ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ޑީލެއް ހަދަން އީރާނުން މަޝްވަރާކުރަން ބޭނުންވެގެން އުޅޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވުމުން އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ އެ ވާހަކަ ދޮގުކުރައްވައި "ޝައުގުވެރިކަމެއް ނެތް" ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.
"އަހަރެމެން މި ތިބީ ހަމަޖެހިގެން، އެކަށީގެންވާ ބާރުވެރިކަމާ އެކު. އަހަރެމެން މި ކުރާހާ ވެސް ކަމަކީ ރައްޔިތުން ދިފާއުކުރުން،" ސީބީއެސްގެ 'ފޭސް ދަ ނޭޝަން' އަށް ދެއްވި އިންޓަވިއުއެއްގައި އަރަޣްޗީ ވިދާޅުވި އެވެ.
"އެމެރިކާއާ ވާހަކަ ދެއްކުމުގެ ނަތީޖާ ރަނގަޅެއް ނޫން."
އަރަޣްޗީ ވިދާޅުވީ އީރާނުން އެމެރިކާއާ މަޝްވަރާކުރި ކޮންމެ ފަހަރަކު އެމެރިކާއިން އީރާނަށް ހަމަލާދީފައިވާ ކަމަށެވެ.
ޓްރަމްޕް އިއްޔެ ވިދާޅުވި ގޮތުގައި އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވެ އެވެ. ނަމަވެސް މިހާރު އޮތް ޝަރުތުތަކާ އެއްގޮތަށް އެއްބަސްވުމަކަށް ދާން އެއްބަސް ނުވެވޭނެ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ. އެކަމަކު އެއީ ކޮން ޝަރުތުތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެކަމަކު އަރަޣްޗީ ވިދާޅުވީ "ހަމަލާތައް ހުއްޓާލަން އެދިފައެއް ނޯންނާނެ" ކަމަށެވެ. އަދި ވިދާޅުވީ މަޝްވަރާކުރުމަށް ވެސް ހުށަހަޅާފައި ނުވާނެ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ އީރާނުން ބަންދުކޮށްފައިވާ، ތެޔޮ އުފުލާ ހޮރްމުޒް ކަނޑޯޅި ހުރަސްކުރަން ބޭނުންވާ ޓޭންކަރުތައް ނިސްބަތްވާ ގައުމުތަކާ އެކު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން އީރާން އޮތީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑު ވަކި ގައުމެއްގެ ވާހަކައެއް ނުދެއްކޭނެ، އެކަމަކު ވަރަށް ގިނަ ގައުމުތަކުން އެ ގައުމުތަކުގެ އުޅަނދުތަކަށް ރައްކާތެރި މަގު ހޯދައިދޭން ބޭނުންވެގެން ވާހަކަ އެބަ ދައްކާ،" އޭނާ ވިދާޅުވި އެވެ.