މިސްރުގެ އިސްކަންދަރިއްޔާގެ އައްސޭރިފަށުގެ ދިގު މަގުން ދަތުރުކޮށްފައި އައިސް މި ފޯރީ މަރާސީގެ ގޭޓާ ހަމައަށެވެ. ތާރީހީ މިސްރުގެ ތެރެއިން ފެންނަ ލަގްޒަރީ ސިޓީގެ ގޮތުގައި ސިފަކުރާ މިތަނުގެ ދޮރޯށިން އެތެރެއަށް ވަނުމާ އެކު މަރުހަބާ ކިޔަނީ އަރަބި އަދި މެޑިޓެރޭނިއަން ސަގާފަތުގެ ފުރިހަމަ އާކިޓެކްޗަރެވެ. އެތެރެއަށް ވަދެގެންދާ ވަރަކަށް ފެނުނީ ވިލެޖުތަކަށް ސަރަހައްދު ބެހިގެންދާ ތަނެވެ.

މިއިން ކޮންމެ ސަރަހައްދަކުން ވެސް ސިފަވަނީ ޔޫރަޕާއި އަރަބި ދުނިޔޭގެ އެންމެ ރީތި ސަގާފީ ސިފަތައް އެއް ތަނަކުން ގުޅުވާލެވިފައިވާ ތަނެވެ. އިޓަލީ އާއި ގްރީސް، ސްޕެއިންގެ އިތުރުން މިސްރުގެ ސަގާފީ ޑިޒައިންތަކުގެ ވިލާ އާއި ޓައުން ހައުސް އަދި އެޕާޓްމަންޓްތަކެވެ.

މި ތަނުގައި ޔޮޓް ކްލަބާއި ބީޗް ކްލަބްތައް، ގޯލްފް ކޯސް، މަރާސީ ވޯޓާ ވޯލްޑާއި ކުޑަކުދިން ކުޅޭ ސަރަހައްދުތަކާއި ވިޔަފާރި އާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި ސިއްހީ ހިދުމަތްދޭ ތަންތަން އަދި ކުޅިވަރާއި ހަރަކާތްތަކަށް ހާއްސަ ވަސީލަތްތައް ހިމެނެ އެވެ.

މި ސަރަހައްދުގެ މެދަށް އޮންނަ މެރީނާއަށް ވަދެވޭއިރު މުޅި މަންޒަރު އެއްކޮށް ބަދަލުވެ އެވެ. އެ ތަނުގައި ވަނީ ލަގްޒަރީ ޔޮޓްތައް ބަނދަރުކޮށްފަ އެވެ. ރޭގަނޑަށް ޔޮޓްތައް ދިއްލާލުމުން މުޅި މާހައުލު ފެންނަލެއް ހިތްގައިމެވެ. މަގުގެ އެއްފަރާތުގައި އޮތީ ބައިނަލްއަގުވާމީ ގޮލްފް ކޯހުގެ ވިނަގަނޑެވެ. މިތަނަށް ފުރިހަމަކަން ގެނެސްދެނީ އިމާރާތްތަކުގެ މެދުގައި ހަދާފައިވާ ކްރިސްޓަލް ލެގޫންތައް ނުވަަތަ ނޫކުލައިގެ ފެންގަޑުންނެވެ. 

މީހުން ދިރިއުޅޭ ވިލާތަކާއި އެޕާޓްމަންޓްތަކުން ފުރިފައިވާ ޓައުނެއް ކަމަށް އަޑު އިވިފައި ވާތީ މިތަން ފެންނާނީ ވަރަށް ހަލަބޮލިކޮށް ކަމަށް ހީކުރެވުނެވެ. 

މިސްރުގެ އިސްކަންދަރިއްޔާ އާއި ގާހިރާ އާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ މީހުން މިތަނުން ގެތަކާއި އެޕާޓްމަންޓްތައް ގަނެފައިވާތީ އަގުބޮޑު ކާރުތަކާއި މޮޓަރުސަައިކަލުތަކުން މަގުތައް ފުރާލާފައި އޮންނާނެ ކަމަށް ވެސް ހީކުރެވުނެވެ.

