ތުހުމަތާއި ތަހުގީގާއި ދައުވާ، އުޑާއި ބިމާހާ ތަފާތު!

އެ ގައުމެއްގެ އިދިކޮޅު ހުރިހާ ލީޑަރުން، ސިޔާސީ މަސްރަހުން ގެއްލުވައިލުމަކީ، ވަރަށް މަދު، ކެރޭ ވެރިއަކަށް ނޫނީ ނުކުރެވޭނެ ކަމެކެވެ. ހަމަ ގައިމު ވެސް ރާއްޖޭގެ އިދިކޮޅު ހުރިހާ ލީޑަރުންހެން މިހާރު ވަނީ ސިޔާސީ މަސްރަހުން ގެއްލިފަ އެވެ. އެއް ބަޔަކު ހިފައި ހައްޔަރު ކޮށްފަ އެވެ. އަނެއް ބަޔަކު ޝަރުއީ ހުކުމެއްގައި ބެދިފަ އެވެ.


އޭގެ ތެރެއިން ބައެއް ލީޑަރުންގެ މައްޗަށް ވަނީ އެންމެ ބޮޑެތި ޖިނާއީ ތުހުމަތުތައް ކޮށް ދައުވާ ވެސް އުފުލައިފަ އެވެ. ރިޝްވަތު ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމާއި ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތާއި ދައުވާތަކެވެ. ނަމަވެސް އެކަންތަކުގައި ހުރި ގުޅުމާ މެދު ބަހުސް ކުރުމުގެ މާ ބޮޑު ބޭނުމެއް ނެތެވެ.

ތުހުމަތެއްގައި މީހަކު ހައްޔަރު ކުރުމަށް ފަހު، ތަހުގީގީ އިދާރާގެ އެންމެ ފުރަތަމަ ކަމަކަށް ވާން ޖެހޭނީ، އެ ތަހުމަތުގައި އޭނާ އަށް ދައުވާކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހޯދުމަށްޓަކައި ތަހުގީގު ކުރުމެވެ. އެ ތަހުގީގުގެ ބޭނުމަކީ، ކުރެވުނު ތުހުމަތަކީ ރަނގަޅު ތުހުމަތެއް ކަން ކަށަވަރު ކުރުމެވެ.

ވަކި ތުހުމަތެއްގައި ހައްޔަރު ކުރުމަށް ފަހު، ތަހުގީގުގެ ވަކި ހިސާބަކުން، ތުހުމަތު ކުރެވޭ މީހާއަށް އެނގުމަކާ ނުލައި، ތުހުމަތުގެ މިސްރާބު ބަދަލުކޮށްލައި އެހެން ކަމަކަށް ތުހުމަތުކޮށް، އެއަށް ފަހު މުޅިން އެހެން ތުހުމަތެއްގައި ދައުވާ ކުރުމަކީ ޖިނާއީ އިޖުރާއާތުގެ ހަމައެއް ނޫން ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.

ނަމަވެސް، މިދިޔަ މަހުގެ 5 ވަނަ ދުވަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރުކުރި ބައެއް ބޭފުޅުންނާ މެދު ކަން ހިނގަނީ، ޖިނާއީ އިޖުރާއާތުގެ މަފްހޫމާއި އޭގެ ރޫހާ ޚިލާފަށް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. އެކަމުގެ ވަރަށް ކުޑަކުޑަ މިސާލެއް ފާހަގަކޮށްލާނަމެވެ.

ކޯޓަށް ވަޑައިގަތުމަށް މައުމޫން އިއްޔެ މާލެ އަށް ގެނެސް ފުލުހުން ލޯންޗުން ބާލަނީ: ޝަރީއަތް ނިމެންދެން އެ މަނިކުފާނު ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިދިޔަ މަހުގެ ފަސް ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރީ ވެރިކަން ވައްޓައިލަން އުޅުމުގެ ތުހުމަތުގަ އެވެ. އެކަމުގެ ކިތާބީ ހެކި ވެސް ހުރި ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ، ތަހުގީގަށް ބޭނުންވާ ހެކި ނައްތައިލި ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި ދައުވާ ނުކޮށް، މިދިޔަ އަންގާރަ ދުވަހު ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.

