ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ކާމިޔާބު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިޔަސް އެފަދަ މުއާމަލާތެއް އަދި ހިނގާފައިނުވާ ކަމަށް ބުނަމުން އީރާނުން އިޒްރޭލަށް އާ ހަމަލާތަކެއް ދީފި އެވެ.
ޓްރަމްޕްގެ ވާހަކައާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށަށް ޖެހިލައިފަ އެވެ. މިއީ ހޮރްމޫޒް ކަނޑޯޅި އަލުން ހުޅުވާލުމަށް އީރާނަށް ދީފައިވާ މުހުލަތު ހަމަވުމުގެ ކުރިން ޓްރަމްޕް ދެއްވި އުންމީދީ މެސެޖުގެ ސަބަބުންނެވެ. ޓްރަމްޕް ވަނީ މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އީރާނުގެ އިންޖީނުގެތައް "ފުނޑުފުނޑު" ކޮށްލާނެ ކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.
"އެކްސިއޮސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވާހަކަދައްކަވަމުން ގެންދަވަނީ އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް އާ އެވެ. އަދި މި ހަފުތާގެ ތެރޭގައި ޕާކިސްތާނުގައި އެމެރިކާގެ ވަފުދަކާއި އީރާނުގެ ވަފުދެއް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. މި ވަފުދުގައި ޖެރެޑް ކުޝްނާ އާއި ސްޓީވް ވިޓްކޮފްގެ އިތުރުން ނައިބު ރައީސް ޖޭޑީ ވެންސް ބައިވެރިވެވަޑައިގަތުން އެކަށީގެންވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ވާހަކަދެއްކެވި ކަމަށާއި، ސަރަހައްދަށް ސުލްހަ ގެނައުމަށް އެހީތެރިވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް، ގާލީބާފް ވަނީ އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ސީދާ ގޮތުން އަދި ނުސީދާ ގޮތުން ވެސް ހިނގަމުން ނުދާ ކަމަށް ވިދާޅުވެ އެކަން ދޮގުކުރައްވައިފަ އެވެ.
އަނެއްކޮޅުން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ޓްރަމްޕާ ވާހަކަދެއްކެވި ކަމަށާއި، އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އޮތް ކަމަށް އެމެރިކާއިން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، އިޒްރޭލުން އީރާނަށާއި ލުބުނާނަށް ހަމަލާދިނުން ހުއްޓާނުލާނެ ކަމަށް އޭނާ ބުންޏެވެ.
މަޝްވަރާތަކުގެ ހަގީގަތް ނޭނގޭ ހާލަތެއްގައި އޮއްވައި ރޭ ފަތިހު އީރާނުން ފޮނުވާލި މިސައިލްތަކުގެ ސަބަބުން އިޒްރޭލުގެ އުތުރުގެ ސަރަހައްދުން އިމާރާތަކަށް ގެއްލުންވި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. މީގެ އިތުރުން، އިޒްރޭލުން ވަނީ ހިޒްބުﷲ އާ ދެކޮޅަށް ކަމަށް ބުނެ ދެމުންދާ ހަމަލާތަކުގައި ބައިރޫތުގެ ދެކުނަށް ރޭ ހަތް ފަހަރު ވައިގެ މަގުން ހަމަލާ ދީފަ އެވެ.
ލުބުނާނުގައި އިޒްރޭލުން ދަނީ އެއްގަމު މަގުން ހިންގާ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 1,000 އަށްވުރެ ގިނަ މީހުން މަރުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ. އީރާނަށް ދޭ ހަމަލާތަކުގައި މިހާތަނަށް 3,230 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެ އެވެ.
މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު މުޅި މެދުއިރުމަތި ހަނގުރާމައިގެ ތެރޭގައި ވާއިރު އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ ވެރިޔާ ފާތިހް ބިރޯލް ވަނީ މި ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ 1970 ގެ އަހަރުތަކުގައި ކުރިމަތިވި ތެލުގެ ތަދަށްވުރެ ބޮޑު އިގްތިސާދީ ކާރިސާއެއް ދުނިޔެއަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. ހަނގުރާމައިގެ ސަބަބުން ތެޔޮ ފީފާއެއް 100 ޑޮލަރަށްވުރެ މައްޗަށް ދިޔަ ނަމަވެސް، ޓްރަމްޕްގެ ވާހަކަތަކާއެކު އަގުތައް ވަނީ ކޮންމެވެސް ވަރަކަށް ތިރިވެފަ އެވެ.