އެކަމަކު މެޑިޓަރޭނިއަން ސަރަހައްދުގެ ޚަރީފުމޫސުމުގައި މަރާސީން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ހަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ބިނާކޮށްފައިވާ މި ރަށުގެ މަގުތައް އޮތީ ހިމޭންވެފަ އެވެ.   

މި ދަތުރުގައި އަހަރެމެން ފައިބަން ޖެހޭ ހޮޓަލާ ހިސާބަށް އާދެވުމުން މިތަނުގެ ހިމޭންކަމުގެ ސަބަބު ކޮންމެވެސް ވަރަކަށް ވިސްނުނެވެ. އެޑްރެސް ބީޗް ރިސޯޓް ނަމަކަށް ކިޔާ އެ ހޮޓަލުގެ ސަރަހައްދަށް ކާރު ވަންނަން ގޭޓް ހުޅުވައިދިނީ އަހަރެމެންގެ ބްކިން ޑޮކިއުމެންޓްގައިވާ ކިއުއާރްކޯޑް ސްކޭންކޮށް، އަހަރެމެން މިއީ އެތަނަށް ވަނުމުގެ ހުއްދަ އޮތް ބައެއްކަން ކަށަވަރުކުރުމަށް ފަހުގަ އެވެ.

އަހަރެމެންނަށް މިތަން ދައްކަން އެހީވުމުގައި އުޅުނީ ރާއްޖޭގައި ވަޒީފާ އަދާކޮށް، މަރާސީއަށް ބަދަލުވި ނިކޮލަސް ޚައިރަﷲ އެވެ. އޭނާއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ބޮޑު ކުންފުންޏެއް ކަމަށްވާ އިމާރުން މިސްރުގެ ހިއްސާދާރުންނާ އެކު އުފެެއްދި "އިމާރް މިސްރު" ގެ ފަރާތުން މި ރަށުގައި ހުންނަވާ އޭރިއާ ޑައިރެކްޓަރެވެ.

ލުބުނާނާއި ރޯމޭނިއާގެ ރަށްވެހިކަން އޮންނަ ނިކޮލަސް ޚައިރަﷲ އަކީ ރާއްޖޭގައި ހަތް އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށް ވުމުން ރާއްޖޭގެ ރިސޯޓްތަކާއި މަރާސީއާ ދެމެދު ހުރި ބޮޑެތި ތަފާތުތައް އަހަރެމެންނެކޭ އެއްގޮަތަށް އޭނާ ވެސް އިހުސާސް ކުރައްވަ އެވެ. 

ރާއްޖޭގައި ދޭ ހިދުމަތަކީ ހޮސްޕިޓާލިޓީގެ ޑީއެންއޭ ކަމަށް އިމާރުން ގަބޫލުކުރާތީ، މަރާސީގެ މުވައްޒަފުންނަށް އެކަން ދަސްކޮށްދޭން އެކި ޕްރޮގްރާމްތައް ހިންގުމަކީ އޭނާގެ އެއް ޒިންމާ އެވެ.

ޚައިރަﷲ ވިދާޅުވި ގޮތުގައި މި ރަށުގައިވާ 11 ޓޫރިސްޓް ހޮޓަލާއި މެރީނާ ވެސް ފިނިމޫސުުމުގައި ބަންދުކުރެ އެވެ.

"ހޫނު މޫސުމުގައި މިތަން ފުރޭ އިރު މިތަނުގައި 50،000 މީހުން އާއްމުކޮށް ތިބޭނެ. އެ ދުަވަސްވަރު މިތަނުގައި ހިންގާ ހަރަކާތްތައް ގިނަކަމުން ބައެއް ސަރަހައްދުތައް ވަރަށް ބައިބޯވެފައި އަޑުގަދަ ވެސް ވާނެ، އެކަމަކު މިވަގުތު މިތާ ތިބީ އެންމެ 1،500 ޓޫރިސްޓުން" އޭނާ ވިދާޅުވި އެވެ.

