"މި ގަސްތައް ހިމާޔަތްކުރާނެ މީހަކު ނެތް. މި ގޮނޑުދޮށް ހިމާޔަތްކުރާނެ މީހަކު ނެތް."
ހައްވާ އަބްދުއްރަހުމާން: މީގެ ތިރީހަކަށް އަހަރު ކުރިން އޭނާ އިންދި މަދުގަސް ވެއްޓިފައި އޮތްއިރު، އެ ގަސް ކައިރީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
19 މެއި 2025 - 09:18
ހައްވާ އަބްދުއްރަހުމާން އަހަރެންނާ ކުރީ އެންމެ ސުވާލެކެވެ. އިންޓަވިއުއެއް ދިނީމާ މި ތަނުގައި އޮތް ރީތި ގޮނޑުދޮށް އަނބުރާ ލިބޭނެ ހެއްޔެވެ؟
އެ އަށް ދޭނެ ސީދާ ވަކިޖަވާބެއް ނޭނގުނަސް ޔަގީންވާ ކަމަކީ މި ވާހަކަ މިހާރު ނުދައްކައިފި ނަމަ މާ ބޮޑު ބިރަކާ ފަހުން ކުރިމަތިލާން ޖެހިދާނެ ކަމެވެ. މިހާރު ވެސް މާ ލަސްވެއްޖެ ކަމެވެ.
އެއީ މީގެ ތިރީހަކަށް އަހަރު ކުރި އެވެ. ހައްވަގެ ދެމަފިރިން، ކުދިންނާ އެކު ވިލިމާލެއަށް ބަދަލުވީ އޭރުގެ ނަމުން ނަަމަ ވިލިނގިލީގައި ހިންގި ރިސޯޓު ބަންދުކޮށް، ސަރުކާރުން މި ރަށުގައި މީހުން އާބާދުކުރަން ފެށި ތަނާ އެވެ. އޭރު އެ ރަށަށް ބަދަލުވި ފުރަތަމަ އާއިލާތަކުގެ ތެރޭގައި އެ ދެމަފިރިން ހިމެނެ އެވެ.
ހައްވަގެ އާއިލާ އަށް ގޯތި ލިބުނީ ވިލިމާލޭގެ ހުޅަނގު ފަރާތުގެ ހޭޅިފަށް ކައިރިންނެވެ. އޭރު އެ ތަނުގައި އޮތީ ބޯކެޔޮ ފީންޏެކެވެ. އެ ތަން ހުސްކޮށް އެ މީހުން ގެ އެޅި އެވެ. ހޭޅިފަށުގައި ހެދިފައި ހުރީ މަގޫގަހާއި ރުކެވެ. އޭގެ ބޭރުން އޮތީ ރީތި، ދޮންވެލި ގޮނޑުދޮށެކެވެ. ގެ އަޅަން އެ ހިސާބުގައި ހުރި ބައެއް ގަސްތައް ނެގުމާ އެކު، އެ ތަނުގެ ފަޅުކަން ފިލުވައި، ކުދިންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމުގެ ނިޔަތުގައި، ހޭޅިފަށުގައި ހުރި މަގޫގަސްތަކުގެ ތެރޭގައި މަދުގަހެއް އިންދި އެވެ.
ވެއްޓުނު މަދުގަސް ހުރި ސަރަހައްދު ކުރިން އޮތްގޮތް: އެ ގަހުގެ ތިރީގައި ބަހައްޓާފައި ހުރި ޖޯއްޔެއް.
