މަރުގެ ތުންފަތްމަތިން ސަލާމަތްވި މާބަނޑުމީހާ

އެޗްވަންއެންވަން ނުވަތަ ސްވައިން ފްލޫގައި މާބަނޑު އަނބިމީހާގެ ހާލު ސީރިއަސް ވުމުން، އަހުމަދު މުހައްމަދު ،39، އަށް ޑޮކްޓަރުން ދިނީ އަނބިމީހާގެ ފުރާނަ ސަލާމަތްވާނެ ކަމުގެ ވަރަށް ކުޑަ އުއްމީދެކެވެ. މައިމީހާ އާއި ބަނޑުގައި އޮތް ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ބަނޑަށް ހަތް މަހުގައި ސިޒޭރިއަން ހަދައި ދަރިފުޅު ނަގަން ޖެހުނެވެ. އަދި އޮޕަރޭޝަނަށް ފަހު ވެސް ދެމައިން އައިސީޔޫން ނެރެވޭ ގޮތް ވީ ދުވަސްތަކެއް ފަހުންނެވެ.


މަރާ ހަނގުރާމަ ކުރުމަށް ފަހު، އަނބިމީހާ އައިމިނަތު ސައީދާ، 34، ގެއަށް ދޫކޮށްލި ނަމަވެސް މިއީ އޭނާއަށް ފަރުވާދިން އައިޖީއެމްއެޗުގެ ޑޮކްޓަރުންނަށާއި އަހުމަދަށް ވެސް އުނދަގޫ ދަތުރެކެވެ.

"އަންހެނުންނާއި ދަރިފުޅު އައިސީޔޫގައި ތިބި ދުވަސްތަކުގައި އެއްގޮތަކަށް ނުވެސް ނިދޭ. ލޯ މެރޭ ތަނުން ސިއްސައިގެން ގޮސް ހޭލެވެނީ،" އުމުރުން 10 އަހަރުން ދަށުގެ އިތުރު ދެ ކުދިން ތިބި އަހުމަދު ބުންޏެވެ.

ށ. ފުނަދޫގައި ދިރިއުޅެމުން އަންނަ ސައީދާ ތިން ވަނަ ދަރިފުޅަށް ބަލިވެއިނުމާ އެކު، މާލެ އައިސް ޑޮކްޓަރަށް ދެއްކި އެވެ. އޭގެ ދެ ހަފްތާ ފަހުން އަނެއްކާވެސް ޑޮކްޓަރަށް ދައްކަން ޖެހުނީ ވަރަށް ބޮޑަށް ރޯގާ ޖެހި ރަނގަޅު ނުވެގެންނެވެ. ކެއްސައި ނޭވާލާން އުނދަގޫވެފައި ހުރުމުގެ ސަބަބުން މިދިޔަ މަހު 13 ވަނަ ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓް ކުރި އިރު މިއީ ކިހާ ނުރައްކާތެރި ކަމެއް ކަމެއް އަހުމަދަކަށް ނޭނގެ އެވެ. ޓެ

ސްޓްތަކުގެ ނަތީޖާ ލިބުނު އިރު ސައީދާ އަށް ވަނީ ސްވައިން ފްލޫ ޖެހިފަ އެވެ. ހާލަތުގެ ނާޒުކުކަން އަހުމަދަށް ވިސްނުނީ ޑޮކްޓަރުން ދިން ޖަވާބުންނެވެ.

"ޑޮކްޓަރުން ބުނީ ފުރާނަ ސަލާމަތް ނުކުރެވިދާނެއޭ ވެސް. އަޅުގަނޑަށް އެވަގުތު ނޭނގުނު ބުނާނެ އެއްޗެއް ވެސް،" އަހުމަދު ބުންޏެވެ.

"އެކަމަކު އަޅުގަނޑު އުއްމީދު ކަނޑައެއް ނުލަން. ޑޮކްޓަރުންނަށް ވަރަށް އިތުބާރުކުރިން."

