ފުލުހުންގެ އަނިޔާވެރިކަން ހުއްޓުވާ!

ކުށަށް އިއުތިރާފްވި ނަމަވެސް އިއްވީ އެންމެ އިންސާފުވެރި ހުކުމް ކަމަކަށް އަދިވެސް ނާސިރާ އަލީ ގަބޫލެއް ނުކުރެ އެވެ. މީގެ ހަތަރު އަހަރު ކުރިން 2015 އަހަރު، އޭރުގެ ސަރުކާރާ ދެކޮޅަށް، މެއި 1 ގައި ކުރި ބޮޑު މުޒާހަރާގެ ތެރެއިން ނާސިރާ ހައްޔަރުކުރީ ފުލުހަކަށް ހަމަލާ ދީގެންނެވެ.


އޭނާގެ ކުށަކީ މުޒާހަރާގެ ތެރެއިން، ކުޑަ ކޯކު ފުޅިއެއް ފުލުހަކާ ދިމާއަށް އެއްލައި މާރާމާރީ ހިންގުމެވެ. އެކަމަކު ހުކުމް އައީ "ތޫނު އެއްޗަކުން" މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފަސް އަހަރު ދުވަހަށް ޖަލަށް ލާށެވެ. އުމުރުން ފަސް އަހަރާއި ހަ އަހަރުގެ ކުޑަ ދެ ކުދިންގެ މަންމައަށް ކުރި އެ ހުކުމަށް ގިނަ ބަޔަކު އޭރު ވެސް ފާޑުކިޔެވެ. ނާސިރާ މިނިވަންވީ، ބަންދުގައި ހުންނަތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އެކަމަކު އެ ދުވަސްތައް އަދިވެސް އޭނާ ސިފަކުރަނީ ހަޔާތުގެ އެންމެ ކަޅު ދުވަސްތަކުގެ ގޮތުގަ އެވެ.

"ފުޅި އެއްލައިގެން ޕޮލިސް މީހާއަށް އެއްވެސް އަނިޔާއެއް ނުލިބޭ، އެކަމަކު ތޫނު އެއްޗަކުން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފަސް އަހަރަށް ޖަލަށްލުން، އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ބޮޑު އަދަބެއް،" ނާސިރާ ބުންޏެވެ.

"އެ ދުވަހު ފުލުހުން އާއްމުންނަށް މާ އަނިޔާކުރި. މުގުރި ބުރިތަކުން ތަޅައި، ސީދާ ލޮލަށް ޕެޕާ ސްޕްރޭ ޖެހި. ކީއްވެ އެ މީހުންނަށް އެއްވެސް އަދަބެއް ނުލިބެންވީ؟"

ނާސިރާގެ އެ ސުވާލު ވެފައިވަނީ މި ދުވަސްވަރު އަނެއްކާވެސް އެންމެ ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނަ މައުލޫއަށެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރި މީހަކަށް، ކުލަ ހެދުމުގައި ތިބި ފުލުހުންގެ ބަޔަކު އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ އެކު، އެ ފުލުހުން ސަސްޕެންޑް ކުރަން މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު ގިނަ ބައެއްގެ ޝަކުވާ އަކީ އެ ފަދަ ބޮޑު އަނިޔާތަކެއް ފުލުހުންގެ ފަރާތުން ލިބުމުން ވެސް ސަސްޕެންޝަނާ ހަމައިން މައްސަލަ ނިންމާލުމެވެ.

"ޖިނާއީ ތަހުގީގު ކުރަން ޖެހޭ"

ސޯޝަލް މީޑިއާގައި ދައުރުވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި މީހަކު ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން އޭނާގެ ގައިގައި ކޮޅުފައިން އަދި އަތުގައި ގާބުރިއަކުން ވެސް ތަޅަ އެވެ. އަދި އަނިޔާވާ ގޮތަށް ބިންމައްޗަށް ވައްޓައި ގައިގެ އެކި ތަންތަނުގައި ތަޅާ މަންޒަރު ވެސް ފެނެ އެވެ. ފަހުން އާއްމުވި ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާގެ އަތުގެ ކުޑަ ހުޅާ އެކު އަތް ހުރީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އަދި ބުރަކައްޓާއި ގައިގެ އެކި ތަންތަން ވެސް ހުރީ ނޫފައި ގަނެ، ދުޅަވެފަ އެވެ.