އެ ގަސް ބޮޑުވެ، ފުރިހަމަވުމުން، އެ ބިޔަ ގަހުގެ ހިޔަލުން އެ ދެމަފިރިންގެ ކުދިންނާއި ހިސާބުގަނޑުގެ އެހެން ކުދިން އުފާ ހޯދި އެވެ؛ ފަތިހުގެ ފިނީގެ ހިތްހަމަޖެހުން ހޯދުމަށާއި މެންދުރުގެ ގަދަ އަވިން ސަލާމަތްވުމަށެވެ. އަދި ހަވީރުގެ ހިތްފަސޭހަކަމުގެ ތެރޭގައި އާއިލާ އާއި ރަށްޓެހިންނާ އެކު ހޭދަކުރި އުފާވެރި އެތައް ވަގުތެއްގެ ހަނދާންތައް ވަނީ މިތަނާ ގުޅިފަ އެވެ.
އޭގެ އަހަރުތަކެއް ފަހުން މިއީ މިއަދެވެ. ކަނޑުން އެރި ބިޔަ ރާޅުތަކާ އެކު، އޮއިވަރުގެ ތެރެއަށް އެ ހުރިހާ ހަނދާނެއް ދަމައިގަނެފި އެވެ. މި ތަނުގައި އޮތް ރީތި ދޮންވެލިގަނޑު، މަޑުމަޑުން، އެއްކޮށް ގިރާލައިފި އެވެ. ރާޅުތައް އެއްގަމާ ހަމައަށް ފޯރައި، އެ ދެމަފިރިން އެހާ ލޯބިން އިންދި މަދުގަސް ވެސް މުލުން ލުހެލައިފި އެވެ.
ބިޔަކޮށް ހެދިފައި ހުރި އެ ގަސް ވެއްޓުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އައި ކޮޅިގަނޑުގަ އެވެ. ގޮނޑުދޮށް ގިރަމުން ގޮސް ގަހުގެ ބުޑުގައި އޮތް ވެލިގަނޑުން ބައެއް ވެސް އޭރު އޮތީ ދަމައިގަނެފަ އެވެ.
ވިލިމާލެ ހުޅަނގު ފަރާތުން ރަށްގިރައިފައި: ރަށްގިރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ބޮޑެތި ގަސްތައް ދަނީ ވެރެމުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހައްވަގެ މޫނުމަތިން ފެނުނީ ހިތާމަ އެވެ. އެ އުފާވެރި ހަނދާންތަކާ ގުޅިފައިވާ މާހައުލު ނެތިގެން ދިއުމުންނެވެ. އެ އަށް ވުރެ ވެސް ބޮޑަށް އޭނާގެ ހިތުގައި އޮތް ބިރެއްގެ ސަބަބުންނެވެ. މިހާރު އެ ދިމާލުން އަންނަ ރާޅުތައް އެއްގަމަށް ފޯރައި، މިކަން ހައްލު ނުވެ އުޅެނިކޮށް، ދެން ނަގާ ރާޅު ގެއާ ހަމައަށް ފޯރަފާނެތީ އޭނާ ވަރަށް ބިރުގަނެ އެވެ.
ދިޔަވަރު ބޮޑުވާ ދުވަސްވަރު މިހާރު ވެސް މި ދިމާލުން އުދަ އަރަ އެވެ. ކުރިން މި ގޮނޑުދޮށް އޮތުމާ އެކު، ކޮންމެ ވެސް ވަރެއްގެ ހިމާޔާތެއް ލިބުނެވެ. އެކަމަކު، މިހާރު މި ގޮނޑުދޮށް އެއްކޮށް ގިރާލައިފައި އޮތުމުން އެއްވެސް ރައްކާތެރިކަމެއް ނެތެވެ.
"މި ގަސްތައް ހިމާޔަތްކުރާނެ މީހަކު ނެތް. މި ގޮނޑުދޮށް ހިމާޔަތްކުރާނެ މީހަކު ނެތް،" ވެއްޓިފައި އޮތް ގަސް ކައިރީގައި ހުއްޓި ހުރެ ހައްވަ އޭނާގެ އުދާސްތައް ހިއްސާކުރަމުން ބުންޏެވެ.
