ދެކުނު އޭޝިއާގެ ގައުމުތަކުން ގުޅިގެން އުފައްދާފައިވާ ސާކް ޖަމިއްޔާ އަލުން ހިންގަން މަޝްވަރާތައް ކުރަން މެދުވެރިއަކަށްވާން ރާއްޖެ ތައްޔާރަށް އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މިނިވަން ދުވަހާ ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިފައިވާ ގައުމެއް ކަމަށާއި އެފަދަ އެއް ޖަމާއަތަކީ ސާކް ކަމަށެވެ. އަދި ސާކް އުފެއްދީ ރާއްޖޭގެ ވަރަށް ބޮޑު އިސް ނެގުމެއްގެ ދަށުން ކަމަށާއި އަދި އެއީ ދެކުނު އޭޝިއާއަށް ވަރަށް ބޮޑު ފައިދާއެއް ލިބުނު ޖަމާއަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ސާކްގެ މަސައްކަތް ނުހިނގާ އޮންނަތާ މިހާރު ނުވަ ވަރަކަށް އަހަރުވެފައިވާ ކަމުގެ ކަންބޮޑުވުން ރައީސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ސާކްގެ މަސައްކަތް ހިނގަމުން ދިއުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަހައްޓަންވެފައިވަނީ ހިޔާލު ތަފާތުވުންތަކަކީ މަޝްވަރާ ކުރެވިގެން އެއް މޭޒު ދޮށަށް އައިސްގެން ކަންކަން ހައްލުކުރެވިގެން އެންމެންނަށް ފައިދާ ހުރި ގޮތުގައި ކުރިއަށް ދިޔުމުގެ ސިޔާސަތަށް ވާތީ މި ސަރަހައްދުގެ އަމާންއަމާން ކަމަށް ވެސް މުހިންމީ ސާކް އޮޕަރޭޝަނަލްވުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސާކް އަލުން ހިންގަން ފެށުމަށް އެ ޖަމާއަތުގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުންތައް ބާއްވަންޖެހެ އެވެ.
އެކަމުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ފަރާތްތަކަށް ރާއްޖޭން ގޮވާލަނީ ސަރަހައްދުގެ ތަރައްގީއަށް ޓަކައި އެކުވެރިކަން އިސްކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެކަން ކުރަން އުނދަގޫވާނަމަ މި ރާއްޖޭން މިއޮތީ އިސްނަގާށޭ އެ މަޝްވަރާތައް ކުރިއަށް ގެންދަން މީޓިއޭޓަރަކަށްވާން ވެސް، އެހެންވީމަ ސާކް އެބަޖެހޭ އަލުން އޮޕަރޭޝަނަލް ކުރަން،" ރައީސް ވިދާޅުވި އެވެ.
ސާކްގެ މަސައްކަތްތައް ހުއްޓުނީ 2016 ވަނަ އަހަރު ޕާކިސްތާނުގައި ބާއްވަން ހަމަޖެއްސި 19 ވަނަ ސަމިޓާ ހިސާބުންނެވެ. އެގޮތުން އެ އަހަރުގެ ސާކް ސަމިޓް ބާއްވަން ހަމަޖައްސާފައި ވަނިކޮށް އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރު ކައިރީގައި އިންޑިއާގެ އަސްކަރީ ކޭމްޕަކަށް ޓެރަރިސްޓުންތަކެއް ދިން ހަމަލާއާ ގުޅިގެން އިންޑިއާ އާއި ރާއްޖެ ވެސް ހިމެނޭ ގޮތުން ސާކްގެ ގިނަ ގައުމުތަކަކުން އެ ސަމިޓް ބޮއިކޮޓް ކުރުމުން ސަމިޓް ކެންސަލްކުރި އެވެ.
އޭގެފަހުން ޕާކިސްތާނުގައި ސަމިޓް ބާއްވަން އެ ގައުމުން ކުރި މަސައްކަތަށް ސާކްގެ ގިނަ ގައުމުތަކުގެ ތާއީދެއް ނުލިބެ އެވެ.