ގެއްލުމާއި ހަލާކު: މި ތަރައްގީގެ އަގަކީ ކޮބާ؟

ކުޅިތަކާއި ފަޅުތައް ހިއްކައިގެން ބިން ބޮޑުކުރުން ކޮންމެހެން މަޖުބޫރު ހެއްޔެވެ؟ މިހާ ގިނަ އެއާޕޯޓްތަކެއް ކޮންމެހެން ބޭނުންވޭ ހެއްޔެވެ؟ މަޝްރޫއުތައް ހިންގާ އިރު ރާއްޖޭގެ ނާޒުކު ވެއްޓަށް ބަލައިލަނީ ކިހާ ވަރަކަށް ހެއްޔެވެ؟ މިއީ ތިމާވެއްޓަށް ލޯބިކުރާ އަދި އެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން މި ވަގުތު ކެނޑިނޭޅި ކުރަމުން އަންނަ ސުވާލުތަކެކެވެ.


އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދާ ގޮތާއި ތިމާވެށީގެ ގޮތުން މުހިއްމު އަދި ނާޒުކު ތަންތަނަށް ކުރިމަތިވެފައިވާ ނުރައްކާތަކާ މެދު ކަންބޮޑުވާ ބައެއް މީހުން ފަށައިގެން އުޅޭ "#ސޭވްމޯލްޑިވްސް" ހަރަކާތުން ސީރިއަސް މައްސަލަތަކެއް ފާހަގަކޮށް ނެރެފައިވާ ލުއިފޮތުގައި، މި މައުލޫއު އަށް ޚުލާސާ ގޮތަކަށް ބަލައިލާފައިވެ އެވެ. އެ ހަރާކަތުން ބުނާގޮތުގައި "ރާއްޖޭގެ ނާޒުކު، ހުސްވެދާނެ އަދި އަގުހުރި ގުދުރަތީ މާހައުލުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް އިތުރު މަސައްކަތްތައް ކުރުމަކީ މިހާރުން މިހާރަށް ކުރުން ކޮންމެހެން މަޖުބޫރު" ކަމެކެވެ.

އުމްރާނީ ތަރައްގީ ފަސޭހަވެފައި އަވަސްވާނެ އެވެ. ދެން އޮންނަ އިންތިޚާބެއްގައި ވޯޓު ހޯދަން ސަރުކާރަކަށް އޮންނާނެ އެންމެ ކުރު މަގަކީ އެފަދަ މަޝްރޫއުތަކެވެ. އެ ތަރައްގީ ފެނެ އެވެ. އެއީ މީހުންގެ ހިތްތަކާއި ސިކުނޑިތަކަށް އެންމެ ފަސޭހަ އިން ވައްދާލެވޭނެ ކަންކަމެވެ. އެކަމަކު ސުވާލަކީ އެ ތަރައްގީ ގެންނަނީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތުގައި ހެއްޔެވެ؟ އެ ތަރައްގީގެ ފޮނިމީރުކަން ކިހާ ދުވަހަކަށް ދެމިހުރެދާނެ ހެއްޔެވެ؟ އަދި އެ ގޮތަށް ތަރައްގީކޮށް ނިމޭ އިރު ގައުމު އޮންނާނީ ކޮން ހާލެއްގައި ހެއްޔެވެ؟

ތިމާވެށީގެ މާހިރުން ދޭ އިންޒާރަކީ ރާއްޖޭގެ ނާޒުކު ވެށި ސުންނާފަތިކޮށްގެން ހިންގާ މަޝްރޫއުތަކާ މެދު ހިތާމަކުރަން ޖެހޭ ދުވަސް އަންނާނެ ކަމެވެ.

