އިސްތިއުނާފް ކުރެވިދާނެ، ސުވާލު އުފެދެނީ ނިޔަތާ މެދު

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމާ އެކު މައްސަލަ ހޫނުވެފައި ވަނިކޮށް ދެން އައީ މާ ބޮޑަށް ހައިރާންކުރުވަނިވި ޚަބަރެކެވެ؛ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަސައްކަތް ކުރައްވަމުން ދަނިކޮށް އެމަނިކުފާނަށް އެމަނިކުފާނަށް އެނގިވަޑައިގަތުމެއް ނެތި، އަމިއްލަ މީހަކު އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ.


ޕާޓީގެ އަމިއްލަ މެމްބަރެއް ކަމަށްވާ އައްބާސް ވާފިރު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމާ އެކު މައުމޫންގެ ވަކީލުންގެ ކަންބޮޑުވުންތައް އެކަމަށް އޮއްސާލި އެވެ. ކޯޓުގައި ވެސް މައުމޫންގެ ވަކީލުން އެކަން ފާހަގަކުރި އެވެ. އައްބާސަކީ ދަށު ކޯޓުގައި ދައުވާކުރި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާ ގާތް ގުޅުމެއް އޮތް މީހަކަށް ވުމުން މައުމޫންގެ ވަކީލުން ތުހުމަތުކުރަނީ އައްބާސް އެ މައްސަލަ އިސްތިއުނާފްކުރީ މައުމޫނަށް ވުރެ ކުރިން އިސްތިއުނާފް މައްސަލަ ހުށަހަޅައި، "ތައްގަނޑު" ޖައްސުވާލުމަށް ކަމަށެވެ.

"މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތުން އަނެއްކާ މި އިސްތިއުނާފް ވެސް މިކުރަނީ. އިސްތިއުނާފް މިކުރަނީ އަނެއް ފަރާތުގެ އިސްތިއުނާފްގެ ހައްގު ގެއްލުވާލުމަށްޓަކައި. މިއަށް ކިޔަނީ އެބިއުޒް އޮފް ކޯޓް ޕްރޮސެސް. މިއީ ކޮންޓެމްޕްޓް އޮފް ކޯޓްގެ ކުށެއް. މިފަދަ ގޮތްގޮތަށް އެބިއުޒް ކުރަން ފުރުސަތު ދެއްވައިގެން ނުވާނެ،" މައުމޫން ވަކީލުންގެ ޓީމުގައި ހިމެނޭ ހުސްނުއްސުއޫދު ވިދާޅުވެފައިވެ އެވެ.

އެކަމަކު އައްބާސް ހުށަހެޅި މައްސަލާގައި މައުމޫނަށް ތަދައްޚުލްވާށާއި، އަސްލު މައުޟޫގައި ވާހަކަ ދައްކަން މައުމޫނަށް ހައި ކޯޓުން ފުރުސަތު ދިންކަން ފާހަގަކުރެވެ އެވެ. އަދި މައުމޫންގެ ފަރާތްޕުޅުން ފާހަގަކުރި ނުކުތާތަކަށް ރިއާޔަތްކޮށް، ހައި ކޯޓުގެ ހުކުމުގައި އެކަން ކަމާ މެދު ގޮތް ކަނޑައަޅާފައި ވެސް ވެ އެވެ. އެހެންވެ، އިސްތިއުނާފްގެ މަރުހަލާ ބޭނުންކުރުމުގެ ފުރުސަތު މައުމޫނަށް މުޅިން ގެއްލުނީ ކަމަކަށް ބުނެވޭކަށް ނެތެވެ.

އިސްތިއުނާފްގެ ހައްގު އައްބާސަށް އެބަ އޮތް، އެކަމަކު ނިޔަތާ މެދު ސުވާލުތަކެއް

އައްބާސް ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގަތީ އޭނާއަކީ ޕީޕީއެމްގެ އާންމު މެމްބަރަކަށް ވާތީ އެވެ. ހައި ކޯޓުން ބެލީ އޭނާއަކީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު އޮތް ފަރާތެއް ކަމަށެވެ. އުސޫލެެއްގެ ގޮތުން އިސްތިއުނާފްގެ ހައްގު އައްބާސަށް ލިބެ އެވެ.

