ދަރަވަންދޫގައި ޓޫރިސްޓުންތަކެއް-- އެރަށުން ކަރަންޓް ކެނޑޭ މައްސަލަ ވަނީ ބޮޑުވެފައި-- ފޮޓޯ: މާކޯ
14 އޮކްޓޯބަރ 2017 - 10:06
އެއާޕޯޓާ އެކު އުމުރާނީ ގޮތުން އެތައް ތަރައްގީއެއް އެރަށަށް އައިސްފައިވާއިރު އަދިވެސް ހައްލު ނުލިބެނީ ކަރަންޓުގެ މައްސަލައަށެވެ. މީގެ ފަސް އަހަރު ކުރިން ބ. ދަރަވަންދޫ އެއާޕޯޓް ހުޅުވުމުގެ ކަވަރޭޖަށް އެރަަށަށް ދިޔައިރު ވެސް ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިރުއިރުކޮޅާ ކަރަންޓް ކެނޑުމެވެ.
ދަރަވަންދޫގައި ކަރަންޓް ދެނީ ކުރިން ރައްޔިތުން ހިންގި އިންޖީނުގެއާ ފެނަކަ ކޯޕަރޭޝަނުން ހަވާލުވެގެން، އެ ކުންފުނިންނެވެ. ކަރަންޓް ދޫކުރަނީ މީގެ އެތައް އަހަރެއް ކުރިން ރައްޔިތުން އެޅި ކޭބަލްތައް މެދުވެރިކޮށެވެ. އެކަމަކު އެއީ ކުޑަ އާބާދީއަކަށް އަމާޒުކޮށްގެން ގާއިމްކުރި ނިޒާމެކެވެ. އޭރު އެރަށުގައި ގެސްޓްހައުސްތަކެއް ވެސް އަދި ބޮޑެތި ފިހާރަތަކެއް ވެސް ނެތެވެ. މިހާރަށް ވުރެ އާބާދީވެސް މާ ކުޑަ އެވެ. އޭގެ އެތައް އަހަރެއް ފަހުން އެރަށަށް އުމުރާނީ އެތައް ތަރައްގީއެއް އައިސް އަދި އާބާދީ ވެސް ބޮޑުވި އިރު ކަރަންޓްގެ ހިދުމަތް އޮތީ ވަރަށް ވެސް ދަށު ހާލަތެއްގަ އެވެ.
ދަރަވަންދޫ އެއާޕޯޓް: މިއީ ރާއްޖޭގެ އެންމެ ބިޒީ ޑޮމެސްޓިކް އެއާޕޯޓް
ދަރަވަންދޫ ކައުންސިލުން ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު އެރަށަށް ކަރަންޓް ދެނީ ތިން ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. އެއީ 200 އާއި 250ގެ އިތުރުން 100 ކިލޯ ވޮޓުގެ ޖަނަރޭޓަރުތަކެވެ.
ކައުންސިލްގެ ނައިބު ރައީސް އަދި ގެސްޓްހައުސް ވިޔަފާރީގެ ތެރޭގައި ވެސް އުޅުއްވަމުން ގެންދަވާ އަލީ ޝަފީގު ވިދާޅުވި ގޮތުގައި މިހާރުގެ ހާލަތަށް ބަލާއިރު އެރަށުގެ ކަރަންޓުގެ ހިދުމަތް ވަރަށް ދަށެވެ. ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އާންމުންނަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓް ކަމަށް އޭނާ ވިދާޅުވި އެވެ.
އިރުއިރުކޮޅުން ކަރަންޓް ކެނޑުމަކީ އެރަށުގައި އާންމު މައްސަލައެކެވެ. އެކަމުގެ ސަބަބުން އެތައް ގޭބިސީއެއްގެ އިލެކްޓްރޯނިކް ސާމާނު ހަލާކުވެފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
"ދަރަވަންދޫ ތަރައްގީވަމުން އަންނަ ވަރަށް ކަރަންޓް މައްސަލަ ހައްލުވެގެން ނާދޭ،" އޭނާ ވިދާޅުވި އެވެ.
ޓޫރިސްޓުންތަކެއް ދަރަވަންދޫގައި: އެއާޕޯޓާ އެކު މި ރަށުގައި ޓޫރިޒަމް އަންނަނީ ފުޅާވަމުން --
ދަރަަވަންދޫގައި 10 ގެސްޓްހައުސް ހިންގާއިރު 100 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު އެބަ ހުއްޓެވެ. އާންމު ގޮތެއްގައި ގިނަ އަދަދަކަށް ޓޫރިސްޓުން އަބަދުވެސް އެ ރަށުގައި އުޅެ އެވެ. ފައްކާވަމުން އަންނަ ޓޫރިޒަމަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓް މައްސަލަ ކަމަށް ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ބުނެއެވެ.