އެއާޕޯޓު ހެދުންތަ؟ ސީޕްލޭންތަ؟

ސަރަހައްދީ 12 އެއާޕޯޓު އޮތް ރާއްޖޭގައި އިތުރު ވިއްސަށް ވުރެ ގިނަ އެއާޕޯޓް ހަދާނެ ކަމަށް ސަރުކާރުން ބުނެފައިވާ އިރު އޭގެ ތެރެއިން ތިން އެއާޕޯޓެއްގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ހދ. ކުޅުދުއްފުށީ ކުޅިން ބައެއް ހިއްކައިގެން އެއާޕޯޓް ހަދަން ފެށި އިރު ތިމާވެށީގެ މާހިރުން ހެސްކިޔާފައި ދެކޮޅުހެދި އެވެ. ހަމަ އެ ގޮތަށް، ށ. ފުނަދު އާއި ނ. މާފަރުގައި ހިންގަމުން އަންނަ އެއާޕޯޓް މަޝްރޫއުތަކާ މެދު ވެސް ކަންބޮޑުވުންތައް އެބަ ހުއްޓެވެ.

"#ސޭވްމޯލްޑިވްސް"ގެ ލުއިފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި ފުނަދޫގައި އެއާޕޯޓެއް އަޅަން އަލުން ނިންމީ 2009ގައި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެކަން ހުއްޓުވާފައި އޮއްވަ އެވެ. އެއާޕޯޓް އަޅަން "ފުނަދޫ ހަލާކުކޮށްލުމަކީ ރަށަށާއި އެ ރަށުގެ މިހާރުގެ އަދި ކުރިމަގުގެ ވަޒަންވެރިންނަށް ކުރިމަތިވި އިއާދަނުކުރެވޭނެ ގެއްލުމެއް" ކަމަށް އެ ހަރަކާތުން ދެކެ އެވެ. އަދި އެންމެ 750 މީހުން ދިރިއުޅޭ މާފަރުގައި އެއާޕޯޓެއް އަޅަން 20،000 އަށް ވުރެ ގިނަ ގަސް ނަގައި އެ ރަށުގެ ޗަސްބިން ހިއްކާފައިވާ އިރު އެ ބިމުގައި ހުރި ގަސްތަކުގެ 85 ޕަސެންޓް އެހެން ތަނަކަށް ބަދަލުކުރަން އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގައި ލަފާ ދީފައި އޮތަސް އެ ގަސްތައް ސަލާމަތްކުރަން ކަމެއް ކުރި ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ވެސް ލުއިފޮތުގައި ބުނެފައިވެ އެވެ.

"#ސޭވްމޯލްޑިވްސް" ހަރަކާތުން ކުރާ މައިގަނޑު އެއް ސުވާލަކީ، މި ހުރިހާ އެއާޕޯޓްތައް އަޅަން ޖެހޭ ހެއްޔެވެ؟ ހިކިފަސްތަން އެންމެ ޕަސެންޓެއްގެ މައްޗަށް އެކުލެވޭ ރާއްޖޭގައި އެންމެ މަދު ވަސީލަތަކީ ބިން ކަމަށް ވާއިރު ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް އޮތް ގައުމަކީ ރާއްޖެ ކަން ފާހަގަކޮށް އެ ހަރަކާތުން މުހިއްމު ސުވާލެއް ކޮށްފައިވެ އެވެ؛ އެ ޚިދުމަތް ދޭ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން 48 ސީޕްލޭނުގައި ރާއްޖޭގެ 65 ރިސޯޓަކަށް އަހަރަކު 750،000 ފަސިންޖަރުން އުފުލަ އެވެ؛ އެހެން ވީއިރު، މީހުން ދިރިއުޅޭ ރަށްރަށާއި ވެރިރަށް މާލެ ގުޅުވައިލަން ދިވެހިންނަށް ސީޕްލޭންގެ ޚިދުމަތް ނުދެވެންވީ ކީއްވެގެން ހެއްޔެވެ؟

