މަޖިލިސް ހޭލައިފި، ވަޒީރުންނަށް ސުވާލުތަކެއް!

ވަޒީރުންނާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ގާނޫނުއަސާސީން ލިބޭ ބާރުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ވަޒީރުން ފުލުފުލުގައި މަޖިލިހަށް ހާޒިރު ކުރަން އިދިކޮޅު ފަރާތްތަކުން ބޭނުން ކުރަން ޖެހެނީ، ސަރުކާރު ކޯލިޝަންގެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި، އެ ބޭފުޅުން ކުރިން "މުށުތެރެ" އަށް ލައިގެން ގެންގުޅުނު ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ.


މިހާރުގެ މަޖިލިހުގެ އެންމެ ފަހު ދައުރާ އެކު މަޖިލިހަށް ފުރަތަމަ ހާޒިރުކޮށް މެމްބަރުންގެ ސުވާލުތައް އަމާޒުވީ ޑިފެންސް މިނިސްޓަރު އަދި ކުރީގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އަށެވެ. އޭގެ ފަހުން މިއަދު އޮންނާނީ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުރީކޮޅު ވެސް ފެނުނު މަންޒަރެކެވެ. އެކަމަކު ފަހުން ސަރުކާރުގެ ވަޒީރުން ގެންގުޅުނީ، ސަރުކާރުގެ ކޮންޓްރޯލް އޮތް މަޖިލިހުން "ފޮރުވައިގެންނެ"ވެ.

ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ، ކުރީ ސަރުކާރުގެ އިސް ބޭފުޅުންގެ އޯޑަރަށް މަޖިލިހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހް ނިންމެވި ގާނޫނުއަސާސީ އާއި ގަވައިދުތަކާ ވެސް މުޅިން ހިލާފު ނިންމެވުމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރު ޒިންމާދާރު ކުރުވަން ރައްޔިތުންގެ މަޖިލިހުން ކުރަން ޖެހޭ މަސައްކަތް ހުއްޓުނީ އެވެ.

މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް މާރިޔާ ޖަވާބު ދެއްވަނީ. --- ފޮޓޯ: މަޖިލިސް

އޭރުގެ އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވީ ވެސް ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު ނެތުމެވެ. ވަޒީރުން ޖަވާބުދާރީކުރުވުުގެ އެތައް މައްސަލައެއް އެމްޑީޕީގެ މެމްބަރުން ހުށައެޅުއްވި އެވެ.

އެކަމަކު މިއަދު ފެންނަ މަންޒަރު ވަރަށް ބޮޑަށް ތަފާތެވެ؛ މިހާރު ފެންނަނީ މިނިސްޓަރުންނަށް ޕްރެޝަރު ކުރިމަތިވެފައިވާ މައްސަލަތަކުގައި މަޖިލިހުގެ މެމްބަރުން ސުވާލުކުރައްވާ ތަނެވެ. ބައެއް ބޭފުޅުންގެ ވިސްނުމުގައި މިއީ ރަނގަޅު ކަމެކެވެ.

"މީގައި ރަނގަޅަށް ނެގޭ ކަމަކީ މަޖިލިހަކީ ތިން ބާރުގެ ތެރެއިން އެއް ބާރުކަން ސަރުކާރުން ބަލައިގަނެ، ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު ނަގަހައްޓައި ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާކަން. މިއީ އަޅުގަނޑު ދެކޭ ގޮތުގައި ހެޔޮ، ވަރަށް ފުރިހަމަ ބަދަލެއް،" --- އީވާ

ގާނޫނުއަސާސީގެ 98 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލިހުގެ މެމްބަރަކު ނުވަތަ ސަރުކާރުގެ އެހެން ވެސް މަގާމެއްގައި ހުރި މީހަކު މަޖިލިހަށް ހާޒިރުވުމަށާއި އެމީހަކު އަދާކުރަން ޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭ ގޮތުން މަޖިލިހުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މީހަކާ ކުރެވޭ ސުވާލުތަކަށް ތެދު ބަހުން ޖަވާބު ދިނުމަށާއި އެ މީހަކު އަދާކުރަން ޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން މަޖިލިހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް މަޖިލިހުން އެންގިދާނެ ކަމަށެވެ.

