އެންމެ ބޮޑު ކުށް، ސިޔާސީ ވުން!

އެތައް ހާސް ބަޔަކު އެއްވެފައިވާ މުޒާހަރާއެއް ރޫޅާލުން ފުލުހުންނަށް މާ ބޮޑު ކަމަކަށެއް ނުވެ އެވެ. ނަމަވެސް ދެތިން މީހުންގެ ގުރޫޕަކުން ނުކުމެ މާރާމާރީ ހިންގުން ހުއްޓުވައެއް ނުލެވެ އެވެ. ސިޔާސީ މީހެއް ނަމަ ހެކި ހޯދަން ވެސް ވަރަށް ފަސޭހަ އެވެ. ބަންދު ކުރެވޭލެއް އެއަށް ވުރެ އަވަހެވެ. ނަމަވެސް ބޮޑެތި ކުށްތަކުގެ ތުހުމަތު އެޅޭ އެތައް ބަޔަކު ތިބީ ދޫވެފަ އެވެ.


މި މުޖުތަމައުގައި އިޖުތިމާއީ މައްސަލަތައް އިންތިހާ އެވެ. ޒުވާން ޖީލު އެކި ވަބާތަކުގައި ޖެހި ހަފުސް ވަނީ އެވެ. އާބާދީއާ ބަލާއިރު ކުށްކުރުން އިތުރެވެ. އާއިލީ މައްސަލަތައް ގިނަ އެވެ. ނިކަމެތިން ނިކަމެތިކަމުގައި ތިއްބާ ނުހައްގުން މުއްސަނދިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް ވަނީ އިތުރެވެ. ގައުމުގެ އަމާންކަން ނެތި ގޮސް ކުށުގެ ހާއްޔަކަށް ބަދަލުވަމުން ދާއިރު އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވެ އެވެ.

އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގުތަކަކަށް ވިޔަސް އެ ހައްގު ބޭނުންކުރަން ޖެހިލުންވެ އެވެ. ސަރުކާރާ އިދިކޮޅު މީހެއް ނަމަ ރެއެއް ދުވާލެއް ނެތި ކޮންމެ ތަނެއްގައި ހުއްޓަސް ހައްޔަރު ކުރަނީ އެވެ. އޭނާ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު މާ ދުރާލާ އޮންނަނީ ލިބިފަ އެވެ. ތަހުގީގު ފަށާތާ ގިނަ ދުވަހެއް ނުވެ އެވެ. ދައުވާ އުފުލަ އެވެ. ހެކި ހޯދަނީ ފޮށިފޮށިންނާއި ދަބަހުންނާއި ޕެންޑުރައިވްތަކުންނެވެ. ހުކުމް ކޮށްލަން ވެސް އެހާ އަވަހެވެ.

.

ފުލުހުން މުޒާހަރާއެއް ރޫޅާލަން ތައްޔާރުވެ ކުރިއަށް ދަނީ: އަބަދުވެސް އުޅެނީ ސިޔާސީ މީހުންގެ ފަހަތުން -- ފޮޓޯ:މިހާރު

މިދިޔަ އަހަރު އެކަނި ވެސް ރާއްޖޭގައި ހަ މީހަކު މަރާލި އެވެ. ވޭތުވެދިޔަ 16 އަހަރު ތެރޭ 63 ގަތުލެވެ. ގިނަ އަދަދެއްގެ މައްސަލަތަކަށް އިންސާފު ނުލިބޭއިރު މީހުން މެރުމުގެ ލާއިންސާނީ އަމަލު ހުއްޓުވޭ ތަނެއް ވެސް ނުފެނެ އެވެ. ދޭތެރެ ދޭތެރެއިން ނުކުމެ މީހަކު މަރާލަނީ އެވެ. އެ މީހުން ހުއްޓުވަން އިއްވި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތެވެ.

މިދިޔަ އަހަރު އެކަނި ވެސް މަސްތުވާތަކެތީގެ 2000 އަށް ވުރެ ގިނަ މައްސަލަ ފުލުހުން ބަލާފައިވެ އެވެ. އެއީ ކުށުގެ "މަންމަ" ކަމަށް ވާއިރު ބިއްޖެހިފައިވާ ޒުވާނުން އިންތިހާ އެވެ. އެތަކެތި އެތެރެކުރާ މީހުން އެކަން ކުރަނީ އެވެ. ކުށް ސާބިތުވެ ހުކުމް އިއްވިޔަސް ކޮންމެވެސް ގޮތަކުން އޭގެ ތެރެއިން ބައެއް މީހުން ދޫވެ އެވެ.