"އަޅުގަނޑުމެން އާއިލާގެ ކުދިންގެ ޕާޓިއެއް، ސަޔެއް ވިޔަސް ބޭއްވީ މި ގޮނޑުދޮށުގައި. މި ތަނުގައި ގޮނޑިތައް ޖަހައިގެން، އިތުރު އެއްވެސް ތަނަކަށް ނުދަން. މި މަދުގަހުގެ ހިޔަލުގައި."
މިހާރު ވަރަށް ބޮޑަށް ގިރާލާފައި އޮތް ވިލިމާލޭގެ ހުޅަނގު ފަރާތު ގޮނޑުދޮށުގެ ކުރީގެ ބައެެއް އުފާވެރި ހަނދާންތައް.
ވިލިމާލޭގެ އެކި ދިމާލުން ދަނީ ވަރަށް ބޮޑަށް ރަށްގިރަމުންނެވެ. މިހާރު އެންމެ ބޮޑަށް ގިރާފައި އޮތީ ހައްވަގެ ގެ ހުންނަ މި ރަށުގެ ހުޅަނގު ފަރާތެވެ. މި ސަރަހައްދު ވަރަށް ބޮޑަށް ގިރާލައި، ރާޅުތައް މިހާރު ބޭރު މަގުގެ ޕޭވްމަންޓާ ހަމައަށް ފޯރައިފަ އެވެ. ޕޭވްމަންޓުން ބައެއް ވެސް ރާޅާ އެކު ހިނގައްޖެ އެވެ. ގޮނޑުދޮށް ގިރުމުގެ ސަބަބުން، އެ މަދުގަހުގެ އިތުރުން މި ތަނުގައި ބިޔަކޮށް ހެދިފައި ހުރި އިތުރު އެހެން ގަސްތަކާއި ރުއްތައް ވެސް ވެރިއްޖެ އެވެ.
ހައްވަ ބުނި ގޮތުގައި، ބައެއް ދުވަސްވަރު މި ގޮނޑުދޮށުގައި އޮންނަ ފަސްގަނޑުން ބައެއް ގިރައިގެން ދިޔަސް، މޫސުން ބަދަލުވާއިރަށް އަލުން ވެލިގަނޑު އަރަ އެވެ. އެކަމަކު، މި ފަހަރު ދެ މޫސުން ނިމިގެން މި ދިޔައީ މިތަނަށް ވެލި ނާރަ އެވެ.
"މި ގަހަކީ އެތައް ބައެއްގެ ރިޒުގެއް، އެތައް ބަޔަކު މި ގަހުން ނޫނަސް މިތަނުގައި ހުރި އެހެން ގަސްތަކުން މަދު ހޮވައިގެން، މަދު ފަޅައިގެން އެ ކައި، ވިއްކާ ހެދި. ކިތައް ބައެއްގެ ރިޒުގު އެ ގެއްލުނީ. ކިތައް ބައެއްގެ ހިޔާ. ކިތައް މީހުން ހިތްހަމަޖައްސާލަން ތިބޭ ތަނެއް މިއީ. މިހާރު މިތަނަކު ނެތް ހިޔާ ލިބޭނެ އެންމެ ގަހެއް ވެސް،" އޭނާ ބުންޏެވެ.
"އަޅުގަނޑު ވެސް އަޅުގަނޑުގެ ކުދިންނާ އެކީގައި ގަދަ އަވީގައި ނޫޅެވޭނެތީ ޖެހި ގަހެއް މިއީ."
މިހާރު ވަރަށް ބޮޑަށް ގިރާލާފައި އޮތް ވިލިމާލޭގެ ހުޅަނގު ފަރާތު ގޮނޑުދޮށް ކުރިން އޮތްގޮތް.
މި ސަރަހައްދު ގިރާތީ، މި މައްސަލައަށް ހައްލެއް ހޯދަން މި ހިސާބުގައި ދިރިއުޅޭ މީހުން ކަމާބެހޭ އިދާރާތަކަށް އެތައް ފަހަރަކު ރިޕޯޓު ކޮށްގެން އަދިވެސް ހައްލެއް ނުލިބޭ ކަމަށް އެ މީހުން ބުނެ އެވެ.
