އަހަރެމެން އެހެން ރަށަކަށް ބަދަލުކޮށްދީ!

މީހުން ދިރިއުޅޭ ރަށެއްގައި ނަމަ، ކޮންމެހެން ފުރިހަމަވެފައި ހުންނަން ޖެހޭ އަސާސީ ހިދުމަތްތަކެއް ހުރެ އެވެ. ފުރަތަމަ ކަމަކަށް ލަފައިފުރޭނެ ލުއިފަސޭހަ އިންތިޒާމެކެވެ. ދެ ވަނަ ކަމަކަށް ތައުލީމް ލިބޭނެ އިންތިޒާމެވެ. އަދި ތިން ވަނަ ކަމަކަށް އެކަށީގެންވާ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމެވެ.


މިއިން އެއްވެސް ހިދުމަތެއް ނެތި ދިރިއުޅެން ޖެހުމަކީ ކިހާ އުނދަގޫ ކަމެއް ކަން، އެކަން ތަޖުރިބާ ނުކުރާ މީހަކަށް ތަސައްވުރު ވެސް ނުކުރެވޭނެ އެވެ. ނަމަވެސް ބ. ފެހެންދޫ ރައްޔިތުން އެ އުނދަގޫ ތަހައްމަލު ކުރަމުން ދާތާ ކިތަންމެ އަހަރެކެވެ. އެމީހުން އަދިވެސް ތިބީ އެ ޝަކުވާތަކަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ފެހެންދޫގެ ބައެއް ރައްޔިތުން، އެ ރަށުގައި އުޅުމާ މެދު އެމީހުން ދެކޭ ގޮތް ހާމަ ކުރަނީ. ވީޑިއޯ؛ އަހްމަދު އަބްދުﷲ ސައީދު/މިހާރު

މި ރަށުގެ މިހާރުގެ ރަޖިސްޓްރީގައި، ކުޑަކުދިންނާ އެކު 298 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ރަށުގައި މިހާރު އެވްރެޖް ގޮތެއްގައި ދިރިއުޅެނީ 120 އާއި 150 އާ ދެމެދުގެ އަދަދެއްގެ މީހުންނެވެ. އެހެންވީމާ، ރަށުގެ ރަޖިސްޓްރީގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މީހުން އުޅެނީ ރަށުން ބޭރުގަ އެވެ.

މި ރަށު މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި، ރަށުގެ އާބާދީ މިހާ ކުޑަވުމުގެ ސިއްރަކީ ވެސް މި ރަށުގައި ދިރިއުޅުން ދަތިވުމެވެ. އެއް ފަޅު ތެރޭގައި މާ ދުރު ނޫން ހިސާބެއްގައި ގޮއިދު އާއި ފުޅަދޫ އޮތް ކަމަށް ވިޔަސް، އަސާސީ ޚިދުމަތްތައް ހޯދަން އެ ދެ ރަށަށް ދާން ޖެހުމަކީ، މި ރަށު މީހުން ގަބޫލުކުރާ ގޮތުގައި، އިންސާފެއް ނޫނެވެ.

މި މަދު މީސްކޮޅު ސިއްހީ ޚިދުމަތާއި ތައުލީމު ހޯދުމަށް ދާން ޖެހެނީ އެންމެ ކައިރީގައި އޮތް ގޮއިދު އަށެވެ. އެއް ފަޅު ތެރޭގައި ކިތަންމެ ކައިރީގައި އޮތަސް، "ނުބީހެއްޏާ ކަނޑާ ހަމައޭ" ބުނާ ބަހަށް ބަލާއިރު އެމީހުން އެ ހިދުމަތްތައް ހޯދަން ޖެހެނީ ކަނޑެއް ހުރަސް ކޮށްފަ އެވެ.

