އިސްލާހު ވާނެ، ގޭންގު ކުދިންގެ އަތުގައި ހިފައިދޭނީ ކާކު؟

މާލޭގައި 20-30 ގޭންގު އެބަ އޮތް. އެއިން ކޮންމެ ގޭންގެއްގައި 50-400 މެންބަރުން. ގޭންގުތަކުގެ މެމްބަރުންގެ ގޮތުގައި ގާތްގަނޑަކަށް 12،000 މީހުންނާއި ކުދިން. ގޭންގު ކުދިން ތިބީ އިސްލާހުވާން އެދިގެން. ބޭނުންވަނީ ހަރުދަނާ ގޮތެއްގައި ހިންގާ އިސްލާހީ ޕްރޮގްރާމެއް.

ހިއްޕީންގެ ފަރާތުން 1976 ގައި ރާއްޖެ އަށް ކެނަބިސް ތައާރަފް ވިޔަސް، ގުރޫޕް ހަދައިގެން މަސްތުވާތަކެތި ބޭނުން ކުރުމަކީ އޭރު ދިވެހިން ދަންނަ ކަމެއް ނޫނެވެ. ނަމަވެސް، 1990ގެ ކުރީކޮޅުގެ އަހަރުތަކުގައި ރާއްޖެ އަށް ހެރޮއިން ތައާރަފްވުމާ އެކު، ގުރޫޕް ހަދައިގެން މަސްތުވާތަކެތި ބޭނުންކުރަން ފެށި ހިސާބުން ގޭންގުތަކުގެ ބިންގާ އެޅުނެވެ.


މިހާރު މި ކުޑަކުޑަ މާލޭގައި 20-30 ގޭންގު އެބަ އޮތޭ ބުނީމާ ގަބޫލުކުރާކަށް އުނދަގުލެއް ނޫނެވެ. އެއިން ކޮންމެ ގޭންގެއްގައި އާންމު ގޮތެއްގައި 50-400 އާ ދެމެދުގެ އަދަދަކަށް މެންބަރުން އުޅެޔޭ ބުނީމާ ގަބޫލުކުރަން ދަތިވެދާނެ އެވެ. ގޭންގުތަކުގެ މެމްބަރުންގެ ގޮތުގައި ގާތްގަނޑަކަށް 12،000 މީހުންނާއި ކުދިން، މި މާލޭގައި އުޅޭ ކަމަށް ލަފާކުރެވެ އެވެ.

ދި އޭޝިއާ ފައުންޑޭޝަނުން 2012 ގައި، "ރެޕިޑް ސިޓުއޭޝަން އެސެސްމެންޓް އޮފް ގޭންގްސް އިން މާލެ"ގެ ނަމުގައި ހެދި ދިރާސާ އަށް މައުލޫމާތު ދިން ގޭންގު މެމްބަރަކު، ގޭންގުތަކާ ކުދިން ގުޅޭ ގޮތްތައް ކިޔައިދެމުން ބުނެފައިވެ އެވެ؛ "މިސާލަކަށް ބައްޕައަކު މީހެއްގެ ގަޔަށް ވަޅި ހަރައިފިއްޔާ، އޭނާގެ ކުދިން އުޅެން ޖެހޭނީ ވަރަށް ސަމާލުވެގެން. އެއީ ބައްޕަ އެ ކުރި ކަންތަކުގެ ބަދަލު ހިފުމުގެ ގޮތުން ކޮންމެވެސް މީހަކު އެ ކުދިންނަށް ގޯނާއެއް ކޮށްފާނެތީ... މިއީ އޭގެ ނިމުމެއް އެނގެން ނެތް ވަށް ބުރެއް... ދެން އެކުދިންނަށް މި އޮންނަނީ އެ ކުދިންގެ އަމިއްލަ ހިމާޔަތަށްޓަކައި ގޭންގަކާ ގުޅެން މަޖުބޫރުވެފައި."

އެހެން ގޭންގެއްގެ މެމްބަރަކު އެ ދިރާސާގައި ބުނެފައިވާ ގޮތުގައި "ޒުވާން އެހެން ޖީލެއް (15،14 އަހަރަށް ވުރެ ހަގު) މިހާރު އޮތީ ގޭންގުތަކާ ގުޅެން ތައްޔާރުވެފަ" އެވެ.

