ށ. ފުނަދޫގެ ޕެޓްރޯލް ޝެޑްގައި މިއަދު ހެނދުނު ރޯވި އަލިފާން ބޮޑު ސަރަހައްދަކަށް ފެތުރި، ހަތަރު ގެއަކާއި ފަސް ގަރާޖެއްގައި ވެސް ރޯވެއްޖެ އެވެ.
އެ ގެތަކުން މީހުން ހުސްކޮށް ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަން ފޯރުކޮށްދީފަ އެވެ. ހެނދުނު ހަތެއް ޖެހިއިރު ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
އަމިއްލަ ފަރާތަކުން އެ ރަށުގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި، ކޮންޓްރޯލް ނުކުރެވޭ ވަރަށް އަލިފާން ރޯވެފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުން ބުންޏެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަލިފާން ރޯވި ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ގަރާޖަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގެ ގެތަކުން މީހުން ހުސްކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.
އާންމުން ވެސް ދިރިއުޅޭ ސަރަހައްދުގައި ހުރި ފުނަދޫގެ ހަމައެކަނި ޕެޓްރޯލް ޝެޑްގައި ރޯވި ބޮޑު އަލިފާނުގެ ހާދިސާއާ އެކު، އިތުރު ގޭގެއަށް ވެސް އަލިފާންގަނޑު ފެތުރުމުގެ ބިރު ބޮޑު ކަމަށް ފުނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"އަދި ހަމަ އެއްވެސް ވަރަކަށް ކޮންޓްރޯލެއް ނުވޭ. އަލިފާންގަނޑު އިތުރަށް ހިފަމުންދަނީ،" ފުނަދޫން ވާހަކަ ދެއްކި އެހެން މީހަކު 8:53 ހާއިރު ބުންޏެވެ.
އެމްއެންޑީއެފުން 8:37 ހާއިރު މީޑިއާގައި ބުނީ، ހދ. ކުޅުދުއްފުށީގެ ފަޔާ ސްޓޭޝަންގެ ސިފައިން މިހާރު އަންނަނީ ފުނަދުއަށް ދިއުމަށް ދަތުރު ކުރަމުން ކަމަށެވެ.
"އެއާޕޯޓުގެ ފަޔާ ފައިޓާސް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން،" އެމްއެންޑީއެފުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ހެނދުނު 9:45 ހާއިރު ފުނަދުއަށް ޖައްސަން އޮތް މޯލްޑިވިއަންގެ ބޯޓު ވެސް، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވަން އެއާޕޯޓުގެ ފަޔަ ލޮރީތައް ބޭނުންކުރާތީ ފުނަދުއިން ބޯޓު ފުރޭނެ އިރެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.