ވިލިމާލެއަށް ރަށްގިރުމުގެ މައްސަލަ ދިމާވެގެން މި އުޅެނީ އަލަކަށް ނޫނެވެ. މީގެ ކުރިން ވެސް، މި ރަށުގެ ގޮނޑުދޮށްތަކުގައި ހިންގި ބައެއް ޕްރޮޖެކްޓުތަކުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ ދިމާވެފައި އެބަހުއްޓެވެ. ވިލިމާލެ އުތުރު ފަރާތުގައި ރިވެޓްމަންޓުގައި ޖަހައި، ބަނދަރު ހެދުމުން އެ މައްސަލަ ވަރަށް ބޮޑަށް ދިމާވި އެވެ.
މޫސުމީ ބަދަލުތަކާ ގުޅިގެން މޫދުގެ ލޮނުގަނޑު އުފުލުމާއި ފަރުތައް ހަލާކުވުމާއި ގޮނޑުދޮށްތަކުން ވެލިނެގުމާއި އަދި ގޮނޑުދޮށްތަކުގައި ހިންގާ "ތަރައްގީގެ" އެކި ޕްރޮޖެކްޓުތަކަކީ ރަށްގިރުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ.
ވިލިމާލެ ހުޅަނގު ފަރާތުން ރަށްގިރައިފައި: ރަށްގިރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގަހެއް ވެއްޓިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އެންވަޔަރަމެންޓަލް ކޮންސަލްޓަންޓް އަހްމަދު ފިޒާލް ވިދާޅުވީ ވިލިމާލެ މިހާރު މާ ބޮޑަށް ގިރުމާއި އެ ރަށުގައި މިހާރު ހިންގަމުން އަންނަ ތިލަމާލެ ބްރިޖު ޕްރޮޖެކްޓުގެ މަސައްކަތާ ވެސް ގުޅުން އޮވެދާނެ ކަމަށެވެ. ގޮނޑުދޮށްތަކުގައި ހިންގާ އުމްރާނީ ތަރައްގީގެ ކޮންމެ ޕްރޮޖެކްޓަކުން ވެސް ވެއްޓަށް އޭގެ އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލޭގެ ހުޅަނގު ފަރާތުން ބައެއް ހިއްކައި، އެ ތަނުގައި ވަރަށް ފުނަށް ބައިވަރު ކޮންކްރީޓް ތަނބުތައް ޖަހާފައިވެ އެވެ.
"ހާއްސަކޮށް ކޯސްޓަލް ޑިވެލޮޕްމަންޓުގެ ކޮންމެ ކަމެއްގައި ވެސް، ކޯސްޓަލް ޒޯނުން ބޭރަށް އިންފްރާސްޓްރަކްޗާއެއް އިތުރު ކުރަންޏާ، އެތަން ވަށައިގެން އޮންނަ ވެލިގަނޑަށް ވަރަށް ބޮޑަށް އަސަރުކުރޭ،" އޭނާ ވިދާޅުވި އެވެ.
ވިލިމާލެ ހުޅަނގު ފަރާތުން ރަށްގިރައިފައި: ރަށްގިރުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ބޮޑެތި ގަސްތައް ދަނީ ވެރެމުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ވިލިމާލޭގައި 10 އަހަރު ވަންދެން ދިރިއުޅުނު ފިޒާލް ވިދާޅުވީ އެކި ޕްރޮޖެކްޓުތައް ހިންގުމަށް މާލެ އާއި ވިލިމާލޭގެ ގޮނޑުދޮށްތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ދެން އަންނާނެ ބަދަލަކީ ނުވަތަ ކުރާނެ އަސަރަކީ ކޮބައިކަން ވެސް ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.