ސުވާލަކީ ހަމަ ހަގީގަތުގައި ވެސް މި އުޅެނީ ރައީސް މައުމޫން ބޮޑު ޖިނާއީ ކުށެއް ކުރައްވައިގެން ހެއްޔެވެ؟ އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި އެމަނިކުފާނަށް ތާއީދު ކުރާ މީހުން ހަމަ ގައިމު ވެސް އެކަން ގަބޫލެއް ނުކުރާނެ އެވެ. އެއީ، އެމަނިކުފާނު ހައްޔަރު ކުރުމަށް ސަރުކާރުން ދެއްކި ހުއްޖަތާއި ދައުވާ ކުރަން ފޮނުވި މައްސަލަ އާއި، ކޯޓަށް ހުށަހެޅި މައްސަލަ އެހާ ބޮޑަށް ތަފާތުވީމަ އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ފުލުހުން އެ ގޮތަށް ކަންތައް ކުރަނީ، ސިޔާސީ ފަރާތްތަކުން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭތީ އެވެ.

"އަސްލު ވާ ގޮތަކީ ފުރަތަމަ މި ނިންމަނީ، މިހާރު މީނަ ނަގަން [ހައްޔަރު ކުރަން] ވެއްޖެޔޭ. ބުނީމާ ކޮންމެވެސް އެއްޗެކޭ ކިޔާފައި ގޮސް ނަގަނީ. ނެގީމާ ދެން އެނގެނީ ފުރަތަމަ ކުރި ތުހުމަތު ލައްވައެއް ނުލާނެ ކަން. ދެން ފުލުހުން މި ބުނަނީ މިހެންނޭ [މިވެނި ތުހުމަތެކޭ]. ދެން ދައުވާ ކުރާ ހިސާބަށް ދިޔައިމަ ޕީޖީ މި ބަލަނީ ގާނޫނުގައި ބުނާ މާއްދާއާ ކޮން އެއްޗަކާތޯ ދިމާކުރެވޭނީ. ދެން ޕީޖީ އަށް ސީދާ ސަރުކާރުން އަންގާ ކަމަށް ވަނީ، މިޔޭ ކުރަންވީ ދައުވާއަކީ،" ޝަމީމް ވިދާޅުވި އެވެ.

ޝަރީއަތަށް މާލެ އަށް ގެނައުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަނބުރާ ދޫނިދޫ އަށް ގެންދަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވާ ގޮތުގައި ކުރާ ތުހުމަތާއި ތަހުގީގާއި ދައުވާއާ ދެމެދު އެއްވެސް ގުޅުމެއް ނެތުމުގެ މައްސަލަ ކުރިމަތިވަނީ، ކުށެއް ކޮށްގެން މީހަކު ހައްޔަރު ކުރުމުގެ ބަދަލުގައި ސިޔާސީ ގޮތުން މީހުން ހައްޔަރު ކުރަން ޖެހުމުންނެވެ. އޭގެ ނަތީޖާއަކަށް ވަނީ ގާނޫނުތަކުގައި ކަނޑައެޅިފައި ހުރި އިޖުރާއާތުތަކުގެ ތަރުތީބު ގެއްލިގެން ދިއުމެވެ.

އޭނާގެ ނަޒަރުގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ކުރަންވާނީ، އެމީހެއްގެ މައްޗަށް ކުރާ ތުހުމަތުގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހުގަ އެވެ. މައުމޫންގެ މައްޗަށް މިހާތަނަށް ޓެރަރިޒަމްގެ ތަހުގީގެއް ނުވެސް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެފައި އޮތް ގޮތުން، ރައީސް މައުމޫނަށް ތުހުމަތު ނުވެސް ކުރާ ކަމެއްގެ މައްޗަށް މި ދައުވާ ކުރަނީ. އެހެން ގޮތަކަށް ބުނަންޏާ އެ މީހާ އަށް އޭނާއާ ބެހޭ ގޮތުން ހުށަހަޅާ ދައުވާ މި އެނގެނީ ކޯޓުން. އެހެން ވެއްޖެއްޔާ ފުލުހުން ތަހުގީގު ކުރުމުގެ ބޭނުމެއް ނެތެންނު. އެހެންވީމާ، ތިކަން ކުރީ ތިމަންނާއެއް ނޫނޭ ތަހުގީގު މަރުހަލާގައި ބުނާކަށް، ތުހުމަތު ކުރެވޭ މީހާ އަށް ފުރުސަތެއް ނުލިބޭނެންނު،" ޝަމީމް ވިދާޅުވި އެވެ.