ނުރައްކާތެރި މުޖުރިމުންނަށް ފިޔަވަޅު އަޅަން ޓެރަރިޒަމްގެ ގާނޫނު ފަދަ ހަރުކަށި ގާނޫނުތައް އެބަ ހުއްޓެވެ. ނަމަވެސް މުޖުރިމުން ދޫކޮށް އެ ގާނޫނު ވެސް ބޭނުންކުރާތަން ފެންނަނީ ސިޔާސީ މީހުންނަށް އަދަބު ދިނުމަށެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު ހިމެނޭ ގޮތަށް މިހާރު ވެސް ނުވަ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ. އެބޭފުޅުން ތިބީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގަ އެވެ. ނަމަވެސް ބޮޑެތި ލާއިންސާނީ ކުށްތައް ކޮށްފައިވާ އެތައް ބަޔަކު އުޅެނީ މިނިވަންކޮށެވެ.

"ޓެރަރިޒަމުގެ ގާނޫނުގައި އެބަހުރި އެޅޭނެ ގިނަ ފިޔަވަޅުތަކެއް. ދެވޭނެ ބޮޑެތި އަދަބުތަކެއް. އެކަމަކު އެ ބާރުތައް ވެސް ބޭނުން ކުރަނީ ސިޔާސީ ބޭނުމަށް ދެއްތޯ؟،" ފުލުހުންގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވި އެވެ.

ސިޔާސީ އެއްވުމެއް ނަމަ އެކަން އެކަން ކުރަނީ ކޮން މަގުސަދަކަށް، ކޮން ބައެއް އިސްކޮން ތިބެ ކިހާ އިރަކުންކަން ފުލުހުންގެ އިންޓެލިޖެންސަށް ވަރަށް ސާފެވެ. އަދި މާ ދުރާލާ އެކަންކަން އިއުލާން ކުރެ އެވެ. ނަމަވެސް މީހުން މަރާ، މީހުންގެ މުދާ ފޭރެމުން ދާއިރު އެކަން ދުރާލާ ހުއްޓުވޭ ތަނެއް ނުފެނެ އެވެ. މިއީ ފުލުހުންގެ އިންޓެލިޖެންސަށް ފާޑުކިޔުން އަމާޒުވާ މައިގަނޑު އެއް ސަބަބެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ކުށް މަދު ކުރުމަށް ވުރެ ބޮޑަށް ފުލުހުންގެ ރިސޯސްތައް ބޭނުންކުރާތަން ފެންނަނީ ސިޔާސީ ކަންކަން ހުއްޓުވުމާއި އެފަދަ މައްސަލަތައް ބެލުމަށެވެ. ސިޔާސީ މީހުންގެ ކަންކަން ބެލުމަށް ދޭ އިސްކަމުގެ ސަބަބުން ހަގީގީ މައްސަލަތަކަށް ފުލުހުންނަށް ވަގުތު ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައި: ސިޔާސީ ހަރަކާތުގެ ގިނަ ބަޔަކު ހައްޔަރުކުރޭ -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"ފުލުހުން އަބަދު އުޅެން ޖެހެނީ މުޒާހަރާއިން ހައްޔަރު ކުރާ މީހުން ނޫނީ ސަރުކާރުން އެކިއެކި ގޮތްގޮތަށް ހައްޔަރުކުރާ މީހުންގެ ކަންކަމުގައި. ވޭތުވެދިޔަ ދެ ތިން އަހަރު ފެނުނީ އެމަންޒަރު،" ޝަމީމް ވިދާޅުވި އެވެ.

"ފުލުހުން މަގުމަތި ބަލަހައްޓައިފިއްޔާ ކުށް މަދުވާނެ. އެކަމަކު ޑިއުޓީއަށް ހުންނަ ފުލުސް މީހާ މި ޖެހެނީ މީހުން ހައްޔަރުކުރަން ނޫނީ ހައްޔަރީން ބަލަހައްޓަން. އެހެންވީމަ ކުށް މަދުކުރަން ޑިއުޓީ ކުރާނެ މީހަކު ނުހުރޭ."

ސިޔާސީ މީހުންގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައިވާއިރު ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އެކަންކަމަށް ރައްދު ދިނުމަކީ އެންމެ ޕްރޮފެޝަނަލް ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ސަރުކާރު ނިސްބަތްވާ ޕާޓީ ޕީޕީއެމުން ގަބޫލްކުރާ ގޮތުގައި ކުށް މަދުކުރުމަށް އެކަށޭނަ މަސައްކަތްތަކެއް ފުލުހުން ކުރެ އެވެ. ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުށްކުރުން މަދުވެފައިވާ ކަމަށާއި އެއީ ކުށް މަދުކުރުމަށް ފުލުހުން އެކަށޭނަ މަސައްކަތްތަކެއް ކުރާކަން ޔަގީންވާ ކަމެއް ކަމަށެވެ.

