އެ ގުރުބާނީއަށް 10 އަހަރު! މިހާރުގެ ހާލަތު އޭގެ ކުރީގެ މާޒީއަށް!

ސިފައިންގެ އަނިޔާ އާއި ބަޑިޖެހުމުގައި އެތައް ދިވެހިން މަރުވި ދުވަހެވެ. ޖަލުގެ އަނިޔާގެ ވާހަކަ އަކީ ހަގީގަތެއްކަން މުޅި ރާއްޖެ ހެކިވި ދުވަހެވެ. ބާރުގަދަ ސަރުކާރެއް ރޫރޫއަޅައިގެން ދިޔަ ހަމަނުޖެހުންތަކުގެ ދުވަހެވެ. ސެޕްޓެމްބަރު 19، 2003 ދިވެހިންނަށް ގެނެސްދިނީ ޖަލުގައި އޮހޮރުވާލި ދިވެހި ޒުވާނުންތަކެއްގެ ލޭގެ ހާދިސާ އެކަންޏެއް ނޫނެވެ. އެއީ ދިވެހިންނަށް އިންސާނީ އެންމެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިން ގާނޫނުއަސާސީއަކާ ދިމާއަށް ދާން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މަޖުބޫރުކުރުވި ދުވަސް ވެސް މެ އެވެ.


އޭގެ ފަހުން ދެން އައި ފަސް އަހަރު ދިވެހިރާއްޖެ ތަޖުރިބާކުރީ އާ ގާނޫނުއަސާސީއެއްގެ ހިމާޔަތް ހޯދަން އޭރުގެ އެތައް ހާސް ދިވެހިން ކުރި ބުރަ މަސައްކަތެވެ. އާއެނކެވެ. މަގުތަކަށް ނުކުތެވެ. ސަލާމަތީ ބާރުތަކާ ކުރިމަތިލި އެވެ. ސަރުކާރުގެ ބޮޑުންނަށް އުނދަގޫތައް ޖެއްސި އެވެ. އަހަން އުނދަގޫ އެކަމަކު ހާލަތުގެ ރުޅިވެރިކަމުގައި ބައެއް މީހުންނަށް ބުނެވިދާނެ ހުތުރު އެތައް ވާހަކައެއްގެ އަޑު އިވުނެވެ. ސިޔާސީ ޕާޓީތައް އުފައްދައި، ތަފާތު ފިކުރުގެ މީހުންނަށް އެބައެއްގެ ވިސްނުން ނެރެވޭނެ މަގު ތަނަވަސްވި އެވެ.

އާ ގާނޫނުއަސާސީ ހަދަން، އާ ހާއްސަ މަޖިލިހެއް ހޮވައި އެ ފެށި ބުރަ މަސައްކަތަށް، ވެރިކަން ހިންގަން ތިބި މީހުންނާއި އެ މީހުންނަށް ޕްރެޝަރުކުރަން އިދިކޮޅުގައި ހަރަކާތްތެރިވި މީހުންގެ ހިޔާލު އެއްގޮތްނުކުރެވި އެތައް ދުވަހެއް ހޭދަވި އެވެ. އެކަމަކު އާ ރިޔާސީ އިންތިހާބަކަށް ގައުމު ނުކުތުމުގެ ކުރިން އާ ގާނޫނުއަސާސީ ނިންމައި، ހާއްސަ ދަރުބާރުގެއެއްގައި، ބޮޑު ރަސްމިއްޔާތެއްގައި ރައީސް މައުމޫން އެ ތަސްދީގުކުރެއްވި އެވެ.

އެއީ އޮގަސްޓް 7، 2008 އެވެ. މިއަދަށް 10 އަހަރެވެ. ސުވާލަކީ އޭގެ ކުރިން ރާއްޖޭގެ ތާރީޚު ދެކެފައި ނުވާ ވަރުގެ ސިލްސިލާ މުޒާހަރާތަކާއި އެއްވުންތަކާއި ޖަލްސާތަކާއި ހިޔާލު ތަފާތު މީހުންގެ މަޝްވަރާތަކުގެ ތެރެއިން އެ ލިބުނު ގާނޫނުއަސާސީ މިހާރު ކޮބައި ހެއްޔެވެ؟

އެ ދުވަސް ތަޖުރިބާކުރި، ގައުމަށް ހެޔޮއެދޭ އަދި އަމިއްލަ އެދުމެއް ނެތް ދިވެހިން މިއަދު އަޅަނީ ކަރުނަ އެވެ.