ހައި ކޯޓުން ވެސް ފާހަގަކުރި ގޮތަށް، ޕާޓީތަކުގެ ތެރޭގައި މައްސަލައެއް ދިމާވެ، ޕާޓީ ހިންގަން ހުރަސް އެޅޭ ނަމަ އެކަމުން ޕާޓީގެ މެމްބަރުންގެ ހައްގުތަކެއް ވެސް ގެއްލެ އެވެ. އެކަމާ މެދު މާ ބޮޑު ދެބަސްވުންތަކެއް ނެތެވެ. ނަމަވެސް އައްބާސް ހުށަހެޅި އިސްތިއުނާފް ނުކުތާތަކަށާއި ވަށައިގެންވާ ކަންކަމަށް ބެލުމުން ފެންނަނީ ޕާޓީ ހުއްޓުމަކަށް އައިސްގެން ނުވަތަ ވަކި މީހަކާ ހިންގުން ހަވާލުކޮށްގެން އޭނާގެ ކަންބޮޑުވުމެއް ނެތް ކަމެވެ. ސުވާލު އުފެދޭ ހިސާބަކީ މިއީ އެވެ.

އައްބާސް ހުށަހެޅި މައްސަލާގައި، ދަށު ކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ އޭނާގެ ފަރާތުން އިސްތިއުނާފް ނުކުތާތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެންމެ ދެ ނުކުތާ އެވެ. އެއް ނުކުތާއަކީ ގާނޫނުއަސާސީއާ ޚިލާފަށް މައުމޫން އަމަލު ކުރެއްވި ކަމަށް ބުނާއިރު ޚިލާފްވީ ގާނޫނު އަސާސީގެ ކޮން މާއްދާއަކާ ކަން ބުނެދީފައި ނެތުމެވެ. ދެން އޮތީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް މައުމޫން އަމަލު ކުރެއްވި ކަމަށް ބުނާއިރު ޚިލާފްވީ ކޮން މާއްދާއަކާ ކަން ސާފުނުވާ ކަމަށް ބުނާ ނުކުތާ އެވެ.

މައްސަލައިގެ އަސްލު މައުޟޫއުއާ ބެހޭ ގޮތުން ނުވަތަ ޕީޕީއެމްގެ ތެރޭގައި ދިމާވެފައިވާ މައްސަލައާ ބެހޭ ގޮތުން އެއްވެސް ނުކުތާއެއް އައްބާސްގެ ފަރާތުން ހައި ކޯޓުގައި ފާހަގަކޮށްފައެއް ނެތެވެ. އެ މައްސަލައަށް ތަދައްޚުލްވި މައުމޫންގެ ފަރާތްޕުޅުންނާއި ޕީޕީއެމްގެ ފަރާތުން މައްސަލައިގެ މައުޟޫއުގައި ހޫނު ބަހުސްތަކެއް ކޮށް، ގިނަ ކަންތައްތަކެއް ހައި ކޯޓުގައި ފާހަގަކުރިޔަސް އެއިން ކަމަކާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް އައްބާސްގެ ފަރާތުން ނުދައްކަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އައްބާސް އިސްތިއުނާފް ހުށަހެޅީ "ނަމެއްގަ" އެވެ.

އެ މައްސަލަ ދަށު ކޯޓަށް ހުށަހެޅި އަދި ހައި ކޯޓުގައި އިސްތިއުނާފް ރައްދުވި އެއް ފަރާތް ކަމަށްވާ ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދުގެ ގާތް މީހަކަށް އައްބާސް ވުމަކީ ވެސް އެ މައްސަލަ އޭނާ ހުށަހެޅި ނިޔަތާ މެދު ސުވާލު އުފެދުނު އެއް ސަބަބެވެ. މައުމޫންގެ ފަރާތްޕުޅުން އެންމެ ބޮޑަށް ފާހަގަކުރި އެއް މައްސަލައަކީ ވެސް އެއީ އެވެ.

މައުމޫންގެ ވަކީލް ހުސްނުއް ސުއޫދު (ވ) އާއި މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން ކޯޓުން ނުކުމެވަޑައިގަންނަވަނީ: އައްބާސް މައްސަލަ ހުށަހެޅީ މައުމޫނަށް އިސްތިއުނާފްގެ ހައްގު ނުދޭންވެގެން ކަމަށް މައުމޫން ފެކްޝަނުން ބުނޭ --ފޮޓޯ މުހައްމަދު ޝަރުހާން