"މިސާލަކަށް ރީތިކޮށް ވައްކޮށް އޮތް ރަށެއްގައި ހަމައެކަނި ބަނދަރެއް ހަދަންޏާ އެބަ އެނގޭ، އިރުވައި މޫސުމުގައި ވެލިގަނޑު ދެމޭނީ ވަކި ދިމާލަކަށް ކަން، އެހެން ވެއްޖިއްޔާ ބަނދަރު އެ ތަނުގައި އެޅީމަ، ދެން އެ ދިމާލަށް ވެލިގަނޑު ދެމޭއިރުގައި ކުރިން އައި ވަރަކަށް ވެލިގަނޑެއް ނާންނާނެކަން. ނޫނީ އަނެއްކާ ހުޅަނގު މޫސުމުގައި އެ ތަނަށް މާ ބޮޑަށް ވޮޑޭނެކަން،" އެކަމަކު ވިލިމާލޭގެ ހާލަތު މިހާރު އެގޮތަށް ދެނެގަންނަން ނޭނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޒާލް ވިދާޅުވިގޮތުގައި، ބްރިޖު ޕްރޮޖެކްޓާ އެކު، ވިލިމާލޭގެ އެ ދިމާލުން ވެލިގަނޑު ދެމޭ ގޮތަށާއި އޮއިވަރު ދައުރުވާ ގޮތަށް ވެސް ބަދަލުތަކެއް އަތުވެދާނެ އެވެ. ތަރައްގީގެ ކޮންމެ ޕްރޮޖެކްޓު ފެށުމުގެ ކުރިން ހަދާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓް (އީއައިއޭ) ރިޕޯޓުގައި ވެސް މި ކަންކަން ފާހަގަކޮށްފައި ހުންނާނެ ކަމަށާއި މި ކަހަލަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އަޅަން ޖެހޭނެ ފިޔަވަޅުތައް ވެސް އޭގައި ބަޔާންކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކަހަލަ ބޮޑު ޕްރޮޖެކްޓެއް ހިންގާއިރު ތިމާވެއްޓަށް އޭގެ އަސަރު ނުކޮށް ނުދާނެ އެވެ. ވެއްޓަށް ލިބޭނެ ސީދާ ގެއްލުން ދުރާލައި ނޭނގުނަސް، މަސައްކަތް ފަށާ ހިސާބުން ކުރިމަތިވާ ހާލަތްތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށްޓަކާ އަވަސް ފިޔަވަޅުތައް އަޅަން ޖެހެ އެވެ.
"އީއައިއޭ ނިންމައިފައި މި އަންނަނީ މޮނިޓަރިން (ހާލަތު ބަލާ) ސްޓޭޖު. ޕްރޮޕޯނަންޓަށް އެބަ ލާޒިމްކުރޭ މޮނިޓަރިން ހާލަތުގައި، މޮނިޓާ ކުރަން ވަރަށް ރަނގަޅަށް. މި ކަހަލަ ކަމެއް ކުރިމަތިވީމަ، މޮނިޓާ ކުރާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، ހާއްސަކޮށް ސަރުކާރުގެ ޕްރޮޖެކްޓެއް ވީމަ. ކޮންމެ ތިން މަހަކުން މޮނީޓާ ކުރާނެ،" ފިޒާލް ވިދާޅުވި އެވެ.
ވިލިމާލޭ ހުޅަނގު ފަރާތު ގޮނޑުދޮށުގައި ކުރިން އޮތް ދޮންވެލިގަނޑުގައި ކުޑަކުދިންތަކެއް ކުޅެނީ.
ވިލިމާލެއާ ވަރަށް ކައިރީގައި އޮންނަ ގުޅިފަޅު ހިއްކުމަށް 2020 ވަނަ އަހަރު އެ ތަނާ ކައިރިން ކަނޑުން ވެލި ނެގުމުން ވެސް ވިލިމާލެ އަށް އޭގެ އަސަރު ކުރި އެވެ. އެކަމަކު، ރަށްގިރުމާއި ވޮޑުމާއި މި ކަންކަން ބޮޑަށް ހިނގަނީ އެއް ފަޅެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއްގެ ސަބަބުންނެވެ.