ސިޔާސީ މީހުންގެ ފަހަތުން ފުލުހުން އަބަދު އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނިހާން ވިދާޅުވީ އެއީ ވަކި ކަހަލަ މައްސަލަތަކެއް ބެލުމަށް ނުވަތަ ވަކި ބަޔަކު ހައްޔަރު ކުރުމަށް އަމާޒުކޮށްގެން ކުރާ މަސައްކަތެއް ކަމަށް ގަބޫލްނުކުރައްވާ ކަމަށެވެ. ސިޔާސީ ބޭފުޅުންގެ މައްސަލަތަކެކޭ އެއްގޮތަށް އެހެނިހެން ބޮޑެތި މައްސަލަތައް ބެލުމަށް ވެސް ފުލުހުން އިސްކަންދޭ ކަމަށާއި ނަމަވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންނަށް ކޮންމެ ކޮންމެ ކަމެއް ކުރަން ފަސޭހައެއް ނޫން. ދަތިތަކެއް އެބަހުރި ކޮންމެ ކޮންމެ ކަމަކަށް އެޓެންޑުވުމުގައި. ގޯތިގެދޮރަށް ވަނުމަށް ކޯޓު ދަތިތައް އެބަހުރި. ސިސްޓަމް ތެރޭ ރަނގަޅުކުރަން ޖެހޭ މައްސަލަތައް އެބަހުރި،" ނިހާން ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނީ ގޮތުން ފުލުހުންނަށް ލިބެން ޖެހޭ ބާރުތަކެއް ނުލިބުމަކީ ވެސް ކުށްތައް ހުއްޓުވަން އޮތް ހުރަހެކެވެ.

ސިޔާސީ އެކި ބޭނުމަށް އެންމެ ދުވަހަކުން ވެސް ގާނޫނުތަކަށް ބޮޑެތި އިސްލާހުތައް ގެނެ އެވެ. ކުށްކުރުން މަދުކުރުމަށް ފާސްކުރަން ޖެހޭ ގާނޫނުތައް ފާސްނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ނިހާން ވިދާޅުވީ މަޖިލިސް މެދުވެރިކޮށް ސަރުކާރު ވައްޓާލަން ކުރާ މަސައްކަތުގެ ސަބަބުން އެމަސައްކަތްތައް ހުރީ ނުކުރެވި ކަމަށެވެ.

"ބޮޑެތި މަސައްކަތެއް ނުކުރެވޭނެ އެ އަދަދަށް މެމްބަރުން ނެތިއެއް. ވެރިކަން ވައްޓަން އުޅުމަށް ވުރެ މާ މުހިންމު މަސައްކަތްތައް އެބަހުރި މަޖިލީހުގެ ތެރެއިން މެމްބަރުން ކުރަން ޖެހޭ،" ނިހާން ވިދާޅުވި އެވެ.

ކުށް މަދު ކުރަން އިހުލާސްތެރިކަމެއް ބޭނުން

ޝަމީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ ތިން މީހަކަށް ފުލުހެއް ހުންނައިރު ކުށް މަދުކުރުމަކީ ރާއްޖޭގައި ފަސޭހަ ކަމެއް ކަމަށެވެ. ކުށުގެ ތަފާސްހިސާބުތަކަށް ބަލައި ދިރާސާތައްކޮށް އެކަންކަމަށް އަމާޒުކުރާ ނަމަ ކުށް މަދު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ރޯދަ މަހު ފުލުހުންނަށް އެބަ އިނގޭ ހެނދުނު ގަޑީގައި ވައްކަން އިތުރުކަން. އެހެން އެ އެނގެނީ ތަފާސްހިސާބަށް ބަލައި އަމަލު ކުރާތީ. ރާއްޖޭގެ އެކަކު އަނެކަކީ އެނގޭ މީހުން. އެހެންވީމަ ކުށް ކުރާނެ މީހުންނާ ކުށް ކޮށްފައި ހުރި މީހުން ކުށަށް އަރައި ގަންނާނެ ކަމަށް ލަފާކުރެވޭނެ ތަފާސްހިސާބުތަކަށް ބެލުމުން. އެކަންކަމަށް ފޯކަސް ކުރީމަ ކުށް މަދުކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

އެކަމަކު ފުލުހުންނަށް އެހެން ކަމެއް ކުރެވޭނީ ސިޔާސީ މީހުންގެ ފަހަތުން ދުވުން ވެސް މަދުކޮށްގެންނެވެ. ސިޔާސީ ހަތިޔާރަކަށް ފުލުހުން ހެދުމުން އެ މުއައްސަސާގެ ފޯކަސް ވަނީ ގެއްލިފަ އެވެ. އެހެންކަމުން މި ފެންނަނީ ސިޔާސީ ތަހުގީގުތައް ކޮންމެ ކަހަލަ ތުހުމަތެއް އަޅުވައިގެން ނަމަވެސް ކުރިއަށް ގެންދާ ތަނެވެ.