ފެހެންދޫގައި އެކަށީގެންވާ ބަނދަރެއް ނެތުމުންނާއި ފަޅު ތިލަވުމުން، ކުދި ޑިންގީ އާއި ބޮއްކުރަ އަށް ވުރެ ބޮޑެތި އުޅަނދު ކައިރިއެއް ނުކުރެވެ އެވެ. އެހެންކަމުން ކުއްލި ސިއްހީ ހާލަތެއް މެދުވެރިވެގެން ޑޮކްޓަރަށް ދައްކަން ޖެހިއްޖެއްޔާ، މޫސުން ކިތަންމެ ގޯހަސް، ކުޑަ ޑިންގީއެއް ފަދަ އެއްޗެއްގައި ގޮއިދު އަށް ނުވަތަ އެހެން ރަށަކަށް ދިޔުން ނޫން ގޮތެއް ނޯވެ އެވެ.

ބައެއް މީހުން މި ރަށް ދޫކޮށް އެހެން ރަށްރަށަށް ހިޖްރަ ކުރާ މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. މި ރަށު ވަގުތީ މަންޒިލް، އަބްދުއްރަހްމާން، 90، ބުނި ގޮތުގައި ރަށުގައި މީހުން މަދީ ރަށުގައި ދިރިއުޅުން ދަތިކަމުން އެކި ރަށްރަށަށް އާއިލާތައް ހިޖްރަ ކުރަމުން ދާތީ އެވެ. އަދި ބައެއް މީހުން އެހެން ރަށްރަށުން މީހުންނާ އިނދެގެން އެ ރަށްރަށަށް ދިރިއުޅުން ބަދަލުކޮށްފައި ވާތީ އެވެ.

"މި ރަށުގައި އުޅުމަށް ވުރެ ރަނގަޅީ އެހެން ރަށަކަށް ބަދަލުވުން. އެއީ ރަށުގައި ދިރިއުޅެން އުނދަގޫ ކަމުން. މި ރަށް ހީވަނީ ފަޅުރަށެއް ހެން. މީގެ އެތައް އަހަރެއް ކުރިން މި ރަށު މީހުން އެދުނު އޭދަފުއްޓަށް ބަދަލު ކޮށްދޭން ވެސް. އެކަމަކު ސަރުކާރުން އަޅައެއް ނުލި،" އަބްދުއްރަހްމާން ބުންޏެވެ.

އަސާސީ އެއްވެސް ވަސީލަތެއް އެކަށީގެންވާ ގޮތެއްގައި ނެތް ރަށެއްގައި ދިރިއުޅެން ޖެހިފައި ވުމުން، ތަރައްގީގެ އެއްވެސް މަންފާއެއް ނުލިބެ އެވެ. އަތޮޅުގެ އެހެން ބައެއް ރަށްރަށް ލަސް ދުވެއްޔެއްގައި ނަމަވެސް ތަރައްގީ ވަމުން އަންނަ އިރު ފެހެންދޫ އޮތީ ބަރަވެލި ދުވެލީގައި ކަމަށް ރަށުގެ މީހުން ގަބޫލުކުރެ އެވެ.

މި ރަށު ދޭލިޔާގޭ މުސްތަފާ އިދުރީސް، 67، ބުނި ގޮތުގައި މިހާރަށް ވުރެ ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ލިބޭނީ، އާބާދީ ބޮޑު އަދި ބިން ވެސް ބޮޑު ރަށަކަށް ބަދަލުވެގެންނެވެ. ނަމަވެސް އެކަން ނުކުރެވެނީ، އެމީހަކު ރަޖިސްޓްރީވެފައިވާ ރަށަކުން ނޫނީ ގޯތި ލިބޭނެ ލުއިފަސޭހަ އުސޫލެއް ނޯންނާތީ އެވެ. އެހެންކަމުން، އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ފެހެންދޫ މީހުން ވެސް އެހެން ރަށަކަށް ބަދަލު ކުރާނެ ކަމުގެ އުންމީދުގައި ހުންނަތާ ކިތަންމެ އަހަރެއް ވެއްޖެ އެވެ.