ހަމަ އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ވަޒީރުންގެ މަޖިލިހުގެ މެމްބަރަކު ނުވަތަ ސަރުކާރުގެ އޮފީހުގެ ވެރިއަކު އަދާކުރާ ވާޖިބުތަކާ ބެހޭ ގޮތުން މަޖިލިހުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މީހަކާ ލިޔުމުން، ނުވަތަ އަނގަ ބަހުން ސުވާލުކުރުމުގެ ހައްގު މަޖިލިހުގެ ކޮންމެ މެމްބަރަކަށް ލިބިގެންވާ ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރެއްވޭ ގޮތަށް މަޖިލިހުގެ ކަންކަން ހަމަޖެހުމަކީ ހެޔޮ ބަދަލެއް ކަމަށެވެ. އަދި މިހާރު ފެންނަނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު، މަޖިލިހުގެ ޒިންމާ ފުރިހަމަ އަށް އަދާކުރަމުން އަންނަ ތަނާއި ސަރުކާރުން ވެސް މަޖިލިހަށް އެއްބާރުލުން ދެމުން އަންނަ މަންޒަރު ކަމަށް އީވާ ވިދާޅުވި އެވެ.

"މީގައި ރަނގަޅަށް ނެގޭ ކަމަކީ މަޖިލިހަކީ ތިން ބާރުގެ ތެރެއިން އެއް ބާރުކަން ސަރުކާރުން ބަލައިގަނެ، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ނަގަހައްޓައި ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރާކަން. މިއީ އަޅުގަނޑު ދެކޭ ގޮތުގައި ހެޔޮ، ވަރަށް ފުރިހަމަ ބަދަލެއް،" އީވާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ ބައްދަލުވުމެއްގައި އީވާ --- ފޮޓޯ: މިހާރު

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ މަޖިލިހުގެ ތަޅުމުގައި ވަޒީރުންނާ ސުވާލުކުރެވޭ ގޮތަށް ފަހިވެފައި އޮތުމަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެއް ކަމަށެވެ.

އެކަމަކު ނިހާން އިސްވެ ހުންނެވި މަޖިލިހުގެ މެމްބަރުންގެ ކޮންޓްރޯލް އޮތް އިރު އެކަށީގެންވާ ގޮތެއްގައި ވަޒީރުން ޖަވާބުދާރީ ކުރުވިފައި ނެތް ކަމަށް އޭނާ އެއްބަސްވެވަޑައިގަނެ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ނިހާން ދެއްކެވީ އެމްޑީޕީގެ މެމްބަރުން ޖެއްސުން ކުރުމުގެ ބޭނުމުގައި "ދެ އިރު ދެ ދަޅަ" އަށް ވަޒީރުން ހާޒިރު ކުރަން ވިސްނުމެވެ.

އޭނާ މިހާރު ވިދާޅުވަނީ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ މެމްބަރުންތަކެއް ކުރިއަށް އޮތް އިންތިހާބުގައި އިންތިހާބުކޮށްދޭން ޖެހޭ ކަމަށެވެ.

"އެމްޑީޕީއަކީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީއަށް ވެފައި، އެ ސަރުކާރަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ. އަވައްޓެރި ގައުމުތަކާ އެކު ހާރިޖީ ގުޅުންތައް ބަދަލުކުރަމުން ދާއިރު، ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން މެމްބަރުންކޮޅެއް ބޭނުންވާނެ،" ނިހާން ވިދާޅުވި އެވެ.

"އޭރު ސަރުކާރު ކޯލިޝަނަށް އަޣުލަބިއްޔަތު އޮއްވައި، ވަޒީރުން ގެނެސްގެން ހަމަ ސުވާލު ކުރީ. އެކަމަކު، ފަހުން އައިސް ވަޒީރުންނަށް ހަމަ ޖެއްސުން ކުރީ،" --- ނިހާން

އޭނާ ވިދާޅުވި ގޮތުގައި ވަޒީރުންގެ މަޖިލިހުގެ މެމްބަރަކު ގޯސް ކަމެއް ކުރެއްވި ނަމަ، އެ ވަޒީރަކު ޖަވާބުދާރީ ކުރުވަން ތިއްބަވާ ހަމައެކަނި ބަޔަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނެވެ.

އީވާ ވިދާޅުވީ ވެއިތުވެދިޔަ ފަސް އަހަރެއްހާ ދުވަހު އޭރުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުގައި ޖަވާބުދާރީވެވަޑައިގެންފައި ނުވާ ކަމަށެވެ.

