މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަރު މަދުވިޔަސް މިވަގުތު އަންނަ މަތިންދާބޯޓުތަކުގެ "އޮކިއުޕައިޑް ސީޓް ކެޕޭސިޓީ" ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ރައީސް އޮފީހުގެ ކްރައިސިސް ކޮމިޓީގެ މި ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ، މިދިޔަ މަހު އެވްރެޖުކޮށް ޕްލައިޓްތަކުގެ އޮކިއުޕެންސީ 65 ޕަސެންޓުން 70 ޕަސެންޓަށް އިތުރުވި ކަމަށެވެ.
މި ވަގުތު ރާއްޖެ އަށް އަންނަ ފްލައިޓުތަކުގެ އަދަދު މަދުވި ނަމަވެސް، އެ އަންނަ ފްލައިޓުތަކަށް ބޮޑު ޑިމާންޑެއް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަންނަ އެއާލައިންތަކުގެ ތެރެއިން މިދިޔަ މަހު ރަޝިއާގެ އެއާލައިން އެރޯފްލޯޓުގެ އޮކިއުޕެންސީ ވަނީ 84 ޕަސެންޓުން 95 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި ވާޖިން އެޓްލާންޓިކް އެއާލައިންގެ ސީޓް އޮކިއުޕެންސީ ވަނީ 90 ޕަސެންޓަށް އިތުރުވި އެވެ. ޓާކިޝް އެއާލައިންގެ އޮކިއުޕެންސީ 77 ޕަސެންޓުން 92 ޕަސެންޓަށް އިތުރުވި އިރު ސްރީ ލަންކަން އެއާލައިންގެ އޮކިއުޕެންސީ ވަނީ 55 ޕަސެންޓުން 79 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. މި މުއްދަތުގައި ސންގަޕޫރު އެއާލައިންސްގެ އޮކިއުޕެންސީ ވެސް ވަނީ 64 ޕަސެންޓުން 78 ޕަސެންޓަށް އިތުރުވެފަ އެވެ.
"ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފްލައިޓްތައް މަދުވިޔަސް، ރާއްޖެއަށް އަންނަން ބޭނުންވާ ވަރަށް ގިނަ ފަރާތްތަކެއް އެކި ގޮތްގޮތުން ރޫޓު ހޯދައިގެން އަންނަމުން ދަނީ. އެއީ ވަރަށް ރަނގަޅު ފާލެއް،" އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވި ގޮތުފައި، މި އުނދަގޫ ހާލަތުގައި ވެސް ރިސޯޓުތަކުން މާކެޓިން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އެހެންވެ، ރާއްޖެއަށް ޑިމާންޑު އަދިވެސް ނުވެއްޓޭ ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖެ އަންނަ އެއާލައިންތަކުގެ ފްރިކުއެންސީ އިތުރު ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން އެއްކަމަކީ ކުރިއަށް އޮތް ސަމާ ސީޒަންގައި ޓާކިޝް އެއާލައިންގައި ހަފްތާއަކު ފަސް ފްލައިޓުން ހަ ފްލައިޓަށް އިތުރު ކުރުމެވެ. އަދި އަހަރު ފަހުކޮޅު ހަފްތާއަކު 10 ފްލައިޓުން 14 ފްލައިޓަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެއާލައިނުން ބުނެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 27 ޕަސެންޓު ދަށްވެފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 0.5 ޕަސެންޓް ދަށްވި އެވެ. އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައިސްފައިވަނީ 680،000 ޓޫރިސްޓުންނެވެ.