް ވަނީ ފަހުން ނިންމައިފަ އެވެ.
ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ، ރާއްޖެ އަށް ބޮޑެތި އެހީތަކެއް ދިނުމަށް ޑިސެމްބަރު 4، 2019 ގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ވަގުތު ރާއްޖޭގައި މި ބައްޔަށް ފަރުވާ ލިބެނީ ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުން އެކަންޏެވެ. ނަމަވެސް ބޮޑެތި ތަހުލީލުތައް އަދި ބިލީގެ ތަފްސީލު ދެނެގަނެ، ރޭޑިއޭޝަން ހަދައި، ބައެއް އޮޕަރޭޝަން ކުރަން އަދިވެސް ދާން ޖެހެނީ ރާއްޖެ އިން ބޭރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަޖީވް
06 September 2021
ކ.އަތޮޅު މާލެ ނޫން ރަށެއްގައި ކަމެއް ކުރަން ވެއްޖެނަމަ މާލޭ މީހުން ވަރަށް ބޮޑަށް އެކަމަކާއި ދެކޮޅަށް ފާޑު ކިޔާނެ.ނަޝީދުގެ ވެރިކަން ވައްޓާލަން ޖެހުނީވެސް އެފަދަ ކަންކަމާއި ހެދި.މި ހޮސްޕިޓަލްވެސް އެންމެފަހުން މާލެއަށް ބަދަލު ނުކޮށްފިނަމަ ނަސީބެއް.
އޮނަރަބްލް އަފީފު ދީދީ
06 September 2021
ލާމަރުކަޒު ކުރާން އެންމެފަހުން އިންޑިޔާ ސަރުކާރުން މަސައްކަތް މިއޮތީ ފައްޓާފަ. # ކެންސަރ ހޮސްޕިޓަލް ލ.އަތޮޅުގައި އެޅުމަށް އިންޑިޔާ ސަރުކާރުން ނިންމެވި ނިންމެވުމަށް މަރުޙަބާ ކިޔަން. މިކަމަށް ލ.އަތޮޅު އަދި ރަށު ކައުންސިލުން ފުރިހަމަ އެއްބާރުލުން ދީގެން މުޅިން އަލަށް ސަރަޙައްދެއް އާބާދުކުރަން މީހުން އުޅޭ ހިސާބާއި ތަންކޮޅެއް ދުރުގައި ހޮސްޕިޓަލަ އެޅުމަށް 50 ހާސް އަކަފޫޓު ބިމާއި، އެކޮމަޑޭޝަން ފަދަ ފެސިލިޓީޒް ތަކަށް އިތުރު ބިމެއް ކަޑައެޅުން ރަނގަޅު.
އިބްރ
06 September 2021
ހޮސްޕިޓަލް އަޅާނެކަމަށް ނުބެލެވޭ. ސަރުކާރު ބަދަލުވާއިރަށް 800މ ދެގުނަކޮށް ރާއްޖެއިން ފައިސާ ދައްކަންޖެހޭނެ. އެއަރޕޯޓްގެ ތަޖުރިބާއަށް ބަލާފަ މިދެންނެވީ.
ޖިންނިބޭ
06 September 2021
ކީއްވެގެންތޯ އަބަދު ތި ކިޔަނީ ލައިން އޮފް ކްރެޑިޓޭ އެއީ ލޯނެއް ނޫންތޯ ލޯނު ކީމަ ހަޑީތޯ ނޫނީ ޢިންޑިއާއިން އެހެން ކިޔިން މަނާކޮށްފަ އިންންނީތޯ މީ ކޮން އިރަކު ހަދަން ނިންމި ތަނެއްތޯ ސާވޭ ޓީމް މިހާ ލަހުން ޢައީ ކިއްވެތޯ މިތަން ނިމޭނީ 2040 ވަނަ އަހަރު ބޯ ހަލާކު
ޢަބްދުލް
06 September 2021
“ލައިން އޮފް ކްރެޑިޓް ވާސަސް ލޯން” ސާޗް ކޮށްލަބަލަ. ފެންނާނެ އިންވެސްޓޮޕީޑިއާ ވެބްސައިޓުން ވަރަށް ސާފުކޮށް ބުނެދީފައިވާ ލިޔުމެއް.
ބޯހަލާކު އިންޑިއާ
06 September 2021
ކަލޯ މީ އަދި އިނީޝިއަލް ސާވޭ ޑީޓެއިލް ސާވޭ އިންނާނީ ފަސް އަހަރު ފަހުން
ހުސްނުވާ800
06 September 2021
އެ ބުނާ ލައިން އޮފް ކްރެޑިޓްގެ ދަށުން ހުރިހާ ކަމެއް މި ގައުމުގަ ކުރަން އޮތީ. ގެއެއްގެ ފުރާޅުގެ ޓިނު ބަދަލުކުރިއަސް ޕާކުގަ ގަހެއް އިންދިއަސް އަތިރިމަތީ ޖޯއްޔެއް ބެހެއްޓިއަސް ހަމަ އެ ލައިން އޮފް ކްރެޑިޓުން ކުރަން އޮތީ.
