ހުޅުމާލެ 2 ގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާތީ މާދަމާ އިން ފެށިގެން އެކި ވަގުތުތަކުގައި އެ ސަރަހައްދުގެ ތަންތަނުން ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ 2 ގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުމާ ރަސްމީކޮށް ހަވާލުވުމާ ގުޅިގެން، އެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި އާންމުންނަށް އިތުބާރު ހުރި ދެމެހެއްޓެނިވި ހިދުމަތެއް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ހުޅުމާލެ 2 ގެ ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިން މަސައްކަތްތައް މާދަމާ އިން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ މަސައްކަތްތައް ކުރިއަށް ގެންދާ ވަގުތުތަކުގައި ހުޅުމާލެ 2 ގެ އެކި ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކުންފުނީގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ. އަދި މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަން ކަމުގައި ވާތީ، މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވަމެވެ،" ސްޓެލްކޯގެ ބަޔާނުގައި ވެ އެވެ.
މީގެ ކުރިން އެޗްޑީސީން ބަލަހައްޓަމުން އައި ހުޅުމާލެ 2 ގެ ކަރަންޓު ވިއުގައިގެ މެއިންޓެނަންސްގެ ހުރިހާ މަސައްކަތެއް ސްޓެލްކޯއާ ހަވާލުކުރީ މިދިޔަ މަހު އެވެ.
އެޗްޑީސީ އާއި ސްޓެލްކޯއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ އިމަޖެންސީ ރެންސްޕޮންސް ސެންޓަރެއް ހުޅުމާލެ 2 ގައި ހަދާނެ ބިން ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.