ސަރުކާރުގެ ހިއްސާ އޮންނަ ރިސޯޓުތައް ހަދައި، އެތަންތަނުން ލިބޭ ފައިދާ ރައްޔިތުންނަށް ބަހަން ހާއްސަ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ)" ގެ ނަމުގައި ރައީސް މުއިއްޒު އުފެއްދެވި އެ ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވައި އަދި އެ ދާއިރާއިން ލިބޭ ފައިދާ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިހާ ދިވެހިންނަށް ބަހާނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
އޭގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ގުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، ދައުލަތާއި އަންނަން އޮތް ޖީލުތަކަށް އެންމެ އެދެވޭ ދިގު މުއްދަތުގެ ފައިދާ ލިބޭނެ ފަދަ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމަކީ ވެސް އެ ކުންފުނީގެ އެއް ބޭނުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 10 ރިސޯޓު ހަދައި، އޭގެ ފައިދާ ދިވެހިންނަށް ބަހާނެކަން ރައީސް އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހު ބޭއްވި އެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވެފައިވަނ ރާއްޖޭގައި ޓޫރިޒަމް ސިނާއަތް ރަސްމީކޮށް ފެށިތާ 50 އަހަރު ވީއިރު ވެސް އެކަމުން ދިވެހިންނަށް ސީދާ ގޮތެއްގައި މަންފާ ލިބޭނެ މަގެއް ފަހިވެފައިނުވާ ކަމަށެވެ.
ރާއްޖޭގެ އިގުތިސޯދުގައި އެންމެ މުހިއްމު އެއް ދާއިރާއަކީ ޓޫރިޒަމް ސެކްޓާ ކަމަށް ވާއިރު، އަމިއްލަ ފަރާތްތަކުން ރިސޯޓުތައް ހިންގަމުން ދަނީ ވެސް ގުދުރަތީ އެސެޓުތައް ދިގު މުއްދަތަކަށް ކުއްޔަށް ނަގައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ރިސޯޓު ވިޔަފާރީގެ ފައިދާ ސީދާ ލިބެން ޖެހޭނީ ދިވެހިންނަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކުންފުންޏެއް މެދުވެރިކޮށް ތިން އަހަރުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ތަރައްގީކޮށް، އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް ހަމަހަމަކަމާ އެކު، އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނަން." އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ އެ ކުންފުނިން ތިމާވެއްޓާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަގުވާމީ ފެންވަރުގެ ރިސޯޓުތަކާއި ޓޫރިޒަމާ ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްގީކޮށް ހިންގުމާއި ދިވެހިންނަށް ވަޒީފާ އަދި ފަންނީ ތަމްރީނުތައް ފަހިކޮށްދޭނެ ކަމަށެވެ.
އޭގެ އިތުރުން ބޭރު ފައިސާގެ އާމްދަނީ އިތުރުކުރަން ރާއްޖެ އާއި ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ރާއްޖޭގައި ހަރުދަނާ އަދި ވާދަވެރި ޓޫރިޒަމް ވިޔަފާރީގެ ވެއްޓެއް ބިނާކުރުމަކީ ވެސް އެއް ބޭނުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.