އެހާ އުނދަގުލުން ހޯދައިގަތް ހައްގުތައް ހިމާޔަތްނުކުރެވި، ސަރުކާރުން ކޮންޓްރޯލްކުރާ ރައްޔިތުންގެ މަޖިލިހުން އެދަނީ ހިތަށްއެރި ގޮތަކަށް ބަދަލުކޮށް، ބާރު ކަނޑުވަމުންނެވެ. އެ ގާނޫނުއަސާސީގައި ދިވެހިންގެ އަސާސީ ހައްގުތައް 54 މާއްދާއަށް ބަހާލާފައި އެ އޮތީ، "ކުޅޭކުޅޭ" އުސޫލަކުން ނޫންކަން، އެދުވަހުގެ އެ މަސައްކަތް ހިނގި ގޮތް ހަނދާން ހުރި ދިވެހިންނަށް އެނގޭނެ އެވެ. އެންމެ އާދައިގެ މީހާއަށް ވެސް، ޝަރުއީ ނިޒާމުގެ ތެރެއިންނާއި ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ޒިންމާ ހަވާލުކުރި މުއައްސަސާތަކުން ބަލަން ޖެހެނީ، ގާނޫނުއަސާސީ ބުނާ ގޮތުން، ހަމަހަމަކަމާ އެކުގަ އެވެ. އެކަމަކު ގާނޫނުއަސާސީ އޭގެ މައްޗަށް ބިނާވެ އާރާސްތުވި، އެ މާތް ސިފަތައް މިއަދު ދައުލަތުގެ ނިޒާމުގެ ތެރެއިން ގެއްލި ހިނގައްޖެ އެވެ.

ދެ ވަނަ ފަހަރަށް ކުރެވޭނެ މަސައްކަތެއް ނޫން!

ހިތާމައާ އެކު ނަމަވެސް މީގެ 10 އަހަރު ކުރީގެ ހަނދާންތައް އާކުރަން އެބަ ޖެހެ އެވެ. އެކަމަށްޓަކައި އަޅުގަނޑުމެން ގޮސް ވަނީ، އިބްރާހިމް އިސްމާއިލް (އިބްރާ) ގެ އާއިލީ ގެ، ބޯގަންވިލާއަށެވެ. އާ ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރަކަށް ހުންނެވި އިބްރާ އަޅުގަނޑުމެންނާ އެކު ގޮސް އިށީންނެވީ ގޭގެ މުސްކުޅި އުނދޯލީގަ އެވެ.

"އެއީ ދެވަނަ ފަހަރަކަށް ކުރެވޭނެ މަސައްކަތެއް ނޫން،" މިހާރަށް ވިސްނާލާއިރު ވެސް އާ ގާނޫނުއަސާސީއަކީ ކިހާ ވަރެއްގެ މަސައްކަތެއްތޯ ސުވާލު ދެންނެވުމުން އިބްރާ ވިދާޅުވި އެވެ.

އޭނާ އެގޮތަށް އެކަން ސިފަކުރެއްވުމުގެ ސަބަބުތަކެއް އެބަ ހުއްޓެވެ. މިސާލަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު މުޅިން ދޮވެ ސާފުކުރުމުގެ މަސައްކަތަށް އޭރުގެ އާންމުން ނުކުތީ، އިބްރާގެ ބަހުން ނަމަ، "ދެން ހުރި ހުރިހާ ކަމެއް ގުރުބާންކޮށްފަ" އެވެ. މިސާލަކަށް ކޮންމެ ވަގުތަކު ޖަލަށް ދާން ޖެހުނަސް، ހުކުމަކާ ކުރިމަތިލާން ޖެހުނަސް އެކަމަށް ތިބީ ތައްޔާރުވެ އެވެ. އެހެންކަމުން އެއީ ހައްގުތައް ހޯދައި، ކަށަވަރުކޮށް، އަދި ސާފު ވެރިކަމަކަށް ރާއްޖެ ގެންގޮސްދޭން ދިވެހިން ވި ވަރަށް ބޮޑު ގުރުބާނީއެކެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާ އެއްގައި އިބްރާ ވާހަކަ ދައްކަވަނީ.

"އެ މަސައްކަތަށް ނުކުންނަމުން އަންހެނުން ގެނެސް ބައިންދާފައި ބުނިން މަ މިދަނީ މިކަން ކުރާށޭ، ދެން އަލުން މަ އައިސްފާނެ ކަމަށް ނުބަލާށޭ، ދެ ކުދިން ގޮވައިގެން އުޅޭށޭ،" އިބްރާ، އޭނާގެ އަމިއްލަ ތަޖުރިބާ ކިޔައިދެއްވި އެވެ.