ވީޑިއޯ އާއްމުވުމާ އެކު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މީހުން ސަސްޕެންޑްކޮށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް އިން ތަހުގީގު ކުރުމުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އެ ފުލުހުން ސަސްޕެންޑު ކުރި ކަމެއް މިހާތަނަށް ވެސް ފުލުހުން ނުބުނެ އެވެ.

ފުލުހުން މީހުން ހައްޔަރުކުރުމުގައި ފުލުހުން ބައެއް ފަހަރު އަނިޔާކުރޭ.-- ފޮޓޯ: ޕޮލިސް

އެކަމަކު އާއްމުންގެ ޝަކުވާއަކީ، ފުލުހުންގެ ފަރާތުން އެހާ ބޮޑު އަނިޔާއެއް ލިބުމުން ވެސް އެ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ނުހިންގުމެވެ. އެ އަނިޔާ އަށް ފަހު، ދެން އެ މައްސަލަ އޮތީ "ސިއްރެއް" ގެ ގޮތުގަ އެވެ. އެހެންވެ، ފުލުހުންގެ ތެރޭގައި އޮތް އަނިޔާކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ކޮމިޝަނަރު ވިދާޅުވި ނަމަވެސް، އެކަމަށް އަމަލީ ސިފަ ގެންނެވުމަށް ހަމީދު މަސައްކަތް ނުކުރައްވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރި އެވެ.

ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ ފުލުހުން ހިންގި އެ އަމަލު، ހަތަރު ގާނޫނެއްގެ ދަށުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލޭނެ ކަމަށެވެ. އެއީ ގާނޫނުލް އުގޫބާތާއި އެންޓި ޓޯޗާ ގާނޫނާއި ގޭންގު ކުށްތައް މަނާކުރުމާ ބެހޭ ގާނޫނުގެ އިތުރުން ތޫނު ހަތިޔާރު ގެންގުޅުން މަނާކުރާ ކުރާ ގާނޫނެވެ. އެކަމަކު މީހަކަށް ގަސްދުގައި ބޮޑެތި އަނިޔާތަކެއް ދިން އެ އަމަލަށް، ފުލުހުންގެ އިސް ވެރިންގެ ސަމާލުކަން ލިބުނު ނަމަވެސް ޖިނާއީ ތަހުގީގެއް ނުހިންގަން މަސައްކަތް ކުރާތަން ފެނިވަޑައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީޕީ ވެސް ވިދާޅުވީ އެ މައްސަލަ އެބަ ބަލަމޭ. އެންމެ ފަހަރަކު ވެސް ވިދާޅެއް ނުވޭ ޖިނާއީ ތަހުގީގެއް ހިންގާނަމެކޭ. ދެން އެޗްއާރުސީއެމާއި އެންއައިސީ [ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން] އިން ތަހުގީގު ކުރާކަމަށް ވިދާޅުވި އިރު، އެ ދެ ތަނަކަށް ވެސް ޖިނާއީ ތަހުގީގެއް ނުހިންގޭނެ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ޖިނާއީ ތަހުގީގެއް ހިންގާފައި ނޫނީ ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ އެވެ. ޖިނާއީ ތަހުގީގެއް ނުހިންގާ ނަމަ، މައްސަލަ ނިމޭއިރު އެންމެ ބޮޑުވަރަކަށް ކުށްކުރި މީހުންނަށް ލިބޭނެ އަދަބަކީ ވަޒީފާ ގެއްލުމެވެ. އެއީ އިންސާފު ކަމަކަށް ޝަމީމް ދެކެވަޑައެއް ނުގަންނަވަ އެވެ.

ފުލުހުން އަނިޔާ ކުރާ މަންޒަރު ވީޑިއޯ ކުރި ކަމަށް ބުނެ، އެ ފުލުހުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ދިރިއުޅުއްވާ ގެއަށް ވަދެ، ބިރު ދައްކައި ވީޑިއޯ ޑިލީޓް ކުރުވަން މަސައްކަތް ކުރި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި ބައެއް މީހުން ވަނީ، އެކަން ކުރި ފުލުހުން އަދިވެސް ހައްޔަރު ނުކުރާތީ އެކަމަށް ފާޑުކިޔައިފަ އެވެ.

ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްގެން ގެންދަނީ ---ފޮޓޯ: މިހާރު

ޝަމީމް ވިދާޅުވި ގޮތުގައި ހެކި ނައްތާލުމަށް މަސައްކަތް ކުރުމާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި ވެސް މިހާރު އެ މީހުން ހައްޔަރު ކުރަން ޖެހެ އެވެ.