މެޑިޓަރޭނިއަން ކަނޑުގެ އައްސޭރީގައިވާ ސީދީއަބްދުއްރަހުމާން ނަމަކަށް ކިޔާ އަވަށުގައި 2007 ވަނަ އަހަރު ތަރައްގީކުރަން ފެށި މަރާސީގެ ވަޒަންވެރިންނާއި ސީދީ އަބްދުއްރަހުމާނުގެ އަސްލު ވަޒަންވެރިންނާ ދެމެދު ވަކިކުރާ އިމަކީ އިސްކަންދަރިއްޔާއާއި ގާހިރާއަަށް މި ސަރަހައްދުން ދަތުރުކުރަން އޮންނަ ހައިވޭ އެވެ. ހައިވޭގައި ދަތުރުކޮށްފައި ދާއިރު އެއް ފަރާތުން ފެންނަނީ އެތައް ޒަމާނެއް ވަންދެން މީހުން އުޅެމުން އަންނަ އަވަށެއްގައި އެތައް ބައިވަރު އާ ގެތަކާއި ފިހާރަތައް އެޅުމުގެ މަސައްކަތްތައް އެކި މަރުހަލާގައި ހުއްޓަ އެވެ. 

މަރާސީއާވީ ފަޅިން ސީދީ އަބްދުއްރަހުމާން ސިފަކުރެވެނީ މިގޮތަށެވެ. 

އަހަރެމެން ގޮވައިގެން ގާހިރާއަށް ދަތުރުކުރި މިސްރުގެ ޑްރައިވަރު އިސްލާމް، ބުނި ގޮތުގައި ސީދީއަބްދުއްރަހުމާނަކީ މަރާސީގެ ސަބަބުން ބޮޑު އާމްދަނީއެއް ލިބެމުން އަންނަ އަވަށެކެވެ. 

އިމާރުން މިސްރުގައި އުފެއްދި ސަބްސިޑަޔަރީ ކުންފުނި އިމާރް މިސްރުން މަރާސީ ތަރައްގީކުރަން ފެށުމުގެ ކުރީގައި ސީދީ އަބްދުއްރަހުމާނަކީ ހަމަހިމޭން އަވަށެކެވެ. މިހާރުގެ މަރާސީއަކީ އޭރުގައި އެ އަވަށުގެ އަތިރިމައްޗެވެ.

އިސްލާމް ބުނި ގޮތުގައި އެ މުޅި ސަރަހައްދުގައި ވެސް އޭރު ހުރި އެންމެ ފާހަގަކޮށްލެވޭ ތަނަކީ މަޝްހޫރު އަލް އަލަމައިން ހޮޓަލެވެ. އެ ހޮޓާ މަޝްހޫރުވީ މިސްރުގެ ކުރީގެ ރައީސް ޖަމާލް އަބްދުއްނާސިރު ޗުއްޓީ ހޭދަކުރައްވަން ވަޑައިގެންނެވުމާއި މިސްރުގެ ބައެއް މަޝްހޫރު ފިލްމީ ފަންނާނުން އެތަނުގައި ޗުއްޓީ ހޭދަކުރެއްވުމުންނެވެ. 

"އިމާރުން އެންމެ ފުރަތަމަ ހޯދީ މި ހޮޓާ، މިތަނުގެ އަސްލަށް އެއްވެސް ބަދަލެއް  ނުގެނެސް މަރާމާތުކޮށް ޒަމާނީކޮށްފައި މިހިރީ. ޖަމާލް އަބްދުއްނާސިރު ހުންނެވި ކޮޓަރިކޮޅު ވެސް އޭރުގެ ހަނދާންތަކާ އެކު ހާއްސަަކޮށް ފާހަގަކޮށްފައި ހުންނާނެ،" އަލަމައިން ހޮޓަަލުގެ ލޮބީ އޭރިއާގައި ހުންނަވައި ނިކޮލަސް ވިދާޅުވި އެވެ. 

އިމާރް މިސްރުން ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އަލް އަލަމައިން ހޮޓަލާއި އެ ދިމާލުން ގޮނޑުދޮށުގެ 6.5 ކިލޯމީޓަރުގެ ސަރަހައްދެއްގައި ބިނާކޮށްފައިވާ މަރާސީގައި ޖުމްލަ 12 ޓޫރިސްޓް ހޮޓަލާއި ލަގްޒަރީ ވިލާ އާއި އެޕާޓްމަންޓް ހިމެނޭ ގޮތުން 8،000 ގޭބިސީ ހުރެ އެވެ. 

ޓޫރިސްޓް ހޮޓާތަކުގެ ކޮޓަރިތަކުގެ ޖުމްލަ 800 އަށް ވުރެ ގިނަ އެވެ.