މަހާޖައްރާފުގެ ދަތްގަނޑު ދަށަށް

ރާއްޖޭގައި ބިން ހިއްކުމުގެ މަސައްކަތަށް "އިންގިލާބެއް" ގެނައި ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމްޓީސީސީން ސިފަކުރާ މަހާޖައްރާފަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ފަސޭހަ އިން އަދި ހަލުވިކަމާ އެކު ހަލާކުކޮށްލުމަށް ވެސް "އިންގިލާބެއް" ކަމަށް "#ސޭވްމޯލްޑިވްސް" އިން ދެކެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ބޭނުންކުރަން ފެށި ކޮންނަބޯޓުން މިހާތަނަށް ތިން ރަށެއްގެ ބިން ހިއްކައިފައިވެ އެވެ. ކުޅުދުއްފުއްޓާއި ފުނަދޫގައި އެއާޕޯޓް އަޅަން ބިން ހިއްކި އިރު، ށ. ކޮމަންޑޫގައި ފްލެޓް އަޅަން އެ ރަށު ފަޅު ތެރެއިން ވެސް ބޮޑު ބައެއް ވަނީ ހިއްކައިފަ އެވެ.

"#ސޭވްމޯލްޑިވްސް" އިން ސިފަކުރަނީ އެ އުނޅަދަކީ، ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށި ހިމާޔަތްކުރުމުގެ ނަޒަރުން ބަލާ އިރު، ރާއްޖޭގެ ގުދުރަތީ މާހައުލުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށެވެ.

ޓޫރިޒަމްގެ "މެގަ ޕްރޮޖެކްޓްތައް"

"#ސޭވްމޯލްޑިވްސް" އިން ފާހަގަކުރާ ގޮތުގައި ޓޫރިޒަމް ތަރައްގީކުރުމުގެ ސިޔާސަތަށް ގެނެސްފައިވާ ބަދަލުތަކާ އެކު، އިތުރު ރިސޯޓްތައް ހަދަން ފަޅުތަކާއި ފަރުތައް ރާއްޖޭގެ އެކި ހިސާބުތަކުން ހިއްކަމުން، އެ މަޝްރޫއުތައް ސިޔާސީ ގޮތުން މަޝްހޫރުކޮށް "މެގަ ޕްރޮޖެކްޓްތަކުގެ" ގޮތުގައި ސަރުކާރުން ދަނީ ރައްޔިތުންނަށް ވިއްކަމުންނެވެ. މި އަހަރުގެ ބަޖެޓަށް ބަލާ އިރު އިތުރު 20 ފަޅަކާއި އިތުރު ތިން ރަށެއްގެ ފަޅު ހިއްކަން ސަރުކާރުން ރާވާފައިވާކަން އެނގޭ ކަމަށާއި، ރައީސް އަބްދުﷲ ޔާމީން މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވި އިރު، މާލެ އަތޮޅުން އެކަނި ވެސް އިތުރު 27 ފަޅާއި ފަރު ހިއްކަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވިކަން އެ ހަރަކާތުން ފާހަގަކުރެ އެވެ.

ލުއިފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި ރިސޯޓް ހަދަން ފަޅު ހިއްކުމުގެ މަސައްކަތްތައް ފަށައިގެން މިހާރު ވެސް ކުރިއަށް ގެންދާ އިރު، އެންމެ ބޮޑު ގެއްލުމެއް ފެންނަނީ ކ. އެނބޫދޫފަޅުންނެވެ. އެތާ ކައިރީގައި އޮންނަ ހިމާޔަތްކުރެވިފައިވާ ސަރަހައްދު "ގިރާވަރު ކުޑަ ހާ"އަކީ މަސް ގިނަ ތަނެއް ކަމަށާއި އެކަމަކު، އެނބޫދޫ މަޝްރޫއު ފެށިތާ މަސްތަކެއް ފަހުން، އެ ސަރަހައްދުން އެން ލިބޭ މިންވަރު މަދުވެފައިވާކަން މަސްވެރިންގެ ވާހަކަތަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ. އެނބޫދޫފަޅު ކޮނެ ހިއްކުމުގެ ސަބަބުން ފަރަށާއި ދިރުންތަކަށް ނުރައްކާވެ މުޅި މާހައުލު ބަދަލުވެގެން ދާނެކަން އީއައިއޭގައި ކުރިން ފާހަގަކޮށްފައިވާ އިރު އެ ގެއްލުންތަކުގެ ސަބަބުން ކުރާނެ ކުރު އަދި ދުރު ރާސްތާގެ ހުރިހާ އަސަރުތަކެއް އެނގޭނީ އަދި ފަހުން ކަމަށް ވެސް "#ސޭވްމޯލްޑިވްސް" އިން ބުނެ އެވެ. މާލެ އަތޮޅުގައި ނުހިއްކާ އޮތް ފަޅެއް މަދު ކަމާއި އާއްމުން ހިތްހަމަޖައްސާލަން ދާނެ ރަށެއް، ފިނޮޅެއް ނެތްކަން ވެސް ލުއިފޮތުގައި ފާހަގަކޮށްފައިވެ އެވެ.

