ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒުކުރަނީ ކިހާ ވަރަކަށް؟

ވެރިކަމުގެ މި ހިނގާ ފަސް އަހަރަށް ޕީޕީއެމުން ހުށަހެޅި މެނިފެސްޓޯގައި ވައުދުތައް ބައިވަރެވެ. އިގްތިސާދީ ހެޔޮ ބަދަލުތައް ގެނައުމާ އެކު އަތޮޅުތަކާއި ރަށްތަކާއި ވަކިވަކި ފަރުދުންގެ ޖީބުތައް ތަނަވަސްވާނެ ގޮތްތަކެވެ. އެކި ދާއިރާތަކުން ފަސް އަހަރު ތެރޭގައި ގައުމަށް އަންނާނެ ހެޔޮ ބަދަލުތަކާއި އެކަން ކުރާނެ މުއްދަތުތައް ވެސް ވަކިވަކިން ތަފްސީލްކޮށްދީފައިވެ އެވެ.


މެނިފެސްޓޯގައި ލިއެފައިވާ ކަންކަމަށް ބަލާއިރު، ސަރުކާރުގެ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުން ކުރާނެ މާ ބޮޑު ޝަކުވާއެއް ނޯންނާނެ އެވެ. މިއީ، މެނިފެސްޓޯ އަށް ބަލައިގެން ވޯޓު ދިން އެންމެންނަށް ޔަގީން ކުރެވުނު ގޮތް ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އިންތިހާބުގައި ރައްޔިތުންނަށް ދެއްކި މެނިފެސްޓޯ މިހާރު "ވީ ތަނެއް" ނޭނގެ އެވެ. ހާސިލްކުރަން ވައުދުވީ ބައެއް ކަންކަމުގައި އަދި "އަތެއް ނުލަ" އެވެ. އެހެންވެ ވެރިކަމުގެ ބާކީ އޮތް ގާތްގަނޑަކަށް ދެ އަހަރު ނިމޭއިރު، މެނިފެސްޓޯގައި ކަނޑައެޅި ކަންކަން ހާސިލްވާނެތޯ މިއީ ބައެއް މީހުން އުފައްދާ ސުވާލެކެވެ.

ބްރިޖް އެޅުމާއި އިންޑަސްޓްރިއަލް ވިލެޖް ތަރައްގީކުރުމާއި ފުޓްސަލް ދަނޑު އެޅުމާއި ޕާކުތައް ތަރައްގީކުރުމާއި ރަށްރަށުގެ މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތައް އެކި ސަރަހައްދުތަކުގައި ކުރިއަށް އެބަ ގެންދެ އެވެ. އެކަމަކު މިއީ މެނިފެސްޓޯގައި ވެފައިވާ ވައުދުތަކާ އަޅާބަލާއިރު ކުޑަ މިންވަރެކެވެ. މީގެ ތެރެއިން ބައެއް މަޝްރޫއުތައް މެނިފެސްޓޯގައި ހިމަނާފައެއް ވެސް ނުވެ އެވެ. އަދި މާ ބޮޑު ޕްލޭނެއް ނެތި ކުއްލިއަކަށް ފަށައިގެން ކަންކަން ވެސް އެބަ ހުއްޓެވެ.

ރައީސް އަބްދުﷲ ޔާމީން، ގއ. ދެއްވަދު އަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދެންނެވި ކުދިންތަކަކާ ސަލާމް ކުރައްވަނީ: އިސްކަންދޭ ތަރުތީބުން ވައުދުތައް ފުއްދަަވަމުން އަންނަ ކަމަށް މުއާޒް ވިދާޅުވި. --ފޮޓޯ ރައީސް އޮފީސް

ޕީޕީއެމްގެ ސަރުކާރެއްގައި ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ވައުދުވީ ކަންކަމުގެ ތެރެއިން މިހާތަނަށް ހާސިލްވީ ކަންކަން ފުރިހަމަ އަށް އެނގޭނެ ގޮތެއް ނެތެވެ. ރަސްމީ ހިސާބުތަކެއް ހުރިހާ މިނިސްޓްރީތަކަކުން އާއްމެއް ނުކުރެ އެވެ.