އެއީ 2012 ގައި ގޭންގުތަކުގެ ކުދިންނަށް މި މަންޒަރު ފެންނަމުން ދިޔަ ގޮތެވެ. އޭގެ ހަތަރު އަހަރު ފަހުން މިދިޔަ ހުކުރު ދުވަހު މާލޭގައި ހިންގި ގޭންގު މާރާމާރީގައި މަރުވީ ވެސް 14 އަހަރުގެ ދެ ކުދިންނެވެ. އެއީ ވެސް، ފުލުހުން ބުނާ ގޮތުގައި، އެ ދުވަހުގެ މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ދެ ކުދިންނެވެ.

އެކަމަކު މިއަދު އެ ގޭންގުތަކުގެ ވާހަކަ ދައްކަން ތިބެވޭކަށް ނެތެވެ. މިއަދު ދައްކަންވީ އެ ގޭންގުތަކުގައި އުޅޭ އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފާ ކުދިންގެ ވާހަކަ އެވެ. ކުރިން ދެންނެވި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. އާއިޝަތު އަލީ ނާޒް ވިދާޅުވި ގޮތުގައި އެ ކުދިންނަށް އެރިފައި ތިބީ، މިސްރާބެއް ނެތި ދަތުރުކުރަމުން ދާ އޮޑިއަކަށެވެ. އެއީ ކުށުގެ ވެއްޓެވެ.

އޭޝިއާ ފައުންޑޭޝަނުން ތައްޔާރުކުރި ދިރާސާގެ ހޯދުންތައް، އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން އަށާއި ނޭޝަނަލް ޑްރަގް ކައުންސިލަށް ހުށަހަޅަނީ.

"އެމީހުން އެ އޮޑީގެ ތެރޭގައި ތިއްބައި އަޅުގަނޑުމެން އެބަ ޖެހޭ އާ ގޮތްތަކެއް، އާ އުޅުންތަކެއް ދަސްކޮށްދޭން. އާ މަގެއް އެބަ އޮތް ކަން، ހިކިފަސް ބިން އޮންނާނެކަން، އެ ބިމުގައި އުޅެވިދާނެ ކަން، ބުނެދީ އެ އުންމީދު ވެސް ދޭން އެބަ ޖެހޭ. އެހެން ނޫނީ އެ އޮޑީގައި އެމީހުން ތިބެ، އެމީހުން ގެނބިގެން ދާނީ އެހެން މީހުން ގަންބަމުން. އެ ކުދިންނަށް ސަލާމަތުގެ އައްސޭރި އެބަ އޮތް ކަމާއި އެހެން ގޮތަކަށް ދެވިދާނެ ކަން، އޭގެ ތެރެއަށް ނުގެނބި ތިބި މީހުން ބުނެދީ ދަސްކޮށްދީގެން ނޫނީ އެކުދިން ސަލާމަތެއް ނުވާނެ،" ނާޒް ވިދާޅުވި އެވެ.

ގޭންގުތަކާ ގުޅޭ ސަބަބުތައް

1- ގޭންގު މެމްބަރުންގެ ފަރާތުން ލިބޭ އެކުވެރިކަމާއި ރަހްމަތްތެރިކަން 2- ރައްކާތެރިކަން ބޭނުންވުން 3- ހައިސިއްޔަތު މަތިކުރަން ބޭނުންވުން (އަގު ބޮޑު ސައިކަލް، ފޯން ފަދަ އެއްޗެހީގެ ޒަރީއާއިން) 4- ވަޒީފާ ނެތުމާއި އެކަށީގެންވާ މުސާރައެއް ނުލިބުން 5- މަސްތުވާތަކެތި ބޭނުންކުރުން 6- ސްކޫލް ދައުރުގައި ބުލީގެ ޝިކާރައަކަށް ވުން 7- އާއިލާ ރޫޅުމާއި ގެވެށި އަނިޔާ ފަދަ އާއިލީ އަދި އިޖްތިމާއީ މައްސަލަތައް

މި އިން ސަބަބަކާ ހުރެ ގޭންގަކާ ގުޅޭ ހިސާބުން، އެ ކުއްޖެއްގެ އަމިއްލަ އިޚްތިޔާރު ގެއްލި، ގޭންގުގެ މަގްސަދުތައް ހާސިލުކުރުމަށް ބޮޑެތި ޖަރީމާތަކަށް އަރައިގަންނަން ފަށަ އެވެ.