ނަމަވެސް، ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އަމަލު ކުރަން ޖެހޭ ވަކި ހަމަތަކަކާއި ވަކި އުސޫލުތަކެއް ގާނޫނުތަކުގައި ހުރީ ކަނޑައަޅައިފަ އެވެ. ދައުލަތުގެ ބާރުތަކާ މުޚާތަބުކޮށް ގާނޫނުއަސާސީގައި ސާފު ބަހުން ބުނެފައި އެ އޮތީ، ދައުލަތުގެ ތިން ބާރުން ވެސް އަމަލު ކުރަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އެހެންވީމާ، ގާނޫނު ހަދާ ބާރާއި ގާނޫނު ތަންފީޒުކުރާ (ވެރިކަން ކުރާ) ބާރާއި އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުން ވިޔަސް ގާނޫނުއަސާސީ އާއި ގާނޫނުގެ ބޭރުން ކުރާ ކޮންމެ ކަމެއް ވާނީ ބާތިލު ކަމެއް ކަމަށް ގާނޫނުއަސާސީގައި އެ އޮތީ ކަނޑައަޅައިފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމަކީ، ތަންފީޒީ ބާރުތަކުން ހިތުހުރި ގޮތަކަށް ކަންތައް ކުރުމަށް ދީފައި އޮންނަ ލައިސަންސެއް ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮންނަ ހާލަތެއްގައި އަމަލު ކުރަން ނުޖެހޭނީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ ގާނޫނުތަކަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ދޫނިދޫން ގެނައުމުން މާލެ އަށް ފައިބައިވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ މަހުގެ 5 ގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައި އޮތީ ގާނޫނުއަސާސީގެ ބައެއް މާއްދާތަކާއި ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގެ ބައެއް މާއްދާތަކެވެ. އެހެންކަމުން ތަންފީޒީ ބާރުތަކުން، ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އެ ނޫން ގާނޫނުތަކަށް ފުރިހަމަ އަށް އަމަލުކުރަން ޖެހޭނެ އެވެ.

ދައުލަތުގެ ބާރުތަކުން އަމަލު ކުރަން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަމަށް ގާނޫނުއަސާސީގައި ބުނެފައި، އާންމު ރައްޔިތުންނާ މުޚާތަބު ކޮށް ގާނޫނުއަސާސީގައި ބުނެފައިވަނީ މުޅިން ތަފާތު އެއްޗެކެވެ. އެއީ، ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރެވޭނެ ކަމަށެވެ.

ގާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދިނުމަށް ފަހު، ރާއްޖޭގައި ހިނގާނީ ގާނޫނުގެ ބާރު ކަމުގައި ގާނޫނު އަސާސީގައި ކަނޑައެޅީ ވެސް ވަރަށް މުހިންމު މަގްސަދަކަށްޓަކަ އެވެ. އެއީ، ގާނޫނަކުން މަނާ ނުކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން އާންމު ރައްޔިތުންނަށް ދިނުމުން، އެ މިނިވަންކަމުގެ ތެރޭގައި އުޅޭއިރު، ދައުލަތުގެ ބާރުތަކުން އެ މިނިވަންކަމަށް އަރައިނުގަތުން ކަށަވަރު ކުރުމަށްޓަކަ އެވެ.