"އެހެން ކިޔާފައި ނުކުތީ. [އެ މަސައްކަތަށްޓަކައި] މަގޭ ލައިފްގެ ހުރިހާ ކަމެއް އެކަހެރިވީ."

އެ ހާލަތުގައި އެތައް ހާސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، އަދި ހާއްސަ މަޖިލިސް ތެރެއިން ސިޔާސީ ކަންކަން ކުރަން ތިބި މީހުން އެ މަސައްކަތުގައި ހިތްވަރުދޫނުކޮށް ދެމިތިބުކީ، އިބްރާ ވިދާޅުވި ގޮތުގައި، "އަބަދު އަބަދު ކުރެވޭނެ ކަމެއް ނޫނެ"ވެ. އެއީ ގައުމެއްގެ ހަޔާތުގައި ވެސް އަންނާނެ ވަރަށް މަދު ހާލަތެކެވެ.

ރާއްޖޭގެ ތާރީޚު ހެކިދޭ ގޮތުން ގާނޫނުއަސާސީއަކީ އޭރަކު ހުންނަވާ ވެރިއެއްގެ މުށުތެރޭގައި ހުރިހާ ބާރެއް އޮންނަ ގޮތަށް ފަރުމާކުރި އެއްޗެކެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމި، ރާއްޖޭގެ ރައީސަކަށް މައުމޫން ވެވަޑައިގެން އެންމެ ފުރަތަމަ ފެއްޓެވި ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި އާ ގާނޫނުއަސާސީއެއް ހެދުން ހިމެނުނެވެ. އެކަމަކު ފިނިހަކަ ދުވެއްޔަށް ވުރެ ވެސް ލަސްކަމަށް ފެނުނު އެ މަސައްކަތް 17 އަހަރަށް ދެމިގެން ގޮސް، ނެރެވޭވަރުވީ، ފަސް ވަނަ ދައުރަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ކެމްޕޭންގެ ބައެއްގެ ގޮތުން، 1998 ގަ އެވެ. އެހާ ދުވަހުން ހެދި ގާނޫނުއަސާސީގައި އޭރަށް ފައި ހަމަކުރެވޭނެ ބޮޑެތި ބަދަލުތަކެއް ނެތެވެ.

މާފުށީ ޖަލު ތެރެއިން ރައްޔިތުންނާ ހަމައަށް ގެނައި، ކަށަވަރުވި، ތަޖުރިބާކުރި، ކަރުނަ އެޅި އަނިޔާވެރިކަން 2003 ގައި ކުރިމަތިވި އިރު މައުމޫން ހުންނެވީ ހަ ވަނަ ދައުރެއްގައި ވެރިކަން ކުރިއަށް ގެންދަވަން ތައްޔާރުވެގެންނެވެ. އެކަމަކު އެ ލޭ އޮހޮރުވުމާ އެކު އެމަނިކުފާނުގެ ދިގު ވެރިކަމާއި ނަންފުޅު ރައްޔިތުންގެ ތެރޭގައި ކިލަނބުވެ، ދެން އޮތީ ހަގީގީ އިސްލާހު ގެންނެވުންކަން އެނގިވަޑައިގަތެވެ. އާ ގާނޫނުއަސާސީގެ މަސައްކަތް 2004 ގައި ފެއްޓެވީ މިފަހަރު ދެން ރައްޔިތުންނަށް އޮޅުވާލައި، މަކަރެއްގެ ތެރޭގައި ނުނިންދުވޭނެކަން އެނގިވަޑައިގެން ހުންނެވި ހާލުކޮޅުގަ އެވެ.

މި ވަރުގެ ގާނޫނުއަސާސީއެއް ނޯންނާނެ!

އާ ގާނޫނުއަސާސީން މައުމޫނަށް ކުރިމަތިވެވަޑައިގެންނެވި ނަތީޖާއަކީ 2008 ގެ އިންތިހާބުގައި ބަލިވެވަޑައިގަތުމެވެ. ޑިމޮކްރަސީ ގެންނަން އެންމެ ބޮޑު ގުރުބާނީއެއްވި އިދިކޮޅު ފަރާތްތަކުގެ އަތްމައްޗަށް ވެރިކަން ފުރޮޅިގެން ދިއުމެވެ. ގާނޫނުއަސާސީ ތަސްދީގުކުރެއްވިތާ އެންމެ ތިން މަހުގެ ތެރޭގަ އެވެ. އެކަމަކު އެ ގާނޫނުއަސާސީން ލިބިދިން މިނިވަންކަމާއި ހައްގުތަކާއި ސިޔާސީ މަސައްކަތްކުރުމާއި ހިޔާލު ފާޅުކުރުމުގެ ތެރޭގައި މައުމޫން ގެންދެވީ އިދިކޮޅު ލީޑަރެއްގެ ގޮތުން މަސައްކަތްކުރައްވަމުންނެވެ.