"އެ މީހުން މިހާރު ވެސް އެ ދަނީ ބިރު ދައްކަމުން. އެހެންވެ، އެއީ މި ވަގުތު ވެސް ބަންދުގައި ތިބެން ޖެހޭނެ ބައެއް. އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ޖިނާއީ ތަހުގީގު ހިންގުން [ފުލުހުން] އެވޮއިޑް ކުރާ ގޮތުން އެކަން ކުރުމަށް ބޮޑު ހިތްވަރެއް އެ ދެވެނީ،" އޭނާ ވިދާޅުވި އެވެ.

"އެއިން ދެވޭ މެސެޖަކީ ފުލުހުން މީހަކު ރޯނާ ކޮށްލިޔަސް، ބަންދު ނުކުރެވޭނެކަން. ސަސްޕެންޑް ކުރިޔަސް، އެކަން ހަނދާން ނެތޭ ފަހުން އަނެއްކާވެސް އަނބުރާ ވަޒީފާއަށް ނިކުމެވޭނެކަން،"

ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ހައްޔަރު ކުރާ މީހުންނަށް އަނިޔާކުރުމަކީ، އެ މީހުން ބަލަހައްޓަން ތިބޭ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފަތެއް ކަމަށެވެ. އެކަމަކު މިހާރު ގިނަ ބަޔަކު ޝަކުވާ ކުރަނީ، ޖަލުގައި އަނިޔާ ކުރުމަށް ވުރެ ހައްޔަރުކުރާ އިރު ލިބޭ އަނިޔާތައް އިތުރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް ޑްރަގްގެ މައްސަލަތަކުގައި މީހުން ހައްޔަރު ކުރާއިރު އާއި މުޒާހަރާތައް ރޫޅާލުމުގައި އެސްއޯ ފުލުހުން މީހުން ހައްޔަރު ކުރާއިރު އަނިޔާ ކުރޭ. މިކަންކަން ހުއްޓުވޭނީ އެކަން ކުރާ މީހުންނަށް ހައްގު އަދަބު ދީގެން،" ސިޔާސީ ގިނަ ކުށްވެރިންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ސިރާޖް ވިދާޅުވި އެވެ.

އަނިޔާ ކުރާ ފުލުހުން ނުވަތަ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ސަސްޕެންޑް ކުރުމަކީ ހައްގު އަދަބެއް ކަމަކަށް އޭނާ ވެސް ދެކެވަޑައެއްނުގަންނަވަ އެވެ. އޭގެ ބަދަލުގައި ޖިނާއީ ތަހުގީގެއް ހިންގައިގެން އެއަށް އެކަށީގެންވާ އަަދަބު ދީގެން ނޫނީ، އަނިޔާ ކުރުމުގެ ސަގާފަތަށް ނިމުމެއް ނާންނާނެ ކަމަށް ސިރާޖް ވިދާޅުވި އެވެ.

މި ފަދަ މައްސަލަތަކުގައި، އާއްމު މީހާ އާއި ދައުލަތުގެ ބޮޑެތި މީހުންނަށް އޮންނަ އަދަބު ތަފާތު ވުމަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އާއްމު މީހާ ރިހާކުރު ފުޅިއެއް ނަގައިގެން ޖަލަށް ހުކުމް ކުރާއިރު، ދައުލަތުގެ އިސް ބައެއް މުވައްޒަފުން ކިތަންމެ ބޮޑު ވައްކަމެއް ކުރިޔަސް އަދަބު ނުލިބުމަކީ ގިނަ ބަޔަކަށް އޮތް މާޔޫސްކަމެއް ކަމަށް ސިރާޖް ވިދާޅުވި އެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި ބައިވެރިވި އަންހެނަކު ފޮނުވާލަން ފުލުހަކު މަސައްކަތް ކުރަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އާންމު މީހާ ކުށެއް ކުރީމައި ލިބޭ އަދަބަށް ވުރެ، ތަންފީޒީ އިދާރާއެއްގެ މީހާ ކުށް ކުރުމުން ލިބޭ އަދަބު ބޮޑުވާން ޖެހެ އެވެ.