"އަޅުގަނޑު ތުޅާދޫން މި ރަށަށް ބަދަލުވި އިރު ވެސް ވަރަށް ދަށު ދަރަޖައިގައި މި ރަށް އޮތީ. އަޅުގަނޑުމެންނަށް ވެސް އެނގެނީ އާބާދީ ބޮޑެތި އަދި ތަރައްގީވެފައި އޮންނަ ތަންތަނަށް ދިޔައީމާ އަޅުގަނޑުމެންގެ ލެވެލް ވެސް ތަންކޮޅެއް ރަނގަޅު ވާނޭ. މި ރަށްތައް ތަރައްގީނުވެފައި މި އޮންނަނީ އާބާދީ ވެސް ކުޑަކަމުން. އަޅުގަނޑު ހަމަ ވަރަށް އެދޭ ކަމެއް އާބާދީ ބޮޑު ތަނަކަށް ގޮސް ކުދިން ގޮވައިގެން އެހެން ތަނެއްގައި އުޅުން،" މުސްތަފާ ބުންޏެވެ.

ދެ އަހަރުގެ އަންހެން ދަރިއަކު ގޮވައިގެން އުޅޭ ޝިފާނާ ހުސައިން، 27، ބުނި ގޮތުގައި އޭނާ އަށް އެންމެ އުނދަގުލީ ސިއްހީ ހިދުމަތް ހޯދުމެވެ. އެހެންކަމުން އޭނާ ވެސް ބޭނުންވަނީ އާބާދީ ބޮޑު އެހެން ރަށަކަށް ވީ އެންމެ އަވަހަކަށް ބަދަލުވާށެވެ.

"މި ރަށުގައި ދިރިއުޅޭކަށް ފަސޭހައެއް ނޫން. ވަރަށް ބައިވަރު އުނދަގޫ ދަތިތަކާ ކުރިމަތިވޭ. ސިއްހީ ދާއިރާ އިން ވެސް، ސްކޫލްގެ ކިޔެވުން ވެސް، ދެން މި ރަށުގައި އުޅޭކަށް ބޭނުމެއް ނޫން. ހަމަ ބަދަލުވާން ބޭނުމީ ރަނގަޅު ތަނަކަށް. ބޭސްފަރުވާގެ ކަންތައް އަދި އަޅުގަނޑަށް އެންމެ އުނދަގުލީ. ބަލިވެއްޖެއްޔާ ހަމަ ކަނޑު ހުރަސްކޮށްފައި، ކިތަންމެ ގަދަޔަސް ޖެހޭނީ ދަރިފުޅު ގޮވައިގެން ދާން."

އެހެންކަމުން ޝިފާނާ އާއި އޭނާގެ ފިރިމީހާ މިހާރު ރާވާފައިވަނީ، ދަރިފުޅު މި އަންނަ އަހަރު ސްކޫލަށް ވައްދަންވާ އިރަށް އޭދަފުއްޓަށް ބަދަލުވާށެވެ. އެއީ ދަރިފުޅަށް ކިޔަވައިދިނުމަށްޓަކައި ކަނޑު ހުރަސްކޮށްފައި ގޮއިދު އަށް ކޮންމެ ދުވަހަކު ދެ ދަތުރު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެވެ.

މި ރަށު ރައްޔިތުންގެ ތެރެއިން ވެސް އަސުރުމާގޭ އައިމިނަތު އާސިފާ، 32، އަކީ ކޮންމެ ދުވަހަކު ވަރުގަދަ ޖިހާދެއް ކުރާ އަންހެނެކެވެ. އޭނާގެ ހާއްސަ ކަމަކީ، ތިން ކުދިން ސްކޫލަށް ގެންދަން ޖެހޭ އިރު، އުރައިގެން ގެންގުޅެން ޖެހޭ، ހަތް އަހަރުގެ ކުޑަ ކުއްޖަކު ގޮވައިގެން، ކިތަންމެ ކަނޑު ގަދަޔަސް ޑިންގީއެއްގައި ކޮންމެ ދުވަހަކު ދެތިން ދަތުރު ކުރުމެވެ. އެންމެ ފުރަތަމަ އޭނާ ދަރިން ގޮވައިގެން ގޮއިދު އަށް ދަތުރުކޮށް އުޅުނީ އަމިއްލަ އަށް ޑިންގީ ދުއްވައިގެންނެވެ.