ނަމެއްނެތި
06 September 2021
ރިޔާސީ އިންތިޚާބާ ގާތްވާވަރަކަށް ހާދަހާވާ ގިނަ ޕްރޮޖެކްޓެއް މިބައި މީހުން ފަށާނެތާ. އަޅުގަނޑަށް ހީވަނީ މުޅި ރާއްޖެ ރަނުން ޖަރީ ކުރުމުގެ މަޝްރޫޢުއެއްވެސް ފަށާނެހެން. ބްރިޖް އަޅަށް ސޮއެކޮށްފަ އަދި ފަށަށްވެސް ބޭނުންވޭ 6 މަސް ދުވަސް. ދެން ސްޕީޑް ހުންނާނެ ވަރު ވިސްނާލާ. ވިސްނާށޭ ޤައުމު!
ޑރ. މުރާދު ޒަކަރިއްޔާ
06 September 2021
ގާބުރިތަކެއް އަތުރައިގެން މާލޭގެ މަގުތައް ހަދަމުން ދިޔައިރު އެކަން ހުއްޓުވަން ރައްޔިތުން ފޭލްވުމުން މިއަދު އެކަމާ ކޮންމެ ދިވެއްސަކުމެ ހިތާމަކުރޭ. 25 ބުރީގެ ހިޔާ ޓަަވަރުގެ މަސައްކަތް ހުއްޓުވަން ރައްޔިތުން ނުނުކުތުމުގެ ހިތި ނަތީޖާ އެތައް ޖީލަކަށް ދެމިގެން ދާނެ. ލ.އަތޮޅުގައި އަޅާ ކެންސަރު ހޮސްޕިޓިލާ ދެކޮޅަށް ރައްޔިތުން ނުކުމެ އެކަން ނުހުއްޓުވައިފިނަމަ، މުޅިރާއްޖެ އެކަމުގެ ވޭން ތަހައްމަލުނުރާނެ. ލ.އަތޮލަށްގޮސް ބޭސްކުމަކީ ގިނަ އާއިލާތަަކަށް ބޮޑުވޭނެއް
ނޫރަންދޫ.
06 September 2021
ކަލޭމެން ބޭނުން ނުވާނެ ކ.އަތޮޅު މާލެ ނޫން ތަނެއްގައި ތަރައްޤީގެ އެއްވެސް ކަމެއް ކުރާކަށް. ބަލަ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުން ކަލޭމެންގެ ރަށަށް ގޮސްގެން ދުވާލަކަށް 800ރ އަށް ކުޑަކޮޓަރިގަނޑެއް ކުއްޔަށް ހިފައިގެން އުލޭ ހާލު ކަލެއަކަށް ނޭގޭދޯ.
އަހަންމަދު
06 September 2021
70ގެ ކުރީ އަަހަރުތަކުގައި މާލޭގައި ދިރިއުޅޭ މީހުން ކަޑުބޯޓްގައި އައްޑުއަތޮޅަށް ބޭސް ކުރަން ދިޔަވާހަކަ މީހުން ކިޔައިދޭ. އެމީހުން އައްޑޫގައި ތިބެނީވެސް ހިލޭ. ވަރަށް ފަސޭހަކަމަށްވެސް ބުނޭ.
1828
06 September 2021
މާލެއައިސް އަސާސީ ޚިދުމަތްތައް ހޯދުންވެސް އެއީ ރާއްޖެތެރޭ މީހުންނަށް ބޮޑު ވޭނެއް. ދަތެއްގައި ރިއްސާލިޔަސް މިޖެހެނީ މާލެއަންނަން. އައިސްފައި މިތިބެންޖެހެނީ ކުށްޔައް. ހަމަ ލ އަތޮޅުގައި މި ހޮސްޕިޓަލް އެޅިޔަސް ފަރުވާ ހޯދަން އެރަށަށް ގޮސް ކުށްޔައް ތިބެވޭނެއެއް ނޫން ތޯ؟
މުރާދުބޭ
06 September 2021
އެ ހޮސްޕިޓަލެއް އަޅާ ނުނިމޭނެ އަދި 10 އަހަރުނުވަނީހެއް. ސިއްހީ ދާއިރާގެ އެހީގަ އެއީ އިންޑިއާގެ ސްޕީޑަކީ.
ށަވިޔަނި
06 September 2021
ފަސްއަހަރު ނިމިގެން މިދަނީ ތައްޔާރުވުމުގައި. މަސައްކަތް ފެށުމަށް އިތުރު 5 ދެން ނިންމުމަށް 10 ޖުމުލަ ވިހި އަހަރު. މިއީ އިންޑިއާގެ މައްސަލައަކީ. ޗައިނާއިން ކުރާކަމެއްނަމަ ތިހުރިހާ މަޝްރޫއުތައް މިހާރު ހުންނާނީ ނިމުމަކާ ގާތުގަ.
1828
06 September 2021
އުފުއްދުންތެރިކަމުން ދުނިޔޭގެ އެއްވަނައާއި އިންޑިއާ ވާދަކުރާނެގޮތެއް އަހަރެންނަކަށް ނޭނގޭ އަދި ނުވިސްނޭ. އިންޑިއާ ޖެހެނީ ޗައިނާ ކައިރީގައި ހަމަ ފިރުކޭން.