"#ސޭވްމޯލްޑިވްސް" އިން އެންމެ ބޮޑަށް ކަންބޮޑުވާ އެއް މައްސަލައަކީ ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކުރެވޭ ޚާއްސަ ސިފަތަކެއް ލިބިގެންވާ ހދ. ކޭލަކުނުގައި ޓޫރިޒަމް ތަރައްގީކުރަން ނޮވެމްބަރު 2017ގައި ބީލަމަށް ހުޅުވާލާފައިވާ ކަމެވެ. އީޕީއޭ އިން ހެދި ދިރާސާއެއްގައި، ކޭލަކުނަކީ "ހަގީގީ ޖަންގައްޔެއްގެ" ސިފަތައް ހުރި ރާއްޖޭގެ ހަމައެކަނި މާހައުލުކަން ފާހަގަކޮށްފައިވެ އެވެ. އެހެންވެ، ތިމާވެށީގެ މާހިރުން ބުނަނީ އިމާރާތްތަކެއް އަޅަން ކޭލަކުނު ބަޔަކަށް ދިނުމަކީ "ޚިޔާލަށް ވެސް ނުގެނެވޭ ފަދަ ކަމެއް" ކަމަށެވެ.

މީގެ އިތުރުން ކ. ކާށިދޫފަޅު ފުންކުރަން އީއައިއޭ ހަދާފައިވާ ގޮތާއި އެ މަޝްރޫއުގެ މަގްސަދާ މެދު "#ސޭވްމޯލްޑިވްސް" އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ހަރަކާތުން ބުނާ ގޮތުގައި އެ ސަރަހައްދު ކޮނެފައި ވަނީ ބޮޑެތި ގަސްތަކެއް ނަގައި ފަސޭހަ އިން ރަށުން ބާލައިގެން ގެންދެވޭނެ ގޮތް ހަދަން ކަމަށް ބެލެވޭ ހެކިތައް ލިބިފައިވެ އެވެ.

"ރަށްރަށުން ބޮޑެތި ގަސް ގަނެގެން، އަލަށް ތަރައްގީ ކުރާ ރިސޯޓުތަކަށް ގެންދިޔުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. ރިސޯޓު ހަދާ އިރު އެ ތަނުގައި ހުންނަ ގަސްތައް ނައްތާލުމަށް ފަހު ރިސޯޓު ފެހިކުރަނީ މީހުން ދިރިއުޅޭ ރަށްރަށުން ގަސް ގެންގޮސްގެން. އޭގެ ސަބަބުން، ނާޒުކު އާބާދީތައް ދިރިއުޅޭ ވެށީގެ ހަމަޖެހުމަށް އަސަރުފޯރާ،" އިނގިރޭސިބަހުން ލިޔެ ޝާއިއުކޮށްފައިވާ ލުއިފޮތުގައި ބުނެފައިވެ އެވެ.

އީޕީއޭ: "ރަބަސްޓޭމްޕެއް"

"#ސޭވްމޯލްޑިވްސް" އިން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ނާޒުކު މާހައުލީ ނިޒާމުތައް ހިމާޔަތްކުރެވޭނީ އީޕީއޭ މިނިވަންވެގެންނެވެ.

