ލިވަޕޫލް ކުރިއަށް، ޓޮޓެންހަމުން ފައިދާނަގައިފި

ބާންލީ، އިންގްލެންޑް (ޑިސެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ރަށުންބޭރުގައި 3-1 އިން ބާންލީ އަތުން މުހިއްމު މޮޅެއް ހޯދިއިރު، އާސެނަލާއި ޗެލްސީ ކުޅުނު މެޗުތަކުން މޮޅުނުވުމުގެ ފައިދާނަގައި ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.


ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ 15 މެޗުން 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 15 މެޗުން ވަނީ 39 ޕޮއިންޓް ލިބިފަ އެވެ. ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން އަތުން 3-1 އިން މޮޅުވެ، ޓޮޓެންހަމް ވަނީ 15 މެޗުން 33 ޕޮއިންޓް ހަމަކޮށްގެން ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ.

ހަތަރު ވަނައިގައި އޮތީ ރޭ ވުލްވްސް އަތުން 2-1 އިން ބަލިވި ޗެލްސީ އެވެ. ޗެލްސީ އަށް 15 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ރޭ މެންޗެސްޓާ ޔުނައިޓެޑާ 2-2 އިން އެއްވަރުވި އާސެނަލަށް ވެސް ވަނީ 15 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

ބާންލީ ދަނޑުގައި ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި އެ ޓީމުން ލީޑުނެގީ ޖެކް ކޯކްގެ ގޯލުންނެވެ. ލިވަޕޫލުން ފަހަތުން އަރައި މޮޅުވިއިރު އެ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާ، ރޮބާޓޯ ފިރްމީނޯ އަދި ޒެރްޑަން ޝަގީރީ އެވެ. މި މެޗުގައި ފިރްމީނޯ އާއި މުހައްމަދު ސަލާހު ކުޅެން އެރީ ބަދަލު ކުޅުންތެރިންގެ ގޮތުގަ އެވެ.

މި މޮޅާ އެކު ލިވަޕޫލުން ވަނީ އެ ކްލަބްގެ 126 އަހަރުވީ ތާރީހުގައި ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. މިއީ ލީގުގެ ފުރަތަމަ 15 މެޗަށް ފަހު އެ ޓީމުގެ އެންމެ ނަތީޖާ ރަނގަޅު ސީޒަނެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެންމެ ބޭނުންވީ ނަތީޖާ ނެރެން ކަމަށާއި އެކަން ހާސިލްކުރެވުނުއިރު މެޗުގައި ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުގައި އާސެނަލުން ލީޑުނެގީ ޝޮކޮޑްރަން މުސްތާފީ ޖެހި ގޯލުންނެވެ. މުސްތާފީ ބޮލުން ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައި ވަނީ ގޯލުގެ ރޮނގު ހުރަސްކޮށްފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އެންތަނީ މާޝިއަލް އެވެ.

ޔުނައިޓެޑްގެ ޕޮގްބާ (ވ) ކައިރިން އާސެނަލްގެ މިކިތާރްޔަން ބޯޅަ ހޯދަން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

އާސެނަލުން ދެ ވަނަ ފަހަރަށް ލީޑުނެގީ މެޗުގެ 68 ވަނަ މިނިޓްގައި ޔުނައިޓެޑްގެ މާކޯސް ރޯހޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ މިނިޓެއް ފަހުން ޖެސޭ ލިންގާޑް ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ. މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޔުނައިޓެޑަށް ބޭނުންވި ނަތީޖާ ނުނެރެވުނީ އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށާއި އެކަމަކު ކުރިއަށްވުރެ ބޮޑަށް ހިތްހަމަޖެހޭ ސަބަބަކީ ކުޅުންތެރިން މޮޅުވާން ވެގެން ކުރާ މަސައްކަތް ރަނގަޅުވުމުން ކަމަށެވެ.

އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ އެ ޓީމަށް މޮޅެއް ނުހޯދުނީ ކޮންމެ ފަހަރަކު ވެސް ލީޑުލިބުމުން ކޮންމެވެސް ވަރަކަށް މެޗު ފަސޭހަކޮށްލުމުގެ ވިސްނުމުގައި ކުޅުންތެރިން ކުޅެން ފެށުމުން ކަމަށެވެ.

ވުލްްވްސް ދަނޑުގައި ރޭ ޗެލްސީ ކުޅުނު މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ އިންގްލެންޑްގެ މިޑްފީލްޑަރު ރުބެން ލޮފްޓަސް-ޗީކް އެވެ. ދެ ވަނަ ހާފްގެ ހަތަރު މިނިޓް ތެރޭ ވުލްވްސް އިން ނަތީޖާ އަނބުރާލިއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ ރައުލް ހިމެނޭޒް އާއި ޑިއޯގޯ ޔޮޓާ އެވެ.

ރެލިގޭޝަނުގައި އޮތް ސައުތެމްޓަން އަތުން ޓޮޓެންހަމް މޮޅުވިއިރު އެ ޓީމުގެ ލަނޑުތައް ޖެހީ ހެރީ ކޭން އާއި ލޫކަސް މޯރާ އަދި ހެއުން މިން ސޮން އެވެ. މި މެޗުގައި ސައުތެމްޓަނުގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ ފަހު ވަގުތު ޗާލީ އޮސްޓިން އެވެ. ސައުތެމްޓަންއާ ދާދި ފަހުން ހަވާލުވި އާރްބީ ލިޕްޒިގުގެ ކުރީގެ ކޯޗު ރަލްފް ހޭޒަންހުޓްލް ވަނީ ރޭގެ މެޗު ބަލަން ދަނޑަށް ގޮސްފަ އެވެ. އޭނާ ރަސްމީކޮށް ޓީމުގެ ޒިންމާއާ ހަވާލުވާނީ މިއަދު އެވެ.