އޭގެ އެއް މިސާލެއްގެ ގޮތުގައި އީވާ ނެންގެވީ ޗައިނާގެ ސަބްމެރީނެއް ރާއްޖޭގެ ކަނޑު ސަރަހައްދަށް ވަދެގެން އުޅުނު ކަމަށް ބުނެ، އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާ ސުވާލުކުރަައްވަން އޭނާ ހުށަހެޅުއްވި މައްސަލަ އެވެ. އޭގެ އިތުރުން ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުންނާއި ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ހުށަހެޅި ނަމަވެސް، އެކަންކަން ވެސް ހިނގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި މާރިޔާ (ވ) ޖަވާބު ދެއްވަނީ: މައާފަށް އެދިވަޑައިގެންނެވި

ވެއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މަޖިލިހުގެ ތަޅުމަށް އެންމެ ގިނަ އިން ހާޒިރު ކުރީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެކަމަކު އޭރުގެ އިދިކޮޅު ފަރާތްތަކުން "ތާކުންތާކު ނުޖެހޭ ސުވާލުތައް" ކުރާ ކަމަށް ބުނެ، ވަޒީރުން ހާޒިރުކުރަން އެންމެ ބޮޑަށް ދެކޮޅުހެއްދެވީ ވެސް ނިހާނާއި ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުންނެވެ. އެމްޑީޕީ މެމްބަރުން އުޅުއްވަނީ ވަޒީރުން ކުރައްވާ މަސައްކަތަށް ހުރަސް އަޅުއްވައި، ވަގުތު ބޭކާރު ކުރައްވަން ކަމަށް ވިދާޅުވެ ފާޑު ވެސް ކިއުއްވި އެވެ.

އެކަމަކު ނިހާން ވިދާޅުވީ 2014 އާއި 2015 ވަނަ އަހަރު ވަޒީރުން މަޖިލިހަށް ހާޒިރުކޮށް، މެމްބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައިވާ ކަމަށެވެ. އޭގެ ފަހުން އިދިކޮޅު މެމްބަރުން ވަޒީރުން ހާޒިރުކުރަން ފެށީ ޖެއްސުން ކުރުމުގެ ބޭނުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ [ވަޒީރުން] އުލު ބާންދާކަށް ނޫން. ވަޒީރުން ވެސް ޓެރިޓަރީ ތެރޭގައި ތިއްބަވަންވީ. ޓެރަޓަރީ ތެރެއިން ސިޔާސަތުތައް ހާސިލް ކުރަމުން ދިޔައިމަ ހުންނާނީ ރަނގަޅަށް،" -- ޓޮމް

"އޭރު ސަރުކާރު ކޯލިޝަނަށް އަޣުލަބިއްޔަތު އޮއްވައި، ވަޒީރުން ގެނެސްގެން ހަމަ ސުވާލުކުރީ. އެކަމަކު، ފަހުން އައިސް ވަޒީރުންނަށް ހަމަ ޖެއްސުންކުރީ،" ނިހާން ވިދާޅުވި އެވެ.

މިއަަދު ނިހާން ގަބޫލުކުރައްވަނީ ވަޒީރުން ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލިހުގައި ގިނައިން ތިއްބަވަން ޖެހޭނީ ސަރުކާރަށް ނިސްބަތްނުވާ މެމްބަރުން ކަމަށެވެ.

އެކަމަކު ނިހާންގެ ވާހަކަތަކަށް ރައްދު ދެއްވައި އީވާ ވިދާޅުވީ ވަޒީރުން ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މިހާރު ހުށަހަޅަނީ އެއްވެސް އަސާސެއް އަދި މަގްސަދެއް ވެސް ހާސިލްވާނެ ސުވާލުތަކެއް ނޫން ކަމަށެވެ.

އީވާ އެ އިޝާރާތް ކުރެއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އިއްޔެ މާރިޔާއާ އިއްޔެ ކުރެއްވި ސުވާލަށެވެ.

