ވޯލްޑް ކަޕްގެ ވިޔާފާރީގެ ބައިތައް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ޕްލޭނަށް ފާޅުގައި ފާޑުކީ، ސީއޯއޯ ކެވިން ލެމުއާ، ފީފާގެ މަގާމުން ވަކިކޮށްފި އެވެ.
މިދިޔަ މަހު އެސޯސިއޭޓެޑް ޕްރެސް އަށް ދިން އިންޓަވިއުގައި ލެމުއާ ބުނީ ފީފާ ފޯވާޑް އެންޓަޕްރައިޒަސް ޕްލޭން، އިއުލާން ކުރުމުގައި އިންފަންޓީނޯ، އެ އިދާރާގެ މުވައްޒަފުން ވެސް ބާކީ ކޮށްލި ކަމަށެވެ. އެ ޕްލޭނާ ބެހޭގޮތުން ފީފާގެ މުވައްޒަފުންނާ އެކު ވެސް އިންފަންޓީނޯ ވާހަކަ ދައްކާފައިނުވާ ކމަށް ލެމުއާ ބުންޏެވެ.
އިންޓަވިއުގައ ލެމުއާ ބުނީ ފީފާގެ މުވައްޒަފުންނަށް "މަކަރުވެރި ގޮތުގައި" އިންފަންޓީނޯ އޮޅުވާލައިފައިވާ ކަމަށެވެ. ލެމުއާ ބުނިގޮތުގައި އިންފެންޓީނޯ ދެކެނީ އޭނާއަކީ ފީފާގެ ގޮތުގަ އެވެ.
އެ ޕްލޭނާ ދެކޮޅަށް ވާހަކަ ދައްކާނަމަ، އޭނާގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު ކުރިން ވެސް ލެމުއާ އަށް އޮތެވެ.
"އެހެންވެއްޖެއްޔާ ވަޒީފާ ގެއްލުނަސް، އެންމެ ރަނގަޅު،" އެ ޕްލޭނާ ދެކޮޅަށް ވާހަކަ ދައްކައިގެން ވަޒީފާ ގެއްލިދާނެ ނޫންތޯ އެހެުމުން ލެމުއާ ބުންޏެވެ.
"އަހަރެން އެ ނިންމުން ގަބޫލުކޮށް އިހްތިރާމް ކުރާނަން. އެންމެ ކުޑަކޮށް ވެސް އަހަންނަށް މިރޭ ވެސް ހަމަޖެހިލައިގެން ނިދާލެވޭނެ"
ފީފާގެ ތަރުޖަމާނަކު ބުނީ، ފީފާއާއި ސީއޯއޯ ކެވިން ލެމުއާއާ ދެމެދު އޮތް އެއްބަސްވުން އިއްޔެގެ ނިޔަލަށް ނިމިފައިވާ ކަމަށެވެ. އޭނާ ވަނީ، އެ މަގާމުގައި ދެ އަހަރު މަސައްކަތްކޮށްފަ އެވެ.
އިންފަންޓީނޯ ޔޫއެފާގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުރި އިރު އޭނާގެ ދަށުން، އެ އިދާރާގައި ވެސް ލެމުއާ މަސައްކަތް ކުރި އެވެ.