ދަށު ކޯޓުގައި މައްސަލަ ހިނގިއިރު އެ މައްސަލައެއްގައި ނުހިމެނޭ ފަރާތަކަށް ވެސް ބައެއް ހާލަތްތަކުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮވެ އެވެ. އެއީ ފުރަތަމަ މަރުހަލާގެ ކޯޓުގައި މައްސަލަ ހިނގިއިރު އެ މައްސަލައެއްގައި ނުހިމެނުނަސް، އެ މައްސަލައެއްގެ ހުކުމް އަންނަ ގޮތުން އެހެން މީހެއްގެ ނުވަތަ ބައެއްގެ ހައްގަކަށް އުނިކަން ލިބޭ ކަމަށް ގަބޫލުކުރެވޭ ހާލަތުގައި އެ މީހަކަށް ނުވަތަ އެ ބަޔަކަށް އިސްތިއުނާފް ކުރުމުގެ ފުރުސަތު ލިބުމެވެ. މިއީ ރާއްޖެ އާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަ އުސޫލެކެވެ. އެކަމާ މެދު ދެބަސްވުމެއް ނެތެވެ.

މިސާލަކަށް ބަލާ ނަމަ "ހަވީރު"ގެ ކުރީގެ މުވައްޒަފުން ދެ އަހަރު ވަންދެން "ހަވީރު" ނޫން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް، ސިވިލް ކޯޓުން ކުރި ހުކުމެވެ. "ހަވީރު"ގެ ހިއްސާދާރުންގެ މެދުގައި ޖެހިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ހުކުމް އައިއިރު އޮތީ، "ހަވީރު"ގެ ކުރީގެ މުވައްޒަފުން ވަކި މުއްދަތެއް ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭ ގޮތަށެވެ.

"ހަވީރު"ގެ ކުރީގެ މުވައްޒަފުންނަކީ ދަށު ކޯޓުގައި މައްސަލަ ހިނގިއިރު އެ މައްސަލާގައި ހިމެނުނު ބައެއް ނޫނެވެ. އެކަމަކު ހުކުމް އައިއިރު އެ މީހުންގެ ހައްގުތަކެއް ހަނިވާ ގޮތަށް ހުކުމް އޮތުމުން އެ މީހުންގެ ފަރާތުން މައްސަލަ އިސްތިއުނާފްކުރީ އެވެ. އެކަމަކު އައްބާސް ހުށަހެޅި މައްސަލާގައި ކަން ހިނގި ގޮތަށް ބަލާއިރު "ހަވީރު"ގެ ކުރީގެ މުވައްޒަފުން ހުށަހެޅި އިސްތިއުނާފް މައްސަލަ އާއި އައްބާސް ހުށަހެޅި އިސްތިއުނާފް މައްސަލަ ވަރަށް ބޮޑަށް ތަފާތު ކަމަށް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ހަވީރުގެ ކުރީގެ މުވައްޒަފުންނަކީ ދަށު ކޯޓުގައި މައްސަލަ ހިނގިއިރު އެ މައްސަލާގައި ހިމެނުނު ބައެއް ނޫން. އެކަމަކު ހުކުމް އައިއިރު ހުކުމް އޮތީ އެ މީހުންގެ އަސާސީ ބޮޑު ހައްގެއް ހަނިވާ ގޮތަށް. އެހެންވެ އެ މީހުންނަށް އިސްތިއުނާފް ކުރެވޭނެ. އަދި އެ މީހުން އިސްތިއުނާފް ކުރިއިރު ވެސް އެ މީހުން އިސްތިއުނާފްކުރީ އެ މީހުންގެ ހައްގު ހަނިވާ ގޮތަށް ހުކުމުގައި އޮތް ބައި އެކަނި،" ވަކީލަކު ވިދާޅުވި އެވެ.

"އެކަމަކު ޕީޕީއެމް މައްސަލާގައި ވަރަށް ބޮޑަށް ހާލަތު ތަފާތު. އައްބާސަށް އިސްތިއުނާފްގެ ހައްގު އޮތް ކަމަށް ބެލިޔަސް ޕީޕީއެމް ތެރޭގައި ޖެހިފައިވާ މައްސަލައާ ގުޅިގެން އާންމު މެމްބަރެއްގެ ގޮތުން އައްބާސަށް ގެއްލުނީ ކޮން ހައްގެއްތޯ؟. މިސާލަކަށް ބޭނުމަށް ބަލަމާ އޭނާގެ ހައްގުތަކެއް ވެސް ގެއްލޭ ކަމަށް. އެކަމަކު ހައްގު ގެއްލޭ ކަމަށް އޭނާ ގަބޫލުކުރާ ނަމަ އޭނާގެ ފަރާތުން ކީއްވެގެންތޯ ރައީސް ޔާމީނާ ޕާޓީ ހަވާލުކުރި ކުރުމާ ބެހޭ ގޮތުން އަސްލު މައުޟޫގައި އެއްވެސް ނުކުތާއެއް ހައި ކޯޓުގައި ފާހަގަނުކުރީ؟،" އެ ވަކީލް ސުވާލު އުފެއްދެވި އެވެ.