މިއީ މިދިޔަ ދެ މަސް ދުވަހު ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން ދިޔަ ސްވައިން ފްލޫގައި ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ކޭސް އެވެ. މާބަނޑު އަންހެނަކު މަރާ ކުރި މި ހަނގުރާމަ ކާމިޔާބު ކުރަން ޑޮކްޓަރުންނަށް ވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

ސައީދާ އާއި އޭނާގެ ދަރިފުޅަށް ފަރުވާދިން އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، މޫސާ ހުސައިން އާއި އަންހެނުންގެ ޑޮކްޓަރު އަސީލް ޖަލީލާއި ކުޑަކުދިންގެ ޑޮކްޓަރު ނިޔާޝާ އިބްރާހިމް ސިފަކުރެއްވި ގޮތުގައި މަރުގެ ތުންފަތްމަތީގައި އޮވެފައި ސައީދާ ސަލާމަތްވީ ހަނި ގޮތަކަށެވެ.

ސްވައިން ފްލޫއަށް ޓެސްޓު ކުރަނީ: މި ރޯގާގައި ހަތް މީހަކު މަރުވި-- މިހާރު ފޮޓޯ

ސައީދާ ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައިވާކަން ޔަގީންވީ އެޑްމިޓްކުރި ދުވަހުގެ އަނެއް ދުވަހު އެވެ. އޮކްސިޖަން މަދުވެ، އަމިއްލައަށް ނޭވާލާން އުނދަގޫވުމުން އޭރު އޭނާ ނޭވާލައްވަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގަ އެވެ.

އެހާލަތުގައި އޮންނަ ބަލިމީހާ ނޭވާލުމަށް އޮކްސިޖަން ނުލިބިގެން އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޮމް ޖެހުމަކީ އޭނާގެ ފުރާނަ ސަލާމަތްވުމަށް ވުރެ ނުވުން ގާތްކަމެކެވެ.

ޑރ. މޫސަ ވިދާޅުވި ގޮތުގައި މިއީ މިފަދަ ބަލި މީހަކަށް ކުރިމަތިވެދާނެ އެންމެ ނުރައްކާތެރި ހާލަތެވެ.

"މި ފަދަ ހާލަތްތަކުގައި އޭނާގެ ފުރާނަ ސަލާމަތް ނުވުމުގެ 60 ޕަސެންޓް އޮންނާނެ." އޭނާ ވިދާޅުވި އެވެ.

ސްވައިން ފްލޫއަށް ދޭނެ ފަރުވާ އާއި އިރުޝާދުތަކާއި ގިނަ މައުލޫމާތުތަކެއް ހުރި ނަމަވެސް މާބަނޑު މީހުންނަށް މި ފަރުވާ ދޭނެ މާ ގިނަ މައުލޫމާތުތެއް ލިބެން ނެތުމަކީ ޓީމަށް ކުރިމަތިވި ގޮންޖެހުމެކެވެ. އެކަމަކު މި ފަދަ ހާލަތަކަށް މާބަނޑު މީހަކު ދިޔުމަކީ ނުރައްކާތެރިކަމެއް ކަން ޑޮކްޓަރުންނަށް އެނގެ އެވެ.

އޭރު ޑޮކްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދިޔަ މަންމަގެ ބަނޑުގައި އޮތް ދަރިފުޅަށް އެ ރޯގާގެ އަސަރުކޮށްފާނެތީ އެވެ. އެހެންވެ، ދުވަސް ނުފުރުނު ނަމަވެސް މަންމަ އާއި ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް އެންމެ ރައްކާތެރި ގޮތަކީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުން ކަމަށް ޑޮކްޓަރުން ނިންމި އެވެ.

"އަޅުގަނޑުމެންނަށް ވިސްނުނު ގޮތުގައި މި ފަދަ ހާލަތެއްގައި ދަރިފުޅު ނުނަގައިފި ނަމަ ކުއްޖާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު. އަދި މިތަނުގައި ހުރި ވަސީލަތްތަކުން އެވަރުގެ ކުއްޖަކަށް ފަރުވާ ދެވޭނެތީ އާއެކު ދެމައިންގެ ފުރާނައަށް ވެސް ވިސްނާފައި ބޭބީ ނަގަން ނިންމީ،" އެ އޮޕަރޭޝަން ކުރެއްވި ޑރ. އަސީލު ވިދާޅުވި އެވެ.

ކުރިން ވެސް ސިޒޭރިއަނެއް ހަދާފައިވާ ސައީދާގެ ތިންވަނަ ދަރިފުޅު ނަގަން އޮޕަރޭޝަން ކުރި އަނެއް ސަބަބަކީ ބަނޑުގައި އޮތް ދަރިފުޅު ނެގުމުން ސައީދާގެ ޑައިފްރަމް ފުޅާވެ، ނޭވާލުމަށް ފަސޭހަ ވާނެތީ އެވެ.

