ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ޖަލްސާގައި އެންމެންގެ ލޮލުގައި ވެސް އަޅައިގަތް އެއް ފޮޓޯއަކީ މިއެވެ؛ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ދެމެދު ބެހެއްޓި "ހުސް ގޮނޑި" އެވެ. ރީނދޫ ކުލައިގެ އެ ގޮނޑީގައި ޖަހާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަމެވެ.
އެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިނުގަތީ ޖަލްސާގެ އެޖެންޑާ ފުރަތަމަ އެކުލަވާލިއިރު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދިން ނަމަވެސް ފަހުން އެޖެންޑާ އަށް ބަދަލު ގެނެސް އެ އައިޓަމް އުނިކުރުމުންނެވެ. އެކަމާ ހިތްހަމަނުޖެހިވަޑައިގެން ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ޖަލްސާ ބޮއިކޮޓް ކުރީ އެވެ.
ނަޝީދު ޖަލްސާ ބޮއިކޮޓް ކުރެއްވުމާ އެކު، އެންމެ ގިނަ މީހުން އަޅައިގަތީ އިބޫ އާއި ޝާހިދާ ދެމެދުން ނަޝީދަށް ބެހެއްޓި "ހުސްގޮނޑި" އެވެ. ހުސްގޮނޑީގެ ދެ ފަރާތުގައި ތިއްބަވައި އިބޫ އާއި ޝާހިދު ވާހަކަ ދައްކަވާ ފޮޓޯ ވައިރަލްވީ އެވެ. އެތައް ބަޔަކަށް އެ މަންޒަރު ސިފަވީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގައި ރަށްތަކަށް ވަޑައިގެން ކެމްޕޭންގައި އުޅުއްވި ނަޝީދު ބާކީކޮށް، "އުފާފާޅުކުރަނީ" ކަމަށެވެ.
މުޅި ސޯޝަލް މީޑިއާ ފުރާލީ އެ ފޮޓޯ އިންނެވެ.
މިއީ އާ މަންޒަރެއް ނޫން ކަން ދައްކަން ގިނަ ބަޔަކު ދެން ވައިރަލްކުރީ، ރައީސް ޔާމީންގެ ނަން ޖަހާފައި ޕީޕީއެމް/ ޕީއެންސީ ޖަލްސާތަކުގައި ބެހެއްޓި ހުސްގޮނޑި އެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު އޭރުގެ ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައިވާތީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔާމީނަށް ހާއްސަ ކުރެއްވި "ހުސްގޮނޑި" އެވެ. އޭރު ޕީޕީއެމްގެ ކޮންމެ ކެމްޕެއިން ޖަލްސާއެއްގައި އެ ހުސްގޮނޑި ބެހެއްޓި އެވެ.
އެހެންވެ، ރައީސް މުއިއްޒާއި ޔާމީންގެ ކޯޅުމާ އެކު، ފަހަކަށް އައިސް އިދިކޮޅުން ދައްކަނީ "އެ ހުސްގޮނޑި" އެވެ.
"އެހެރީ ކަންކަން ބަދަލުވާ ގޮތް. ހުސްގޮނޑީގެ ވާހަކަ ދެއްކޭނެ އެއްވެސް ސިޔާސީ މީހަކު ނެތް މިހާރު. އެމްޑީޕީން ވެސް އެ ދައްކާލީ ހުސްގޮނޑިއެއް،" ރޭގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.
އެ ގޮނޑި ރޭގެ ޖަލްސާގައި ހާއްސަކުރީ ނަޝީދު ވަޑައިގަންނަވާނެ ކަމަށް ބަލައިގެންނެވެ. އެކަމަކު، އެ ގޮނޑި ޖަލްސާއިން ނުނެގުމުން އެންމެވެސް އަޅާކިޔަމުން ދިޔައީ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ބެހެއްޓި "ހުސްގޮނޑި"އާ އެވެ.
އިބޫ އާއި ނަޝީދުގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތައް ބޮޑުވެ، މިިދޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް ނަޝީދު އެމްޑީޕީން ވެސް ވަކިވެވަޑައިގަތެވެ. އޭގެ ފަހުން ނަޝީދު އިސްވެ ހުންނަވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި، އިބޫއާ ދެކޮޅަށް އެ ޕާޓީން ރިޔާސީ ރޭހަށް ވެސް ބޭފުޅަކު ނެރުއްވި އެވެ.
އެ ކަންކަމާ ހުރެ އެމްޑީޕީއަށް ދެވަނަ ބުރެއް ކާމިޔާބު ނުވުމުގެ ފަހަތުގައި އެ ފަހަރު ހުންނެވީ ނަޝީދު ކަމަށް ގިނަ ބަޔަކު ތުހުމަތުކޮށްފައިވެ އެެވެ.
އެެހެންވިޔަސް އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުން، މިދިޔަ އަހަރުގެ ތެރޭގައި ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ކެމްޕެއިން ކޮށްދެއްވުމަށް ބައެއް ސިޓީތަކާއި ރަށްރަށަށް ވެސް ނަޝީދު ވަޑައިގަތަވެ.
އަނެއްކާވެސް އެތެރޭގެ ކޯޅުންގަނޑު ފަޅައިގެން މިދިޔައީ މި ފަހަރުގެ ކައުންސިލު އިންތިހާބުގައި އެމްޑީޕީ އަށް އެ ވަރުގެ ކާމިޔާބީއެއް ލިބުނީ ނަޝީދުގެ ސަބަބުން ކަމަށް ބުނެ އެކަމުގެ ކްރެޑިޓް ނަޝީދަށް، ޕާޓީގައި ތިބި އޭނާގެ ސަޕޯޓަރުން ދެމުންދަނިކޮށެވެ.
ނަޝީދުގެ ހުސްގޮނޑި ޕާޓީން ކުރީ ސަފަށް ނެރެން މަޖުބޫރުވި ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެ ހެއްޔެވެ؟ ކައުންސިލު އިންތިހާބުގައި މި ފެނުނީ ނަަޝީދަށް އޮތް ތާއީދު ހެއްޔެވެ؟
މިއީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ފެނުނު މަންޒަރެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނަށް ތާއީދުކުރާ މީހުން ތުހުމަތުކުރާ ގޮތުގައި، ރައީސް މުއިއްޒަށް ވެރިކަން ލިބުނީ ޔާމީންގެ ފޮޓޯފުޅާއި ހުސްގޮނޑިންނެވެ.
އެހެންވެ، ރިޔާސީ އިންތިހާބުގައި ފެނުނީ ޔާމީނަށް އޮތް ތާއީދުކަމަށް ކަމަށް އެ މީހުން ވެސް އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ދީފައިވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައިތާ މާގިނަ ދުވަސްތަކެއް ނުވެ، ރައީސް މުއިއްޒާއި ޔާމީންގެ މެދުގައި ވެސް ނުތަނަވަސްކަން އުފެދި ޔާމީން ވަނީ ފަހުން އާ ޕާޓީއެއް އުފައްދަވައިފަ އެވެ.
ބުނަނީ އެކަތިގަނޑަކަށްވެ 2028 ނަގާނެ ކަމަށް!
ރޭގައި އުފެދުނު ހޫނުގަނޑުގެ ތެރޭގައި ނަޝީދު ޖަލްސާގައި ބައިވެރިވެވަޑައި ނުގަތް ނަމަވެސް އެމްޑީޕީގެ މެމްބަރުން ދަނީ 2028 އަށް ކޮންމެވެސް އެއްގޮތެއް ހޯދައި ސަރުކާރު ބަލިކުރާނެ ކަމަށް ބުނަމުންނެވެ.
ރޭގެ ހޫނުގަނޑުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ޝާހިދު ވިދާޅުވީ އިންތިހާބު ކާމިޔާބުކުރީ މެމްބަރުން ކުރި ބުރަ މަސައްކަތުން ކަމަށާއި އަދި އާއްމު މެންބަރުން އެދެނީ ޕާޓީ ބައިބައި ނުވެ ކުރިއަށް ދިއުމަށް ކަމަށެވެ. ދެ ރައީސުން ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވުމަކީ މެމްބަރުންނާއި ޕާޓީއަށް ތާއީދުކޮށް ވޯޓުދިން މީހުން ޕާޓީއަށް އިތުބާރުކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެއްފަހަރު ޕާޓީން ބައިބައިވުމުން "ބޮނޑި ބޮވިއްޖެ" ކަމަށެވެ. އެހެންވެ އެކަން ތަކުރާރު ނުކުރުމަށް އިލްތިމާސްކުރެއްވި އެވެ.
"އެއްފަހަރު ބައިބައިވެ ބޮނޑި ބޮވިއްޖެ، ދެން އެ ތަކުރާރު ނުކުރަމާތޯ" މެސެޖް ނިންމަވާލައްވަމުން ޝާހިދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް އިބޫ ވެސް ވާހަކަ ނުދައްކަވަ އެވެ. އެހެންވެ، ނަޝީދަށް ވާހަކަ ދައްކަވަން ފުރުސަތު ނުލިބުމަކީ މައްސަލައެއް ނޫން ކަމަށް މީހުން ބުނެފައިވެ އެވެ. އަދި ރޭގައި ޖަލްސާގައި ފެނިގެންދިޔައީ ކައުންސިލު އިންތިހާބުގައި ކާމިޔާބު ހޯދި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިން މަންޒަރެވެ.
ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލު އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީއަކީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ނަތީޖާ ކަމަށާއި އެ މަސައްކަތުގައި މެމްބަރުން ދެއްކި އާދަޔާ ހިލާފު ގަދަ ހިތްވަރު ކަމަށެވެ.
"އެމްޑީޕީގެ މެންބަރުންގެ އިތުރުން އެތަކެއް އާންމު ރައްޔިތުންނެއް ވެސް ސާބިތުކޮށްދެއްވީ ގާނޫނުއަސާސީގެ ހިމާޔަތުގައި، ޑިމޮކްރަސީގެ ދިފާއުގައި ދިވެހިން ތިބޭނެކަން،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގައި 70 ޕަސެންޓުން މި ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި ގާނޫނުއަސާސީއަށް އިތުރު ބަދަލުތަކެއް ގެނައުމުގެ މެންޑޭޓެއް މި ސަރުކާރުގައި މިހާރު ނެތް ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒަށް ބޮޑުތަނުން ނޫނެކޭ ބުނެ، އެމްޑީޕީއާ ކައުންސިލުތައް ހަވާލުކުރީ އެ ޕާޓީއާ ދޭތެރޭގައި އަދިވެސް އުއްމީދެއް އޮތުމުންނެވެ. ސަރުކާރާ މެދު ވަރަށް ބޮޑަށް ރައްޔިތުން ތިބީ ނުރުހިފައި ކަމަށާއި މިއީ ރައްޔިތުންގެ އިތުބާރު ހޯދަން ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ރައްޔިތުންގެ އުއްމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އެމްޑީޕީއަށް އޮތް ޒިންމާއެއް ކަަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ރައްޔިތުންގެ އުންމީދުތައް ގުޅިފައި އޮތީ އެމްޑީޕީއާ. މިފަހަރު ރައްޔިތުންދިން އުންމީދުގެ ހުޅުކޮޅު ނިވުނަނުދީ ރޯކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޒިންމާއެއް،" އޭނާ ވިދާޅުވި އެވެ.
އެ ހިނގާދިޔަ ކަންކަމާ ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ވިދާޅުވީ ރޭގެ ޖަލްސާގައި އެޖެންޑާގައި ހަމަޖެހިފައި އޮތީ ޕާޓީގެ ރައީސް އާއި ޕާޓީގެ ޗެއާޕާސަން އާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕެއިން ކޮމިޓީގެ މެނޭޖަރާއި ރިފަރަންޑަމް ކޮމިޓީގެ ޗެއާ އިންނަށް ވާހަކަ ދައްކަންދޭ ގޮތަށް ކަމަށެވެ.
ގަފޫރު ވިދާޅުވީ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ފައްޔާޒާއި ނަޝީދު އެދިވަޑައިގަތުމުން އެ ފުރުސަތު ހަމަޖައްސަން މަސައްކަތްކުރި ކަމަށެވެ. އެހެންވެ، މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށް ގަފޫރު ވިދާޅުވީ އުއްމީދުކުރަނީ ޕާޓީ ބަދަހިކޮށް ބޭއްވުމަށް މެމްބަރުންގެ އެއްބާރުލުން ދިނުމަށް ކަމަށެވެ.
"އުންމީދު ކުރަނީ މި ކާމިޔާބީއާ އެކު، ބަދަހިކޮށް މި ޕާޓީ ބޭއްވުމަށް ތިޔަ އެންމެހާ މެންބަރުން އެއްބާރުލުން ދެއްވާނެ ކަމަށް."
އެ ޕާޓީގެ އާންމު މެމްބަރުންގެ ވިސްނުމަކީ ވެސް އެއީ އެވެ. މިހާރު ޖެހިގެން އުޅޭ މައްސަލައަށް ހައްލެއް ހޯދައި ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރާނީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އޮވެގެން ކަމަށް ބުންޏެވެ. އެކަމަކު ކުރީގެ ކޯޅުން ޕާޓީގެ އެތެރެއިން އަދިވެސް ފެންނަން އޮތް އިރު، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެވިދާނެތޯ އެއީ އާއްމު މެމްބަރުން އުފައްދާ ސުވާލެވެ.
އެމްޑީޕީގެ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ބުނީ ރައީސް މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެންނާނީ އިބޫ އާއި ނަޝީދު އެކަތިގަނޑަކަށް ވެގެން ތިބެ ކަމަށެވެ. އެއާ އެކު، އޭނާ ހިއްސާކުރެއްވީ ކެމްޕެއިނު ހިނގާލުމެއްގައި ނަޝީދާއި އިބޫ އަތުގުޅުވާލައްވައިގެން ހުންނެވި ފޮޓޯއެކެވެ.
އެމްޑީޕީގެ ކޯޅުންގަނޑު އަލުން ފެށިފައިވާތީ އެކަމާ ގުޅިގެން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރާ މަލާމާތާއި ފާޑުކިޔުންތަކަށް ރައްދު ދެމުން އެ ޕާޓީއަށް ތާއިދު ކުރާ މީހުން ބުނަނީ މިއަދު އެ ފެންނަ އެމްޑީޕީ އެގޮތަށް އޮތް ސަބަބަކީ ވެސް ޕާޓީގެ އެތެރެ އާއި ބޭރުގެ ހަމަނުޖެހުންތަކާ ގުޅިގެން މަޝްވަރާކޮށް ހައްލު ހޯދައި ލިބުނު ފިލާވަޅުގެ އަލީގައި ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޓިކެޓަށް އެމްޑީޕީގެ އެތެރޭގައި ފޯރިގަދަވެފައިވާތީ ދެބަސްވުން ބޮޑުވެފައިވާއިރު ގިނަ ބަޔަކު ގަބޫލުކުރަނީ އިންތިހާބަށް ނިކުންނަވާނީ ނަޝީދާއި އިބޫ އާއި ޝާހިދު އަދި ކުރީގެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލުގެ ތެރެއިން ބޭފުޅެއް ކަމަށެވެ. އެހެންވެ، އެ ޓިކެޓު ހޯދުމުގައި އޮތް ވާދަވެރިކަމުގެ ތެރޭގައި ހިތްހަމަނުޖެހުންތައް އުފެދުނު ނަމަވެސް އެމީހުން އެޔަށް ވުރެ ގަދަކޮށް ނިކުންނާނެ ކަމަށް ދަނީ ބުނަމުންނެވެ.
އިންތިހާބު ގާތްވެފައިވަނިކޮށް އަމިއްލަ އެދުން އިސްކުރަން އުޅުމުގެ ބަދަލުގައި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީން ލިބުނު ފިލާވަޅުން އިބުރަތް ހޯދައިގެން ނޫން ގޮތަކަށް އެމްޑީޕީއަށް މޮޅެއް ލިބިދާނެތޯ ވެސް ސުވާލު އުފެދެ އެވެ.