ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާގެ ހުށަހެޅުމެއް ޕާކިސްތާން މެދުވެރިކޮށް ލިބިފައިވާ ކަމަށާއި އެކަމާ ބެހޭ މަޝްވަރާތައް ޕާކިސްތާނު ނުވަތަ ތުރުކީގައި ބާއްވާ ގޮތަށް ހަމަޖެހިދާނެ ކަމަށް އީރާންގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފި އެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ އެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ފާޅުގައި އީރާނުން ބުނަމުންދިޔަ ނަމަވެސް، ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކެވި މި އޮފިޝަލްގެ ވާހަކަތަކުން ވަނީ ޑިޕްލޮމެޓިކް ހުށަހެޅުންތަކާ މެދު ވިސްނުމަށް އީރާން ތައްޔާރަށް އޮތް ކަމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމެވެ.

ޕާކިސްތާނުން ހުށަހެޅި މި ހުށަހެޅުމުގެ ތަފްސީލެއް އެ އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ. އެހެންވެ އެއީ ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ 15 ނުކުތާގެ ހުށަހެޅުން ކަމެއް ނުވަތަ އާ ހުށަހެޅުމެއް ކަމެއް ޔަގީނެއް ނޫނެވެ. 

ރޮއިޓާސްއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި، މަސް ދުވަސް ވާން ގާތްވެފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ތުރުކީން ވެސް އަންނަނީ އެހީވަމުންނެވެ. އެހެންވެ މަޝްވަރާތައް ބާއްވާނެ ތަނެއްގެ ގޮތުގައި ތުރުކީ ނުވަތަ ޕާކިސްތާނާ މެދު ވިސްނަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

އެމެރިކާއިން އީރާނަށް 15 ނުކުތާގެ ހުށަހެޅުމެއް ފޮނުވި ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން، ބުދަ ދުވަހު ތެލުގެ އަގު ވަނީ ދަށްވެފަ އެވެ. އަދި ހީނަރުވެފައިވާ ހިއްސާގެ ބާޒާރު ވަނީ އަލުން ރަނގަޅުވާން ފަށައިފަ އެވެ. މިއީ އެތައް ހާސް ބަޔަކު މަރުވެ، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފައިވާ،  ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އުއްމީދުގައި އިންވެސްޓަރުން ތިބުމުގެ ސަބަބުން އައި ބަދަލެކެވެ.

އެމެރިކާގެ ހުށަހެޅުން ޕާކިސްތާން މެދުވެރިކޮށް އީރާނަށް ހުށަހެޅިކަން އަންގާރަ ދުވަހު ރޮއިޓާސް އަށް ވަނީ ކަށަވަރުވެފަ އެވެ. 

އިޒްރޭލުގެ ކެބިނެޓާ ގުޅުން ހުރި ތިން އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސެކިއުރިޓީ ކެބިނެޓަށް މިހާރު ވަނީ މި ހުށަހެޅުމާ ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ. އެ އޮފިޝަލުން ބުނެފައިވާ ގޮތުގައި މި ހުށަހެޅުމުގެ ތެރޭގައި އީރާނުގައި ހުރި މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ނައްތާލުމާއި، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމާއި، އެ ގައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހަނިކުރުމުގެ އިތުރުން ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ މާލީ އެހީތެރިކަން ހުއްޓާލުން ހިމެނެ އެވެ.

އީރާނުގެ އަވަށްޓެރި ޕާކިސްތާނުން ވަނީ އެމެރިކާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ މަޝްވަރާތަކެއް، މި ހަފުތާގެ ކުރީކޮޅު އެ ގައުމުގައި ބޭއްވުމަށް ހުށަހަޅައިފަ އެވެ. ތުރުކީގެ ވެރިކަން ކުރާ ޕާޓީގެ އިސް އޮފިޝަލެއް ކަމަށްވާ ހާރޫން އަރްމަގަން ބުދަ ދުވަހު ރޮއިޓާސްއަށް ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު މެސެޖުތައް ބަދަލުކުރުމުގައި ތުރުކީން "މުހިންމު ދައުރެއް އަދާކުރަމުން އަންނަ" ކަމަށެވެ.