ހޮޅީގެ އެހީގައި ނޭވާލައްވަމުން ދިޔަ ސައީދާގެ ފިރިހެން ދަރިފުޅުގެ ބަރުދަނުގައި ހުރީ 1.18 ކިލޯ އެވެ. ކުޑަކުއްޖާއަށް ސްވައިން ފްލޫގެ އަސަރުކޮށްފައި ނެތް ނަމަވެސް ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ދަރިފުޅުގެ ހާލު ދެރަ އެވެ. އެހެންވެ ދަރިފުޅު ވެސް ބާއްވަން ޖެހުނީ މަންމައާ އެކު އައިސީޔޫގަ އެވެ.

ސްވައިންފްލޫއަށް ޓެސްޓުކުރުމަށް ތާޖުއްދީން ސްކޫލުގައި ހުޅުވި ކޭމްޕުގައި ބަޔަކު އެ ރޯގާއަށް ޓެސްޓު ކުރަނީ-- މިހާރު ފޮޓޯ

އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމުން މި ހުރިހާ ފަރުވާއެއް ވެސް ދިނީ ޖެނީވާގައި ތިބި ޑަބްލިޔުއެޗްއޯގެ މާހިރުންނާ ކޮންފަރެންސް ހަދައިގެން އެ މީހުންގެ ވެސް ލަފައާ އެކު އެވެ.

ޑރ. މޫސަ ވިދާޅުވީ ސްވައިން ފްލޫ ޖެހޭ މީހުން ރަނގަޅުވާ މުއްދަތަށް ވުރެ ގިނަ ދުވަސް، ސައީދާ ރަނގަޅުވުމަށް ނެގި ކަމަށެވެ. އެކަމަކު އޭރު ޑޮކްޓަރުން ކަންބޮޑުވީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދޭއިރު ދިމާވާ ކަހަލަ މައްސަލަތަކަކާ ކުރިމަތިލާން ޖެހިދާނެތީ އެވެ.

ސްވައިން ފްލޫ ރަނގަޅު ނުވެ އުޅެނިކޮށް ސައީދާއަށް ވެންޓިލޭޓާ އެސޯސިއޭޓެޑް ނިއުމޯނިއާ ޖެހުނެވެ. ޑޮކްޓަރުން އެކަން ސިފަކުރެއްވީ މަރުގެ ތުންފަތް މައްޗަށް ވެއްޓުން ފަދަ ކަމެއްގެ ގޮތުގަ އެވެ. އެކަމަކު އޭނާއަށް ފަރުވާ ކުރަމުން ދިޔަ ޓީމުން ހިތްވަރު އެލުވައެއް ނުލަ އެވެ.

ބޭސް ބޭނުން ކޮށްގެން ވެންޓިލޭޓަރުގައި "ނިންދަވާފައި" އޮތް ސައީދާއަށް ހޭލެވުނީ 10 ދުވަސް ފަހުންނެވެ. ހޭލެވުމާ އެކު އެންމެ ފުރަތަމަ ވެސް އޭނާ ސުވާލު ކުރީ ހިނދިފައިވާ ބަނޑާ ގުޅޭ ގޮތުންނެވެ.

"ހޭލެވުމާ އެކު ފުރަތަމަ ވެސް ބަނޑުގައި އަތްލާފައި ބޭބީ ކޮބައިތޯ ސުވާލު ކުރީ. ވަރަށް އިމޯޝަނަލް ވެފައި އެވަގުތު ހުރީ. ވީ ގޮތް އަޅުގަނޑުމެން ވަރަށް ރަނގަޅަށް ކިޔައިދެމުން އައީ. އަދި ކައުންސެލިން ވެސް ދިން،" ޑރ. މޫސަ ވިދާޅުވި އެވެ.

އައިސީޔޫން ނެރުމަށް ފަހު ކުޑަކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ނާސަރީގައި ބާއްވައިގެންނެވެ.

