ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން އިއްޔެ ނެގި ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު، ލަސްނުކޮށް ކުރަންވީ ކަމަށް ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެނައުން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ، އިއްޔެ ބޭއްވި އިންތިހާބުގައި ކާމިޔާބު ހޯދި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. 

އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކުރައްވައި، އިބޫ ވިދާޅުވީ އެ ނަތީޖާއިން ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި އެއީ ސަރުކާރު ކުރިއަށްދާ މިސްރާބު ބަދަލުކުރަން ޖެހިފައިވާކަން ރައްޔިތުން ބުނި ބުނުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުން ލަސްނުކޮށް ކުރަންވީ ކަމަކީ ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެދޭގޮތަށް ސިޔާސަތުތަކަށް ބަދަލު ގެނައުން،" އިބޫ ވިދާޅުވި އެވެ.

އެ އިންތިހާބުގައި ހުރިހާ ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީން ވަނީ ހޯދައިފަ އެވެ. އޭގެ އިތުރުން، ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ވަނީ އެމްޑީޕީން ހޯދައިފަ އެވެ.

ނާކާމިޔާބީއާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ ނަތީޖާ އިހުތިރާމާ އެކު ބަލައިގަންނަ ކަމަށެވެ. 

"ސަރުކާރުން ރަނގަޅު ކުރަން ޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.