ގޭންގުތަކުން އަނިޔާވެރި އަމަލްތައް ހިންގާ މައުގަނޑު ސަބަބުތައް

1- ދެ ގޭންގެއްގެ މެދުގައި އުފެދޭ ދެބަސްވުމެއް ނުވަތަ ޒުވާބެއްގެ ބަދަލުހިފުމަށް 2- މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކުމަށް ފަހު އަގު ނުލިބުން 3- ސިޔާސީ މީހުން/ވިޔަފާރިވެރިން ފައިސާ ދީގެން އަނިޔާވެރި އަމަލުތައް ހިންގުވުން 4- ކުޅިވަރުގެ ވާދަވެރިކަމުގެ ތެރެއިން އުފެދޭ ހަމަނުޖެހުން. 5- މޮބައިލް ފޯނު، ސައިކަލް އަދި ފައިސާ ފަދަ، އަގުބޮޑު މުދަލާ މެދު އުފެދޭ ވާދަވެރިކަން 6- ގޭންގުގެ އަމިއްލަ ރައްކާތެރިކަން ދެމެހެއްޓުން 7- އެންމެ ބާރުގަދަ އެންމެ ނުރައްކާތެރި މީހުންކަން ދައްކަން ބޭނުންވުން.

މިއިން ކޮންމެ ސަބަބަކާ ހުރެ ވިޔަސް، ބޮޑު ޖަރީމާއެއް ހިންގައިފި ނަމަ އެ މީހެއްގެ ޒަމީރު ބަލިކަށިވެ އެވެ. އެހެން މީހުންގެ ކުރިމަތީގައި ކިތަންމެ މަތިހަށި ނަގާފައި ގައްޑާވެގެން އުޅުނެއް ކަމަކު، އެހެން މީހުންނާ އެކަހެރިވެ ހަމަބުއްދި ޖެހޭ ވަގުތުތަކުގައި، ތިމާ ކުރި ނުބައި ކަންތައް ހަނދާންވެ އަމިއްލަ ނަފްސާ މެދު ހިތާމަކުރުމަކީ، ގޭންގުތަކުގެ އެންމެންނަށް ވެސް މެދުވެރިވާ ކަމެކެވެ. އެހެންކަމުން އެ ކުދިން ތިބީ، އެ ކުދިންގެ އަތުގައި ހިފައިގެން ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭނެ ހަރުދަނާ ބަޔަކަށް އެދިއެދި ކަމަށް ނާޒް ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި މާރާމާރީގައި ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހެރުމުން ފޭބި ލޭތައް މަގުމަތީގައި: ގޭންގުތަކުގެ ކުދިންނަށް ރަނގަޅު މަގު ދައްކާނެ ހަރުދަނާ މަޝްރޫއަކަށް ބޭނުންވޭ. -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

"އަޅުގަނޑަށް އެނގޭ ގޮތުގައި އެ ކުދިން ވެސް ބޭނުންވޭ މީގެ ތެރެއިން ނުކުންނަން. އެ ކުދިން ވެސް ބޭނުން އެހެން ގޮތެއް. އެ ކުދިން ބޭނުމެއް ނޫނޭ އެ މީހުންގެ ދަރިން، އެމީހުންގެ ކޮއްކޮމެން މިއަށް ވަންނާކަށެއް،" ގޭންގުތަކުގެ 72 ކުއްޖަކު ބައިވެރިކޮށްގެން 2012 އިން 2013 އަށް ހިންގި އެއް އަހަރުގެ ޕައިލެޓް ޕްރޮޖެކްޓުގެ ތަޖުރިބާ ހިއްސާކުރައްވަމުން ނާޒް ވިދާޅުވި އެވެ.

