ލ. އިސްދޫ އިރުމަތީ ފަރާތުން މި ރަށުގެ ބަނދަރާ އިންވެގެން ހުރި މިސްކިތުގެ ހަރިންމަ ފާރު އޮތީ އެކި ދިމަދިމާލުން ވެއްޓި ހަލާކުވެފަ އެވެ. ބިނާކުރިތާ 300 އަހަރު ފަހަނައަޅަައި ގޮސްފައިވާ މި މިސްކިތުގެ ހާލަތު މިހެން ހުރީ ކީއްވެތޯ ފުރަތަމަ ވެސް ސުވާލު އުފެދުނެވެ. "މާލޭގައި ހުރި ތަނެއް ނޫން ވީމާ ވީގޮތްތާއޭ" ވެސް ހިތަށް އެރި އެވެ.
ޚަބަރުދަބަރު އޮޅުން ފިލުވައިލި އިރު ކަންވީ ހީކުރި ގޮތާ ދާދި އެއް ގޮތަކަށެވެ. މި މިސްކިތުގެ ހަރިންމަ ފާރު ވެއްޓުނީ އިއްޔެއަކު، އިހަށް ދުވަހަކު ނޫނެވެ. މީގެ 22 އަހަރު ކުރިން ރާއްޖެއަށާއި އިންޑިއާ ކަނޑުގެ ގިނަ ގައުމުތަކަށް އެރި ބިރުވެރި ސުނާމީގަ އެވެ.
އޭރުން ފެށިގެން މިހާ ދުވަސް ވަންދެން އެ ފާރަށް އެއްވެސް ގޮތެއް ނުހެދި، އެ ގާބުރިއެއް ވެއްޓުނުތާ އެ ގާބުރިއެއް އޮތީ މަރާމާތު ކުރާނެ ގޮތަކާ މެދު ގޮތެއް ނުނިމިގެންނެވެ. އެއީ އިހުގައި ރާއްޖޭގައި ގެދޮރު ބިނާކުރަން ބޭނުންކުރި އެންމެ މޮޅު އެކަތި ކަމަށްވާ "އުވަ" އިން ރާނާފައި ހުރި ފާރަކަށް ވާތީ، އެ ފާރު މަރާމާތު ކުރާނީ އުވައިން ކަމަށް ނިންމައި އެކަމަށް މަސައްކަތް ފެށުމުގެ ހުއްދަ ލިބުނީ އަދި ކިރިޔާ އެވެ.
އިސްދޫ ކައުންސިލްގެ މެމްބަރު އަދި މި ރަށުގެ ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ އިބްރާހީމް ހަމީދު ވިދާޅުވި ގޮތުގައި އާސާރީ މިސްކިތުގެ ހަރިންމަ ފާރު ރޭނުމަށް ޓަކައި އުވަ ދެވުމުގެ މިހާރު އޮތީ ލިބިފަ އެވެ. ނަމަވެސް އެ މަސައްކަތް މިފަހަރު ކުރަން ޖެހޭނީ ކުރިން ކުރާ ގޮތާ މުޅިން ތަފާތު ކޮށެެވެ.
އިހުގައި އުވަ ދަވަނީ މޫދުން ހަމަ ނަގާ ގޮތަށް ހުންނަ ރޯ ހިރި އަންދައިގެންނެވެ. އެކަމަކު، ރާއްޖޭގެ ފަރުތަކުން ގާ ނެގުމަކީ މިހާރު މަނާކަމަކަށް ވާތީ، މި ފަހަރު ކުރަން ޖެހޭ ކަމަކީ ހިކިފައި ހުރި ގާތަކެއް އަލުން މޫދަށް ލައި ފޯކުރުމެވެ.
"އުވަދެވުމުގެ މަސައްކަތް ކުރަން، ކޮޅު ވެއްޓިފައި ހުރި ރުއްރުކާއި މަރުވެފައި ހުރި ގަސްގަހާ އެ ކަހަލަ އެއްޗިހި އަޅުގަނޑުމެންނަށް ލިބިފައި ހުރީ، ރޯކޮށް ހުންނަ ގާ އާއްމުކޮށް ބޭނުންކުރާނީ. މި ފަހަރު ބޭނުންކުރާނީ އަޅުގަނޑުމެންނަށް ބަނދަރު ކޮނެގެން ލިބިފައި ހުރި ގާ، އެއެއްޗިހި އެއްގަމުގައި ހުރީ، ދެން އަޅުގަނޑުމެން މި ބަލަނީ އެ ގާތަށް ރޯކޮށް ހުންނަ ގަލަށް ބަދަލުކޮށްލެވޭތޯ. ލޮނު އަޅާނީ އަޅުގަނޑުމެން އެ އަށް" ހަމީދު ކިޔައި ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިސްދޫގައި އެ މަސައްކަތް ކުރިއްސުރެ ކޮށް އުޅުނު މީހުންގެ ތެރެއިން ބައެއް މީހުން އަދިވެސް ދުނިޔޭގައި އެބަ ތިއްބެވެ. އެ މީހުންނާ ކައުންސިލާ ގުޅިގެން އެ މަސައްކަތް މި ފަހަރު ކުރާ އިރު ޑޮކިއުމެންޓްރީއެއްގެ ގޮތުގައި އެ މަސައްކަތް ރެކޯޑް ކުރަނެ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
"އެއީ ހެރިޓޭޖް ގައި [ހެރިޓޭޖް މިނިސްޓްރީގައި] ވެސް ނެތް މި މަސައްކަތް ކުރާ ގޮތެއް. ރާއްޖޭގައި ގެދޮ ބިނާކުރުމުގެ މަސައްކަތުގެ ވަރަށް މުހިންމު އެއް ބައި މިއީ،" ހަމީދު ވިދާޅުވި އެވެ.
