ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ވައިޓް އެލާޓް ނެރެފި އެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން އެލާޓް ނެރުނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މި ސަރަހައްދަށް މިއަދު ހެނދުނު 7:15 އިން މެންދުރުފަހު 1:00 އާ ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެޓުން ބުނެފައި ވަނީ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. 

މާދަމާ އިން ފެށިގެން މޫސުން ރަނގަޅުވި ނަމަވެސް ކެރީގެ އަސަރު ކޮންމެ ވެސް ވަރަކަށް ކުރާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފަ އެވެ. އަދި ވާރޭ ވެހުން މަދުވާނެ ކަމަށް ލަފާކުރެވުނަސް ވަޔާއި ކަނޑުތައް ކޮންމެވެސް ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، މެދު ރާއްޖެތެރެ އާއި ދެކުނާއި ހުޅަނގުދެކުނާއި ހުޅަނގުން އަދި އުތުރުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.