"އެ މީހުންނަށް އެބަ ބުނޭ ތިމަންނަމެއް މީހުންނާ ނީންނާނަމޭ މި ކަހަލަ ކުދިން އުފައްދާކަށް. ތިމަންނަމެން މީހުންނާ އިނިއްޔާ އިންނާނީ، ތިމަންނަމެން ދިޔަ މަގުން ދިޔަނުދީ އެ ކުދިން ބަލާނެ ރަނގަޅު އަންހެނުންނާއޭ. އެ ކުދިން ފަޚުރުވެރިވާ ކަމެއް ނޫނޭ، މި ގޮތަށް ގޭންގު ހަދައިގެން އުޅުމަކީ. އެމީހުން ގަޓުގައި ފެނުނަސް އެމީހުންގެ މި އޮންނަނީ ވެސް ހަމަ ކަފަކޮޅެއް ކަހަލަ ހިތެއް. އެކަމަކު ނަފްސު ދިފާއުކުރުމަށްޓަކައި މާ ގަޓު ބަޔަކަށް ވެގެން އުޅެނީ. އެ ނަފްސު ސަލާމަތްކުރަން ވަޅި ހިފައިގެން މި ދުވަނީ. އެކަމަކު އެމީހުންނަށް ވެސް ގޮތެއް ފެނިއްޖެއްޔާ އެ މީހުން ވެސް ރަނގަޅުވާނެ. އަދިވެސް އެ ކުދިން އިސްލާހު ކުރެވިދާނެ."

އެ ޕްރޮގްރާމްގެ ބައިވެރިވިން އަގީދާ ރަނގަޅުކޮށް ތައުބާވެ ދީންވެރި ދިރިއުޅުމަކަށް ބޭނުންވެ އެވެ. މަސައްކަތުގެ ހުނަރު ދަސްކުރަން ވެސް ބޭނުންވި އެވެ. އެ ޕްރޮގްރާމްގެ 50 ޕަސެންޓް ކުދިން އިސްލާހުވެފައިވާ އިރު، ވަރަށް މަދު ކުއްޖަކު ނޫނީ އެނބުރި ކުށުގެ ވެއްޓަށް ގޮސްފައެއް ނުވެ އެވެ.

އަނިޔާވެރި އަމަލުތަކާއި ބޮޑެތި ޖަރީމާތައް ހިންގުމުގައި ގޭންގުތައް ކިތަންމެ ނުރައްކާތެރި ކަމަށް ވިޔަސް، ކޮންމެ ގޭންގެއްގެ މެމްބަރުން ވެސް މަސައްކަތް ކުރަނީ އެ ގޭންގެއްގެ މެމްބަރުންނަކީ އެއް އާއިލާއެއް ކަމަށް ދެކިގެންނެވެ. އެ މީހުން ގޭންގުގެ ތެރެއިން ހާސިލުކޮށް ހޯދަނީ އާއިލާގެ ތެރެއިން އެމީހުންނަށް ނުލިބުނު އެކުވެރިކަމާއި އަޅައިލުމާއި އާއިލީ ގުޅުމެވެ.

"އެއިން މީހަކު ޖަލަށް ލިޔަސް، ދެން ތިބި މީހުން އެމީހުންގެ ދިފާއުގައި ވާހަކަ ދައްކާނެ، އެމީހުންނަށް ވަކީލުން ހޯދައިދޭނެ، އެމީހުންނަށް އެހީތެރިވާނެ، އެމީހުން ޚަރަދުކުރަން ޖެހޭ މީހަކު ހުރިއްޔާ ޚަރަދު ކޮށްދޭނެ. މި ހުރިހާ ކަމެއް މިމީހުން ކުރޭ،" ނާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން (އަޅާނުލައި) މިހެން ތިބެންވާނެތޯއޭ ސުވާލަކީ؟ އަޅުގަނޑުމެން އެންމެންގެ ޒިންމާ މީގައި އެބަ އޮތެއް ނޫންތޯ؟ ކޮންމެ ފަދަ ހާލަތެއް ދިމާވިޔަސް، އެމީހުންނަށް އެނގޭ އެމީހުންގެ ގޭންގު ރަހްމަތްތެރިން އެމީހުންނާ އެކު ތިބޭނެކަން. އެމީހުންގެ ދިފާއުގައި އެމީހުން ފުރާނަ ވެސް ދުއްވާލާނެ ކަން އެމީހުންނަށް އެނގޭ. އެހެންވީމާ އެމީހުން ބުނަނީ ތިމަންމެންގެ އާއިލާ އަށް ވުރެ ވެސް ގޭންގުތައް މާ ރަނގަޅޭ."