އޯނާ އެލްވީއައިއެސް ބުލަންކޫރާ ގެސްޓް ހައުސްގެ ވެރިޔާ އަލީ ވިޝާމް ވިދާޅުވި ގޮތުގައި ކަރަންޓް ލިބޭލެއް ދަށްވުމުން އެއާކޯންތަކާއި ފުރިޖު ފަދަ ތަކެތި، ބައެއް ފަހަރަށް، ބޭނުމެއް ނުކުރެވެ އެވެ. އަދި ކަރަންޓް ގޮސް ގިނަ އިރުތަކެއް ވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި ޓޫރިސްޓުންގެ ފަރާތުން ޝަކުވާ ވެސް ލިބެމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަރަންޓް ދަށް ވެގެން ގޮސް އެއާކޯން މަސައްކަތް ނުކުރަނީ. ފެން ހޫނުކުރާ ބޮއިލަރުތައް މަސައްކަތެއް ނުކުރޭ. ރޫމުތައް ފިންޏެއް ނުވޭ،" ވިޝާމް ވިދާޅުވި އެވެ.
"ކަރަންޓް ސުޓޭބަލްއެއް ނޫން. ކަރަންޓް ދަށްވީމަ އެއްޗެހި ހަލާކުވޭ. ފަންކާ އެއްޗެހި ބާރަކަށް ނޭނބުރޭ."
ދަރަވަންދޫގައި ޓޫރިސްޓުންގެ ބަޔަކު: އިގުތިސާދީ ފުރުސަތުތަކުގެ ބޭނުން ހިފޭނީ ކަރަންޓް ފަދަ ހިދުމަތްތައް ރަނގަޅުވެގެން
ސަރުކާރަށް ބޮޑު އާމްދަނީ ލިބޭ ފަދަ މަސައްކަތްތައް ހިނގާ ރަށްރަށުގައި ކަރަންޓްގެ ޚިދުމަތް ރަނގަޅުކުރަން ޖެހޭކަން، އިގުތިސާދީ ނަޒަރަކުން ބެއްޔަސް އެނގެ އެވެ. އިންޑަސްޓްރީތައް ކުރިއަރާނީ އެއާ އެއްކޮށް، އަސާސީ ޚިދުމަތްތައް ވަރުގަދަކޮށްގެންނެވެ. އެކަމަކު ފެނަކައިގެ ސިޔާސަތު، އިގުތިސާދީ ފުރުސަތުތަކުގެ މައްޗަށް ބިނާވާ ތަނެއް އަދި ނުފެނެ އެވެ. އެހެންކަމުން ދަރަވަންދޫގެ ފުޅާވަމުން އަންނަ ޓޫރިޒަމަށް އޮތް ކަރަންޓްގެ ގޮންޖެހުންތަކަށް ފެނަކައިން ހޯދައިދޭން ރާވަނީ ކޮން ކަންތައްތަކެއް ކަމެއް ނޭނގެ އެވެ. އެ މައްސަލާގައި ފެނަކައިން ޖަވާބެއް ނުލިބުނެވެ.
އަލީ ވިދާޅުވީ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ލިބޭތޯ އެތައް ފަހަރެއްގެ މަތިން ފެނަކައާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
ނަމަވެސް އަމަލީ އެއްވެސް ސިފައެއް އަންނަ ތަނެއް އަދި ނުފެނެ އެވެ.
އެއާޕޯޓާ އެކު ދަރަވަންދޫގައި އިގުތިސާދީ ފުރުސަތުތައް ފުޅާކުރަން ރަނގަޅު މަގެއް އޮތީ ހުޅުވިފަ އެވެ. އެކަމަކު ކަރަންޓްގެ ފެންވަރު ރަނގަޅުނުކޮށް އަދި ނަރުދަމާ ފަދަ ވަސީލަތްތައް ގާއިމްނުކުރެވި، އެ ފުރުސަތުތަކުގެ ފުރިހަމަަ ފައިދާ ވިޔަފާރިވެރިންނަށް ވެސް، އާންމުންނަށް ވެސް އަދި ސަރުކާރަށް ވެސް ނެގޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
تكرފާނު
14 October 2017
ފެނަކަ އަކީ ކޮރަޕްޓް ހާޔެއް ތިރަށުގަ ތިޔައަޅާ އިންޖީނުގެ އަޅާތާކިތައްމަސް ނޫނީ ކިތައް އަހަރު ވެއްޖެތަ؟؟؟ މިހިރަ ކަހަލަ ވާހަކަ ދެއްކީމާ ހަޖަމެއް ނުވާނެ ކުރާނެކަމެއްނެއް މިސަރުކާރަކުން ތިރަށަކާ އަޅަައެއްނުލި އޭރުވެސް މިހާރުވެސް ހަމަ އޭދަފުށި އެވަރެއްނެއް ހީވާގޮތުން މިސަރުކާރައް ދަރަވަންދޫ ން ލިބޭނީ %18 وسلام
ބަކުރު
14 October 2017
ދަރަވަންދޫގެ ފަޅުމަތީ ސޯލާ ތަކެއް އޮތްކަމާ، ކައުންސީލަށް ސަރުކާރު މީހަކު ނުހޮވުމަ އީންޖީނުގެ ހީންގާ މީހާބަދަލުކުރީކަމާ، އާ އީންޖީނުގެ އަޅަންފެށީ ޕީޕީއެމް ގޮފީން ކަމަށް ވީމައީ އަތުނުލެވޭ ކަންވެސް ލީޔެލީނަމަ.