ނަމަވެސް، މިހާތަނަށް އީރާނުން މަޝްވަރާކުރަން ބޭނުންވާކަމުގެ އެއްވެސް އިޝާރާތެއް ފާޅުގައި ދީފައެއް ނުވެ އެވެ. އަދި މަޝްވަރާ ނުކުރާނެ ކަމަށް ބުނެ އެ ގައުމުން ދޭ ރައްދުތައް ވަނީ އިތުރަށް ހަރުކަށިވެފަ އެވެ. 

"އަމިއްލަ ނަފްސާ މަޝްވަރާކުރާ ހިސާބަށް ކަންތައް ގޯސްވީތަ؟" އީރާނުގެ އަސްކަރީ ކޮމާންޑުގެ އިސް ތަރުޖަމާނު އިބްރާހީމް ޒުލްފަގާރީ، އެ ގައުމުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ޓްރަމްޕަށް ކުރެއްވި މަލާމާތުގައި ވިދާޅުވި އެވެ.

"އަހަރެމެން ކަހަލަ ބަޔަކަށް ކަލޭމެން ކަހަލަ ބަޔަކާ ދުވަހަކުވެސް އެއްގަލަކަށް ނޭރޭނެ" ކަމަށެވެ. "އަހަރެމެން އަބަދުވެސް ބުނާ ފަދައިން، އަހަރެމެންގެ ތެރެއިން އެކަކުވެސް ކަލޭމެންނާ އެކު އެއްބަސްވުމެއް ނުހަދާނެ. މިހާރަކު ނޫން، ދުވަހަކު ވެސް ނުހަދާނެ."

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބެޣާއީ، އިންޑިއާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޓްރަމްޕް ހަމަލާދޭން ފެށިއިރު ނިއުކްލިއާ މަޝްވަރާތައް ދިޔައީ ހިނގަމުން ކަމަށާއި އެއީ "ޑިޕްލޮމެސީއަށް ވީ ހިޔާނާތެއް" ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިތުރު މަޝްވަރާތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އީރާނާއި އެމެރިކާއާ ދެމެދު އެއްވެސް ވާހަކައެއް ނުވަތަ މަޝްވަރާއެއް ކުރިއަކަށް ނުދޭ،" އޭނާ ވިދާޅުވި އެވެ. "އެމެރިކާގެ ޑިޕްލޮމެސީއަށް އެކަކަށްވެސް އިތުބާރެއް ނުކުރެވޭނެ. އެމީހުން އެކުރާ ދައުވާތަކާ މެދު އަހަރެމެންގެ ނިންމުން ސާފު. މިވަގުތު އަހަރެމެންގެ ކެރޭ އަސްކަރިއްޔާ އޮތީ މި އަނިޔާވެރި އަދި ޣައިރު ގާނޫނީ ހަނގުރާމައިން އީރާނުގެ ބިމާއި އިސްތިގުލާލު ދިފާއުކުރުމަށް ތައްޔާރަށް."

އިޒްރޭލުގެ ދިފާއީ އިސް އޮފިޝަލަކު ބުނީ، އީރާނުން މި ޝަރުތުތަކަށް އެއްބަސްވާނެ ކަމާ މެދު އިޒްރޭލުން ޝައްކުކުރާ ކަމަށެވެ. އަދި މި ޝަރުތުތަކަކީ ހަމައެކަނި މަޝްވަރާތައް ފެށުމަށް ކަނޑައަޅާފައިވާ ނުކުތާތަކަކަށް ވެފައި، އެ މަޝްވަރާތަކުގެ ތެރޭގައި އެމެރިކާގެ މަންދޫބުން އީރާނަށް ދޫދީފާނެތީ އިޒްރޭލު ކަންބޮޑުވާ ކަމަށް ވެސް އޭނާ ބުންޏެވެ.