ލޭއޮހޮރުވުން ބާރު ސްޕީޑްގައި، މަރުގެ ޝަރީއަތްތައް ލަސް ދުވެއްޔެއްގައި!

އެންމެ ހަތަރު ގަޑިއިރުގެ ތެރޭ ދެ ކުއްޖަކު މަރާލުމަކީ ރާއްޖޭގެ ގްރޫޕްތަކުގެ މާރާމާރީތަކުގައި އަދި އަލަށް ގެނެސްދިން ސިހުމެކެވެ. ކުރިއަށް އޮތް ތަނުގައި އެއް ދުވަހެއްގެ ތެރޭ އެއަށް ވުރެ ވެސް ގިނަ ބައެއްގެ ލޭ އޮހޮރިދާނެ އެވެ. ކުށުގެ ވެށި ބަދަލުވަމުން އަންނަނީ އެހާ ވެސް ނުރައްކާތެރި ގޮތަކަށެވެ. އެކަމަކު މަރުގެ ޝަރީއަތްތައް ރާއްޖޭގައި ކުރިއަށް ދަނީ ވަރަށް ލަސް ދުވެއްޔެއްގަ އެވެ.


މީހުން މެރުން ރާއްޖޭގައި އާންމު ވާއިރު އެންމެ ބޮޑު ޝަކުވާއަކަށް އަބަދުވެސް އޮންނަނީ ކޯޓުތަކުގައި މަރުގެ މައްސަލަތައް ލަސްވާ ލަސްވުމެވެ. އެތައް އަހަރުތަކެއް ވެގެން ދާއިރު ވެސް އިންސާފު ނުލިބިގެން އާއިލާތަކުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ކޯޓުތަކަށް ދުވަން ޖެހޭ ދުވުން ހުއްޓުމަކަށް ނާދެ އެވެ. އެންމެ ފަހުން ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެ ވާހަކަފުޅު ވިދާޅުވެފ އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ މަރުހަލާތައް ދިގު ދެމިގެންދާތީ މިކަހަލަ ކަންކަމަށް އަރައިގަތުން އިތުރުވެގެންދަނީ،" މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވި އެވެ.

މައްސަލަތައް ލަސްވާ ލަސްވުމަށް ހައްލެެއް ގެންނަން ކޯޓުތަކުގައި ހުރި ގިނަ ދުވަސް ވީ މައްސަލަތައް އެއް މަސް ތެރޭގައި ނިންމަން ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކޯޓުތަކަށް އެންގި އެވެ. އެއީ މައްސަލަތައް އަވަސްކުރަން އެހާ މަތީ ލެވެލެއްގައި ކޯޓުތަކަށް އެންގި ފުރަތަމަ ފަހަރެވެ. އެ އެންގުމާ އެކު ދުވަސް ވީ ގިނަ މައްސަލަތަކެއް ކޯޓުތަކުން ނިންމައި، ފާހަގަކުރެވޭ ވަރުގެ ނަތީޖާތަކެއް ނެރުނަސް އޭގެ ތެރޭގައި މަރުގެ މައްސަލަތަކެއް ނުހިމެނެ އެވެ.

އެފަދަ މައްސަލައިގެ ބާވަތުން މައްސަލަ ނިމުމުގެ ކުރިން ބަންދުން ދޫކުރުމަކީ ރަނގަޅު ކަމެއް ނޫން. އެކަމަކު ވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމެން ވާނެތާ.

މަރުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ދަށު މަރުހަލާގެ ދެ ކޯޓު ކަމަށްވާ ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގެ ތެރެއިން އެންމެ ގިނައިން މައްސަލަ ލަސްވާ ކަމަށް ފާހަގަކުރެވެނީ ކްރިމިނަލް ކޯޓުގަ އެވެ. ދެތިން މިސާލެއް ފާހަގަކޮށްލާނަމެވެ. ސެޕްޓެމްބަރު، 2010 ގައި ހއ. ހޯރަފުށީގައި އަނިޔާވެރި ގޮތަކަށް މަރާލި އެރަށު ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ) ގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ދޮޅު އަހަރު ވެއްޖެ އެވެ. އެ މައްސަލައިގެ ހުކުމް ނޮވެމްބަރު، 2014 ގައި އިއްވާނެ ކަމަށް އެ މައްސަލަ ބަލާ ގާޒީ ވިދާޅުވިޔަސް އެ ހުކުން އަދިވެސް ނީއްވެ އެވެ.

ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި މަރާލި ގ. ވޭރު އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި ތިން މީހަކަށް ކުރާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލިތާ އެއް އަހަރު ވެއްޖެ އެވެ.

އޭޕްރީލް، 2011 ގައި ވިލިމާލޭގައި ހަމަލާދީ ނ. މާޅެންދޫ ވައިޓްހައުސް އަހުމަދު މިރުޒާ މަރާލި މައްސަލާގައި ހަތަރު މީހަކަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ އަށް މަސް ވެއްޖެ އެވެ.

މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި މަރާލި ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމްގެ މަރުގެ ޝަރީއަތް ކުރިއަށް ގެންދާތާ ހަތަރު އަހަރު ފުރެނީ އެވެ.

މިވަރުން ނިމުނީކީއެއް ނޫނެވެ. އެއް ހާދިސާއަކާ ގުޅިގެން ތަފާތު ދެ ބައެއްގެ މައްޗަށް ޖުވެނައިލް ކޯޓާއި ކްރިމިނަލް ކޯޓުގައި ދައުވާ ކުރާ މައްސަލަތަކުގައި ޖުވެނައިލް ކޯޓުން މައްސަލަ ނިމޭއިރު ވެސް ކްރިމިނަލް ކޯޓުގައި އަދި ޝަރީއަތް ރަނގަޅަށް ނުފެށި ވެސް އޮވެ އެވެ. މިދިޔަ އަހަރުގެ މާޗް މަހު އައިޖީއެމްއެޗް ކައިރިން މަރާލި ނޫރު އާދަމް ހަސަންފުޅުގެ މަރުގެ މައްސަލާގައި ކަން ހިނގީ އެހެންނެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދެ މީހަކަށް އަދި ޖުވެނައިލް ކޯޓުގައި ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލި އެވެ. ޖުވެނައިލް ކޯޓުގައި ދައުވާ ލިބުނު ކުއްޖާގެ ޝަރީއަތް ނިމި، އޭނާ މަރަން ހުކުމް ކުރިއިރު ވެސް ކްރިމިނަލް ކޯޓުގައި އޮތް ދެ މީހުންގެ ޝަރީއަތް ނިމުމަކާ ގާތަށް ވެސް ނުދެ އެވެ. ޖުވެނައިލް ކޯޓަށް ވުރެ ކްރިމިނަލް ކޯޓުގައި ބަލާ މައްސަލަތައް ގިނަވުމަކީ ސަބަބެއް ކަމަށް ވެދާނެ އެވެ.

ކްރައިމް ސީން ރިބަނެއް: މަރުގެ މައްސަލަތައް ލަސްވުމުުގެ ޝަކުވާ އަބަދުވެސް އޮވޭ --މިހާރު ފޮޓޯ

މީގެ އަހަރުތަކެއް ކުރިން މަރުގެ މައްސަލަތައް އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުގައި ވަރަށް ގިނަ ދުވަސްތަކެއް ނެގި އެވެ. އެއް މައްސަލަތަކުގެ އަޑުއެހުން ނިންމާލާތާ ދެތިން އަހަރު ފަހުން ވެސް އެ ކޯޓުން ހުކުމްކޮށްފައި އެބަ ހުއްޓެވެ. އެކަމަކު ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހައި ކޯޓުން ވަނީ އެ ތަސައްވުރު ބަދަލުކޮށްލެވޭ ފަދަ ނަތީޖާތަކެއް ނެރެދީފަ އެވެ.

އެގޮތުން މިދިޔަ އަހަރަކީ އެންމެ ގިނައިން އެ ކޯޓުން މަރުގެ މައްސަލަތައް ނިންމި އަހަރެވެ. އޭގެ ތެރޭގައި ދުވަސް ވީ މައްސަލަތައް ވެސް ހިމެނެ އެވެ. ހައި ކޯޓަކީ ދަށު ކޯޓުގެ ނިިންމުން ރިވިއުކުރާ ކޯޓަކަށް ވާތީ ދަށު ކޯޓުގައި ޝަރީއަތަށް ހޭދަވާ ދިގު މުއްދަތު ހައި ކޯޓުގައި ހޭދަވެގެން ނުވާނެ އެވެ.