އެއްބަފާ ކޮއްކޮ، އަބްދުﷲ ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމާ ހަމައަށެވެ.

އޭގެ ފަހުން މިހާރު މި ފެންނަނީ އެ ބޮޑު ގާނޫނުއަސާސީގެ ބާރު ކަނޑާލާފައި އޮތް ތަނެވެ. ގާނޫނުއަސާސީއާ އެއްގޮތަށް ވެރިކަން ކުރަން އުނދަގޫވެގެން އުޅޭ މަންޒަރެވެ. އަނެއްކާވެސް ހުރިހާ ބާރެއް އެކެއްގެ އަތްމައްޗަށް ގެންދިޔަ ތަނެވެ. އާ ގާނޫނުއަސާސީ އެހާ ވެސް ކަމުނުދަނީ ހެއްޔެވެ؟ އެ ސުވާލު ކުރުމަށް ފަހު އިބްރާގެ މޫނަން ބަލަހައްޓައިގެން އަޅުގަނޑުމެން ތިބީމެވެ.

"ގާނޫނުއަސާސީއެއް އަދި ހެދިފައެއް ނޯންނާނެ އެ ފެންވަރަކަށް. ޑިމޮކްރަސީ ހިންގާ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ރައްޔިތުންގެ މިނިވަންކަން ދަމަހައްޓައިދޭން އެވަރުގެ ގާނޫނުއަސާސީއެއް އަދިއެއް ދުނިޔެއަކު ނޯންނާނެ،" އިބްރާ ވިދާޅުވި އެވެ.

އޭގެ މާނައަކީ، އޭނާ ވެސް އެއްބަސްވެވަޑައިގެންނެވި ގޮތުގައި، އިސްލާހު ކުރަން ޖެހޭނެ ކަންކަން އޭގައި ނެތުމެއް ނޫނެވެ. އެކަމަކު މުޅި ފޮތް ހަދާފައި އޮތްލެއް ވަރުގަދަކަމެވެ. އެހާ ފަސޭހައިން، އެހާ އަވަހަށް ބަދަލު ގެންނަން ނުޖެހޭނެ ރޫހެއްގަ އެވެ. އެކަމަކު އެ ރޫހެއް، އެ ގާނޫނުއަސާސީ ހިމާޔަތްކުރުމުގެ ޒިންމާ އެޅިފައިވާ އެންމެ ބޮޑު މުއައްސަސާ، އެންމެ ބޮޑު ބާރު ކަމަށްވާ، ރައްޔިތުންގެ މަޖިލިހުގެ ތެރެއަކުން ނުފެނެ އެވެ. އެ މަޖިލިސް ވެފައި ވަނީ ރާއްޖެ ތާރީޚު ދުށް އެންމެ ފެންވަރު ދަށް ރައްޔިތުންގެ މަޖިލިހަށެވެ. މެމްބަރުންނަށް ލިބިވަޑައިގެންފައިވާ އަމިއްލަ ބާރުތައް ވެސް މިހާރު އެ ވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ދޫކޮށްލައްވާފަ އެވެ.

މިހާރުގެ ގާނޫނުއަސާސީ، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އޯގަސްޓް 7، 2008 ގައި ތަސްދީގު ކުރައްވަނީ.

އިބްރާ ގަބޫލުކުރައްވާ ގޮތުގައި އޭގެ ސަބަބަކީ، ރާއްޖެއަށް ފެތުރިފައި އޮތް ހުދުމުހުތާރު ސަގާފަތް އަދިވެސް ފިލާ ނުދިއުމެވެ. އެހެންކަމުން ގާނޫނުއަސާސީން ގެނެސްދިން ނިޒާމް ހިފަހައްޓާ ނުލެވި، އެ ސަގާފަތުގެ ތެރޭގައި ނެތިދަނީ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީކީ ގާނޫނުއަސާސީގެ މައްސަލައެއް ނޫނެވެ. އެއީ ގާނޫނުއަސާސީ ހިންގަން އުނދަގޫވުމެއް ވެސް ނޫނެވެ. އެއީ ބާރު އޮތް މީހުން، އެ ބާރު އެ މީހުންގެ އަތްދަށުން ދިޔަ ނުދޭން ދައްކަމުން އަންނަ އުޒުރުތަކެވެ.

