އެންޑްރޮއިޑް 11: އެއާޕްލޭން މޯޑްގައި ބްލޫޓޫތު ކަނޑައިގެން ނުދާނެ

ސްމާޓްފޯނުތަކަށް އިތުބާރުކޮށް އޭގެ މައްޗަށް މުޅި ހަޔާތް ދޫކޮށްލެވޭ ހިސާބަށް ދުނިޔެ މި އޮތީ އައިސްފަ އެވެ. މި ފަދަ ފަސޭހަތައް އީޖާދުކުރެވޭތޯ ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ވެސް އަންނަނީ އަބަދުވެސް ވިސްނަމުންނެވެ. އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގައި ގޫގުލުން ހިމަނަން އުޅެނީ ވެސް މި ބުނި ކަހަލަ ފަސޭހައެކެވެ.


"އެކްސްޑީއޭ ޑިވެލޮޕާސް" ބުނާ ގޮތުގައި، އެންޑްރޮއިޑް 11 ގައި، އެއާޕްލޭން މޯޑަށް ބަދަލުކުރުމަކުން ބުލޫޓޫތު ކަނޑައިގެން ނުދާނެ އެވެ. މިއީ މިހާރުން މިހާރަށް ވެސް ބޭނުންޖެހިފައި ވާ ފީޗާއެކެވެ. މިއީ ބްލޫޓޫތު ހެޑްފޯން، އިއާބަޑް އަދި "ބްލޫޓޫތު ހިއަރިން އެއިޑް" ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ.

"އިންޓަނެޓް އޮފް ތިންގްސް" ސިޓިން ރޫމް ތެރެ އަށް ވަދެފައި ވަނީ "ބްލޫޓޫތު" އަށް ވަރަށް ބޮޑަށް ބަރޯސާކުރަން ޖެހޭ ގޮތަށެވެ. އަތުކުރީ ގަޑިން ފެށިގެން ޖީބަށް ލެވޭ ސައިޒުގެ ކުދި ޑިވައިސްތައް، ސްމާޓްފޯން މެދުވެރިކޮށް އެކަތި އަނެކައްޗާ މުވާސަލާތުކުރަނީ ވެސް ބްލޫޓޫތުންނެވެ. ސްމާޓްފޯން އެއާޕްލޭން މޯޑަށް ބަދަލުކުރުމުން، ބްލޫޓުތު ކަނޑައިގެން ނުގޮސް ހުންނަން ޖެހެނީ މި ފަދަ ބޭނުންތަކަށެވެ.

ސްމާޓްފޯން އެއާޕްލޭން މޯޑަށް ބަދަލުކުރުމުން، ފޯން ކޯލް އަދި އިންޓަނެޓާ ނުލައި ފޮނުވޭ މެސެޖްތަކަށް ހުރަސްއެޅެ އެވެ. އަދި މިހާރު ކަންތައް ހުރި ގޮތުން ބްލޫޓުތު ވެސް ކަނޑައިގެން ދެ އެވެ. އެހެން ނަމަވެސް، ބުނެވޭ ގޮތުގައި އެންޑްއިޑް 11 ގައި މިކަން ހައްލުވެ، ބްލޫޓޫތަށް ބާރުތަކެއް ލިބޭނެ އެވެ.