ޕީޕީއެމް މެނިފެސްޓޯގެ ބައެއް ވައުދުތައް:

- ދަނޑުވެރިކަމުގައި މަސައްކަތް ކުރާ މީހުންގެ އަދަދު 10،000 އަށް މަތިކޮށް އެވްރެޖް އާމްދަނީ މަހަކު 10،000ރ. އަށް ހެދުން.

- މަސްވެރިންގެ ފްލީޓް 15،000 އަށް އިތުރުކޮށް، 10،000 ޒުވާން މަސްވެރިން އުފެއްދައި އާމްދަނީ މަހަކު 10،000ރ. އަށް ހެދުން.

- ބެޔަސް ނުބެޔަސް މަސްވެރިންނަށް 10،000ރ. ދިނުން.

- އަހަރަކު އަލަށް 10 ރިސޯޓް ހުޅުވައި 26،000 ވަޒީފާ ކަށަވަރުކޮށްދިނުން.

- ކޮންމެ އަތޮޅެއްގައި ޓޫރިޒަމް ތަރައްގީކުރާނެ ރަށެއް ކަނޑައަޅައި ތަރައްގީކުރުން.

- ކޮންމެ ދިވެއްސަކަަށް ދިރިއުޅޭނެ ތަނެއް ހޯދައިދިނުން.

- ސަރަަހައްދުތަކުގައި ތޮޔޮ ބަންކަރު ހެދުމާއި ކަރަންޓް ބިލް ކުޑަކުރުން.

- ތިން ބާރަށް ފުރިހަމަ ބާރުވެރިކަން ހޯދައިދިނުން.

- އަބުރުވެރި ޝަރަފުވެރި މަޖިލީހަކާއި މިނިވަން ޝަރުއީ ނިޒާމެއް ކަށަވަރުކޮށްދިނުން.

- ވޯޓުން އަޅުވެތި ވުމަށް ފުރުސަތު ނުދިނުން، އިޖުތިމާއީ އަދާލަތަށް ފުރުސަތު ދިނުން.

- ސިއްހީ ފަރުވާގައި އުފުލާ ތަކުލީފް ކުޑަކުރުން.

- ކުޅިވަރު ކުޅެ މުނިފޫހިފިލުވޭނެ އިންތިޒާމްތަކާ އެކު މި އަހަރު ތެރޭ ހުޅުމާލޭގައި ޒުވާނުންނަށް އެއް ހެކްޓަރުގެ ތީމް ޕާކެއް ހުޅުވުން/ ޓެކްނޮލޮޖީ ޕާކެއް ގާއިމްކުރުން.

- ޒުވާނުންނަށް މިއުޒިކް އަދި އާޓްސް އިންސްޓިޓިއުޓެއް ގާއިމްކުރުން.

- ރިސޯޓްތަކުން ޒުވާނުންނަށް ހިއްސާ ދިނުން

ސަރުކާރަށް ފާޑުކިޔާ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި މެނިފެސްޓޯ އަށް ބަލައިގެން ވައުދުތައް ފުއްދުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ. ސަރުކާރުގެ ދެ އަހަރުގެ މިސްރާބު ގޯހެވެ. މަޝްރޫއުތައް ހިންގަނީ މެނިފެސްޓޯގައިވާ ގޮތާ ދިމާ އިދިކޮޅަށެވެ. ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަނީ މާ ބޮޑު ސިޔާސަތެއް ނެތި އޭރަކު ވިސްނުން އައި ގޮތަކަށް ކަމަށް ވެސް ފާޑުކިޔާ މީހުން ބުނެ އެވެ.

