އެފްބީއައި އަށް އައިފޯނެއް ހުޅުވައިދިން ސެލެބްރައިޓް ހެކްކޮށްފި އެވެ. ސެލެބްރައިޓް އަކީ ކޮން ބައެއްކަން އާންމުވީ، އެމެރިކާގެ ސަން ބާނާޑިނޯގައި ބަޑިޖަހައި މީހުންތަކެއް މަރާލި ހާދިސާއާ ގުޅިގެންނެވެ. އެ ހަމަލާ ރާވައި ހިންގި ކަމަށް ބުނާ ސައީދު ރިޒްވާން ފާރޫޤް ގެންގުޅުނު އައިފޯނާ ހެދި އެވެ. އެ އައިފޯނު ހުޅުވަން އެފްބީއައި އަށް ސެލެބްރައިޓް އެހީތެރިވެދިން ހިސާބުންނެވެ.

ސެލެބްރައިޓް އަކީ އިޒްރޭލު ކުންފުންޏެކެވެ. އެ ކުންފުނިން ކުރާ މައިގަނޑު މަސައްކަތަކީ، ތަޅުލާފައި ހުންނަ މޮބައިލްފޯން، ސްމާޓްފޯން އަދި ޓެބްލެޓްތަކުން މައުލޫމާތު ނެގުމެވެ. ސެލެބްރައިޓުން ބުނާ ގޮތުގައި އެ މީހުންނަށް ވަދެނުގަނެވޭ އާލާތެއް މަދެވެ.

ސެލެބްރައިޓުން މަސައްކަތްކޮށްދެނީ ސަރުކާރުތަކަށެވެ. އިދާރީ ބާރުތަކަށެވެ. ބޮޑެތި ކުންފުނިތަކަށެވެ. އެ ނޫނަސް އެ ކުންފުންޏާ ހިސާބަށް، މާލީ ގޮތުން އަދި ހައިސިއްޔަތުގެ ގޮތުން ދެވޭ ކޮންމެ ބަޔަކަށެވެ.

ޑިވައިސްތަކަށް ވަދެގަނެ އޭގައި ހުންނަ މައުލޫމާތު ދަމައިގަތުމަށް ސެލެބްރައިޓުން ބޭނުންކުރާ އާލާތަށް ކިޔަނީ "ޔުނިވާސަލް ފޮރެންސިކް އެކްސްޓްރެކްޝަަން ޑިވައިސް"، (ޔޫފެޑް) އެވެ. ސެލްބްރައިޓުން ހޯދައިދޭ މައުލޫމާތު ރައްކާކޮށްފައި ބަހައްޓަނީ އެ ކުންފުނީގެ އަމިއްލަ ސާވާއެއްގަ އެވެ. އެއީ ކޮންމެ ކަސްޓަމަރަކަށް ޚާއްސަ "ސްލޮޓް" ނުވަތަ ޖާގައެއްގަ އެވެ. ސަލާމަތީ ގޮތުން ވަރަށް ރައްކާތެރިކޮށް، ކަށިނަރު ޖަހާފަ އެވެ.

ސެލެބްރައިޓުން ނަގައިދޭ މައުލޫމާތު ތެރޭގައި، ފޯނުގައި ހުންނަ ކޮންޓެކްޓްތަކާއި ސޯޝަލް ޗެޓްތަކާއި އެސްއެމްއެސް އާއި ފޮޓޯ އާއި ވީޑިއޯ އަދި ފޯނުގައި ހުންނަ އެހެނިހެން ފައިލްތައް ހިމެނެ އެވެ.

ކިތަންމެ ވަރުގަޔަސް ސެލެބްރައިޓް ވެސް ހެކްކޮށްފި އެވެ. ހެކަރުންގެ ބަޔަކު ސެލެބްރައިޓް ސާވާތަކަށް ވަދެގަނެ ވަނީ ކަސްޓަމަރުންގެ މައުލޫމާތުތަކެއް ވަގަށް ނަގާފަ އެވެ. އެ ކުންފުނިން ވެސް އެކަން ކަށަވަރުކޮށްދެ އެވެ.

ސެލެބްރައިޓް ސާވާތަކަށް ވަދެގަތް ހެކަރުން 900 ޖީބީ އަށް ވުރެ ގިނަ މައުލޫމާތު ވަގަށް ނަގާފައިވެ އެވެ. މަޝްހޫރު އަދި ބާރުގަދަ އޮންލައިން މީޑިއާތަކަށް އެ "ޑާޓާ"ތައް ހެކަރުން ފޮނުވާފައި ހުރި ކަމަށް އެ މީހުން ބުނެ އެވެ.

ސެލެބްރައިޓުން ނެރުނު ބަޔާނެއްގައި ބާރުއަޅާފައި ވަނީ ކަސްޓަމަރުންގެ ޕާސްވޯޑް ބަދަލުކޮށް ވަރުގަދަކުރުމަށެވެ.