އޭނާ އެ ދިރިއުޅުމަށް ހޭނިފައި ވުމުން، އޭނާގެ ވިސްނުމުގައި އެހެން ރަށަކަށް ބަދަލުވުމުގެ ޚިޔާލެއް ނެތަސް، އޭނާ ވެސް ގަބޫލުކުރަނީ ފެހެންދޫ ރައްޔިތުން އުޅެމުން އެދަނީ މި ޒަމާނުގައި އުޅެން ޖެހޭ ފަދަ ހާލެއްގައި ނޫން ކަމަށެވެ. އޭނާ އަށް އެއީ މާ ބޮޑު ކަމެއް ނޫނަސް، އެއީ ބޮޑު ތަކުލީފެއް ކަމަށް އޭނާ ވެސް ގަބޫލު ކުރެ އެވެ.

"(މި ރަށުގައި އުޅެން) އުނދަގުލެއް ނޫން. މާ ބޮޑު ޚިޔާލެއް ނުގެންގުޅެން އަސްލު ބަދަލުވާކަށް. އެކަމަކު ރަށުގެ ރައްޔިތުން ބަދަލުވާ ކަމަށްވެއްޖެއްޔާ ޖެހޭނީ ބަދަލުވާން."

އާސިފާ ބުނީ ކުޑަ އިރުއްސުރެ ކައިރި ރަށްރަށަށް އެކަނި ދަތުރުކޮށްފައިވާތީ، މިހާރު ދަރިން ގޮވައިގެން ގޮއިދު އަށް ދާން ޖެހުމަކީ މާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ. އަދި ކުދިން ވެސް އެ ގޮތަށް ހޭނިފައި ތިބީމާ ގޮއިދޫ ސްކޫލަށް ދާން ޖެހުމަކީ އެ ކުދިންނަށް ވެސް މާ ބޮޑު ކަމަކަށް ނުވެ އެވެ.

ފެހެންދޫގެ އާބާދީގެ ކުޑަ ކަން ވަޒަންކޮށްލެވޭ އެއް ކަމަކީ ސްކޫލަށް ދާ ފުރައިގެ ކުދިންގެ މަދުކަމެވެ. ގްރޭޑް އެކެއްގަ އާއި ގްރޭޑް އަށެއްގައި ކިޔަވާނެ ކުއްޖަކު ނެތް އިރު، ދެން ކޮންމެ ގްރޭޑެއްގައި ތިބެނީ އެންމެ ކުއްޖެއް ނުވަތަ ދެ ތިން ކުދިންނެވެ.

ބައެއް ޒުވާނުން ދެކޭ ގޮތުގައި ފެހެންދޫގައި ނެތް ހިދުމަތްތައް ގޮއިދޫން ލިބެން ހުރުމުން ފެހެންދޫގައި ދިރިއުޅުމަކީ މާ ބޮޑު މައްސަލައެއް ނޫނެވެ. އެ ޒުވާނުން ދެކޭ ގޮތުގައި މީގެ އަހަރުތަކެއް ކުރިން، އާބާދީ ބޮޑު އެހެން ރަށަކަށް ބަދަލުވި ނަމަ، އެ މީހުން ދުނިޔެ އަށް ނޭވާ ލާން ފަށާނީ މިއަށް ވުރެ ތަނަވަސް ދިރިއުޅުމަކަށެވެ. އަދިވެސް ވަގުތު ފާއިތެއް ނުވެ އެވެ.

މިރަށު ގްރޭޑް 10 ގައި ކިޔަވަމުން އަންނަ މުހައްމަދު ޝިނާން ލަތީފް ބުނި ގޮތުގައި އޭނާ ވެސް މިހާރު ހުރީ އެހެން ކުދިން ފަދައިން އެ ރަށުގެ ދިރިއުޅުމަށް ހޭނިފަ އެވެ. މޫސުން ކިތަންމެ ގޯހަސް، ޔުނީފޯމް ލައިގެން ފޮތް ދަބަސް ކޮނޑުގައި އަޅުވައިގެން ކުޑަކުޑަ ޑިންގީގައި ގޮއިދު އަށް ދަތުރު ކުރުމަކީ އޭނާ އަށް މަޖާ ކަމެކެވެ.