ބަފާ2
14 October 2017
ފެނަކަ އުވާލާ. ވީކަމަކީ ކަރަންޓް އަގުބޮޑުވުން. ބޮޑު އަގުގައި މެމްބަރުން އަތުން ތެޔޮގަނެ އެބޭޅުންގެ ޖީބު މުއްސަދިކުރުން. ރައްޔިތުން ފެލާ ހަނާކުރުން. ކަރަޕްޝަން ކަރަޕްޝަން ރޯމާ ދުވާލު ލަދެއް ނެތި ހަޔާތެއް ނެތި ހިންގުން.
ޙަސަން
14 October 2017
ނުވާވަރުން ކަންތައް ކުރަނީ ކީއްވެ... ގެސްޓު ހައުސް ހިންގައިގެން ލިބޭ ފައިސާ ކަރަންޓު މައްސަލަ ރަނގަޅުކުރެވޭނެ...ހުރިހާ ކަމެއް ސަރުކާރުން ކޮށްދޭނެ ކަމަށް ނުބަލާ ..
އުމަރު
14 October 2017
ދުވަސްކޮޅަކުން ފެންނާނީ ސަރުކާރުގެ ހިދުމަތް އަބަދުވެސް ފަހަތުގައި އުޅޭތަން، ރާއްޖެ ތަރައްޤީކުރާ ވާހަކަ ދައްކާއިރު މީހުން ތަރައްގީއެއްނުވޭ، ކަރަންޓު ކުންފުނިތަކާއި ސަރުކާރުގެ ހިދުމަތްދޭ ކުންފުނިތަކުގައި ސިޔާސީ މީހުން އިތުރުވުމުން ކޮރަޕްޝަން އިތުރުވެ ރައްޔިތުންނަށްދޭ ހިދުމަތުގެ ފެންވަރު ދަށްވާނެ، ފެނަކައިގެވެސް އަދި ސްޓެލްކޯގައިވެސް މަދުވަނީ ތައުލީމީ، ގާބިލު ލީޑާރޝިޕް، އެތަންތަނުގައިތިބީ ރައީސް ޔާމީނުގެ ޕަޕެޓުން، ރައީސް ޔާމީނު ހީކޮށްގެންނުވާނެ މިއީ 1980 ގެ އަހަރުތަށްކަމަށް، މިއީ މޯލްޑިވްސް އިލެކްރިކްސިޓީ ބޯޑް ހިންގި ޒަމާނެއްނޫންކަން، މިއީ 21 ވަނަ ގަރުނުކަން، މުޅި ރާއްޖޭގެ އެކި ރަށްތަކަށް ކަރަންޓްދޭން ހެދި ކުންފުނީގައި ގާބިލު މީހުން ނެތުމުގެ ސަބަބުން ރާއްޖެތެރޭގައި މިހާރު ކުރިއަރަމުންދާ ގެސްޓް ހައުސްގެ ވިޔަފާރިތަކަށް ގެއްލުން އެބަވޭ، ސިއްހީ މައްސަލަތަށް އިތުރުވޭ، މީހުންނަށް ނުހަނުބޮޑެތި ގެއްލުން އެބަވޭ
އެޑަމޮސް
14 October 2017
އިއާދަކުރަނިވި ހަކަތަ މި ރަށުގައި ހުރެ ބޭނުން ނުކުރާ ވާހަކަ ނުލިޔުނީ ކީއްވެބާ؟
މެންޓަލިސްޓް
14 October 2017
އިޔާދަކުރަނިވި ހަކަތައެބަޖެހޭ ހުރިހާ ރަށެއްގައިވެސް ކޮންމެވެސް ޕަރސެންޓެޖްއަކަށް ގެންގުޅެން ،، އޭރުން މުސްތަގްބަލްގައި ފައިދާތަކެށްވާނެ ،،، ދެންމިހާރުން މިހާރަށް ދަރަވަންދޫގެ ތިޔަމައްސަލަ ރައްޔަތުންގެ މަޖިލިސްއަށް ރައްޔަތުން އެންމެން ސޮއިކޮށް ޕެޓިޝަންއެއް ލީމައި ތިޔަކަން ހަމަޖެހިދާނެ ،، ރައްޔަތުންގެ ކުޑަހިއްވަރެއް ބޭނުމީ އޭރުން ކަރަންޓްކަންތަށް ހައްލުވާނެ ،، ވަރަށްވެދުން