އިގްތިސާދީ ހެޔޮ ބަދަލުތަކާ އެކު ދަރަނި ކުޑަކުރާނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައި އޮތަސް ދަރަނި ހައްތަހާ ދަނީ މައްޗަށެވެ. ވޯލްޑް ބޭންކުން ނެރުނު "ސައުތު އޭޝިއާ އިކޮނޮމިކްސް ފޯކަސް 2016"ގައި ވެސް ދަރަނި ބޮޑުވާ މައްސަލަ އަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މެނިފެސްޓޯގައި ޔަގީންކަން ދީފައިވާ ފަދަ ހެޔޮ ބަދަލުތަކެއް ޓޫރިޒަމުން އަދި ނުފެނެ އެވެ. ބެޔަސް ނުބެޔަސް 10،000ރ. ކޮންމެ މަސްވެރިއަކަށް ހަމަޖައްސައިދިނުމާއި ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް އަދި ދަނޑުވެރިންނަށް ހާއްސަ އިނާޔަތް ދޭން ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. އެކަން ކާމިޔާބެއް ނުވެ އެވެ. އަންހެނުންގެ ކުރިއެރުމާއި ތަރައްގީ އަށް ވީ ވައުދުތައް ވެސް އަދި ހުރީ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ކުރު މުއްދަތެއްގެ ތެރޭގައި ހެޔޮ ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އާސަންދައިގެ ހިދުމަތް ހޯދުން ފަސޭހަކޮށް، ވަރަށް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އައިޖީއެމްއެޗުގެ ފެންވަރު ކުރިއަށް ވުރެ އެތައް ތަނެއް ރަނގަޅުކޮށް، ކުރިން ލިބެން ނެތް ބޮޑެތި ބައެއް ހިދުމަތްތައް ތައާރަފުކޮށްފި އެވެ. ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ.

ޕީޕީއެމްގެ މެނިފެސްޓޯގައި ހިމެނޭ ފަސް އަހަރު ތެރޭގައި 94،000 ވަޒީފާ އުފައްދުމަކީ ވަރަށް މުހިއްމު ވައުދެކެވެ.

ވަޒީފާ އުފެއްދާނެ ފޯމިއުލާ އިއުލާންކުރިއިރު އަލަށް ހުޅުވާ 50 ރިސޯޓުން 26،000 ވަޒީފާ އުފައްދާނެ ކަމަށް މެނިފެސްޓޯގައި ލިއެފައިވެ އެވެ. އެއާއެކު، މަސްވެރިކަމުން 15،000 ވަޒީފާ، ދަނޑުވެރިކަމުން 10،000 އަދި އިމާރާތްކުރުމާއި ދަތުރުފަތުރުކުރުމުގެ ދާއިރާ އިން 1،000 ވަޒީފާ އުފައްދަން އޮތީ ނިންމާފަ އެވެ. މި ނޫން ވެސް ވަޒީފާ އުފައްދާނެ ދާއިރާތައް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

ވަޒީފާ ނެތް ޒުވާނުންގެ ލިސްޓެއް ސަރުކާރުގެ ކުރީކޮޅު އެކުލަވާލި އެވެ. އެ ލިސްޓުގައި ނަން ނޯޓު ކުރި މީހުންގެ ތެރެއިން ވަޒީފާ ލިބުނީ ކިހާ އަދަދެއްގެ ބަޔަކަށް ކަމެއް ސާފެއް ނުވެ އެވެ.

އެކަމަކު ސަރުކާރުގެ އިސް ވެރިން ވިދާޅުވާ ގޮތުން ނަމަ، އެ ވައުދު މިހާރު ވަނީ ގާތްގަނޑަކަށް ހާސިލްވެފަ އެވެ.

ޒުވާނުންގެ އެވޯޑު ހަފުލާގައި ވާހަކަ ދައްކަވަމުން ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެފައި ވަނީ ސަރުކާރުގެ ދެ އަހަރު ތެރޭގައި 70،000 ވަޒީފާ އުފެދިފައިވާ ކަމަށެވެ. އެކަމަކު އެ ވަޒީފާތައް އުފެދުނު ދާއިރާތަކެއް އޭނާ ވިދާޅެއް ނުވެ އެވެ. މެނިފެސްޓޯގައިވާ ވައުދުތައް ފުއްދާފައިވާ ކަމަށް ސިޔާސީ ގޮތުން ވިދާޅުވާ ވާހަކަތައް ގަބޫލުކުރަން ބައެއް މީހުންނަށް ދަތިވަނީ ވެސް ހިސާބުތަކުން ފެންނަން ނެތުމުން ކަމަށް ވެދާނެ އެވެ.

