ގދ. ވާދޫ ކައިރީގައި އޮތް ސަފާރީއަކުން މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ރާޅާ އެޅުމަށް މޫދަށް ފޭބި ޓޫރިސްޓަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދު މެންދުރު 12:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ސްޕެއިންއަށް ނިސްބަތްވާ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ.

އެ މީހާ ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މޫދަށް އެރިއުޅުނު ޓޫރިސްޓަކު މިއަދު މަރުވިއިރު، ވ. އަތޮޅުގައި ޑައިވިންއަށް ދިޔަ އިޓަލީ ޓޫރިސްޓުންތަކެއް ވަނީ ގެއްލިފަ އެވެ. އެ މީހުން ހޯދުމަށް ހިންގި އޮޕަރޭޝަންގައި މިހާތަނަށް ފެނިފައިވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ.