ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތަކާއި އެހެން ހަރަކާތްތަކުގައި ވެސް ގާނޫނާ ހިލާފަށް، ސާބިތު ނުހިފޭ ވާހަކަތައް ދައްކަމުންދާތީ، އެގޮތަށް އަމަލުނުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ޕާޓީތަކަށް މިއަދު ނަސޭހަތްތެރިވެއްޖެ އެވެ. 

އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކެއްގެ މައްޗަށް އެއްވެސް ޕާޓީއަކަށް ނުވަތަ ޕާޓީއެއްގެ މެންބަރަކާ ބެހޭ ގޮތުން ފާޑުކިއުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ. ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކާއި ހިންގާ ހަރަކާތްތަކުގައި ސާބިތު ނުހިފޭ ވާހަކަތައް ދަައްކަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށް ވިޔަސް ޒިންމާދާރުކަމާ އެކު ހިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތް ހިންގަން އެ ކޮމިޝަނުން އެދޭ ކަމަށެވެ.

ސާބިތުކޮށްދެވެން ނެތް ތުހުމަތުތައް ނުކުރަން އީސީން ޕާޓީތަކަށް ނަސޭހަތްދީފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްކޮށް ހުންނަވާ ޕީއެންއެފްގެ އިސް ބޭފުޅުންނާއި ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުން ބަހުގެ ހަމަލާތައް ބަދަލުކުރައްވާފައި ވަނިކޮށެވެ.

ޔާމީނާއި ޕީއެންއެފްގެ އިސް ބޭފުޅުން ގެންދަވަނީ އެ ޕާޓީން ބާއްވާ ބައްދަލުވުންތަކުގައި ސިޔާސީ އެކި ބޭފުޅުންނަށް ނިސްބަތްކޮށް ފާޑުކިޔައި، ބޮޑެތި ތުހުމަތުތައް ކުރަމުންނެވެ. 

ޕީއެންއެފްގެ އިސްވެރިން، ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރުންނާ ބެހޭ ގޮތުން ފާޑުކިއުން އަމާޒުކުރުމުން، އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ އަބްދުއްރަހީމާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވަނީ ޔާމީންގެ ވެރިކަމުގައި ހިނގި ބައެއް ކަންކަމާ ގުޅޭ ގޮތުން އެމަނިކުފާނަށް ފާޑުކިއުން އަމާޒުކުރައްވައިފަ އެވެ.