އެ ތަންތަނުގައި ދިރިއުޅޭ މީހުންނާއި ހޮޓާތަަކަށް ޒިޔާރަތްކުރާ ޓޫރިސްޓުން ވިޔަފާރިކުރަން ޖުމްލަ 200 އައުޓްލެޓް ގާއިމްކޮށްފައި ވެ އެވެ.

މަރާސީގެ އެންމެ މަގުބޫލު ސަރަހައްދަކީ އެ ރަށުގެ މެދަށްވާ ގޮތަށް ރަށު ތެރެއިން ކޮނެގެން ހަދާފައިވާ 267 ބާތުގެ ޔޮޓްމެރީނާ އާއި އެތަނުގެ ވަށައިގެންވާ ސަރަހައްދެވެ. 

މީހުން ދިރިއުޅޭ ގެތަކާއި އެޕާޓްމަންޓްތައް އެކި ނަންނަމުގައި ގާއިމްކޮށްފައިވާ ވަކިވަކި އަވަށްތަކަށް ބަހާލާފައިވާ އިރު މިރަށުގައިވާ 18 ހޯލްގެ ޒަމާނީ ގޮލްފްކޯޒް އަކީ ގިނަ ވަސީލަތްތަކަކާއި އެކު ގާއިމްކޮށްފައިވާ މުޅިން ވަކި ރިސޯޓެކެވެ.

ފާހަގަކޮށްލެވޭ އަނެއް ތަނަކީ އެފްރިކާގެ ގައުމެއްގައި މިހާތަނަށް ބިނާކުރި އެންމެ ބޮޑު ވޯޓާޕާކެވެ. 
"ޔޫތު ހަބް"ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ ސަރަހައްދެއް އެޕާކާ އިންވެގެން އޮވެ އެވެ.

އެކި ބާވަތުގެ އެކި ފަންތީގެ އަވަށްތައް

މިސްރުގެ މުއްސަނދިންނާއި ގަލްފް ސަރަހައްދުގެ އެހެން ގައުމުތަކުގެ މުއްސަނދިން ގަނެފައިވާ ގެތަކާއި އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ އިމާރްގެ ހިސާބުތަކުން ދައްކާ ގޮތުގައި 60،000 އަށް ވުރެ  ގިނަ އެވެ. އެކަމަކު އެ ވަރުގެ ބޮޑު އާބާދީއެއް އޮތްކަން އިހުސާސް ނުވަނީ ކޮންމެ ނެއިބަހުޑަކީ ޒަމާނީ ވަސީލަތްތަކާ އެކު ކޮންޓްރޯލްކުރާ ގޭޓް ތަކަކުން ވަދެވޭ ވަކި ތަންތަން ކަމަށް ވާތީ އެވެ.

އެއް އަވަށުގައި ހުރިހާ ގެއެއް ބިނާކޮށްފައި ހުރީ ގްރީސްގެ ސެންޓޯރިނީގައި ގްރީކްގެ ސަގާފީ ގެތައް ހުންނަ ވައްޓަފާޅިއަށެވެ. އަނެއް ސަރަހައްދަކުން ސްޕެއިނާއި މޮރޮކޯގައި ހުންނަ ބާވަތުގެ ގެތަކެވެ.

އަރަބި ގައުމުތަކުގެ ސަގާފީ ގޮތްތަކަށް ބިނާކޮށްފައިވާ ގެތައް ހުރި އަވަށެއް ވެސް ފެނުނެވެ.

މިހުރިހާ ތަންތަނެއްގެ ތެރެއިން ވެސް އެންމެ އަގުބޮޑު ގެތަކަކީ ހުރިހާ ގެއަކަށް ހެން މެޑިޓަރޭނިއަން ކަނޑު ފެންނަ ގޮތަށް ބިނާކޮށްފައިވާ ބީޗް ފްރޮންޓް އަވަށެކެވެ. އެ އަވަށުގައި ހުރީ އެއް ސައިޒެއްގެ އެސް ސްޓައިލެއްގެ ގެތައް ކަމަށް ވިޔަސް، ކޮންމެ ގެއަކީ ގެހުރި ގޮތަށް ބަލައިގެން ވަކިކުރެވޭހާ ތަފާތުކޮށް ބިނާކޮށްފައިވާ ގެ އެކެވެ.