ސުޕްރީމް ކޯޓުގެ ތާރީޚުގައި މަރުގެ މައްސަލައެއް ފުރަތަމަ ފަހަރަށް އެ ކޯޓާ ހަމައަށް ދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އޭގެ ކުރިން އެ ކޯޓުން މަރުގެ އެއްވެސް މައްސަލައެއް ބަލާފައެއް ނެތެވެ. ފަހުން ހުށަހެޅި ދެ މައްސަލައަކާ އެކު މަރުގެ ތިން މައްސަލައެއް ސުޕްރީމް ކޯޓުގައި މިހާރު އެބަ އޮތެވެ. އެ މައްސަލަތައް ކޯޓަށް ވެއްދީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށް ވާތީ އެ ކޯޓުން ގެންގުޅޭ ސްޕީޑާ މެދު އެއްޗެއް ބުނަން ތަންކޮޅެއް އަވަހެވެ.

މިދިއަ ހުކުރުދުވަހު މާލޭގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި ކުއްޖެއްގެ ގައިން ފޭބި ލޭތައް: ގާތިލުން ހޯދައި އަދަބު ދިނުން އަވަސްކުރަން ޖެހޭ -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ސުޕްރީމް ކޯޓު ތަފާތު ވާން ޖެހޭ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. ސުޕްރީމް ކޯޓަކީ މަރަން ހުކުމްކުރާ މީހުންގެ އިސްތިއުނާފްގެ ފަހުގެ މަރުހަލާ ކަމަށް ވާތީ އެފަދަ މައްސަލަތައް ނިންމުމުގައި ވަރަށް ގިނަ ކަންކަމަށް ބަލައި، ލަސްތަކެއް އައުން އެކަށީގެންވެ އެވެ. އެކަމަކު މަރުގެ މައްސަލަތައް އެ ކޯޓުގައި ވެސް އަވަހަށް ނިމޭނެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

މަރުގެ ޝަރީއަތްތައް ލަސްވާ މައްސަލާގައި ކޯޓުތަކުން އަބަދުވެސް ފާހަގަކުރާ ސަބަބުތަކަކީ ހެކިންނާއި ކޮންމެހެން ހާޒިރުކުރަން ޖެހޭ މީހުން ހާޒިރުކުރުމުގައި ދިމާވާ ދަތިތަކާއި ޖާގައިގެ ދަތިކަމެވެ. އެކަމަކު ބައެއް މައްސަލަތަކުގައި އެއް ދުވަހެއްގައި ހުރިހާ ހެކިންގެ ހެކިބަސް ނަގައި، ކުރު މުއްދަތެއްގެ ތެރޭގައި ހުކުމްކޮށް، ނިންމާފައި ވެސް އެބަ ހުއްޓެވެ.

މީގެ ނުވަ ވަރަކަށް އަހަރު ކުރިން 2007 ގައި މާލޭގައި މާރާމާރީތައް އިތުރުވެގެން ދިއުމުން އެކަމާ ގުޅޭ ގިނަ ޝަރީއަތްތަކެއް އޭރުގެ ޖިނާއީ ކޯޓުން ކުރިއަށް ގެންދިޔައީ ރޭގަނޑު ޝަރީއަތް ބާއްވައިގެންނެވެ. އެހެންވެ މަރުގެ މައްސަލަތައް ވެސް އަވަސްކުރަން ކޯޓުތަކުންނާއި ދައުލަތުން މަސައްކަތް ކުރާ ނަމަ އެއީ ނުވާނެ ކަމެކޭ ނުބުނެވޭނެ އެވެ.

ޝަރީއަތް ލަސްވާ ނަމަ ތުހުމަތުކުރެވޭ މީހާގެ ހައްގުތަކެއް ވެސް އުނިވެ އެވެ. ކުށެއް ނެތް މީހަކު ވެސް ހައްޔަރުކޮށްފައި ހުރެދާނެ އެވެ. އެކަމަކު މަރުގެ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ދޫކޮށްފައި ނުބަހައްޓާތީ އެއީ ވެސް ޝަރީއަތް އަވަސްކުރަން ޖެހޭ ސަބަބެކެވެ.

