ދިވެހިން އުޅެން ޖެހޭ ގޮތަށް ނޫޅެވެނީ ބާ؟

ރަށްރަށުގެ ވެށި ހަލާކުވެ ގުދުރަތީ ސިފަ ގެއްލުނަސް އަހަރެމެންގެ ފަރުވާލެއް ނެތީ ހެއްޔެވެ؟ އެހެން އެ ވަނީ އަހަރެމެން ވެށި ދެކެ ލޯބި ނުވާތީ ހެއްޔެވެ؟


ބައެއް މީހުން ސިފަކުރާ ގޮތުގައި އަހަރެމެންނަށް މި އެދެވެނީ "ފަނާކުރަނިވި" ތަރައްގީ އަށެވެ. އަދި ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ބަލައިގަނެ، އަމިއްލަ އަށް ވެސް އެފަދަ އާދަތައް އަހަރެމެންނަށް ގެންގުޅެވެނީ ވެއްޓާ ގުޅުން ކުޑަވީމަ އެވެ. ނުވަތަ ގުދުރަތީ މާހައުލުތަކުން އުފާ ހޯދުމަކީ އަހަރެމެންގެ ދިރިއުޅުމުގެ ބަޔަކަށް ނުވާތީ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، "ދިވެހިން އުޅެން ޖެހޭ ގޮތަށް" އަހަރެމެންނަށް ނޫޅެވޭތީ އެވެ.

ދިވެހިން އުޅެން ޖެހޭ ގޮތަކީ ކޮބާ ހެއްޔެވެ؟

އާތު އަވާ ފާހަގަކުރުމުގެ ކުރިން މިދިޔަ މަހު ބޭއްވި ތިމާވެއްޓާ ބެހޭ ޕެނަލް ޑިސްކަޝަނެއްގައި ބައިވެރިވި މާހިރުންތަކެއްގެ ނަޒަރުގައި، ތިމާވެށީގެ މުހިއްމުކަން ދެނެގަތުމަށްޓަކައި، ދިވެހިންގެ ދިރިއުޅުން ބަހައްޓަންވީ އަހަރެމެންގެ ވަށައިގެންވާ ގުދުރަތީ މާހައުލާ ގުޅިލާމެހިގެންދާ ގޮތަށެވެ.

"ތިމަންނައަކީ ... މޫދަށް އެރޭނެ މީހެކޭ، ތިމަންނައަކީ މަހަށް ގޮސްގެން މަސް ބާނައިގެން ކާނެ މީހެކޭ، ތިމަންނައަކީ ރުކަށް އަރައިގެން ކުރުނބާ ބޯނެ މީހެއް ކަމަށް ވާންވީ،" މިއީ ކާރިސާތައް ކުރިމަތިވުމުގެ ނުރައްކާ ކުޑަކުރުމުގެ މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށްވާ އުމަރު ފިކުރީގެ ހިޔާލެވެ.

މޫދާ ދުރު

ރާއްޖޭގެ ގިނަ ބަޔަކު ފަތަން ނުދަންނަކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވަނީ "އަޅުގަނޑުމެންނަށް ފަތަން ނޭނގޭ ހިސާބަށް ދިޔުމަކީ އަޅުގަނޑުމެން ދިވެހިންތޯ ވެސް ސުވާލު އުފައްދަން ޖެހޭ" ވަރު ކަމެއް ކަމަށެވެ. ސަބަބަކީ ގައުމުގެ 99 ޕަސެންޓަކީ ކަނޑެވެ. ކޮންމެ ރަށެއްގެ ވަށައިގެން މޫދެވެ. ކަނީ ކަނޑުން ލިބޭ މަހެވެ. އިގްތިސޯދު ބަރޯސާވެފައި އޮތީ ވެސް އެ މާހައުލާއި ރީތިކަމަށެވެ.

ދިވެހިންނަކީ ހަގީގަތުގައި ވެސް މޫދާ ދުރު ބައެކެވެ. ގައިމު ވެސް މިހާރު ތިރީހަކަށް އަހަރަށް ވުރެ ދޮށީ މީހުން ބޮޑުވަމުން އައިއިރު މޫދަށް ދިޔުމަކީ މައިންބަފައިން މަނާކޮށްފައި އޮތް ކަމެކެވެ. އެއީ ވިޔާނުދާ ކުދިން ކުރާ ކަމެއް ކަމަށް އޮތީ ބެލެވިފަ އެވެ.

"އަޅުގަނޑު ހަނދާންވޭ، ސްކޫލް ދުވަހެއްގައި މޫދަށް ދިޔުމަކީ ވަރަށް ގޯސް ކަމެއް، ވަކަރުގޭ ކުދިން ކުރާ ކަމެއް. އެ ގޮތަށް ގޮސް މޫދަށް ދިޔުން ހުއްޓާލީ،" ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ވިދާޅުވި އެވެ.

