އޮސްކާ ހާސިލްކޮށްފައިވާ ހޮލީވުޑްގެ މަޝްހޫރު ދެ ޑައިރެކްޓަރުން ކަމަށްވާ ސްޓީވެން ސްޕީލްބާގާއި މާޓިން ސްކޮސިސްގެ ފިލްމުތަކުގައި ބަތަލާއިންނަށް ފުރުސަތު ކުޑައީ ކީއްވެގެންތޯ ސުވާލު އުފައްދައި، އޮސްކާ ހާސިލްކޮށްފައިވާ ފްރާންސްގެ ބަތަލާ ޖޫލިއަޓް ބިނޯޝޭ އެ ދެ ޑައިރެކްޓަރުންނަށް ވަރުގަދަ މެސެޖެއް ރައްދުކޮށްފި އެވެ.
ފްރާންސްގައި މިހާރު ކުރިއަށްދާ ކާންސް ފިލްމް ފެސްޓިވަލްގެ ޕެނެލް ޑިސްކަޝަނެއްގައި ބިނޯޝޭ ބުނީ އެ ދެ ޑައިރެކްޓަރުންގެ ފިލްމުތަކުގައި އަންހެން އެކްޓަރުންގެ ދައުރު ކުޑަކަން ފާހަގަކުރެވޭތީ އެ ވާހަކަ އެ ދެ މީހުންނާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.
ބިނޯޝޭއަކީ "ދި އިންގްލިޝް ޕޭޝަންޓް" ކުޅެގެން 1997 ވަނަ އަހަރު އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އޮސްކާ ވެސް ހޯދައިފައިވާ ބަތަލާއެކެވެ.
ބިނޯޝޭ ބުނީ އޭނާގެ ކަންބޮޑުވުންތައް ސްޕީލްބާގާ ހިއްސާ ކުރުމުން ދިފާއު ވާން މަސައްކަތް ކުރި ކަމަށެވެ. އަދި މިސާލެއްގެ ގޮތުން 1985 ވަނަ އަހަރު އޭނާ ޑައިރެކްޓް ކުރި "ދަ ކަލާ ޕާޕަލް" ފާހަގަކޮށް އެއީ އަންހެނެއްގެ ކެރެކްޓާ އަށް ހާއްސަ ފިލްމެއް ކަމަށް ބުނި ކަމަށެވެ.
"ހަމަ މި ވާހަކަ އަހަރެން ސްކޮސިސް ގާތު ވެސް ދެއްކިން. އޭނަ އަކީ ތަންކޮޅެއް ފެމިނިން މީހެއް ވެސް މެ. އެކަމަކު ސްކޮސިސްގެ ފިލްމުތަކަކުން ވެސް އެ ކުލަވަރެއް ނުފެނޭ،" ސްޕީލްބާގްގެ އެންމެ މަޝްހޫރު އެއް ފިލްމް "ޖުރަސިކް ޕާކް" އިން ލިބުނު ރޯލެއް ދޫކޮށްލި ބަތަލާ ބުންޏެވެ.
ހޮލީވުޑް ފިލްމުތަކުގައި ބަތަލާއިންގެ ދައުރު ކުޑަވުމާއި ބަތަލާއިން މައިގަނޑު ރޯލްތައް ކުޅޭ ފިލްމްތައް މަދުވާތީ، އަންހެން އެކްޓަރުން ބާރުވެރި ކުރުމުގެ ހާއްސަ މަސައްކަތްތަކެއް ވެސް ބިނޯޝޭ ވަނީ މިހާރު ފަށައިފަ އެވެ.
އެގޮތުން ޕެނެލް ޑިސްކަޝަންގައި އޭނާ ވަނީ އަންހެން އެކްޓަރުންނަށް ފުރުސަތުތައް ހޯދައި ދޭން އުފެއްދި ކުންފުނި "ވީ ޑޫ އިޓް ޓްގެދާ" އާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.
"ހަމަ ކޮންމެ ކޮންމެ ރޯލެއް ކުޅޭކަށް މިހާރުގެ އަންހެން އެކްޓަރުންނެއް ބޭނުމެއް ނުވާނެ،" ބިނޯޝޭ
ބިނޯޝޭ ބުނީ ހޮލީވުޑް ފިލްމުތަކުން އަންހެން އެކްޓަރުންނަށް ފުރުސަތުތައް ދޭ އިރު، އޮއްޓަރު ހުރި މޮޅެތި ރޯލްތައް ލިބެން ޖެހޭ ކަމަށެވެ.
"ހަމަ ކޮންމެ ކޮންމެ ރޯލެއް ކުޅޭކަށް މިހާރުގެ އަންހެން އެކްޓަރުންނެއް ބޭނުމެއް ނުވާނެ. އެ މީހުންނަށް ވެސް އޮފާ ކުރަން ޖެހެނީ އޮއްޓަރު ހުރި، ރަނގަޅު ރޯލްތައް،" ކްލައުޑްސް އޮފް ސިލްސް މާރިއާ ފަދަ މޮޅެތި ފިލްމްތައް ކުޅެފައިވާ ބަތަލާ ބުންޏެވެ. "އަހަރެންގެ ކެރިއަރުގައި ވެސް މި ހިސާބަށް އައި އިރު ހުންނާނެ ކުޅެން ބޭނުން ނުވެގެން ދޫކޮށްލި ރޯލްތަކެއް. އެއީ ހަމަ ކޮންމެ ކޮންމެ ރޯލެއް ކުޅެން ބޭނުން ނުވާތީ."
ބިނޯޝޭ، 52، ބުނީ އޭނާ މިހާރު ވެސް ހުރީ ރަނގަޅު ރޯލްތަކެއް ލިބޭ ނަމަ، ހޮލީވުޑް ފިލްމްތައް ކުޅެން ތައްޔާރަށް ކަމަށެވެ.
"އެއްގޮތަކަށް ވެސް ހޮލީވުޑް ފިލްމުތަކާ ދުރުވީކީ ނޫން. ރަނގަޅު ރޯލެއް ލިބިއްޖެ ނަމަ ފުރުސަތުގެ ބޭނުން ހިފާނަން،" ޗޮކްލެޓް (2000) އަދި ސަޓިފައިޑް ކޮޕީ (2010) ގެ ވެސް ބަތަލާ ބުންޏެވެ.