ރިއަލްސްޓޭޓް މާކެޓްގައި އެއިން ގެއެއްގެ އަގަކީ މިހާރު 49 މިލިއަން ޑޮލަރެވެ.

އެ ގެތަކާ ދިމާލުގައި ސީދާ ހުދު ނޫން ނަމަވަސް ދޮންވެލީގެ ފުޅާ ގޮނޑުދޮށެއް އޮވެ އެވެ. އެހާ ރީތި ގޮނޑުދޮށެއްގައި ބޮޑު ޕޫލެއް ހަދާފައި އޮތީ ކީއްވެތޯ ސުވާލުކުރުމުން ނިކޮލަސް ވިދާޅުވި ގޮތުގައި މެޑިޓަރޭނިއަން ކަނޑަކީ ރާއްޖޭގެ އެތެރެވަރިހެން އެހާ މަޑުކޮށް އޮންނަ ކަނޑަކަށް ނުވާތީ ރާޅާއި އޮއި ވަރަށް ގަދަ ދުވަސްތައް އާދެ އެވެ.

"މިއީ ލޮނުފެނުގެ ޕޫލެއް، މޫދަށް އެރެން ރައްކާތެރި ނޫން ދުވަސްވަރު މީހުން އެރެން ނޫނީ ދެން ހަމަ މޫދަށް އެރެން ޖެހިލުންވާ މީހުންނަށް ފަސޭހައަކަށް ހަދާފައިވާ ޕޫލެއް އެއީ،" ސްޕެއިންގެ ވައްޓަފާޅިއަށް ބިނާކޮށްފައިވާ ގެއެއްގެ ކައިރިން ގޮނޑުދޮށަށް ނުކުުމެ ލޮނުފެނުގެ ޕޫލް ދައްކާލާފައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ.

އަހަރެމެން މަރާސީއަށް ޒިޔާރަތްކުރި އިރު އެއިން އެއްވެސް ގެއެއްގައި މީހުންނެއް ނެތެވެ. އެއީ އެ ގެތަކުގެ ވެރިން އެ ގެތަކަށް ޒިޔާރަތްކުރަނީ އަހަރުގެ ވަކި ދުވަސްވަރެއްގައި ޗުއްޓީ ހޭދަކުރަން ކަމަށް ވާތީ އެވެ. އޭގެތެރެއިން ބައެއް ގެތައް ކުއްޔަށް ވެސް ދެ އެވެ.

މަރާސީ ގޮލްފްކޯސް ،  ފޮޓޯ: އަހުމަދު އަޒާން މުހައްމަދު ރިޒާ/މިހާރު
މަރާސީ ގޮލްފްކޯސް ، ފޮޓޯ: އަހުމަދު އަޒާން މުހައްމަދު ރިޒާ/މިހާރު

"މިއީ އެ މީހުންގެ ސެކަންޑް ހޯމް، އެހެން ދުވަސްތަކުގައި މިތަންތަން ދޭނީ ކުއްޔަށް،"  

އަހަރެމެން އެ ސަރަހައްދަށް ދިޔަ އިރު ވެސް ގަސްތައް ކޮށައި މަގުތައް ސާފުކުރުން ފަދަ މަސައްކަތްތަކުގައި ބަޔަކު އުޅެ އެވެ. ފެހިކުލައިގެ ޔުނިފޯމްތަކެއް ލައިގެން ތިބި އެ މީހުންނަކީ އިމާރްގެ މުވައްޒަފުންނެއް ނޫނެވެ. އެއީ މަރާސީގެ އެފަދަ މަސައްކަތްތަކާ ހަވާލުވެގެން އުޅޭ މިސްރު ކުންފުންޏެއްގެ މުވައްޒަފުންނެވެ. 

ބޭ އޭރިއާ އާއި މެރީނާ

ގަދައިގައި ވެސް ވަދެވޭ ގޮތަށް ފަރުމާކޮށް ރަނގަޅު ފެންވަރަކަށް ހަދާފައިވާ ނެރަކުން ވަންނަ މެރީނާ ތަރައްގީކޮށްފައި ވަނީ މަރާސީގެ މެދަށް ވާގޮތަށް އޮތް ބޭއެރިއާ ތެރޭގަ އެވެ.

