ތިން ހަފުތާާ ކުރިން ފަށާފައިވާ، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި އީރާނާ ދެމެދު "ވަރަށް ރަނގަޅު" މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށާއި އެހެންވެ އީރާންގެ އިންޖީނުގެތަކަށް ހަމަލާދިނުން ފަސް ފަސް ދުވަހަށް މަޑުޖައްސާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ. 

ނަމަވެސް އީރާންގެ މީޑިއާއިން ވަނީ ޓްރަމްޕާ އެކު ސީދާ ގޮތުން ވެސް ނުވަތަ ނުސީދާ ގޮތުން ވެސް މަޝްވަރާއެއް ނުކުރުމާ ކަމަށް ބުނެފަ އެވެ. 

"އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވޭ،" ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ މެހްރް ނިއުސް އެޖެންސީން ބުންޏެވެ. 

ހަނގުރާމަ ހުއްޓާލަން ވާހަކަ ދައްކާ ކަމަށް ބުނުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަގުތުން ދަށަށް ގޮސްފައިވާއިރު، ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ "އެކޮށް ހުއްޓާލުމަށް" އެމެރިކާ އާއި އީރާނާ ދެމެދު ވޭތުވެދިޔަ ދެ ދުވަހު "ނަތީޖާ ނެރެވޭ ފަދަ ވާހަކަތަކެއް" ދެކެވުނު ކަމަށެވެ.

މި މަޝްވަރާތަކަށް ބިނާކޮށް، "މިހާރު ކުރިއަށްދާ ބައްދަލުވުންތައް ކާމިޔާބުވާ ނަމަ، ކުރިއަށް އޮތް ފަސް ދުވަހުގެ މުއްދަތަށް، އީރާނުގެ އިންޖީނުގެތަކާއި ހަކަތައިގެ ވަސީލަތްތަކަށް ދޭން ނިންމާފައިވާ އެންމެހާ އަސްކަރީ ހަމަލާތައް ފަސްކުރުމަށް" ޕެންޓަގަންއަށް އަންގާފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ކުރިން ހާމަކޮށްފައިނުވާ މި މަޝްވަރާތައް "މި ހަފުތާގެ ނިޔަލަށް ކުރިއަށްދާނެ" ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ލަފާކުރެވިފައި ނެތް މި ކަންތައް ހާމަކުރީ، ހޮރްމޫޒް ކަނޑޯޅި ނުހުޅުވައިފި ނަމަ އީރާނުގެ އިންޖީނުގެތައް "ސުންނާފަތި" ކޮށްލާނެ ކަމަށް ބުނެ އެމެރިކާއިން ދީފައިވާ މުހުލަތު މިރޭ  ހަމަވާން ކައިރިވެފައި ވަނިކޮށެވެ.

ޓްރަމްޕުގެ އިންޒާރުގެ ރައްދުގައި އީރާނުން އޮތީ ހޮރްމޫޒް ކަނޑޯޅިއަށް މައިނު އަޅައި މުޅި ސަރަހައްދުގެ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. އެމެރިކާ-އިޒްރޭލު އަދި އީރާނުގެ ހަނގުރާމަ ދިގުލައިގެން ގޮސްފި ނަމަ، ތާރީހީ މިންވަރަކަށް ދުނިޔެއަށް ހަކަތައިގެ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުތަކާ އެކު މސްރަހު އޮތީ ވަރަށް ބޮޑު ހާސްކަމެއްގަ އެވެ.

ހަމަލާތައް

އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ގެންދަނީ، ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލަން ބޭނުންކުރާ ހޮރްމޫޒް ކަނޑޯޅިން ކުރާ ދަތުރުތަކަށް ހުރަސްއަޅައި، ގަލްފުގެ ހަކަތައިގެ މަރުކަޒުތަކާއި އެމެރިކާގެ އެމްބަސީތަކުގެ އިތުރުން އިޒްރޭލުގެ އަމާޒުތަކަށް ހަމަލާދީފަ އެވެ.

އިޒްރޭލުން ހޯމަ ދުވަހުގެ ފަތިހު ވެސް އީރާންގެ ވެރިރަށް ތެހެރާނަށް އާ ހަމަލާތަކެއް ދީފައިވާއިރު، އެ ސިޓީގެ އިރުމަތީ ސަރަހައްދުން ބޯ ކަޅު ދުން އަރަމުންދާ މަންޒަރު އޭއެފްޕީގެ ރިޕޯޓަރުންނަށް ވަނީ ފެނިފަ އެވެ. އޭގެ ފަހުން އެ ސިޓީގައި އިތުރު ގޮވުންތަކެއްގެ އަޑު އިވުނު ނަމަވެސް، ހަމަލާ އަމާޒުވީ ކޮން ތަނަކަށް ކަމެއް ސާފެއް ނުވެ އެވެ.

ހަނގުރާމަ ދިގުލައިގެން ގޮސްފި ނަމަ، ތެޔޮ ލިބޭ މިންވަރު ކޮންމެ ދުވަހަކު މަދުވެ، 1970 ގެ އަހަރުތަކުގައި ކުރިމަތިވި ތެލުގެ ދަތިކަމާއި ރަޝިޔާއިން ޔޫކްރެއިންއަށް އެރުމުން ކުރިމަތިވި ދަތިކަމަށްވުރެ ބޮޑު ކާރިސާއެއް ދުނިޔެއަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އިންޓަނޭޝަނަލް އެނާޖީ އެޖެންސީގެ ވެރިޔާ ވަނީ ރޭ ދެއްވައިފަ އެވެ.

މި ކަންބޮޑުވުންތަކާ އެކު ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އެރި ނަމަވެސް، ޓްރަމްޕްގެ މިއަދު އިއުލާނާ އެކު އަގުތައް ވަނީ ވަރަށް ބޮޑަށް ތިރިވެފަ އެވެ.

ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ "ބްރެންޓް ނޯތު ސީ" ސާފުނުކުރާ ތެލުގެ އަގު 14 ޕަސެންޓަށްވުރެ ބޮޑަށް ދަށްވެ، ފީފާއެއް 96 ޑޮލަރަށް ވެއްޓުނުއިރު، އެމެރިކާގެ "ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް" ވެސް ވަނީ 14 ޕަސެންޓަށް ބޮޑަށް ދަށްވެ، ފީފާއެއް 84.37 ޑޮލަރަށް ތިރިވެފަ އެވެ.

މި ހަނގުރާމައިގެ އަސަރު ފެތުރިފައިވާ މިންވަރު ހާމަވާ އެއް ނިޝާނަކީ، ދުނިޔޭގެ ދެވަނަ އިގްތިސާދު ކަމަށްވާ ޗައިނާއިން، ތެލުގެ އަގު އުފުލުމުގެ އަސަރު ކުޑަކުރުމަށްޓަކައި އެ ގައުމުގެ އެތެރޭގެ އިންޖީނުލީ އުޅަނދުތަކުގެ ތެލުގެ އަގު ކޮންޓްރޯލް ކުރަން ނިންމާފައިވާކަން މިއަދު އިއުލާނުކުރުމެވެ.