"އަހަރެމެން ތަރައްގީވީ ވަރުން އަޅުގަނޑުމެން ބޭނުންވީ، ލޮނުކޮޅެއްގައި ނުޖެހި މާލެ އިން ފުރައިގެން އެއާޕޯޓަށް ދާން. އެކަމަކު އަހަރެމެންނަކީ ލޮނުގައި ޖެހިގެން ލޮނުގައި ދިރިއުޅޭ ބައެއް."

ބޭރު މީހުން ބޮޑު އަގުގައި ބަލަން އަންނަ، ދުނިޔެ އަށް މަޝްހޫރު މި މަންޒިލްގެ ގޮނޑުދޮށްތަކާއި ޗާލު މޫދުން އުފާ ހޯދަނީ މި ތަނުގެ ކިތައް މީހުން ހެއްޔެވެ؟ އުމުރުން އެންމެ ފަހަރަކު ވެސް މޫދު އަޑި ބަލައިލީ ކިތައް މީހުން ހެއްޔެވެ؟ އެ ތަންތަނަށް ގެއްލުން ހުރި ކަންކަމާ މެދު މާ ބޮޑު ފިކުރެއް، ހިޔާލެއް ގިނަ މީހުންގެ ނުހުންނަ ސަބަބަކީ މިއީ ކަމަށް ވެދާނެ އެވެ.

"މޫދުގެ ވާހަކަ ދެއްކުމުގައި ވާ ގޮތަކީ ނުފެންނަ އެއްޗެއްގެ ވާހަކަ މި ދެކެވެނީ. ނުފެންނަ އެއްޗެއް ވެލިއުއެއް ނުކުރެވޭނެ،" ފަރުތަކާއި މޫދުގެ ދިރުންތަކަކީ ކިހާ މުހިއްމު ވަސީލަތްތަކެއްކަން ދިވެހިންނަށް ނޭނގޭކަން ފާހަގަކުރައްވަމުން ޑައިވަރު ހުސެން ރަޝީދު (ސެންޑީ) ވިދާޅުވި އެވެ.

އުމަރު ގަބޫލުކުރައްވާ ގޮތުގައި އެންމެން ވެސް ފަތަން ދަސްކޮށްގެން، "މޫދަށް އެރުމަކީ ތިމާގެ ފަހުރެއް ކަމަށް ދެކިގެން މާސްކު އަޅައިގެން ސެންޑީހެން އެރުނު ނަމަ"، ފަރުތަކުން އަހަރެމެންނަށް ލިބޭ ދިރުމާއި ހިމާޔަތުގެ އަގު ވަޒަންކުރަން އަހަރެމެންނަށް އެނގުނީހެވެ. އަދި ފަރުތަކަށް ލިބެމުންދާ ގެއްލުންތައް ވެސް ފެނުނީހެވެ.

"ސެންޑީއާ ދިމާވެގެން ކުރީ ދުވަހު ވާހަކަދައްކާލީމާ ބުނި ތިމަންނަ އަށް ފެނުނު މަހެއް، ތިމަންނަ އަށް ފެނުނު މުރަކައެއް މިހާރު އަޅުގަނޑަކަށް ނުފެންނާނެއޭ. މިހާރު އަޅުގަނޑަށް ފެންނަ މަހާއި މުރަކައެއް އަޅުގަނޑުގެ ދަރިއަކަށް ނުފެންނާނެއޭ. އެއީ މިހާރު މައްސަލައަކީ،" އުމަރު ވިދާޅުވި އެވެ.

ސެންޑީ ވިދާޅުވާ ގޮތުގައި މިހާރު ވެސް، ބައެއް ކުދިން މޫދަށް ނޭރެނީ މައިންބަފައިން އެކަން މަނާކުރާތީ އެވެ. އޭނާ ޔަގީންކޮށްދެއްވަން ބޭނުންވަނީ ދަސްކޮށްގެން، ކުރަން ޖެހޭ ގޮތަށް ކޮށްފިއްޔާ މޫދަށް އެރުމަކީ ވެސް އަދި ފީނުމަކީ ވެސް ރައްކާތެރިކަމެއް ކަމެވެ.

"އަޅުގަނޑު ޕޭރެންޓްސް އަށް ދަންނަވާލަން އޮތް ވާހަކައަކީ ތި ގޭގައި މޫދަށް އެރި އުޅޭ ކުއްޖެއް ހުރިއްޔާ ޕިކްނިކް ގޮސް އުޅޭ އިރު އެހެން މީހަކު ސަލާމަތްކޮށްދޭން ހުންނާނީ އެ ކުއްޖާއޭ،" ސެންޑީ ވިދާޅުވި އެވެ.

"ދިވެހިރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ސޭފް [ގައުމު]. ނުރައްކާ އެއްޗެއް ނޫޅޭ. އައިސް ދަތް އަޅާނެ އެއްޗެއް ނޫޅޭ. އެކަމަކު ދަސްކުރަން ޖެހޭ، ސްނޯކެލްކުރާ އިރު ވެސް، ޑައިވްކުރާ އިރު ވެސް. ހުއްދަތައް ލިބިގެން، ދަސްކޮށްގެން ދިޔައިމަ ސޭފް ކަމެއް."

ދިވެހި، ޖަޒީރާވަންތަ ދިރިއުޅުން ކުރެހުންތެރިއެއްގެ ސިފަކުރުމުން

ޒުވާނުންނާއި ކުޑަކުދިން: ސުވާލެއް ނުކުރޭ

މީގެ ކުރިން ސްކޫލްތަކުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިމުގެ ގައުމީ ޕްރޮގްރާމެއް ހިންގި އެވެ. އެކަމަކު އެކަން ހުއްޓުނުތާ އެތައް އަހަރެއްވީ އެވެ. އެކަމަކު ދަރިވަރުންނަށް މޫދު އަޑި ދައްކާލައި ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން ބުނެދޭން "ފަރުކޮއެ"ގެ ނަމުގައި މިދިޔަ އަހަރު ވަރަށް ބޮޑު ޕްރޮގްރާމެއް ވަނީ ހިންގައިފަ އެވެ. އަދި ސްކޫލްތަކުގައި މަޖުބޫރު މާއްދާއެއްގެ ގޮތުގައި އަބަދުވެސް ތިމާވެށި ކިޔަވައިދެ އެވެ. އެކަމަކު ވެސް ތިމާވެށީގެ ކަންކަމާ މެދު ކަންބޮޑުވެގެން ދަރިވަރުން ހަރަކާތްތެރިވެ އުޅޭލެއް ކުޑަކަން މި ދާއިރާގެ ބައެއް ބޭފުޅުން ފާހަގަކުރައްވަ އެވެ. މި އަހަރު އާތު އަވާ ފާހަގަކުރި އިރު ބޭއްވި ހިނގާލުމަކީ ފަހުގެ ތާރީހެއްގައި އެކަށީގެންވާ އަދަދަކަށް މީހުން ބައިވެރިވި އެފަދަ ހަމައެކަނި ހަރަކާތެވެ.

"ކަރިކިއުލަމްގައި ތިމާވެށި، ކްލައިމެޓް ޗޭންޖު އޮވޭތޯ ސުވާލު އުފެދޭ ވަރަށް ވެސް، އަޅުގަނޑުމެންގެ ޒުވާނުންނާއި ކުޑަކުދިން މި ކަމުގައި ސުވާލުކޮށް ކަންކަން ނުކުރޭ،" ދެމެހެއްޓެނިވި ތަރައްގީގެ މާހިރެއް ކަމަށްވާ އައިޝާ ނިޔާޒު ވިދާޅުވި އެވެ.

"މިދިޔަ [މަހު] 125 އަށް ވުރެ ގިނަ ގައުމުން 1.5 މިލިއަން ސްކޫލް ކުދިން މަގުމައްޗަށް ނުކުމެގެން މުޒާހަރާކުރި، ކްލައިމެޓް ޗޭންޖަށް އާޖެންޓް އެކްޝަން ބޭނުންވެއޭ ކިޔާފައި. ދިވެހިރާއްޖެ، އެންމެ ނާޒުކު އެއް ގައުމޭ ކިޔާފައި އަޑުއުފުލާ ގައުމުން، އެންމެ ސްކޫލް ކުއްޖެއް ވެސް ނުނިކުމޭ. އަޅުގަނޑު ވަރަށް ހިތާމަކުރި ކަމެއް."

ތިމާވެށީގެ ކަންކަމާ މެދު އަޅާލުމުގެ މާ ބޮޑު ރޫހެއް ކުދިންގެ ފަރާތުން ނުފެންނަ އެއް ސަބަބަކީ، އައިޝާ ގަބޫލުކުރައްވާ ގޮތުގައި، "އަޅުގަނޑުމެން މި ކިޔަވާ ކިޔެވުމަކީ ހިތު ދަސްކުރާ އުސޫލުން ކިޔަވާ ކިޔެވުން" ކަމަށް ވުމެވެ.