މެޑިޓަރޭނިއަން ކަނޑުން ދަތުރުކޮށް މެރީނާއަށް ވަންނަ އުޅަނދެއްގައި އެއްގަމަށް އެނބުރި ހުންނަ މީހާގެ ކަނާތްފަރާތުގައި ރީތި ދެ ހޮޓާ ހުރެ އެވެ. އެއީ ވީޑާ މެރީނާ ރިސޯޓާއި އެޑްރެސް ބީޗް ރިސޯޓެވެ. އެ ދެ ބްރޭންޑަކީ ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިމާރް ހޮސްޕިޓަލިޓީ ގްރޫޕުން އަގުބޮޑު ހޮޓާތައް ހިންގާ ދެ ބްރޭންޑެވެ.

މަރާސީ މެރީނާގެ ކައިރީގައިވާ އަވަށެއް.  ފޮޓޯ: އަހުމަދު އަޒާން މުހައްމަދު ރިޒާ/މިހާރު
މަރާސީ މެރީނާގެ ކައިރީގައިވާ އަވަށެއް. ފޮޓޯ: އަހުމަދު އަޒާން މުހައްމަދު ރިޒާ/މިހާރު

މެރީނާއަށް ވަދެގެން ގޮސް އެއްގަމުން މޫނުޖެހޭ ދިމާލުގައި ހުރީ ލަގްޒަރީ ރެސިޑެންޝަލް އިމާރާތްތަކެކެވެ. އެ އިމާރާތްތަކުގައިވާ އެޕާޓްމަންޓްތަކުގެ ބޮޑު ބަޔަކީ މެރީނާގައި އެކި ވިޔަފާރިތައް ކުރާ ވިޔަފާރިވެރިން ގަނެފައިވާ ތަންތަނެވެ. 

މެރީނާއަށް އަންނަ ޔޮޓްތައް އަޅާ ސަރަހައްދު ބަނދަރުމަތީގައި އެކި ފަންތީގެ ކެފޭ ރެސްޓޯރެންޓްތައް ހިންގާ އިރު މެދުއިރުމަތީގެ ކެއުންތަކަށް ހާއްސަ ތަންތަނާއި އެހެން ބައެއް ގައުމުތަކުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓްތައް ހުއްޓެވެ. އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓަކާއި ލުބުނާނުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް އެތަނުން ފާހަގަވި އެވެ.

ކެފޭ ރެސްޓޯރެންޓްތަކުގެ އިތުރުން ޝޮޕިން މޯލްތަކާއި ބައެއް ކުދި ފިހާރަތަކާއި ސުވެނިއާޝޮޕްތައް ވެސް އެތަނުގައި ވެ އެވެ.

"މިހިރީ މިސްރު މީހުން ހިންގާ ފިހާރައެއް، އެއާ ޖެހިގެން ވެސް އެއީ މިސްރު މީހުން ހިންގާ ތަންތަން،" މެރީނާ ސަރަހައްދުގައި ވިޔަފާރިވެރިންނާ މުއާމަލާތްކުރަން އިމާރުގެ ފަރާތުން ހުންނަ މަންދޫބު ވިދާޅުވި އެވެ.

އޭނާގެ ވާހަކައިން އެނގުނު ގޮތުގައި އެ ސަރަހައްދުގައިވާ ބައެއް އިންޓަނޭޝަނަލް ފްރެންޗައިޒްތަކަކީ ވެސް ސީދާ އިމާރުން ކުރާ ވިޔަފާރިތަކެއް ނޫނެވެ. އެއީ ފްރެންޗައިޒްތައް މިސްރުގެ އެހެން ބައެއް ރަށްތަކުގައި ވެސް ހިންގާ މިސްރު ވިޔަފާރިވެރިން މެދުވެރިކޮށް ގެނެސްފައިވާ ބްރޭންޑްތަކެވެ.

"މިއީ މިސްރު މީހެއްގެ ފިހާރައެއް އެކަަމަކު މިތާ ވިއްކަން މިހިރަ އެއްވެސް ބްރޭންޑަކީ މިސްރުގެ ބްރޭންޑްތަކެއް ނޫން،" އޭނާ ވިދާޅުވި އެވެ.  

