ދައުލަތުގެ ބިންތަކުގައި ހަދާފައި ހުރި ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ފުލުހުން ނުކުމެ ރޫޅާލަން ފަށައިފި އެވެ.
ހއ. ދިއްދޫ ބަނދަރު ސަރަހައްދުގައި ހުރި އެމްޑީޕީގެ ދެ ޖަގަހައެއް، ފުލުހުން އިއްޔެ ރޫޅާލާފައިވާ އިރު، ބ. އޭދަފުށީ ބަނދަރު ސަރަހައްދުގައި ހުރި އެމްޑީޕީގެ ޖަގަހައެއް މިއަދު ވަނީ ރޫޅާލައިފަ އެވެ. ދިއްދޫ ބަނދަރު ސަރަހައްދުގައި ހުރި ޕީޕީއެމްގެ ޖަގަހަތައް ފުލުހުން އެދިގެން އެ ޕާޓީން ރޫޅާލަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ފުލުސް އޮފީހުން ބުނީ ދައުލަތުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ހަދާފައި ހުރި ތަންތަން ނަގައި، ބިންތައް ސާފުކުރަމުން އަންނަނީ ކަމާ ބެހޭ ފަރާތްތަކުން އެދިގެން ކަމަށެވެ. ކައުންސިލްތަކުން ހުއްދަ ހޯދުމަކާ ނުލައި، ދައުލަތުގެ ބިންތަކުގައި ސިޔާސީ ޕާޓީތަކުން ޖަގަހަ ހަދައި އެފަދަ ބިންތަކުގެ ބޭނުން ކުރަމުން ގެންދާތީ، އެކަން ހުއްޓުވައިދޭން ހޯމް މިނިސްޓްރީން އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބައެއް ރަށްތަކުގައި ހުރި ޖަގަހަތައް ރޫޅާލާފައިވާ އިރު ކުރިމަގުގައި ވެސް ރަށްރަށުގައި ގަވާއިދާ ހިލާފަށް ހަދާފައި ހުރި ޖަހަގަތައް ނަގާނެ ކަމަށް ފުލުހުން ބުންޏެވެ.
ދައުލަތުގެ ބިންތަކުގައި ޕާޓީތަކުގެ ޖަގަހަތައް ނުހިންގޭނެ ކަމަށް ސަރުކާރުން ކަނޑައެޅީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.