"(ކޮންމެ ދުވަހަކު ކަނޑުގައި ދަތުރުކޮށްފައި ދާން ޖެހުނީމާ) އަޅުގަނޑަކަށް އެއްވެސް އުނދަގުލަކަށް ނުވޭ. މަޖާ ކަމަކަށް ވަނީ، ޑިންގީ ދުއްވާލެވޭތީ ކޮންމެ ދުވަހަކު. (ކުޑަކުޑަ ރަށެއްގައި، ގިނަ މީހުން ނޫޅޭތީ) މާ މަޖާ."

ކުދިން ގޮވައިގެން ބެލެނިވެރިން ޑިންގީގައި ގޮއިދު އަށް ފުރަތަމަ ދަތުރު ކުރަނީ، ހެނދުނު 6:15ގަ އާއި 6:30 ހާއިރެވެ. ކުދިން ސްކޫލަށް ލާފައި ބެލެނިވެރިން އެނބުރި ރަށަށް އަންނާނެ އެވެ. އަނެއްކާ 9:15 ހާއިރު އެ ކުދިންނަށް އިންޓަވަލް ދޭން ޑިންގީގައި ދާނެ އެވެ. އިންޓަވަލް ދީފައި އެނބުރި ރަށަށް އައިސް މެންދުރު އެ ކުދިން ނިމޭ ގަޑި އަށް ގޮއިދު އަށް ގޮސް އެ ކުދިން ގޮވައިގެން ރަށަށް އަންނާނެ އެވެ.

އެހެންކަމުން ސްކޫލް އޮންނަ ދުވަހެއްގައި ނަމަ ބައެއް ބެލެނިވެރިން ޑިންގީގައި ފެހެންދު އާއި ގޮއިދުއާ ދެމެދު ހަ ދަތުރު ކުރެ އެވެ. އަދި އިތުރު ހަރަކާތަކަށް ގެންދަން ޖެހިއްޖެ ނަމަ އެ ޖެހުނީ އިތުރު ދަތުރުތަކެއް ކުރާށެވެ. މަތީ ގްރޭޑްތަކުގެ ކުދިން އެކަނި ޑިންގީގައި ދަތުރު ކުރި ނަމަވެސް، ކޮންމެ ކުޑަކުއްޖަކު ގޮވައިގެން ބެލެނިވެރިއަކު ޑިންގީގައި ދެ އެވެ.

މިއަށް ވުރެ ތަނަވަސް ރަށަކަށް ބަދަލުވާން ބޭނުން ވެފައި ތިއްބަސް، ރަށާ މެދު ރައްޔިތުންގެ ހިތްތަކުގައި އޮތީ ހާއްސަ ލޯތްބެކެވެ. ރަށުގެ އާންމު ސާފުތާހިރުކަމަކީ އެންމެ ބޮޑަށް އިސްކަން ދޭ ކަންތަކެވެ. ކޮންމެ ގެއަކުން ވެސް އެގެއެއްގެ މަގުމަތީ ސަރަހައްދު ކުނިކަހައި ސާފު ކުރާ އިރު، ރަށުގެ ހުސް ތަންތަނާއި އަތިރިމަތި ކުނިކަހައި ސާފު ކުރުމަކީ ހުރިހާ އަންހެންވެރިން ގުޅިގެން ކުރާ ކަމެކެވެ.

ރަށުގެ ޒުވާނުންނަކީ ފުޓްބޯޅަ އަށް ހާއްސަ އިސްކަމެއްދޭ ބައެކެވެ. އާބާދީ ކިތަންމެ ކުޑަޔަސް، އަތޮޅުގެ އެންމެ ބޮޑެތި ރަށްތަކުގެ މައްޗަށް މި ރަށުގެ ފުޓްބޯޅަ ޓީމު އަންނަނީ ކުރި ހޯދަމުންނެވެ. ރަށުގައި ތިބެގެން އަދާކުރާނެ މާ ގިނަ ވަޒީފާތަކެއް ނެތުމުން ގިނަ ޒުވާނުން އުޅެނީ ރިސޯޓްތަކުގަ އެވެ.