ކޮއްކޮ އަށް ސަރުކާރުން ދޫކޮށްފައިވާ ސްކޫލް ޓެބްލެޓް ވިއްކާލި މީހަކު ދެ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކޮންމެ ދަރިވަރަކަށް ކިޔެވުމަށް ސަރުކާރުން ސްކޫލް ޓެބްލެޓް ދޫކޮށްފައިވެ އެވެ. ސެޕްޓެމްބަރު، 2019 ގައި ދަރިވަރެއްގެ ޓެބްލެޓް އެހެން މީހަކަށް ވިއްކާލި މައްސަލާގައި ޖަލަށްލާން ހުކުމްކުރީ އެ ކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަގެ މައްޗަށެވެ. އެ ޓެބްލެޓް 300ރ. އަށް އެހެން މީހަކަށް ވިއްކާލުމަށް ފަހު ފަހުން އެ ޓެބްލެޓް އަނބުރާ ހޯދަން އުޅެނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް، ޓެބްލެޓް އަތުލައިފަ އެވެ. އޭނާގެ މައްޗަށް ކުރީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އޭނާގެ ކޮއްކޮގެ ސްކޫލް ޓެބްލެޓް އެހެން މީހަކަށް ވިއްކާލި ކަން އޭނާގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ. އެހެންވެ، އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާގެ މައްޗަށް ދެ މަހުގެ ޖަލު ހުކުމެއް އިއްވީ އޭނާ ކުށަށް އިއުތިރާފްވެފައިވާތީ އާއި ތަހުގީގަށް އެއްބާރުލުން ދީފައިވާތީ އަދަބުގެ މިންވަރު ދެ ދަރަޖަ ދަށް ކުރުމަށް ފަހު އެވެ.

އެ މީހާ މި ވަގުތު ވެސް ގެންދަނީ އެހެން މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.