"ސުވާލުކުރުމުގެ މާހައުލެއް ނޫން ސްކޫލްތަކުގައި މި އޮންނަނީ. ހިތު ދަސްކޮށްގެން ޓެސްޓު ހަދާ މާހައުލެއް މި އޮންނަނީ. އެހެންވީމާ އެ ގޮތަށް ދަސްކުރަން ޖެހޭތީ ތިމާވެއްޓަށް ދޭންވާ ލޯބި މި ނުދެވި [އޮންނަނީ]،" އޭނާ ފާހަގަކުރެއްވި އެވެ.

ކުރީގެ ގޮތްތައް މާ ރަނގަޅު

ގުދުރަތީ ކަންކަމާ ގުޅުވާލާފައިވާ "ދިވެހިވަންތަ" ދިރިއުޅުމަކަށް ދިވެހިން މަރުހަބާ ކިޔަން އުމަރު ބާރުއަޅުއްވާ އިރު ކާބަފައިންގެ ފަރާތުން ބައެއް މިސާލުތައް އޭނާ ނަންގަވަ އެވެ. އުމަރު ވިދާޅުވަނީ ރާއްޖޭގެ ރަށްރަށަށް ކުރިމަތިވާ ކާރިސާތައް ނުވަތަ މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުޑަކުރަން އާ ގޮތްތައް ހޯދައި އާ އީޖާދުތައް ކޮށް ބޮޑެތި ހަރަދުކުރަން ޖެހެއޭ ހީވިޔަސް އެއީ "މުޅިއަކުން ތެދެއް ނޫން" ކަމަށެވެ. ސަބަބަކީ އެފަދަ ކަންކަމުން ރައްކާތެރިކަން ލިބޭ ގޮތަށް ދިވެހިން މާ ކުރިން ދިރިއުޅެފައިވާ ކަމެވެ. މިސާލަކަށް، އޭރުގެ "ވިލުންވެރި މާހައުލަށް ފެތޭ، އެ މާހައުލު އެ ވަގުތު އޮންނަ ގޮތަކަށް ބަދަލުކޮށްލެވޭ" ގޭގެ އެވެ.

"ދިވެހިން ދިރިއުޅުނީ މުޅިން އެއްކޮށް ހަދާފައި ހުރި ފަންގޭގައިކަމީ ފަތުރުވެރިކަމާއި މި ފަހަކަށް އައިސް އަހަރެމެންގެ ތާރީހުން އަހަރެމެން ޑިސްކަނެކްޓްވީ ވަރުން އައި ރޮމޭންޓިކް އައިޑިއާއެއް. އެކަމަކު މި ފޮޓޯ އިން ވެސް އެބަ އެނގޭ، ދިވެހިން ދިރިއުޅުނީ ފަން ގޭގެ އިތުރުން، ވަކަރުންނާއި އެކި ވައްތަރުގެ ލަކުޑިން ހަދާފައި ހުންނަ ގޭގޭގައިކަން،" ޕްރެޒެންޓޭޝަނެއް ދެއްވަމުން އޭނާ ވިދާޅުވި އެވެ.

"ކާބަފައިން ކިޔައިދީފައި ހުރި ވާހަކައިން އަހަރެމެންނަށް އެބަ އެނގޭ މި ގެތަކުގެ މި ލަކުޑި ބިތްތައް ހުންނަނީ އެ މޫސުމަކަށް އަންނަ ވައިރޯޅި އަށް ފަހިވާ ގޮތަށް ބަދަލުކޮށްލެވޭ ގޮތަށް ކަން. އެހެންވީމާ އެއް ފަޅި ނައްޓާލާފައި އަނެއްކާވެސް އެ ވައިޖެހޭ ކޮޅަކަށް ބަދަލުވާ ގޮތަށްކަން އަހަރެމެންނަށް އެނގޭ. އަހަރެމެންނަށް އެނގޭ އަހަރެމެން ފުރާޅު އަޅަނީ ފެން ފަހިވާ ގޮތަށްކަން. ދެ މޫސުމަށް ވެސް ފަސޭހަ އިން ފެން ފަހިކޮށް އޭގައި ވީހާ ވެސް ވައި ނާޅާނެ ގޮތަށްކަން."

ކާބަފައިންގެ އެފަދަ ވިސްނުންތައް މިހާރު ވެސް ބޭނުންކުރާ ނަމަ، އެތައް މައްސަލައަކަށް ހައްލު ލިބުން އެކަށީގެންވެ އެވެ. އޭރުން އެ ގެންގުޅެވެނީ ދިވެހިވަންތަ ގޮތްތަކެކެވެ. ދިރިއުޅޭ މާހައުލާ ގުޅުން ބޮޑު، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ އުސޫލުތަކެކެވެ.

"އެއީ ވަރަށް ހަޑި ގޮތެއް ނޫން. ވަރަށް މުއްސަނދިގޮތެއް،" ސެންޑީ ވިދާޅުވި އެވެ.