"އޭތި ވޯކްކުރީމަ [ގާނޫނުއަސާސީގެ ބާރު ހިނގުން] އެމީހުންގެ އަތުގައި އޮތް ޕަވާ ރައްޔިތުންގެ އަތަށް ދާނީ،" އިބްރާ ވިދާޅުވި އެވެ.

އެކަން ވިޔަނުދޭން "އެ އެންމެން އަރާނެ އެއްގަލަކަށް. އެތިބީ އަރާފައެއްނު."

އެކަމަކު އެއީ، މީގެ 10 އަހަރު ކުރީގެ އެ ގުރުބާނީ ހަނދާން ހުރި މީހުންނަށް، ހިތްދަތި މަންޒަރެކެވެ. މިހާރު މި ފެންނަނީ ވެރިކަމުގެ ބާރާއި ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލިސް އެކުވެގެން ގާނޫނުއަސާސީ "ފުނޑާލައިފައި" އޮތް ތަނެވެ. އެ ގާނޫނުއަސާސީ ގެންނަވަން އެންމެ އިސްކޮށް އުޅުއްވި ތިން ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން ޖަލުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓެރަރިސްޓަކަށް ހަދައި، އެންމެ ފަހުން އަރުވާލެވިގެން ބޭރުގަ އެވެ. ގާނޫނުއަސާސީ ހެދި ހާއްސަ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް ވެސް ޖަލު ހުކުމަކާ އެކު ބޭރުގަ އެވެ.

މިއީ އިއްތިފާގެއް ނޫނެވެ. އަދި މިއީ އޮގަސްޓް 7، 2008 ގައި ދިވެހިންނަށް ލިބުނު ގާނޫނުއަސާސީން ފަހިކޮށްދިން މަގެއް ވެސް ނޫނެވެ. މިއީ އެތައް ބަޔަކު ދެކޭ ގޮތުގައި ރައްޔިތުންގެ ބާރު މުށުތެރެއަށް ލައިގެން އުޅޭ މަދު ބައެއްގެ އަނިޔާވެރިކަމެވެ. އާ އިންތިހާބަކަށް ދިވެހިން މި ނުކުންނަނީ އެ ހާލަތުގަ އެވެ. ހަނދާން ހުންނަ ބަޔަކު ހަނދާންކުރާށެވެ. އޭރުގެ ގުރުބާނީ ނުދެކޭ ޒުވާނުން ތާރީޚު ކިޔާށެވެ.

އިބްރާ ވިދާޅުވި ގޮތަށް "އެއީ ދެވަނަ ފަހަރަކަށް ކުރެވޭނެ މަސައްކަތެއް ނޫނެ"ވެ. ގާނޫނުއަސާސީ ހެދީ އޭރު ވެރިކަމުގައި ތިބި މީހުން ވެސް ދޫދީގެން، އިދިކޮޅު މީހުން ވެސް އެއްބަސްވެވޭނެ ކަހަލަ މާހައުލެއްގެ ތެރެއިންނެވެ. މިއަދުގެ ދިވެހިން އަމިއްލައަށް ވިސްނާލާށެވެ. އެކަހަލަ މާހައުލެއް ރާއްޖޭގައި މިހާރު އެބަ އޮތް ހެއްޔެވެ؟ ރައްޔިތުންގެ މަޖިލިހަށް ނުވަދެވިގެން އުޅޭ 12 މެމްބަރުންގެ މައްސަލައަށް އެކަނި ވިސްނާލިޔަސް އެނގެނީ، ވެރިކަން ހިންގާ މީހުންނާއި ޝަރުއީ ނިޒާމާއި މަޖިލިހުގައި ތިބި ސަރުކާރަށް ނިސްބަތްވާ މެމްބަރުންކޮޅުގެ ޚުދުމުޚުތާރުކަމެވެ.

އެކަމަކު އޮގަސްޓް 7، 2008 ގައި އާންމު ދިވެހިން ގަބޫލުކުރީ، އުފާފާޅުކުރީ، ރާއްޖެއިން ޚުދުމުޚުތާރުކަން ނައްތާލެވިއްޖެ ކަމަށެވެ.