އުވަދެވުމުގެ މަސައްކަތުގެ އަމަލީ ކަންކަން ކުރާނީ އިސްދޫ ކައުންސިލުގެ މުވައްޒަފުންނެވެ. ނަމަވެސް އެކަމުގެ ފަންނީ ލަފާ ދޭން މި ރަށު ވޯލްޑް ހައުސް، އަހުމަދު އިސްމާއީލް އާއި އެފަދަ އެހެން ބޭފުޅަކު މަސައްކަތް ކުރައްވާނެ އެވެ.
އުވަދެވުމުގެ މަސައްކަތް ކުރާ ގޮތް
އިސްދޫ އާސާރީ މިސްކިތުގެ ހަރިންމަ ފާރާއި އެ މިސްކިތުގައި އުވަ ބޭނުންކޮށްގެން ކުރަން ޖެހޭ އެެހެން މަރާމާތުތަކަށް އުވަ ދެވުމަށް ފަންނީ ލަފާ ދޭނެ އެކަކު ކަމަށްވާ އިބްރާހިމް އަލީ ކިޔައިދިން ގޮތުގައި އުވަދަވަން އިހުގައި ކުރާ ފުރަތަމަ މަސައްކަތަކީ އެ ކަމަށް ބޭނުންވާ ލަކުޑި ނުވަތަ ދަރު އެއްކުރުމެވެ.
"ގިނައިން ކަނޑަނީ ކިނބި ދަރު، ކަނދު ދަރު، ބަނބުކެޔޮ ދަރު، މިކަހަލަ ދަރު ހޯދައި އެއް ތަނަކަށް ޖަމާކުރަނީ،" އޭނާ ބުންޏެވެ.
އެ އަށް ފަހު އެއްކުރަނީ އެކަމަށް ބޭނުންވާ ގަލެވެ. އޭގެ ފަހުން ވަޅުގަނޑެއް ކޮނެފައި އޭގެ އަޑީގައި ފަން އަޅަ އެވެ. ދެން އޮންނާނީ އޭގެ މަތިން ބަރިބަރިއަށް ދަރު އެޅުމަށް ފަހު، ވަޅުގެ ކައިރީގައި ރޯފަނުން ވިޔެފައި ހުންނަ ތޮށަލީގެ ފަށަލައެއް ޖެހުމެވެ.
"ފަން ދަމާފައި ދެން އޭގެ ތެރެއަށް އަޅާނީ، ވަކި ހިސާބަކަށް ގާ އަޅާފައި އަނެއްކާ ދަރު އަޅައި ފޮވުނީމާ ދެން ރޯކޮށްލަނީ،" އިބްރާހިމް އަލީ ބުންޏެވެ.
އެ އަށް ފަހު، އަލިފާންގަނޑަށް ވާނުވާ ބަލަމުން ގާތްގަނޑަކަށް އެއް ދުވަސް ވަންދެން އަންދަ އެވެ.
"އެރޭ އެއްކޮށް އަންދާފައި އަނެއް ދުވަހު ހެނދުނު އަށެއް، ނުވައެއް ޖަހާކަށް ހާއިރު ގޮސް އުވަވަޅަށް ލޮނު ޖަހާފައި އަންނަނީ،"
އުވަވަޅު ހިހޫކުރަން ދެދުވަހެއް ނޫނީ ތިން ދުވަހެއް ވަންދެން ބަހައްޓަ އެވެ. އުވަ ނަގަން ފަށަނީ އޭގެ ފަހުންނެވެ.
އިސްދޫ އާސާރީ މިސްކިތުގެ ތާރީހު
ހިރިގަލާއި ލަކުޑިން ހަދާފައިވާ މި މިސްކިތަށް މިހާރު 334 އަހަރު ވެފައިވާ ކަމަށް ތާރީހީ މަސްދަރުތަކާ ހަވާލާދީ ހަމީދު ވިދާޅުވި އެވެ. އެ މިސްކިތުގެ އެތެރޭގައި ޖަހާފައި އޮތް ތާރީހަކީ 1،113 އެވެ. ނަމަވެސް ރާއްޖޭގައި އިހުގައި ތާރީހު ޖަހައި އުޅުނު އެކި ގޮތްތައް ހުރުމުން، އެއީ ހިޖުރީ ތާރީހު ކަމެއް، ސީދާ ސާފެއް ނޫނެވެ.
