14 ސެޕްޓެމްބަރ 2021 - 06:48
ނަފުސާނީ މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމަށާއި އެކަމަށް ބޭނުންވާ ފައިސާ އެއްކުރަން ކުޅުނު ބާސްކެޓް މެޗަކަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބިއްޖެ އެވެ.
މި މެޗަކީ ނަފުސާނީ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާގެ "ދަ ރިވީލްސް ފެމިލީ ފައުންޑޭޝަން" އިން އިންތިޒާމުކުރި މެޗެކެވެ. މެޗް ކުޅުނީ ނަފުސާނީ މައްސަލަތަކެއް ދިމާވެ އަމިއްލަ ފުރާނަ 2017 ގައި ނަގައިލި ނިކްގެ އެކުވެރިޔާ ޑެވިން ވެރިންގެ ހަނދާނުގަ އެވެ.
ބަފަލޯގެ ނާޑިން އެކެޑެމީ ބާސްކެޓް ކޯޓްގައި މިދިޔަ މަހުގެ 6-11 އަށް ހައި ސްކޫލާއި ކޮލެޖްގެ ދަރިވަރުން ބައިވެރިކޮށްގެން ކުޅުނު މެޗް ރެކޯޑަކަށްވީ ގާތްގަނޑަކަށް ފަސް ދުވަހަށް ދެމިގެންދާ ގޮތަށް މެޗް ކުޅެގެންނެވެ. މުޅި މެޗްގެ ދިގުމިނަކީ 120 ގަޑިއިރާއި ދެ މިނެޓެވެ. މި މެޗް ރެކޯޑަކަށްވެ، ގިނިސް އިން ރެކޯޑްގެ ރަސްމީ ސެޓްފިކެޓް ވެސް ހަވާލުކޮށް، އެތަނުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މި ރެކޯޑްގެ ވާހަކަ ހިމަނާފައިވެ އެވެ.
ކުރިން އެންމެ ދިގު ބާސްކެޓް މެޗްގެ ރެކޯޑް އޮތީ ޕިލިޕީން ބާސްކެޓްބޯލް މެރަތަން އަށެވެ. އޭގެ ރެކޯޑް ރިވީލްސް އިން މުގުރައިލީ 53 ސިކުންތުގެ އިތުރުވުމަކާ އެކީގަ އެވެ.
The game took place to honor the life of Nick Revelas' close friend Devin Waring.
— #GWR2022 OUT 16TH SEPTEMBER (@GWR) September 12, 2021
ނިކް ބުނި ގޮތުގައި އަމާޒަކަށްވީ ކޮންމެހެން ދުނިޔޭގެ ރެކޯޑެއް ހެދުމެއް ނޫނެވެ. އޭނާ ބުނި ގޮތުގައި ދިގު މެޗްގެ މައިގަނޑު މަގުސަދަކީ ނަފުސާނީ މައްސަލަތަކާ ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލުކުރުމެވެ.
ނަފުސާނީ މައްސަލަތައް ހުންނަ މީހުންނަށް ގިނަ ފަހަރަށް އާންމުންގެ ފަރާތުން ބަދުބަސްތައް ރައްދުވެ، އެކަމަށް ފަރުވާ ވެސް ހޯދަން ފަސްޖެހެ އެވެ. އަދި މިކަމުގެ ތެރޭގައި ދިމާވާ ޕްރެޝަރުތަކާ ހެދި ނަފުސާނީ މައްސަލަތައް ދިމާވާ މީހުން އަމިއްލަ ފުރާނަ ދުއްވައިލުމަކީ ވަރަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ.
ނިކް ބުނި ގޮތުގައި އޭނާގެ ބޭނުމަކީ އެކުވެރިޔާ އަށް ދިމާވި ފަދަ ގޮތެއް އެހެން މީހަކަށް ކުރިމަތިނުވުމެވެ.
މެޗްގެ ފަންޑްރައިޒިންގެ ތެރެއިން ނިއު ޔޯކުން 60،000 ޑޮލަރު ލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy