ގަދަ ހޫނަށް ފަހު ވިއްސާރައިގެ އަލާމާތްތައް ފެންނަމުން ގޮސް ރެޔަކީ މާލެ ސަރަހައްދަށް މިއިން ދުވަހަކު ވެސް ނުކުރެވޭ ތަޖުރިބާއެއް ކުރަން ޖެހުނު ރެއެކެވެ. ރޭ މެންދަންވާން ކައިރިވެފައި ހުއްޓާ އައި ވިލާގަނޑުތަކާ އެކު ވިދަން ފެށި އެވެ. ވިދުވަރު ގަދަވަމުން ގޮސް ބާރުގަދަ ގުގުރިތަކާ އެކު އެތައް ބަޔަކު ނިދިން ހޭލައްވައިލި އެވެ.
ވިދުވަރު ގަދަވެ ބައެއް ތަންތަނަށް ހޮނުއެޅި އެވެ. ބާރުގަދަ ގުގުރިތަކާ އެކު ގުގުރައި ބައެއް ގޭގެއިން ކަރަންޓު ވެސް ކެނޑުނެވެ. ހާއްސަކޮށް، ހުޅުމާލެ 2 އުސް ޓަވަރުތަކުން، ބާރުގަދަ ގުގުރިތަކާ އެކު ބްރޭކަރުތައް ވެއްޓި ކަރަންޓު ކެނޑެމުން ދިޔަ އެވެ. މިގޮތުގައި ގަޑިއެއްހާއިރު ހޭދަވެގެން ދިޔައިރު އެތައް ބަޔަކު ތިބީ ނުނިދިފަ އެވެ.
ހުޅުމާލޭގައި ހުރި ބައެއް އިމާރާތަކަށް ހޮޅުއަޅައި ބޭރު ކޮންކުރިޓުގަނޑުން ބައެއް ވެއްޓުނި އިރު ރޭ ޖެހި ގުގުރީގެ އަޑު އާދަޔާ ހިލާފަށް ގަދަ ކަމަށް އެތައް ބަޔަކު ބުނެ އެވެ. ހުޅުމާލޭގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް ރޭ ހޮނުއެޅި އިރު، އިތުރު ތަނަކަށް ނުވަތަ މީހަކަށް ވެސް ގެއްލުމެއް ނުވެ އެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ރޭ ކުރެވުނު މި ބިރުވެރި ތަޖުރިބާގެ ވާހަކަ އާއި ފޮޓޯ އާއި ވީޑިއޯތަކުން މިއަދު ސޯޝަލް މީޑިއާގައި އަންނަނީ ކިޔައިދެމުންނެވެ.
އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު (އޭޕްރީލް/މެއި) މަހަކީ ގަދަޔަށް ވިދައި ގުގުރާ ދުވަސްވަރެކެވެ. މާލެ ސަރަހައްދަށް ރޭ ކުރިމަތިވީ މި ބިރުވެރި ތަޖުރިބާ އެވެ.
މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ބުނި ގޮތުގައި، ހޮނުއެޅުމުގެ ސަބަބުން ބައެއް ގޭގޭގެ އީއެލްސީބީ ޓްރިޕްވެ، ކަރަންޓު ކެނޑުނުކަން ރޭ ފާހަގަކުރެވުނެވެ. މިފަދަ ހާލަތެއް މެދުވެރިވެ ކަރަންޓު ހިނގައްޖެ ނަމަ، ގޭތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކުކޮށް، އީއެލްސީބީ ވެއްޓިފައިވާ ނަމަ އަލުން ނަގަން ޖެހޭނެ އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އަހަރުގެ އެހެން މަސްތަކާ އަޅާ ބަލާއިރު، އެޕްރީލް މަހު ގުގުރުމާއި ވިދުން އިތުރުކަން ފާހަގަކުރެވޭ ކަމަށެވެ. އެއީ އަހަރުގެ އެންމެ ހޫނުގަދަ މަހަށް ވެފައި، މޫސުން ބަދަލުވާ ދުވަސްވަރާ މި މަސް ދިމާވާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ތަންޑަ އިންޓެންސިޓީ ފޯކާސްޓު އަޅުގަނޑުމެން ނުކުރަން. އެކަމަކު، މިއީ ހަމަ އާންމުކޮށް ވެސް ވަރަށް ބޮޑަށް ވިދައި ގުގުރާ ދުވަސްވަރެއް. އެޕްރީލް މަހުގެ ހޫނުގަދަ ދުވަސްތަކަކަށް ފަހު މި ހާލަތު ކުރިއަށް އޮތް ދުވަސްތަކުގައި އަދިވެސް ދިމާވުން އެކަށީގެންވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ސަމާލުވާން ޖެހޭ ބައެއް ކަންކަން
- ވިދައި ގުގުރާ ނަމަ، ޓީވީ އާއި ފްރިޖު ފަދަ ތަކެތި ނިއްވާލާފައި ބެހެއްޓުން. ވިދުވަރުގެ ސަބަބުން ކަރަންޓަށް އަންނަ ލޮޅުމެއްގައި މި ތަކެތި ހަލާކުވުމުގެ ފުރުސަތު އޮވޭ.
- ގުގުރާ ވަގުތު މޫދުގައި ނުވަތަ ގޮނޑުދޮށުގައި އުޅުމަކީ ރައްކާތެރި ކަމެއް ނޫން.
- ލޭންޑްލައިން ފޯނު ނުވަތަ ޗާޖަށް ޖަހާފައި ހުންނަ ފޯނު ގުގުރާ ވަގުތު ބޭނުންކުރުމަކީ ވެސް ރައްކާތެރި ކަމެއް ނޫން.
- ގަސްގަހާގެހީގެ ދަށަށް ނުވަތަ ހާމައަށް ހުންނަ އުސް ތަންތަނަށް ނުދިއުން. އާންމުކޮށް ހޮނުއަޅަނީ އެ ސަރަހައްދެއްގައި ހުންނަ އެންމެ އުސް އެއްޗަކަށް.
- ގުގުރާ ވަގުތު ފެންވެރުމާއި ތަށި ދޮވުން ފަދަ ކަންކަން ނުކުރުން.
ދެ މޫސުމުގެ "ކުރިމަތިލުން"
އިރުވައި މޫސުން ނިމެން ކައިރިވުމާ އެކު، އާންމުކޮށް ރާއްޖެއަށް އާދަޔާ ހިލާފަށް ހޫނުގަދަވެ އެވެ. މިއީ އިރު، ދެކުނުން އުތުރަށް ދަތުރުކުރާއިރު ރާއްޖެއާ ސީދާވާ ދުވަސްވަރެވެ.
ކަނޑުގެ ލޮނުގަނޑާއި ރަށްތަކުގެ ހޫނުމިން މަތިވުމުން، ވައިގެ ތެރޭގައި ހުންނަ ތެތްކަން ވަރަށް ބާރަށް މައްޗަށް އަރައިގެން ދެ އެވެ. އެއަށް ސައިންސްގައި ކިޔަނީ ކޮންވެކްޝަން އެވެ. އެގޮތަށް މައްޗަށް ދާ ވައިގެ ސަބަބުން ވަރަށް އުސް، ބޮޑެތި ވިލާގަނޑުތައް އުފެދެ އެވެ. ގުގުރުމުގެ އަސްލަކީ މިފަދަ އުސް ވިލާތަކެވެ.
އިރުވައިން ހުޅަނގަށް މޫސުން ބަދަލުވާއިރު ނުވަތަ ދެ މޫސުން ބެދޭ މި ދަނޑިވަޅުގައި، އިރުވައިގެ ހިކި ވައިގެ ތެރެއަށް ހުޅަނގުގެ ތެތް ވައި ވަންނަން ފަށަ އެވެ. މި ދެ ވައިގެ ދެމެދުގައި އުފެދޭ "ހަމަނުޖެހުމުގެ" ސަބަބުން ވައިގެ ތެރޭގައި "އިލެކްޓްރިކް ޗާޖު" އުފެދުން އަވަސް ވެ އެވެ.