ނަމަވެސް މަންޒަރު ފެންނަމުން ދަނީ އެއާ ޚިލާފަށެވެ. ސަރުކާރުން ވަކި ގޮތަކަށް ކަންތައް ކުރަން ބޭނުންވުމުން އެކަމެއް ކުރެވޭ ގޮތަށް ގާނޫނުތައް މާނަކުރާ މަންޒަރެވެ. މި ގޮތަށް ކަންތައް މެދުވެރިވަނީ ކީއްވެ ހެއްޔެވެ؟

ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު އުފުލިފައިވާ، މަޖިލީހުގެ ދިއްގަރު ދާއިރާގެ އަހްމަދު ފާރިސް (ކުރީގައި) އާއި ވިލާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް (ފަހަތުގައި) ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ މާލެ ގެނެސް ޕޮލިސް ލޯންޗުން ބާލަނީ. --ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ހުރިހާ ވެސް ސަބަބަކީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންތައް ކުރުމެވެ. މީގެ ކުރިން ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް، މަޖިލީހުގެ ތެރެއިންނާއި ޝަރުއީ ދާއިރާގެ ތެރެއިން ކުރެވޭ ގޮތަށް އޮތުމުން، އޭރު މަޖިލީހާއި ޝަރުއީ ދާއިރާ ވެސް ސަރުކާރަށް ރަނގަޅެވެ.

"އެކަމަކު މިހާރު މިވީ ގޮތަކީ، ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންތައް ކުރެވޭ ވަރަށް މަޖިލީހުގައި ސަރުކާރަށް މެޖޯރިޓީ ނެތުމުން މަޖިލިސް ގޯސްވީ. އެހެންވެ މަޖިލީހުގައި ތިބި ސަރުކާރާ އިދިކޮޅު މެމްބަރުން މަޖިލީހުން ބޭރުކޮށްލަން ބޭނުންވީ. ކޯޓުތަކުން ވެސް ސަރުކާރު ބޭނުން ނުވާ ގޮތަކަށް އެންމެ ފަހަރަކު އަމުރެއް ކުރީމާ، ކޯޓުތައް ވެސް ގޯސްވީ، އެ ފަނޑިޔާރުން ހިފައި ހައްޔަރު ކުރަންވީ. އެއީ މިވާ ގޮތަކީ،" ޝާހިދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ސަރުކާރަށް އޮތް ހުރިހާ ވެސް ބިރަކީ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އޮތް މެޖޯރިޓީ ގެއްލުމެވެ. މަޖިލީހުގެ މެމްބަރުންތަކެއް މަޖިލީހުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އެކަން ކާމިޔާބު ނުވުމުން އެންމެ ފަހުން ގާނޫނެއް ފާސްކޮށްގެން އެކަން ކުރަން ނިންމީ އެވެ. އަދި އެންމެ ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފާޅުގައި ސަރުކާރާ ދެކޮޅަށް އަމުރެއް ނެރުމުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ވެސް ހައްޔަރުކުރީ އެވެ.

އޭގެ އިތުރުން ދެން ތިއްބެވި ސިޔާސީ ލީޑަރުންތައް ވެސް ތަފާތު ތުހުމަތުތަކުގައި ހިފައި ހައްޔަރު ކޮށް، ސިޔާސީ މަސްރަހުން އިދިކޮޅު ލީޑަރުން ހުސްކޮށްލީ އެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރި މީހާގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އާއި ވެރިކަން ވައްޓާލަން އުޅުމުގެ ދައުވާ ކުރަންވީ އެވެ.

"އެކަމަކު އެ ގޮތަށް އަބަދަކު ކަންތަކެއް ނުކުރެވޭނެ. މިއަދު ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންތައް ކުރިޔަސް، އެ ބޭފުޅުންނާ ވެސް ގާނޫނު އަރައި ހަމަކުރާނެ ދުވަހެއް އަންނާނެ. މި ހާލަތު އަބަދަކު ދެމިއެއް ނޯންނާނެ. އަނިޔާވެރިކަން ނިމުމަކަށް އައިސް ހައްގަށް ނަސްރު ލިބޭނެ ދުވަހެއް އަދި އަންނާނެ،" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.