"އެކަމަކު އޮވޭ އާގިއުމެންޓެއް، އާ ތަނެއް ހިއްކީމަ، އެ ދޭތެރޭގައި އޮންނަ އޮއިވަރަށް އަންނަ ބަދަލަކާ ހެދި ވަރަށް ބޮޑަށް ރަށްގިރާ ކަމަށް. މިސާލަކަށް ގުޅިފަޅާއި ވިލިމާލެއާ ދޭތެރޭގައި އޮތް އޮއިވަރު ގަދަވީ މިހާރު ގުޅިފަޅު ހިއްކައި، ގުޅިފަޅު ވަށައިގެން ހިލަޖޭހީމަ... ގުޅިފަޅުން ހިއްކިތަނުން ވެސް ބައެއް ގިރި ވާހަކަ އަޑުއެހުން،" އެހެންވީމަ އެއީ ވެސް ރަށްގިރުމަށް މެދުވެރިވެދާނެ ސަބަބަކަށް ވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭސިކް ޕްރިންސިޕަލްއަކަށް އަހަރެމެން ބަލަނީ ދެ ކަމެއް. އެއީ ފަޅުތެރޭގައި ހިނގާ މި ކަހަލަ ކޯސްޓަލް ޑިވެލޮޕްމަންޓުގެ ކަންކަމުން އަސަރު ކުރާނެޔޭ. ދެވަނަ ކަމަކީ އެއް ފަޅެއްގައި ނޫނަސް، ކައިރީގައި އޮތް ތަނަކުން ފަޅެއް ހިއްކައިފިއްޔާ ކައިރީގައި ހުންނަ ރަށްރަށަށް އޭގެ އަސަރު ކުރާނެއޭ. އެކަމަކު ދެވަނައަށް މި ބުނި ޕޮއިންޓަކީ އެހާ ބޮޑަށް އަދި އެވިޑެންސް ހޯދިފައި ހުރި އެއްޗެއްސެއް ނޫން."
ހައްވާ އަބްދުއްރަހުމާން: މީގެ ތިރީހަކަށް އަހަރު ކުރިން އޭނާ އިންދި މަދުގަސް ވެއްޓިފައި އޮތްއިރު، އެ ގަސް ކައިރީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފިޒާލް ވިދާޅުވި ގޮތުގައި، އެންމެ ރަނގަޅު ހައްލަކީ ބަނދަރު ހެދުން ކަހަލަ ޕްރޮޖެކްޓުތައް ހިންގުމުގެ ކުރިން ދިރާސާތައްކޮށް، ވެއްޓަށް ލިބޭ ގެއްލުން ވީހާ ވެސް ކުޑަވާނެ ގޮތަށް އާ ޑިޒައިންތަކަށް މަސައްކަތްކުރުމެވެ. މިހާރު އާންމުކޮށް ރާއްޖޭގެ ރަށްރަށުގައި ހަދަމުން އަންނަ "ގޮޅި ބަނދަރުތަކުން" ގެއްލުން ލިބޭކަން ފާހަގަވާތީ، އެ ބަދަލު ގެންނަން ވަނީ ޖެހިފަ އެވެ.
ވިލިމާލޭ ގޮނޑުދޮށް ގިރުމުގެ މައްސަލަ މިހާރު އޮތީ އަވަސް ހައްލެއް ބޭނުންވާހާ ނާޒުކު ހާލަތެއްގަ އެވެ. އިންޓަވިއުއެއް ދީގެން މި ރީތި ގޮނޑުދޮށް އަނބުރާ ލިބޭނެތޯ ސުވާލު އުފެއްދި ހައްވަ އާއި މި ހިސާބުގައި ދިރިއުޅޭ އެހެން މީހުން ވެސް އެދެނީ ވިލިމާލޭގެ ވެށި އަލުން އިޔާދަ ކުރެވޭނެ ގޮތެކެވެ. ރާޅުތައް ގެއާ ހަމައަށް ނުފޯރަނީސް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކޮއި
19 May 2025
މާދަމާ ތިޔަތަން ހިމާޔަތްކުރަން ބިޔަ ޕްރޮޖެކްޓެއް އިއުލާން ކުރެވޭނެ. ނޫހަށް އެރުމުން ސަރުކާރަށް އެނގޭނީ.