ޖުވެނައިލް ކޯޓުގައި ދައުވާ ލިބުނު ކުއްޖާގެ ޝަރީއަތް ނިމި، އޭނާ މަރަން ހުކުމް ކުރިއިރު ވެސް ކްރިމިނަލް ކޯޓުގައި އޮތް ދެ މީހުންގެ ޝަރީއަތް ނިމުމަކާ ގާތަށް ވެސް ނުދެ އެވެ.

"ކިތަންމެ މައްސަލައެއްގައި އެބަހުރި އެތައް އަހަރެއް ވަންދެން ބަންދުގައި ތިބެފައި މައްސަލަ ނިމޭއިރު ކުށް ސާބިތު ނުވެފައި. އެފަދަ މައްސަލައިގެ ބާވަތުން މައްސަލަ ނިމުމުގެ ކުރިން ބަންދުން ދޫކުރުމަކީ ރަނގަޅު ކަމެއް ނޫން. އެކަމަކު ވެސް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމެން ވާނެތާ. އެކަން ނުކުރާތީ މައްސަލައަކީ،" މަރުގެ ބައެއް މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވާ ވަކީލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

މީހުން މެރުމާއި ތޫނު އެއްޗެހިން ހަމަލާ ދިނުމުގެ މައްސަލަތައް ކޯޓުތަކުގައި ލަސްވާ ލަސްވުމަށް ހައްލެއް ހޯދަން ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގައި ހަމަޖެއްސީ މައްސަލަތައް ކޯޓަށް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. އެކަމަކު އެއްވެސް މައްސަލައެއް އެ މުއްދަތުގެ ތެރޭގައި ކޯޓުން ނިމިފައެއް ނުވެ އެވެ.

އޭގައި ކޯޓުތައް ގޯސްކުރެވޭކަށް ވެސް ނެތެވެ. އެއީ އެ މުއްދަތު ފަހަނައަޅައި ދިއުން ހުއްދަކުރާ ގޮތަށް އިސްތިސްނާ ހާލަތެއް އެ އިސްލާހުގައި ހިމަނާފައި އޮޮތުމެވެ. އަދުލު އިންސާފުގެ ހަމަތަކަށް ބަލައި، އެ މުއްދަތު ހަމަވާ ފަހުން ވެސް މައްސަލަ ނިންމުން އެ އިސްލާހުގައި އޮތީ ހުއްދަކޮށްފަ އެވެ. އެކަމަކު އެ އިސްލާހުގައި އިސްތިސްނާ ހާލަތުގެ ބޭނުން ކޯޓުތަކުން ބޭނުންކުރަނީ ރަނގަޅަށްތޯ އެއީ އުފައްދަން ޖެހޭ ސުވާލެކެވެ.

"އިސްތިސްނާ ހާލަތު ކަނޑައަޅާފައި އޮތީ ބޭކާރު ލަސްވުންތައް އޭގައި ހިމަނައިގެން ލަސްކުރާކަށް ނޫން. އެ މުއްދަތަށް ވުރެ ލަސްކުރުން ނޫން އެހެން ގޮތެއް ނެތް ހާލަތްތަކުގައި އެ އިސްތިސްނާ ހާލަތު ބޭނުން ކުރަން ޖެހޭނީ،" ކުރިން ވާހަކަދެއްކެވި ވަކީލް ވިދާޅުވި އެވެ.

"އެކަމަކު މަރުގެ މައްސަލަތަކުގައި އެބަ ފެނޭ އެއްވެސް ސަބަބެއް ނެތި ލަސްކުރާ ތަން. އެ ގާނޫނުގައި މުއްދަތެއް ކަނޑައެޅުމުގެ ބޭނުމެއް އޮޮތް ކަމަކަށް ނުބުނެވޭނެ މިހާރަކު."

މަރުގެ މައްސަލަތައް ނުނިމި ތިން ހަތަރު އަހަރު ވެގެން ނުވާނެ އެވެ. މައްސަލަތައް ނުނިމިގެން އާއިލާތަކުން ތަންތަނަށް އާދޭސްކުރަން ދާން ޖެހޭ ހިސާބަށް ކަންކަން ގޮސްގެން ނުވާނެ އެވެ.