ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ހައްޔަރުކޮށްފި އެވެ. 

ފުލުހުން މީޑިއާއަށް އެކަން ކަށަވަރު ކޮށްދެމުން ދެންމެ ބުނީ، ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ޝާހިދު ހައްޔަރުކުރީ ފުލުހުން ބުނި ގޮތުގައި މިރޭގެ 9:59 ހާއިރު އެވެ. 

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތާ ގުޅޭ ގޮތުން ފުލުހުން ތަފުސީލީ ވާހަކަތަކެއް ނުދައްކައި ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރިން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމާއި މިފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެންމެ ބޭފުޅުން އަރިހުން އެދޭ ކަމަށެވެ. 

ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. އެ އެޕާޓްމެންޓުން ޝާހިދު ނެރެގެން ފުލުހުންގެ ވެހިކަލްގައި ފުރަތަމަ ގެންދިޔައީ ހުޅުމާލޭގައި ހުންނަ ފުލުހުންގެ މަރުކަޒަށެވެ. އޭގެ ފަހުން މިހާރު ވަނީ ފުލުހުންގެ ކަސްޓަޑީ މަރުކަޒު ދޫނިދު އަށް ގެންގޮސްފަ އެވެ. 

ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވާ ޝާހިދަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރާއިރު، އޭނާ ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންނެވެ.