އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑޯޅި ހުޅުވައި ތެލުގެ ސަޕްލައި ކަށަވަރުކުރުމަށް އެކުވެރި ގައުމުތަކުގެ އެހީއަށް އެދުމުން ބައެއް ގައުމުތަކުން އެކަށީގެންވާ އިޖާބަ ނުދިން ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.
"ވަރަށް ގިނަ ގައުމުތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައި. ބައެއް ގައުމުތަކުން މިކަމުގައި ވަރަށް ޖޯޝުގައި، މިހާރުވެސް މަސައްކަތް ފަށައިފި. ބައެއް ގައުމުތަކަކީ އަހަރެމެން ވަރަށް، ވަރަށް ގިނަ އަހަރު ވަންދެން އެހީވެފައިވާ ގައުމުތައް. ބޭރުން ކުރިމަތިވި ބޮޑެތި ނުރައްކާތަކުން އަހަރެމެން އެ މީހުން ސަލާމަތްކޮށްދިނިން. އެކަމަކު ބައެއް ގައުމުތަކުން މާ ބޮޑު ޖޯޝެއް މިކަމުގައި ނެތް،" ވޮޝިންޓަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕު ވިދާޅުވި އެވެ.
"އަޅުގަނޑަށް އެންމެ މުހިންމީ އެކަމަށް ހުންނަ ޝައުގުވެރިކަމުގެ މިންވަރު. ބައެއް ގައުމުތަކުގައި އެ ގައުމުތައް ނުރައްކަލުން ސަލާމަތްކުރުމަށް އަހަރެމެންގެ 45،000 ސިފައިން އެބަތިބި. އެއީ ވަރަށް މޮޅު ސިފައިން، އަދި އަހަރެމެން މިކުރަނީ ވަރަށް ފުރިހަމަ މަސައްކަތެއް. އެކަމަކު އަހަރެމެން އޮޅުންފިލުވަން ބޭނުންވަނީ، އެ ގައުމުތަކުގައި 'މައިން ސްވީޕާ'އެބަހުރިތޯ؟ އޭރުން އެމީހުން ބުނަނީ، އަހަރެމެން މިކަމުގެ ތެރެއަށް ވަންނާކަށް މާބޮޑު ޝައުގުވެރިކަމެއް ނެތޭ."
ޓްރަމްޕު ވިދާޅުވީ އެމެރިކާއިން އެ ގައުމުތައް ހިމާޔަތްކޮށްދޭތާ 40 އަހަރު ވެއްޖެ ކަމަށާއި ނަމަވެސް، ވަރަށް ކުޑަކުޑަ ކަމެއްގައި، މަދު ހަމަލާތަކެއް ބަދަލުކުރެވޭ ފަދަ ކަމެއްގައި ވެސް ބައިވެރިވާން އެ ގައުމުތަކުން ބޭނުން ނުވާ ކަމަށެވެ.
"އެހެން ގައުމުތައް ހިމާޔަތްކޮށްދިނުމުގެ ސިޔާސަތަށް އަޅުގަނޑު ވަރަށް ބޮޑަށް ފާޑުކިޔަން. އެއީ، އަހަރެމެން އެމީހުން ހިމާޔަތްކޮށްދޭނެކަން އަޅުގަނޑަށް އެނގޭތީ. ނަމަވެސް، އަހަރެމެންނަށް އެހީތެރިކަމަކަށް ބޭނުންވެއްޖެ ހިނދެއްގައި، އެމީހުން އަހަރެމެންނާ އެކު ތިބޭނެކަމަށް ނުފެންނާތީ،" ޓްރަމްޕް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 28 ގައި އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައިގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދީ، ގަލްފް ސަރަހައްދަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވަން ފެށުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 40 އާއި 50 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވަނީ އުފުލިފަ އެވެ.
އެހެން ގައުމުތައް ހިމާޔަތްކޮށްދިނުމުގެ ސިޔާސަތަށް އަޅުގަނޑު ވަރަށް ބޮޑަށް ފާޑުކިޔަން. އެއީ، އަހަރެމެން އެމީހުން ހިމާޔަތްކޮށްދޭނެކަން އަޅުގަނޑަށް އެނގޭތީ. ނަމަވެސް، އަހަރެމެންނަށް އެހީތެރިކަމަކަށް ބޭނުންވެއްޖެ ހިނދެއްގައި، އެމީހުން އަހަރެމެންނާ އެކު ތިބޭނެކަމަށް ނުފެންނާތީ
ޓްރަމްޕު ވިދާޅުވީ ހޮރްމުޒް ކަނޑޯޅި އަމާންކުރުމުގެ މަސައްކަތުގައި ޔޫކޭ އާއި ފްރާންސުން ބައިވެރިވާނެ ކަމަށް އުންމީދުކުރެއްވި ކަމަށާއި، ނަމަވެސް އެ ގައުމުތަކުން އެކަންކުރަނީ ފަސްޖެހިފައި ތިބެގެން ކަމަށެވެ.
"ގައުމުތަކުން މިކަން އަވަސްކޮށް، ވަރަށް ފޯރީގައި އަޅުގަނޑުމެންނާ ގުޅިގެން މި މަސައްކަތުގައި ބައިވެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅަން،" ޓްރަމްޕު ވިދާޅުވި އެވެ.
އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވެފައި ވަނީ، ކަނޑޯޅި އަލުން ހުޅުވަން "އަމަލީ ގޮތުން ކުރެވޭނެ" ކަމަކީ ކޮބައިތޯ ބަލައި، އިއްތިހާދުވާ ގައުމުތަކާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ނޭޓޯގެ މިޝަނެއްގެ ގޮތުގައި ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ޖަރުމަނުން ވެސް ބުނެފައިވަނީ މި ހަނގުރާމައަކީ ނޭޓޯއާ ގުޅުންހުރި ކަމެއް ނޫންކަން މިހާތަނަށް ވެސް ސާފުކޮށް އެނގޭ ކަމަށެވެ.
މީގެ އިތުރުން ޖަޕާން، އޮސްޓްރޭލިއާ، ޕޮލެންޑް، ސްޕެއިން، ގްރީސް އަދި ސްވިޑަންއިން ވެސް ވަނީ ހޮރްމުޒް ކަނޑޯޅީގައި ކުރިއަށްގެންދާ އެއްވެސް އަސްކަރީ ހަރަކާތެއްގައި ބައިވާން ބޭނުން ނުވާކަން ހާމަކޮށްފަ އެވެ.
އިއްޔެ ބްރަސަލްސްގައި ބޭއްވި ޔޫރަޕިއަން ޔޫނިއަންގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި މި ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރި ނަމަވެސް، އީޔޫ އިން ރެޑް ސީގައި ހިންގާ މިޝަން، ހޮރްމޫޒް ކަނޑޯޅި ހުޅުވުމަށް ބޭނުންކުރަން ގައުމުތަކުން ޝައުގުވެރި ނުވާ ކަމަށް އެ ޖަމާއަތުގެ އިސް ޑިޕްލޮމެޓަކު ވިދާޅުވި އެވެ.