" ރާއްޖޭގައި ތާރީހު ޖަހާފައި ހުރި ގޮތަށް ބަލައިލާ އިރުގައި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް ސުވަރުގެ ވަޑައިގެންނެވި ތާރީހުން ފެށިގެން ތާރީހު ޖަހަމުން އެބަ އޮތް ގޮސްފައި، އަދި ހަމަ އެހެންމެ އެކަލޭގެފާނު މައްކާއިން މަދީނާ އަށް ހިޖުރައަށް ނުކުމެވަޑައިގެންނެވި ތާރީހުން ފެށިގެން ވެސް އެބަހުރި ތާރީހު ޖަހާފައި. ދެން އޭގެ އިތުރުން މީލާދީ ތާރީހުން ތާރީހު ޖަހާފައި އެބަ އޮތް،" ހަމީދު ވިދާޅުވި އެވެ.
އެހެން އެކަން އޮތް އިރު ރާއްޖޭގެ އެންމެ ޒަމާންވީ ތާރީހީ ލިޔުންތައް ކަމަށްވާ ލޯމާފާނުތަކުގައި ތާރީހު ޖަހާފައި ހުރީ އޭނާ ވިދާޅުވި ގޮތުގައި ރަސޫލާ ސުވަރުގެ ވަޑައިގެންނެވި ތާރީހަށް ބަލައިގެންނެވެ.
އިސްދޫ އާސާރީ މިސްކިތް ބިނާކުރެއްވީ ކޮން ބޭފުޅެއްތޯ ދިރާސާކުރާއިރު، އެ ކަމާ ބެހޭ ގޮތުން ވެސް ދެތިން ރައުޔެއް އޮވެ އެވެ. އެއް ގޮތަކީ އެއީ އިސްދޫ ލޯމާފާނުގައި ބުނާ މިސްކިތަކީ އެ މިސްކިތް ކަމަށް ވުމެވެ.
ދެވަނަ ރައުޔަކީ އުތީމު މަހާރަދުން (ބޮޑުތަކުރުފާނު) ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ކުރެއްވި ހަނގުރާމައިގައި ބޭނުން ކުރެއްވި މަޝްހޫރު އޮޑި "ކަޅުއޮއްފުންމި" ގެ މާވަޑި ބިނާ ކުރެއްވި މިސްކިތެއް ކަމަށް ބުނާ ރައުޔެކެވެ.
ފޯކްލޯރު ބުނާ ގޮތުން ނަމަ ކަޅުއޮއްފުންމި ބަނުމުގައި އިސްކޮށް އުޅުއްވީ އިސްދޫ "އިސްމާއީލް މާވަޑި" އެވެ.
ބޮޑުތަކުރުފާނުގެ ވެރިކަމުގައި އެއީ ފަހުން އިސްދޫ ހަތީބު އިސްމާއީލް މާވަޑި އެވެ.
ތިންވަނަ ރައުޔަކީ މިއީ ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގައި އެ ރަސްގެފާނުގެ އަމުރަށް ބިނާކުރެއްވި މިސްކިތެއް ކަމަށް ބުނާ ބުނުމެކެވެ.
މިސްކިތުގެ އެތެރޭގައިވާ ލިއުންތަކުން ބާރުދެނީ ހަމީދު ވިދާޅުވި ގޮތުގައި އެ ރައުޔަށެވެ. މިސްކިތުގެ އެތެރޭގައި ޖަހާފައިވާ ތާރީހު ކަމަށްވާ 1،113 ދިމާ ވަނީ ވެސް އެ ދުވަސްވަރާ ކަމަށް ވާތީ އެވެ.
އެކަމަކު، އެ ތާރީހު ޖަހާފައި އެހެރީ މިސްކިތް ބިނާކޮށް، ނިންމުމަށް ފަހުގައި ކަމެއް ނުވަތަ މަރާމާތަކަށް ފަހުގައި ކަމެއް ނޭނގޭތީ މިއިން އެއްވެސް ގޮތަކަށް ނިންމޭކަށް ވެސް ނެތެވެ.
އެނގޭހާ ވެސް ކަމަކީ އަދި ފެންނަން ހުރި ހަގީގަތަކީ އެއީ ގަލުވަޑާމާއި ލަކުޑީގެ ވަޑާމުގެ ގޮތުން ވެސް ވަރަށް ފެންވަރު ރަނގަޅު، މާލޭ ހުކުރު މިސްކިތަށް ދޫނުކުރާހާ ރީތި މަސައްކަތްތަކެއް ކޮށްފައި ހުރި މިސްކިތެއް ކަމެވެ.