ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް 48 ގަޑިއިރުގެ މުހުލަތެއް ދީފި އެވެ.
ޓްރަމްޕް ވަނީ މި މުހުލަތުގެ ތެރޭގައި އެ ސަރަހައްދު ހުޅުވާނުލައިފިނަމަ، އިރާނަށް "ބިރުވެރި ހަލާކެއް" ކުރިމަތި ކުރުވާނެ ފަދަ ވަރުގަދަ ހަމަލާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ތަކުރާރު ކުރައްވާފަ އެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިރާނާ އެކު އެއްބަސްވުމަކަށް އައުމަށް ނުވަތަ ކަނޑުއޮޅި ހުޅުވާލުމަށް ކުރިން ދިހަ ދުވަހުގެ މުހުލަތެއް ދެއްވި ކަމަށެވެ. ނަމަވެސް މިހާރު ވަގުތު ހަމަވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކަނޑުއޮޅި ނުހުޅުވައިފިނަމަ، އެ ގައުމަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އިރާނަށް ދިހަ ދުވަހުގެ މުހުލަތެއް ދިންކަން ހަނދާން އެބަހުރިތަ؟ ވަގުތު މިދަނީ ހަމަވަމުން. އެމީހުންގެ މައްޗަށް ބިރުވެރި ހަލާކެއް އޮއްސާލުމުގެ ކުރިން ބާކީ އޮތީ އެންމެ 48 ގަޑިއިރު،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ހަރުމޫޒް ކަނޑުއޮޅި ހުޅުވަން، ޓްރަމްޕް ކުރެއްވި އެއްވެސް މަސައްކަތެއް މިހާތަނަށް ކާމިޔާބު ވެފައެއް ނުވެ އެވެ. އޭނާގެ މި އިންޒާރުތަކަށް އިރާނުން ވެސް މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.