ވިލާގަނޑުގެ ތެރޭގައި އުފެދޭ ކަރަންޓު ނުވަތަ ވިދުން ބޭރުވާ ވަގުތު، އެ ކަރަންޓު ދަތުރުކުރާ މަގުގައި ހުންނަ ވައި ވަރަށް ބާރަށް ހޫނުވެ، ގޮވައިގެން ދެ އެވެ. މިއީ، މި އިވޭ ގުގުރުމުގެ އަޑެވެ.
މި ދުވަސްވަރު ވައި މަޑުވުމާއި، ވައިގެ ތެތްކަން މަތީގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ގުގުރުމުގެ އަޑު ވަރަށް ސާފުކޮށް އަދި ދުރަށް އިވެ އެވެ.
އިހުޒަމާނުގައި ކިޔާ އުޅުނީ މިއީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް އައްސިދައިގެ ބާރު އަޑުފަށްގަނޑު ކަމަށެވެ. އެއީ، ގަދަ ހޫނަށް ފަހު ފިނިވާން އުޅޭ ކަމުގެ އުފާވެރި "ޚަބަރެއް" ކަމަށް ކިޔައި އުޅުނެވެ.
ނަމަވެސް، ނަކަތް ކަލަންޑަރާއި މިހާރުގެ މޫސުން ދިމައެއްނުވެ އެވެ. އައްސިދަ ނިމި، މިއަދަކީ ބުރުނު ނަކަތަކުން އަށްވަނަ ދުވަހެވެ. އެކަމަކު، މެޓް އޮފީހުން ބަލާ މިންގަނޑުން މި އަހަރުގެ ހުޅަނގު މޫސުން އަދި ރާއްޖެއަކަށް ނުފެށެ އެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، އިންޑިއާ ކަނޑުގެ މޫސުމަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވާ މިންވަރު އަހަރެއް އަހަރަކަށް އިތުރުވުމުން، ކުރިން ލަފާކުރެވޭ ވަގުތަށް ވުރެ އަވަހަށް ނުވަތަ ލަހުން ވިލާ އުފެދި، ކޮޅިގަނޑުތައް އާދެ އެވެ.
ނަކަތް ކަލަންޑަރަކީ ސައިންޓިފިކް ފޯކާސްޓަކަށް ނުވާތީ، ކޮންމެ އަހަރަކު އެއް ތާރީހެއްގައި މޫސުން ބަދަލުވުމަކީ ނާދިރު ކަމެކެވެ. މިހާރު މޫސުމާ ނުގުޅޭ ވާރޭ ވެހުން ވެސް ވަނީ ވަރަށް އާންމުވެފަ އެވެ.
ޕެސިފިކް ކަނޑުގެ ހޫނުމިނަށް އަންނަ ބަދަލު ނުވަތަ "އެލް ނީނޯ"ގެ އަސަރު ރާއްޖެ ހިމެނޭ ސަރަހައްދަށް ވެސް ވަރަށް ބޮޑަށް ކުރެ އެވެ. މީގެ ސަބަބުން ބައެއް އަހަރުތަކުގައި އިރުވައި މޫސުން ދިގުލައިގެންދާއިރު، އަނެއްބައި އަހަރުތަކުގައި މާ އަވަހަށް ހުޅަނގު މޫސުން ފެށެ އެވެ.
ހުޅަނގު މޫސުން ފެށެން ކައިރިވުމާ އެކު، އާންމު ގޮތެއްގައި މެއި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ވިއްސާރަ ކުރެ އެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ.
މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށުނީ މެއި 26 ގަ އެވެ.