ޓޮމްގެ ސުވާލު އަމާޒު ކުރެއްވީ އިންޑިއާގެ މީޑިއާއަކަށް މާރިޔާ ދެއްވި އިންޓަވިއުގައި އިންޑިއާ އިން ބޭނުންވެއްޖެ ނަމަ ރާއްޖެ ހިފޭނެ ކަމަށް ވިދާޅުވި މައްސަލައިގަ އެވެ. މާރިޔާ ވަނީ އެ ވާހަކައާ މެދު ހިތްހަމަނުޖެހޭ ނަމަ، ރައްޔިތުންގެ ކިބައިން މާފަށް ވެސް އެދިވަޑައިގެންފަ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން: ވަޒީރުންނާ ސުވާލުކުރުމަކީ މުހިންމު ކަމެއް ކަމަށް މިހާރު ގަބޫލުކުރައްވާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ވަޒީރަކު މަޖިލިހަށް ހާޒިރުކުރަން އެންމެ ފުރަތަމަ ހުށަހެޅުއްވި ޓޮމް ވިދާޅުވީ ގޯސްކޮށް، ކަމެއް ދާ ނަމަ، ކުރިއަށް އޮތް ތަނުގައި ވެސް ވަޒީރުން މަޖިލިހަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. އެކަމަކު ކަންކަން ރަނގަޅަށް ދާ ނަމަ، ވަޒީރުންނާ ކުރާނެ ސުވާލެއް ނުހުންނާނެ ކަމަށާއި ވަޒީރުން މަޖިލިހަށް ހާޒިރު ކުރަން ޖެހޭ ސަބަބެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"މަގްސަދު ހާސިލްވުމަކީ މާރިޔާ ރައްޔިތުންގެ ކިބައިން މާފަށް އެދުން. އަޅުގަނޑު މާރިޔާ އަށް މާފުކޮށްފިން. މިނިސްޓަރެއްގެ މަގާމުގައި ހުންނަވައިގެން ނުދެއްކެވޭނެ ވާހަކައެއް މާރިޔާ ދެއްކެވީ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ މާރިޔާ މަގާމުން އިސްތިއުފާ ދެއްވުން،" ޓޮމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާރިޔާ މާފަށް އެދިވަޑައިގެންނެވީ ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެގެން ކަމަށެވެ. އަދި އެއްވެސް ވަޒީރަކާ މެދު އޭނާ ޒާތީ ކަމެއް ނުގެންގުޅުއްވާނެ ކަމަށް ވެސް ޓޮމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ [ވަޒީރުން] އުލު ބޭންދުމަކަށް ނޫން. ވަޒީރުން ވެސް ޓެރިޓަރީ ތެރޭގައި ތިއްބަވަންވީ. ޓެރަޓަރީ ތެރެއިން ސިޔާސަތުތައް ހާސިލް ކުރަމުން ދިޔައިމަ ހުންނާނީ ރަނގަޅަށް. އަޅުގަނޑުމެން ނޫން ދެން ކޮން ބައެއްތޯ މި ވާހަކަ ދައްކާނީ،؟" ޓޮމް ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި ސަރުކާރު އޮތީ މަޖިލިހަށް ޖަވާބުދާރީވާން ތައްޔާރަށެވެ.

ކޮންމެއަކަސް ޑިފެންސް މިނިސްޓަރު މާރިޔާ އިއްޔެ މަޖިލިހަށް ހާޒިރުކުރުމާއި މިއަދު ހައުސިން މިނިސްޓަރު އާތިފާއާ މަޖިލިހުގެ މެމްބަރުން ސުވާލުކުރުމަކީ، އެތައް އަހަރަކަށް ފަހު، ފެންނަން ފެށި މަންޒަރެކެވެ. ސަރުކާރަށް ފާރަވެރިވުމުގެ ޒިންމާ އޮތީ މަޖިލިހުގެ މެމްބަރުންގެ އިސްތަށިފުޅުގަ އެވެ. ރާއްޖޭގެ ގާނޫނު އަސާސީ އޮތް ގޮތުން ސަރުކާރާއި މަޖިލިހަކީ ވަކި ދެ ބާރެކެވެ. އެހެންކަމުން މަޖިލިހަށް ފިއްލަވައިގެން އެއްވެސް ވަޒީރަކަށް، މިނިވަން މުއައްސަސާތަކުގެ ވެރިންނަކަށް ނޫޅުއްވޭނެ އެވެ. ހަމަ އެގޮތަށް މަޖިލިހުގެ މެމްބަރުންނަށް ލިބިވަޑައިގެންފައިވާ ބާރު ބޭނުންކުރައްވަން ޖެހޭނީ ވެސް، ޖެއްސުން ކުރުމުގެ ބަދަލުގައި، މައްސަލައެއް އޮވެއްޖެ ނަމަ، ތެދުވެރިކަމާ އެކު، އެކަމެއްގަ އެވެ.