އީރާނުގެ މައި ސިޓީތަކަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި، އީރާނުގެ ސްކޫލަކަށް ހަމަލާއެއް އަމާޒުވެ، ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އީރާނުގެ ދެކުނުގެ އަވަށެއްގައި ހުންނަ، އަންހެނުން ކުދިންނަށް ހާއްސަ އެލެމެންޓްރީ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާގައި، މިހާތަނަށް 51 ކުދިން މަރުވެފައިވާކަމަށް ދައުލަތުގެ އިރްނާ ނިއުސް އެޖެންސީން ބުންޏެވެ.

އިޒްރޭލާ ގުޅިގެން އެމެރިކާއިން ދަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން މައި ސިޓީތަކަށް ވައިގެ ހަމަލާތައް އަމާޒުކުރަމުންނެވެ.

އޭގެ ރައްދުގައި، އިރާނުން ވެސް މިހާރު ވަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފަށައިފަ އެވެ. 

އީރާންގެ ހަމަލާއެއް ޔޫއޭއީގެ ވެރިރަށް އަބޫ ދާބީއަށް އަމާޒުވެފައި ވާއިރު ކުވައިތަށް ވެސް ވަނީ ހަމަލާ ދީފަ އެވެ. އަދި ގަތަރުން ވެސް އެތައް ހަމަލާއެއް އިންޓަސެޕްޓް ކޮށްފައިވެ އެވެ. ބަހްރެއިނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާންގެ ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ބުނެފަ އެވެ.

ވައިގެ ހަމަލާތަކާއެކު، މެދުއިރުމަތީގެ ގިނަ ގައުމުތަކުން މިހާރު ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.

އެކަމުގެ ސަބަބުން، ގިނަ އެއާލައިންތަކުން ފްލައިޓުތައް ކެންސަލްކޮށް، އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރައިފަ އެވެ.