ނާޒް ވިދާޅުވި ގޮތުގައި މީގެ ހަތަރު އަހަރު ކުރިން ދިރާސާކުރެއްވި އިރު، ގޭންގުތަކުގެ ހަރަކާތްތައް ހުރި ގޮތާއި މިހާރުގެ ހާލަތަށް ބަލާއިރު، ގޭންގު ހަރަކާތްތައް ދަށަށް ގޮސްފައި ނުވަނީ، އެ ދިރާސާ އިން ހާމަވި ކަންކަން ހައްލުކުރަން އެންމެ އެކަށޭނަ ގޮތުގައި ފިޔަވަޅު އެޅިފައި ނެތީމަ އެވެ.

"ދިރާސާގައި އަޅުގަނޑުމެން ހުށަހެޅި ބައެއް ފިޔަވަޅުތައް ސަރުކާރުން އެޅުއްވި. ޕޮލިސް ރިޕޯޓްތައް ނައްތާލެއްވި ނޫންތޯ؟ އަލުން އަނބުރައި މުޖްތަމައަށް ގެނައުމަށްޓަކައި ޖަލުގައި ހިންގާނެ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ތައްޔާރުކުރެއްވި. އެ ވެސް މިހާރު އެ ދަނީ ކުރިއަށް. ޖަލުގެ ގައިދީން އޯލެވެލް ހެދުމާއި އެކި ހުނަރުތައް ދަސްކުރުން ވެސް އެބަ ހިނގަމުންދޭ މިހާރު،" ނާޒު ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން އެދުނިން، ޖަރީމާތައް ހިންގުމުގައި ކުޑަކުދިން ބޭނުންކުރާ މީހުންނަށް މިހާރަށް ވުރެ ހަރުކަށި އަދަބުތަކެއް ދިނުމަށް. އިސްލާމް ދީނުގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ތައުލީމީ ނިޒާމެއް ގާއިމުކުރުމަށް ވެސް އެދުނިން. ބުލީކުރުމާ ދެކޮޅު ނިޒާމެއް ގާއިމުކުރަން ވެސް ހުށަހެޅިން. ނެތް މި ކަންތައް ވެފައެއް. ވަޒީފާގެ ފުރުސަތު ތަނަވަސްވުމާއި، އެކަށީގެންވާ ރަނގަޅު މުސާރަ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ވެސް ހިމެނޭ. މި ކަންތަކެއް ވެސް އަދި ފުރިހަމައެއް ނުވޭ."

އޭނާ ވިދާޅުވީ ކޮންމެ ޕާޓީއަކުން ވެރިކަން ކުރިޔަސް ސަރުކާރަށް އެކަނި މިކަން ހައްލު ނުކުރެވޭނެ ކަމަށާއި މުޖްތަމައުގެ ހުރިހާ ފަށަލަތަކެއް އެކުގައި މަސައްކަތް ކޮށްގެން ނޫނީ މި ކަމަށް ހައްލެއް ނެތް ކަމަށެވެ.

އެހެންކަމުން، ގޭންގު ކުދިންނަކީ "ބަސްނާހާ ކުދިން"ނޭ ބުނެ އެކުދިން އެއްފަރާތް ކުރުމުގެ ބަދަލުގައި އެ ކުދިންނަށް ރަނގަޅު މަގު ދައްކާނެ ހަރުދަނާ މަޝްރޫއެއް ފަށަން ޖެހެ އެވެ. އެކަމަށް ބޭނުންވަނީ ސިޔާސީ އެއްވެސް އެޖެންޑާއެއް ނެތި ގައުމުގެ ހައްގުގައި ހިންގާ މަޝްރޫއެކެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