ހައްގަކަށް ހުރަސް އަޅަން އިސްތިއުނާފް މައްސަލަ ހުށަހެޅުމަކީ ގާނޫނު މަނާކުރާ ކަމެއް

ކޮންމެއަކަސް އައްބާސް ހުށަހެޅި މައްސަލާގައި ހަައި ކޯޓުން މިހާރު މިވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. މައުމޫން އަމިއްލަފުޅަށް ވަކި އިސްތިއުނާފް މައްސަލައެއް ހައި ކޯޓަށް ހުށަހަޅުއްވާފައި އޮތަސް، އައްބާސް ހުށަހެޅި މައްސަލާގައި ހުކުމްކޮށްފައި އޮތުމުން މައުމޫންގެ މައްސަލަ ކުރިއަށް ދާނެ ކަމަކަށެއް ނުބެލެވެ އެވެ.

ހައި ކޯޓުގެ ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގެ މަރުހަލާގަ އެވެ. އެ ކޯޓުގައި މައުމޫންގެ ފަރާތްޕުޅުން އެކަން ފާހަގަކުރާނެ ކަމަށް ބެލެވެ އެވެ. އެހެންވެ، ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަނެ ޝަރީއަތް ހިންގާ ނަމަ މައުމޫންގެ ފަރާތްޕުޅުން އެ ނުކުތާ ފާހަގަކުރުމުން އެކަމާ މެދު އެ ކޯޓުން ގޮތެއް ނިންމުން އެކަށީގެންވެ އެވެ.

ކޯޓުތަކުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ބ. ގައި ވަނީ "ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލައަކީ މަކަރާއި ހީލަތް ހެދުމުގެ ގަސްދުގައި ނުވަތަ އޮޅުވާލުމުގެ ގަސްދުގައި ނުވަތަ މީހަކަށް ލިބެންވާ ހައްގަކުން އެ ފަރާތް މަހްރޫމް ކުރުމުގެ ގަސްދުގައި ނުވަތަ އެ ހައްގެއް ލިބިދިނުމަށް ހުރަސް އެޅުމުގެ ގަސްދުގައި ހުށަހަޅާފައިވާ މައްސަލައަކަށް ވާ ނަމަ އެ މައްސަލަ އެގޮތަށް ހުށަހެޅުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތަށް ބަދަލު ދިނުމަށް ހުކުމް ކުރުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ،" މިފަދައިންނެވެ.

އެ މާއްދާއަށް ބެލުމުން ވެސް، މީހަކަށް ލިބެން ޖެހޭ ހައްގަކުން އެ މީހަކު މަހްރޫމް ކުރުވުމުގެ ނިޔަތުގައި އިސްތިއުނާފް މައްސަލަ ކޯޓަށް ހުށަހެޅުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ސާފުކޮށް އެނގެ އެވެ. އިސްތިއުނާފްގެ ހައްގު ލިބިފައި އޮތަސް، އެ ހައްގު ބޭނުން ކުރުން އެންމެ އައުލާކަން ބޮޑުވާ އެހެން ފަރާތެއް ހުއްޓާ އެ ފަރާތުގެ އެ ހައްގު ހަނިވާ ގޮތަށް އެހެން މީހަކު މައްސަލަ އިސްތިއުނާފް ކުރެވޭ ނަމަ އެއީ ޔަގީނުން ވެސް އިންސާފުގެ ހަމަތަކާ ޚިލާފް ކަމެކެވެ.

އަދުލު އިންސާފުގެ ނިޒާމު ޖޯކަކަށް ހަދައިގެން ބޭނުން ކުރެވިގެންނުވާނެ އެވެ. އެއީ މީހުން އިންސާފު ހޯދަން ބޭނުންކުރާ ނިޒާމެކެވެ. އެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އަނެކާއަށް އިންސާފު ލިބުމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އެ ނިޒާމް ބޭނުން ހިފަން ދޫކޮށްލާ ނަމަ އެއީ ވަރަށް ސީރިއަސް މައްސަލައެކެވެ.