ސަލާމަތީ ކަންތައްތައް ބަލަހައްޓަނީ މިސްރު ފުލުހުންގެ އެހީގައި

މަރާސީގެ ހުރިހާ ސަރަހައްދެއް ވަގުތުން ބަލައިލެވޭ ގޮތަށް އޮޕަރޭޓްކުރާ ކެމެރާތަކަކާއި ސެންސަރުތަކުގެ އެހީގައި އެ ރަށުގެ ކަންތައްތައް ބަލަހައްޓާ ވަރަށް ޒަމާނީ ކޮންޓްރޯލް ސެންޓަރެއް ހުރެ އެވެ. އެތަނުގައި ޑިއުޓީ ބަހައިގެން 24 ގަޑިއިރު މަސައްކަތްކުރާ ޓީމުގެ ވެރިއަކަށް ހުންނެވީ މިސްރު ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު ރިޓަޔާކޮށްފައިވާ އޮފިސަރެކެވެ.

"އާއްމުކޮށް އަޅުގަނޑުމެން ބަލަހައްޓަނީ ޓްރެފިކް ފްލޯ އާއި ޔޫޓިލިޓީ ހިދުމަތްތަކުގެ ހާލަތު. ޓްރެފިކް ގަވައިދާ ހިލާފު ވެއްޖެ ނަމަ މިސްރުގެ ކަމާ ބެހޭ އިދާރާއަށް އެކަން އެންގުމުން ޖޫރިމަނާ ކުރުން ފަދަ ފިޔަވަޅުތައް އަޅާނެ، އެ ވެހިކަލެއްގެ ވެރިއެއްގެ ފޯނަށް އެކަމާ ބެހޭ މެސެޖެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އަހަރެމެން ޒިޔާރަތްކުރި ދުވަސްވަރަކީ މަރާސީގެ ރިސޯޓްތަކާއި ހޮޓާތައް ގާތްގަނޑަކަށް ފަަޅަށް އޮތް ދުވަސްވަރަކަށް ވުމުން ހަމަ އެކަނި ކޮންޓްރޯލް ސެންޓަރުގައި ތިބެެގެން ރަށުގެ ތެރެ ބެލެހެއްޓުނަސް ހައި ސީޒަންގައި ޒުވާނުން އެެއްވެ އުޅޭ އިރު ކުށުގެ އަމަލުތައް ވެސް އެތާނގައި ހިނގަ އެވެ.

"އެ ދުވަސްވަރު މަރާސީގައި މިސްރު ފުލުހުން ހަރަކާތްތެރިވާނެ. އަޅުގަނޑުމެން ކުރާ ކަމަކީ އެ ބޭފުޅުންނަށް ބޭނުންވާ ސަޕޯޓް ދިނުން. އެކަމަކު އެ ނޫން ދުަވަސްތަކުގައި ވެސް މީހަކު ކުށެއް ކޮށްފި ނަމަ އަޅުގަނޑުމެން އެކަމަށް އެޓެންޑްކޮށް، އެ މީހަކު ހަވާލުކުރާނީ މިސްރު ފުލުހުންނާ،" މަރާސީގެ ކޮންޓްރޯލް ސެންޓަރުގައި އިސްކޮށް ހުންނަވާ އޮފިސަރު ވިދާޅުވި އެވެ.

މިސްރުގެ އިގުތިސާދަށް ބޮޑު އާމްދަނީއެއް ވައްދާ ރަށެއް

ގޭޓެޑް ކޮމިއުނިޓީއެއްގެ ގޮތުގައި އިމާރުން 2007 ވަނަ އަހަރު މާރާސީ ބިނާކުރަން ފެށީއްސުރެ މިއަދާ ހަމައަށް އެ ކުންފުނިން މި ރަށަށް 3.7 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފި އެވެ.

އެ އިންވެސްޓްމެންޓާ އެކު މަރާސީގައި ދާއިމީކޮށް މީހުން މަސައްކަތް ކުރާނެ 15،000 ވަޒީފާ އުފެދުނެވެ. 

މި ތަރައްގީއާ އެކު އެރަށުގެ ބިމުގެ އަގު އަންނަނީ އަހަރަކު ހަތް ގުނައަށް ބޮޑުވަމުންނެވެ. ގެތަކާއި އެޕާޓްމަންޓްތަކުގެ އަގު އަހަރަކު ހަތަރު ގުނައަށް އުފުލެ އެވެ.