ޑރ. ނިޔާޝާ ވިދާޅުވީ މައިމީހާގެ ހާލު ދެރަވުމުންނާއި ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ދަރިފުޅުގެ ހާލު އެންމެ ރަނގަޅު ނޫން ކަމަށެވެ. އަދި އެކަންކަމަށް ފަރުވާކޮށް މުޅިން ރަނގަޅުވާން ދެތިން މަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިސީޔޫގައި ތިން ހަފުތާ ވަންދެން ސައީދާއަށް އޮންނަން ޖެހުނު އިރު އޭނާއަށް ޑިޕްރެޝަނާ ވެސް ކުރިމަތިލާން ޖެހުނެވެ. އެކަމަކު މިހުރިހާ ކަމަކުން ސަލާމަތްވެ، މި މަހު 3ގައި އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

މި ނާދިރު އަދި އުނދަގޫ ދަނޑިވަޅު ޑޮކްޓަރުންގެ އެންމެ ބޮޑު ހިތްވަރަކަށް ވީ ސައީދާގެ އާއިލާއިން ދިން އެއްބާރުލުމެވެ.

ޑރ. އަސީލު ވިދާޅުވީ މި ފަދަ ނާޒުކު ވަގުތުތަކުގައި، ބަލިމީހާގެ އާއިލާއިން ޑޮކްޓަރުންނަށް އިތުބާރު ކުރުމަކީ ސްޓްރެސް ކުޑަވެ، ފަރުވާ ދިނުމަށް ވިސްނުން ހުސްކޮށްލަން ޑޮކްޓަރުންނަށް ލިބޭ ފުރުސަތެއް ކަމަށެވެ.

"މިފަދަ ކަންކަމުގައި އޮބްޖެކްޓިވްވުމަކީ މައްސަލައެއް ނޫން. އެކަމަކު އަޅުގަނޑުމެންނަށް އެ އޮންނަ ކޮންފިޑެންސްއަކީ މިކަމަށް ފޯކަސް ކުރުމަށް ލިބޭނެ ހިތްވަރެއް،" އޭނާ ވިދާޅުވި އެވެ.

ސްވައިން ފްލޫއަށް ޕޮޒިޓިވްވެ އަނބިމީހާ އައިސީޔޫއަށް ވެއްދުމާއި ސިޒޭރިއަން ހަދައިގެން ކުއްލިއަކަށް ދަރިފުޅު ނަގަން ޖެހިދާނެ ކަމާއި މިއީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކެއް ކަން ޑޮކްޓަރުން ވަރަށް ރަނގަޅަށް ސައީދާގެ ފިރިމީހާއަށް ކިޔައިދިނެވެ. އެކަމަކު އޭނާ ޑޮކްޓަރުންނަށް ދިން ޔަގީންކަމަކީ މި ފަރުވާ ކާމިޔާބުވި އެއް ސަބަބެވެ.

"އަނބިމީހާ މަރުވުމުގެ ފުރުުސަތު ވެސް ބޮޑު. ދަރިފުޅު ސަލާމަތް ނުކުރެވިދާނެއޭ ވެސް ބުނި. އެކަމަކު ރަށުގައި ތިބި އާއިލާ އެންމެން ކައިރީ ވެސް ބުނީ ދެމައިންގެ ހާލު ރަނގަޅު ވާނެ ކަމަށް. އުއްމީދު ކަނޑާ ނުލުމަށް،" އަހުމަދު ބުންޏެވެ.

ސުވައިން ފުލޫގެ ހާލަތު ރާއްޖޭގައި ނުރައްކާވި އިރު އެންމެ ފުރަތަމަ އެޑްމިޓްކުރި ސައީދާގެ ހާލަތަށް މީޑިއާ އިން ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދިނެވެ. ހަތް މީހުން މަރުވި މި ބަލީގައި އޭނާގެ ހާލު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލި ޚަބަރާ އެކު ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދިނެވެ. އަދި މިއީ ނުރައްކާތެރި ބަލިތަކާ ދެކޮޅަށް ކުރާ ހަނގުރާމަ، ބައެއް ފަހަރަށް، ހީނުކުރާ ގޮތަކަށް ވެސް ކާމިޔާބުވެދާނެކަމުގެ ހެއްކެކެވެ. ބޭނުންވަނީ ޑޮކްޓަރުންގެ ރަނގަޅު ނިންމުންތަކާއި ހިތްވަރާއި އުއްމީދާއި، ހެޔޮ ދުއާ އެވެ.