ލުއިފޮތުގައި ފާހަގަކޮށްފައިވާ ގޮތުގައި މިނިވަން ބޯޑަކުން ހިންގާ ގޮތަށް 2008ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި އީޕީއޭ ހަގީގަތުގައި މިހާރު ހިންގަނީ އެންވަޔަރްމެންޓް މިނިސްޓްރީގެ ޑިޕާޓްމެންޓެއްގެ ގޮތުގަ އެވެ. "#ސޭވްމޯލްޑިވްސް" އިން ގަބޫލުކުރާ ގޮތުގައި، ކުޅުދުއްފުށީ ކުޅި ހިއްކުން ފަދަ، "ތިމާވެށި ހަލާކުކުރުމުގެ ސީރިއަސް ކޭސްތަކުގައި" އެ އޮނިގަނޑު މެދުވެރިކޮށް ސަރުކާރުން އީޕީއޭގެ ފަންނީ ދައުރަށް ނުފޫޒު ފޯރުވަ އެވެ. އަދި މިނިސްޓްރީގެ ޕްރެޝަރަށް، އީޕީއޭ އިން ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން ހުއްދަދިނުމުގެ ނަތީޖާއެއްގެ ގޮތުން އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށް އެ ހަރަކާތުން ބުނެ އެވެ. "މީގެ މާނައަކީ، ތިމާވެއްޓަށް ރައްކާތެރިކަން ދޭން ޖެހޭ މުއައްސަސާއެއް، ފަނާކުރަނިވި އިންފްރާސްޓްރަކްޗަ މަޝްރޫއުތަކަށް ގާނޫނީ ހައިސިއްޔަތު ދޭ ރަބަސްޓޭމްޕަކަށް ވެފައިވާކަން،" ލުއިފޮތުގައި ބުނެފައިވެ އެވެ. އީޕީއޭގެ ދައުރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ލޮޅުމަކީ ޓޫރިޒަމްގެ މަޝްރޫއުތަކަށް ހުއްދަ ދިނުމުގެ ބާރު އެ އޭޖެންސީގެ އަތުން އަތުލައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެންދިޔުން ކަމަށާއި ޓޫރިޒަމް ގާނޫނަށް ގެނައި އެ އިސްލާހުގެ ސަބަބުން، މަސްލަހަތު ފުށުއެރުމާއި ޖަވާބުދާރީނުކުރެވުމާއި ހާމަކަން ކުޑަވުމުގެ ސީރިއަސް މައްސަލަތައް ފެންމަތިވެފައިވާ އިރު، އެ ބަދަލު ގެނައީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރި ވައްކަމަށް މަގުފަހިކުރަން ކަމަށް ބެލެވިފައިވާ ކަން ވެސް "#ސޭވްމޯލްޑިވްސް" އިން ފާހަގަކުރެ އެވެ. "އެ ބަދަލަށް ފަހު ޓޫރިޒަމް މިިނިސްޓްރީން އެކި ފަހަރު މަތިން ވަނީ، ތިމާވެށި ހިމާޔަތްކުރުމާއި ދިގު މުއްދަތުގެ ދެމެހެއްޓެނިވި ތަރައްގީ އަށް ވުރެ ބޮޑަށް، ޓޫރިޒަމްގެ ވިޔަފާރީގެ މަސްލަހަތުތައް އިސްކޮށްފައި،" ލުއިފޮތުގައި ބުނެފައިވެ އެވެ.

މި ކަންބޮޑުވުންތަކާ އެކު "#ސޭވްމޯލްޑިވްސް" އިން ކުރާ ސުވާލަކީ، ޖީޑީޕީގެ 89 ޕަސެންޓް، ސީދާ ބަޔޯޑައިވާސިޓީ އަށް ބަރޯސާވެފައިވާ ގައުމެއްގެ ގުދުރަތީ ވަސީލަތްތައް މި ހާލަތުގައި ދެމިހުންނާނީ ކިހާ ދުވަހަކަށް ހެއްޔެވެ؟ ތިމާވެށި ނެތިދިޔުމުގެ ނުރައްކަލުގައި އޮތް ދިވެހިރާއްޖެ "ސަނީ ސައިޑް އޮފް ލައިފް"ގެ ގޮތުގައި ދެމިއޮންނާނީ ކިހާ މުއްދަތަކަށް ހެއްޔެވެ؟