ވައުދުތައް ދަނީ ފުއްދަމުން

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވި ގޮތުގައި މެނިފެސްޓޯގެ ވައުދުތައް ނުފުއްދާ ކަމަށް ބުނެ އަމާޒުކުރެވޭނެ ފާޑުކިޔުމެއް ނެތެވެ. މެނިފެސްޓޯގައި ކަނޑައެޅި ކަންކަން ވަރަށް ފުރިހަމަކޮށް، ވަރަށް ކާމިޔާބުކަމާ އެކު ރައީސް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތައް ތަންފީޒުކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ދުވަސްވަރެއްގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް ބަލައި އިސްކަންދޭ ތަރުތީބުންނެވެ.

"ހަގީގަތަކީ މެނިފެސްޓޯ ތަންފީޒުނުކުރާ ކަމަށް ބުނެ އަމާޒުކުރެވޭނެ ބިނާކުރަނިވި ފާޑުކިއުމެއް ނެތް. މެނިފެސްޓޯގައި ކަނޑައެޅި ވައުދުތައް މި އަންނަނީ ފުރިހަމަވަމުން. ބޭރުގައި ފިއްލަވައި ތިއްބަވައިގެން އަބުރު ކަތިލުމުގެ ކުޅިވަރުތަކެއް ކުރިއަށް ގެންދަނީ ކިޔޭނެ ފާޑެއް ނެތިގެން،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް ދެ އަހަރު ތެރޭގައި ރައީސް ޔާމީން ކޮށްދެއްވި ކަންކަން ރައްޔިތުންނަށް ކޮށްދެއްވިފައެއް ނެތެވެ.

ޒުވާނުންނަށް ކޮށްދޭން ރައީސް ޔާމީން ވައުދުވެވަޑައިގެން މިހާތަނަށް ހާސިލްކޮށްދެއްވާފައިވާ ވައުދުތަކަށް ބަލާއިރު ވެސް އެކަންކަން ހާސިލްވެ ޒުވާނުންނަށް އޭގެ ފައިދާ ލިބެމުން އަންނަ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. ސިއްހީ ނިޒާމަށް ގެންނަވާ ތަރައްގީގެ ތެރެއިން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުސް ނުވާ އާސަންދަ ނިޒާމެއް ގާއިމްކޮށް ރައްޔިތުންނަށް ހިތްހަމަޖެހުން ރައީސް ޔާމީން ހޯއްދަވައިދެއްވި ކަން ފާހަގަކުރެއްވި އެވެ.

"ފުޓްސަލް ދަނޑު އެޅުން ވެސް އެއީ ރައީސް ޔާމީނަށް ފެންތައްޓެއް ބޯލައި ވައެއްލުން ފަދަ ކަމެއް. ޒުވާނުން އެކަން ގަބޫލުކުރޭ. އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ވަނީ ބޮޑުކޮށްފައި. ރަށްރަށުގައި ޑޮކްޓަރުން އެބަ ތިބި. މިހެން ގޮސް ހުރިހާ ވައުދުތައް އެ ގެންދަވަނީ ފުއްދަވަމުން. ބާކީ ދެ އަހަރު ތެރޭގައި ކުރައްވަން ހުރި ކަންކަން އެ ވަނީ ޕްލޭންކުރައްވައި އަމަލީ މަސައްކަތް ފައްޓަވާފައި،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ވާދަވެރިންނާ ވާދަކުރައްވަން ނޫން ކަމަށެވެ. ގައުމުގައި ހުރި މައްސަލަތައް ހައްލުކުރައްވަން ކަމަށާއި އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތްޕުޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ޕީޕީއެމް މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަ ނުވާ ނަމަ، އެއީ އިންތިހާބުތަކުގައި އަމާޒުކުރާނެ ސުވާލެކެވެ. އެއަށް ފުރިހަމަ ޖަވާބެއް ދެވޭނީ މެނިފެސްޓޯގައި ހިމަނާފައިވާ ބޮޑެތި ވައުދުތައް ފުއްދަމުން އަންނަ ނިސްބަތަކުންނެވެ.