ސެމްސަންގަށް ކޮންމެހެން ބަލަންޖެހޭ: ސައުތު ކޮރެއާ

"ލިތިއަމް-އަޔަން" ބެޓެރީ އުފައްދާ ކުންފުނިތަކުން އަމަލުކުރަނީ ސަލާމަތީ ގޮތުން އެންމެ ރަނގަޅަށްތޯ ބަލާނެ ކަމަށް ސައުތުކޮރެއާ ސަަރުކާރުން ބުނެފި އެވެ. އެ ތަންތަނަށް ގޮސް ދެމެހެއްޓެނިވި އުސޫލަކުން ޗެކުކުރުމަށް ޚާއްސަ އޮފިޝަލުން ތައްޔާރުކޮށް އައްޔަންކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.


ސައުތު ކޮރެއާ ސަރުކާރުން ބުނި ގޮތުގައި، ޚާއްސަ ނަޒަރަކުން ސެމްސަންގަށް ބަލާނެ އެވެ. އޮފިޝަލުން ބަލަންޖެހޭ މިންގަނޑުތައް ސެމްސަންގުން ދަމަހައްޓާކަން ކަށަވަރުކުރެވެންދެން އެ ކުންފުނި އޮންނާނީ "ކޮންމެހެން ބަލަންޖެހޭ" ލިސްޓްގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސެމްސަންގް ގެލަކްސީ ނޯޓް7ގެ ބެޓެރީގައި މައްސަލަޖެހި، ބޮޑު ހާދިސާއެއް ހިނގައި ދިއައިރު، ސައުތު ކޮރެއާ ސަރުކާރުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް، ތަހުގީގު ނިންމައި ރިޕޯޓް އާންމުކުރުމާ ހިސާބުން ވަނީ އެ މައްސަލަ ތެރެ އަށް ރަސްމީކޮށް ވަދެފަ އެވެ. ބޭނުމަކީ އެ ފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ބެޓެރީ އުފައްދާ ކުންފުނިތަކުން އަމަލުރޭތޯ ބަލައި ފިޔަވަޅު އެޅުމެވެ.

ސައުތު ކޮރެއާގައި އުފައްދާ އާލާތެއްގެ ސަބަބުން ބޭނުންކުރާ މީހުންނަށް ދިމާވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކެއް ވެސް ވަނީ ސަރުކާރުން ކަނޑައަޅާފަ އެވެ. އެ ގޮތުގައި، ފޯނެއް ނުވަތަ އެ ފަދަ އާލާތެއްގައި ޖެހޭ މައްސަލެއްގެ ސަބަބުން އެ އެއްޗެއް ބޭނުންކުރެވެން ނެތް ހާލަތްތަކުގައި، ބަަދަލު ހޯދައިދިނުމަށް މެދުވެރިވުން ވެސް ހިމެނެ އެވެ. އެ އާލާތެއް އުފެއްދި ކުންފުންޏަކުން އަމަލުކުރާނެ ގޮތް އާންމުކުރުމުގެ ކުރިން ވެސް، ގޮތެއް ނިންމަން ސަރުކާރަށް ބާރުއެޅޭނެ އެވެ. އަދި އެ އެއްޗެއް ބޭނުންނުކުރަން ވެސް ސަރުކާރަށް އެންގޭނެ އެވެ.

ނޯޓް7 އަށް ދިމާވި ކަހަލަ ހާދިސާއެއް ތަކުރާރު ވިއަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައި، ހިންގުން ހަރުދަނާކުރަން ސެމްސަންގުން ވަނީ ވައުދުވެފަ އެވެ. ބޭނުކުރާ މީހުންގެ އިތުބާރު އަނބުރާ ހޯދުމަށްޓަކައި އަތުޖެހެން ހުރި ހުރިހާ ގަލެއް ފުރޮޅާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.