މަޖިލިހުގެ ކޮމިޓީތައް "ހިމޭނުން"

މި ފަހުން އާންމުވި ފުލުހުންގެ އަނިޔާވެރި ވީޑިއޯއާ ގުޅިގެން ބައެއް މީހުންގެ އެހެން ޝަކުވާއެއް ވެސް އެބަ އޮތެވެ: ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތައް "ހިމޭނުން" އޮތުމެވެ.

މިފަހަކަށް އައިސް މަޖިލިހުގެ ބައެއް ކޮމިޓީތަކުން ގެންދަނީ އެކި ކޮމިޝަންތަކާއި އިދާރާތަކުގެ އިސް ވެރިން ހާޒިރުކޮށް، ސުވާލުކުރަމުންނެވެ. އެކަމަކު ފުލުހުން އަނިޔާކުރާ ވީޑިއޯއާ ގުޅިގެން، މަޖިލިހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވެސް ފެނުނީ ވަރަށް ވަނދުކޮށް ކަންތައް ގެންދިތަ ތަނެވެ. ވީހާ ވެސް އަވަހަކަށް ބަލަންޖެހޭ މައްސަލައެއް ކަމަށް ވާއިރު، ކަމާ ގުޅޭ މައުލޫމާތު ދިނުމަށް މުއައްސަސާތަކަށް ދެ ދުވަހުގެ ދިގު މުއްދަތެއް ދިނީ އެވެ. މައްސަލަ އެޖެންޑާކޮށް، ކޮމިޓީ ބޭއްވީ އަނިޔާ ކުރިތާ 48 ގަޑިއިރުވާން ކައިރި ވެފައި ވަނިކޮށެވެ. މިއީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުން މިހާތަނަށް ދެއްކި ސަގާފަތާ ފުށުއަރާ ކަމެކެވެ.

ބައެއް މީހުންގެ ނަޒަރުގައި މަޖިލިހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ފުލުހުންގެ އިސް ވެރިން ވަގުތުން ހާޒިރުކުރަން ޖެހެ އެވެ. އަދި އެއީ 48 ގަޑިއިރުގެ މުހުލަތެއް ދޭންޖެހޭ ކަމެއް ނޫނެވެ.

ހައްލަކީ އަދަބަކަށް ވާ ކަހަލަ ފިޔަވަޅު އެޅުން

ފުލުސް މީހާގެ ގައިގައި ޖަހައިގެން ނާސިރާއަށް އައީ ބޮޑު ހުކުމެކެވެ. ކުރިން އޮންނަ ގޮތުން ފުލުހެއްގެ ގައިގައި ޖެހި ނަމަވެސް، އޮންނަނީ މާރާމާރީ ހިންގި ކަމުގެ އަދަބެވެ. އެކަމަކު މިދިޔަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ އެ އަދަބު ބޮޑުކޮށް، ޖެހުމުގެ ކުށް ބަޔާން ކުރާ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާއަށް ބައެއް އިތުރުކޮށްފަ އެވެ.

މިހާރު އޮންނަ ގޮތުން ގާނޫނު ތަންފީޒު ކުރާ މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގައިފި ނަމަ ދޭ އަދަބު ބޮޑުވާނެ އެވެ. އެކަމަކު މިއީ ހަމަޖެހޭ އަދި ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ އަދަބު އާއްމު މީހާއަށް ވުރެ ކުޑަވާން ޖެހެ އެވެ. އެއީ ފުލުހުންނަކީ ގާނޫނީ ގޮތުން ގިނަ ބާރުތަކެއް ލިބިދޭ ބަޔަކަށް ވާއިރު، ގާނޫނަކުން އިތުރު ރައްކާތެރިކަމެއް އެ މީހުންނަށް ބޭނުން ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި ވަކީލުން ވަނީ މީހަކަށް ފުލުހުން އަނިޔާކުރި އެ މައްސަލަ، ކޮމިޝަނަރުގެ ސަމާލުކަމަށް އެހާ އަވަހަށް ގެނެވުނުކަން ފާހަގަކުރައްވައިފަ އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއީ އަނިޔާ ކުރުމުގެ ސަގާފަތް ނައްތާލަން ކުރާ މަސައްކަތަށް ލިބުނު ކުރި އެރުމެކެވެ. އެކަމަކު އެކަން އެއްކޮށް ފިލައި ދާނީ ފުލުހުންގެ ތެރެއިން އިންސާފުވެރިކަމާ އެކު ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ވަކީލުން ވިދާޅުވި އެވެ.