އެންމެ ފުރަތަމަ ބިން ގަތްއިރު ބިމުގެ އަގަކީ 211 މިލިއަން ޑޮލަރެވެ. ނަމަވެސް 2024 ގައި އެ އަގު ވަނީ 972 މިލިއަން ޑޮލަރަށް އަރައިފަ އެވެ. އަދި ޕްރޮޕަޓީގެ އަގު 2007 ގައި އަކަމީޓަރަކަށް 2,200 ޑޮލަރުގައި ހުރި ނަމަވެސް 2024 ގައި ވަނީ އަކަމީޓަރަކަށް 6,700 ޑޮލަރަށް އުފުލިފަ އެވެ.

މި ރަށުގައިވާ ހޮޓާތަކަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ހައި ސީޒަންގައި ޒިޔާރަތްކުރި ޓޫރިސްޓުންނަށް ވުރެ 12 ޕަސެންޓް އިތުރަށް މިއަހަރު ޓޫރިސްޓުން އައި ކަމަށް އިމާރުގެ ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރު 50،728 ޓޫރިސްޓުން މަރާސީއަށް ޒިޔާރަތްކުރި އިރު މިއަހަރުގެ މިހާތަނަށް 57،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. އޭގެ ތެރެއިން 43 ޕަސެންޓަކީ ގަލްފު ސަރަހައްދުގެ ގައުމުތަކުން އައި މީހުންނެވެ.

މަރާސީ ތަރައްގީ ކުރުމާއި ހިންގުމުގައި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންގެ ގޮތުގައި މިސްރުގެ 1600 ވިޔަފާރިއަކުން ހަރަކާތްތެރި ވެ އެވެ. މިރަށުގައި ކުރާ ވިޔަފާރިތަކަށް ގެންނަ މުދަލުގެ 95 ޕަސެންޓަކީ މިސްރުގެ ވިޔަފާރިވެރިން ސަޕްލައިކުރާ މުދަލެވެ. 

މަރާސީ ހިންގަން ފެށި އިރު މުވައްޒަފުންގެ މުސާރަ ހުރި ވަރަށް ވުރާ އަޅާ ބަލާއިރު މުވައްޒަފުންގެ މުސާރަ މިހާރު ވަނީ ހަތް ގުނަ އަށް ބޮޑުވެފަ އެވެ.

އެތަނުން ދިމާވި ބައެއް މުވައްޒަފުން ބުނި ގޮތުގައި، މަރާސީގައި ވަޒީފާއެއް ލިބުމަކީ މިސްރުގެ ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ.

ފްރަންޓް އޮފީސް މުވައްޒަފެއް ކަމަށްވާ ނޫރާ ބުނީ ވަޒީފާ އަދާކުރަން ބަލާ ނަމަ މަރާސީއަކީ އެންމެ ރަނގަޅު ތަން ކަމަށެވެ. އެތަނުގައި ވަޒީފާ އަދާކުރުމަށް ފަހު ޗުއްޓީ ދުވަސްތަކުގައި އެ މީހުންނަށް އެނބުރި ގެއަށް ދެވެ އެވެ.

"މުޅި އިޖިޕްޓް ވެސް މަރާސީ ދެކެ ލޯބިވޭ،" ނޫރާ ބުންޏެވެ. 

މަރާސީން ވަޒީފާ ދިނުމުގައި އިސްކަންދެނީ ވެސް މިސްރުގެ މީހުންނަށެވެ. އެއީ، ގައުމުގެ ތާރީހާއި ސަގާފަތާއި މޫސުން ވެސް އެންމެ ރަނގަޅަށް އެނގޭނެ ބަޔަކަށް އެ މީހުން ވާތީ އެވެ.

މަރާސީން ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، އަހަރަކު 150 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ހޭދަކުރެ އެވެ.

މިއީ، އީގަލް ހިލްސް އިން ރާއްޖޭގެ ރަސްމާލެ ޕްރޮޖެކްޓް ހިންގަން، ނަމޫނާއަކަށް ދައްކާ މަރާސީން ފެނުނު މަންޒަރުތަކެވެ.