ލަދެއްނު
14 October 2017
މުޅި އަތޮޅު ފުރާ އެހެެރީ ރިސޯޓްތައް. ބ. އަތޮޅުން ނެރޭ ފައިސާ އެއްކޮށް މާލެއަށް އަޅާލުން ގޯސް. ވަރަށް ގޯސް. އެއަތޮޅަކުން ލިބޭ އާމްދަނީގެ މަދުވެގެން 40% ދޭންޖެހޭނީ ސީދާ އަތޮޅަށް. ޖަމާވާން ޖެހޭނީ އަތޮޅު އެކައުންޓަށް. ބ. އަތޮޅުގައި އޮތް ވިޔަފާރި ޓުރިޒަމަށް ބަލާއިރު މުޅި އަތޮޅަކީ ސްވިޒަލޭންޑް ފެންވަރު ތަނެއް. ރައްޔިތުންނަށް އެފެންވަރު ޚިދުމަތް ނުލިބުނަސް.
ސައިކޯ
14 October 2017
ތެދު
ގފގފގ
14 October 2017
ރިނިއުބަލް އެނާރޖީއަށް ބަދަލުކޮށްލާ.ަ ފެނަކައަކަށް ނުވާނެ. އެކަންވެސް ވާނީ ރައްޔިތުން. ހަދަންވީ ގޮތަކީ ރައްޔިތުންނާ ތިޔަ ވިޔަފާރިތަކާ ގުޅގެން އަސާސީ ޚިދުމަތް ދިނުމަށްޓައި ރަށުން ދައްކާ ޓެކްސް ރަށަށް ޖަމާކޮށްލާ. އަދި ބައެއް މައި ސަރުކާރަށް ދެވިދާނެ، އެއީ އެހެން ދިވެހިންގެ ދިރިއުޅުން ރަގަޅު ކުުރުމަށްޓަކާ ދަރަވަންދޫ ރައްޔިތުން ދޭ ހަދިޔާއެއްގެ ގޮތުގައި. އެއަށްފަހު ކުރިންވެސް ދިން ގޮތަށް ހެދި ގޮތަށް ރައްޔިތުން ނިކުމެ ދަރަންވަންދޫ އަކީ ރާއްޖޭގެ ފުރަތަމަ ރިނިއުބަލް އެނާރޖީން ހިންގާ އައިލެންޑަށް ހަދާ. ރައްޔިތުންނަށް ވާނެ. ރައްޔިތުންނަށް ކުރެވޭނެ. ބޭނުންވަނީ ކުޑަ ހިއްވަރެއް. ހަމަ ވަރަށް ކުޑަ ހިއްވަރެއް. ރަށާ އަތޮޅުގެ ޓެކްސް އެއްކޮށް އަތޮޅު އެކައުންޓަ ބައެއް ޖަމާވާން ޖެހޭނެކަން މާލޭ ސަރުކާރަށް އަންގާ އެކަން ތަންފީޒުކޮށްލުން. ޒުވާނުން މިކަމަށް ނިކުތީމަ ވާނެ. މިބުނީ ވާނެއޭ.
ވިސްނާލީމާ
14 October 2017
ކަރަންޓު މުސްކުޅިވޭތަ؟ ނުދެނެހުރިން ތިކަމެއް! -އިބްރާހީމް-
ވިސްނާލީމާ އިބްރާހީމްގެ ކާފަގެ
14 October 2017
މުސްކުޅި އިންޖީން، ކޭބަލް ނެޓްވޯކް، ޓްރާންސްފޯމާސް މިހުރިހާ އެއްޗެއް އެއްކޮއްލީމަ ނިކުންނަނީ ކޯޗެއްތަ؟؟ މުސްކުޅި އެބަސް އެބުނަނީ އެހެންވެ.އިބްރާހީމާ ކަލޭ ހުރޭ ވިސްނަން.