މަރި
19 May 2025
ވަރަށް ދެރަ ކަމެއް. ކޮންމެ 3 މަހަކުން މޮނިޓަރކުރާނަނަމަ ވިލިމާލެ ހުޅަނގުފަރާތު ގޮނޑުދޮށުގެ ހާލަތު ނުފެންނަނީތޯ؟؟ މިކަމަށް ވަރަށް އަވަސް ހައްލެއް ބޭނުންވޭ! މިސަރަހައްދުގައި ހިލަޖަހައި ދާއިމީ އަވަސް ހައްލެއްގެނައުމަށް ސަރުކާރަށް ގޮވާލަން!!
ކުލީބައި
19 May 2025
ޤުދުރަތުގެ ނިޒާމު ބަދަލުކުރަމުންދާނަމަ އޭގެސަބަބުން ގެއްލުން ލިބޭނީ އަހަރެމެން ކުރާ ދިރާސާއަކަށް ފެންނަ ހިސާބަކުންނޫން. މާފަހުންވެސް ގެއްލުން ފެނިދާނެ. ބައެއް ރިސޯރޓްތައް ހިއްކުމުން ހަމަ އެރިސޯރޓުގެ އެހެން ދިމާކުން އަންނަ ބަދަލުތަކަކީ މިހާރުވެސް ފެންނަ ކަންކަން.
އަޙްމަދު
19 May 2025
ބަނދަރުތައް ހަދަން ފެށުމުން ރަށްގިރުމުގެ މައްސަލަ ބޮޑުވޭ. ނަމަވެސް މިހާރު ރަށްގިރަނީކީ ހަމައެކަނި އެހެންވެގެންނޭ ބުނެވޭކަށް ނެތް. ސަބަބަކީ ތިފަދަ މަސައްކަތްތައް ނުކުރާ މާދުރުގައި އޮންނަ ފަޅު ރަށްރަށް އިންތިހާ އަށް ގިރަމުންދަނީ ކީއްވެ؟ މިކަމަކީ މުޅި ރާއްޖޭގައި ވެސް އެލާޓަށް އަންނަން ވެއްޖެ ކަމެއް. ރަށްގިރުން އިންތިހާއަށް ބާރު ސްޕީޑްގައި ވަރަށް ގިނަ ރަށްރަށުގައި ކުރިއަށްދަނީ. އަޅާލާނެ،ބަލާލާނެ، އޮފީހެއް،ކައުންސިލެއް،ވަޒީރެއް،ރައީސެއް ހުންނަނީކީނޫން
ނަޒީރު.
19 May 2025
މާލޭ މީހުން ބޭޏުންވަނީ ކުއްޔަށްދޭނެ ގޯއްޗެއް. ތިމާވެއްޓެއްނޫން.
ކޮރަލް
19 May 2025
ރަށްރަށު މީހުން ބޭނުންވަނީ ރަށުގަ ހުރި ގެ ފަޅަށް ބަހައްޓާފަ މާލެ އައިސް ކުއްޔަށް އުޅޭށެވެ. ދެން ދަފުތަރުގަ ޖައްސާފަ ފްލެޓް އެއް ހޯދާށެވެ.
ކަމަނަ.
19 May 2025
މާލޭ މީހުން ބޭނުން ވަނީ ދޮގާއި މަކަރު ހަދައިގެންވެސް ފުލެޓް ހޯދާފައި އެތަންތަން ބޮޑު އަގުގައި ކުއްޔށް ދީފައި މެލޭށިޔާގައި އުޅެން. މޮޅު ކަމަކީ އެތަންތަނަށް ދައްކަން ޖެހޭ ލާރިކޮޅުވެސް ނުދައްކާ ކަން.
ހަނީފު.
19 May 2025
ހުސްދޮގު. މީގެ ތިރީސް އަހަރު ކުރިން އިންދިގަހެއް އެވަރަކަށް ބޮޑު ނުވާނެ.
ހަނީފޫ
19 May 2025
ހަނީފުތީ މާއިނގޭ ދޯ! ހަނީފު ހުރިންދޯއެގަސް އިންދިއިރު
ޢަލީ އާމިރް
19 May 2025
ފިޒާލް އަކީ އަދި މިދާއިރާއަށް ވަަރަށް އާ ކުއްޖެ. ކުކުޅަށް ވުރެ ވިސް ދޮށި ވީމަ ކަމަކު ނުދާނެ.
ގަރީނު
19 May 2025
ރާއްޖޭގައި ގަހެއް ހިމާޔަތްކުރާނެ ނަމަ ދުނިޔޭގެ ބޮޑެތި ލީޑަރުން އަތްޕުޅުން މި ފުރަމާލޭ މެދުގައި ހުރި ސުލްޠާން ޕާކުގަައި އިންދެވި ގަސްތައް ނަން ބޯޑު ވެސް ޖަހާފައި ހުއްޓާ ހިމާޔަތްކުރީސް.
ހާސަރު
19 May 2025
މިހާރު އުއްމީދެއް އާވެއްޖެ ، އެއީ ވާލާ ކާޅަށް ޓަކާ ތިޔަގަސް ދެން ހިމާޔަތް ކޮށްފާނެ!
މައްކުބޭ
19 May 2025
ތިމާވެށި ސަލާމަތްކުރުމުގެ ބަދަލުގައި ސަރުކާރުތަކުން ބިން ހިއްކާ އެދަނީ ބިންބަހާ ހުސްކޮށްލަމުން، ދަރިންގެ ދަރިން ދިރިއުޅޭވެނެ ގޮތެއް ހޯދުުގެ ބަދަލުގައި ތިމާގެ ވަގުތީ މަންފާ ތަކަށް އިސްކަންދީ ކާބަފައިން އަހަރެމެންގެ ޖީލާ ހަމަ އަށް ފޯރުކޮށްދިން މި ދިވެހި ރަށްތަކުގެ ތިމާވެށި އެދަނީ އަމިއްލައެދުމަށް ހަލާކުކުރަމުން. ރާއްޖޭގައި ރަށްތައް ހުއްޓެއްކަމަކު މި ސަރަހައްދު އެއްކޮށް ހިއްކާ ތިމާވެށި އެއްކޮށް ހަލާކުކޮށްފި،
ފޫހި
19 May 2025
އެކްސްޕާޓުންނަށް މިފަދަ މީހުން އުޅޭތީ ގައުމު ހަލާކުވެއްޖެ. ބަލަ ވިލިގިނގި އެއީ ކިލޯމީޓަރެއް ހަމަނުވާ ބޭރު ތޮށިނުލާ ދޮންވެލި ގޮޑުދޮށް އޮތް ކުޑަ ރަށެއް. ބިޔަބޮޑެތި ވެއްޓާގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމުގެ ކުރިން ވެށި ހިމާޔަތް ނުކުރީ ކީއްވެ؟ މިސާލަކަށް ގޮޑުދޮށް އެގޮތުގައި ބާއްވަން ބޭނުންވާނަމަ އެއްގަމުގައި ބިޔަ ޖަންބޯ ސިމެންތިބަސްތާ ޖެހިދާނެ. އޭރުން ރާޅު އެރިއަސް ފަސްކޮޅު ހިމާޔަތްކުރެވޭނެ. އަދި ވޮޑޭ މޫސުމުގައި ވޮޑޭނެ. ހުޅުމާލެ އެއޮތީ އެގޮތަށް.